Roadha Mihaaru
ޖަމްޝީދާއި ޓޫފޯ ވަކިކުރަން ކޮމިޝަނަރު ނޯޓިސް ފޮނުވައިފި

ޖަމްޝީދާއި ޓޫފޯ ވަކިކުރަން ކޮމިޝަނަރު ނޯޓިސް ފޮނުވައިފި

30 ސެޕްޓެމްބަރ 2021

ހިދުމަތުގައި ދެމިތިބި ހަތް އޮފިސަރަކު ވަކިކުރަން ޕޮލިސް ބޯޑުގެ ނިންމެވުން ދިރާސާކުރެއްވުމަށް ފަހު އިސް ދެ އޮފިސަރަކު ވަކިކުރުމުގެ އިޖުރާއަތު ފަށަން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ނޯޓިސް ފޮނުއްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހިދުމަތުގައި ދެމިތިބި ހަތް އޮފިސަރަކު ވަކިކުރަން ޕޮލިސް ބޯޑުގެ ނިންމެވުން ދިރާސާކުރެއްވުމަށް ފަހު އިސް ދެ އޮފިސަރަކު ވަކިކުރުމުގެ އިޖުރާއަތު ފަށަން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ނޯޓިސް ފޮނުއްވައިފި އެވެ.

އެނގިފައިވާ ގޮތުގައި ކޮމިޝަނަރު ނޯޓިސް ފޮނުއްވީ އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު މުހައްމަދު (ޓޫފޯ) އާއި އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ޖަމްޝީދަށެވެ. ބޯޑުގެ ނިންމެވުން ކޮމިޝަނާ ތަންފީޒުކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށް ގާނޫނުގައި އޮތްއިރު، އެކަމުގައި ހިތްހަމަނުޖެހުމެއް އޮތް ނަމަ އިސްތިއުނާފްކުރުމުގެ ހައްގު ވެސް ލިބިދެ އެވެ.

ހަތް އޮފިސަރަކު ވަކިކުރުމުގެ ނިންމުމާ ގުޅޭ ގޮތުން ޕޮލިސް ކޮމިޝަނަރު "މިހާރު"އަށް ދެއްވި އިންޓަވިއު.

މި ދެ އޮފިސަރުންގެ އިތުރުން ފުލުހުންގެ ލީޑަޝިޕުން އެއްފަރާތްކުރަން ބޯޑުން އަންގާފައި ވަނީ އެސިސްޓެންޓް ކޮމިޝަނާ ފަރުހާދު ފިކުރީ އާއި ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ޝުހާދާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމެވެ.

މި އޮފިސަރުންނަށް ކުރެވުނު ތުހުމަތުތައް، ފުލުހުންގެ ހިދުމަތުގެ އާ ގާނޫނުގެ ދަށުން އެކުލަވާލި ޕޮލިސް ބޯޑުން ބަލައި ފިޔަވަޅު އަޅަން ލަފާ ދެއްވީ މިދިޔަ އޮގަސްޓް 9ގަ އެވެ. ޓޫފޯ އާއި ޖަމްޝީދު ވަކިކުރުމުގެ މަރުހަލާތައް ފެށުމުގެ ނޯޓިސް މި ފޮނުއްވީ، ބޯޑުން ނިންމިތާ މަހަކަށް ވުރެން ގިނަ ދުވަސް ފަހުންނެވެ.

މި ދެ އޮފިސަރުންނަކީ މިދިޔަ ސަރުކާރު ބަދަލުވި ފަހުން މާބޮޑު ޒިންމާއެއް ނެތި މިހާތަނަށް ތިއްބެވި ދެ ބޭފުޅުންނެވެ.

މީގެ ހަފުތާއެއްހާ ދުވަސް ކުރިން ޕޮލިސް ކޮމިޝަނަރު "މިހާރު"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ބޯޑުން ލަފާ ދެއްވުމާ އެކު އޮފިސަރުންނާ ބައްދަލުކުރެއްވި ކަމަށެވެ. ފުލުހުންގެ ހިދުމަތުގެ އިސް ރޭންކުގައި ތިބި އެ ހަތް އޮފިސަރުން ވަކިކުރަން ބޯޑުގެ ނިންމެވުމާ ހަމައަށް ވާސިލްވެފައިވާ ސަބަބުތަކާއި އިޖުރާއަތުތައް ކުރިއަށް ގެންދަވާކަން ވެސް ކިޔައިދެއްވި ކަމަށެވެ.

ބޯޑުގެ ނިންމެވުން ތަންފީޒުކުރެއްވުން ލަސްވެއްޖެ ކަމުގެ ފާޑުކިއުމަށް ވިދާޅުވީ ބޯޑުގެ ނިންމެވުން ތަންފީޒުކުރެއްވުމުގެ މުއައްސަސާގެ މަސްލަހަތަށް ވިސްނަން ޖެހިވަޑައިގަންނަވާނެ ކަމަށާއި ވަކިކުރަން ނިންމި އޮފިސަރުންނަކީ މުހިއްމު މަސްއޫލިއްޔަތުތަކެއް ހަވާލުކޮށްފައިވާ ސީނިއާ އޮފިސަރުންތަކެއް ކަމަށެވެ.

އޮފިސަރުން ވަކިކުރުމާ ގުޅޭ ގޮތުން ޕޮލިސް ބޯޑުން ނެރުނު ބަޔާނެއްގައި ގާނޫނާ ހަވާލާދީ ބުނެފައި ވަނީ ދިވެހި ފުލުހުންގެ ހިދުމަތުގައި ތިބި ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ޕޮލިސް ކޮމިޝަނަރު ފިޔަވައި ސުޕްރިންޓެންޑެންޓް އިން ފެށިގެން މަތީ ރޭންކްތަކުގެ އޮފިސަރުން، ފުލުހަކަށް ވީތީ އެ މީހުންނަށް ލިބިދީފައިވާ ބާރާއި އިހްތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭތޯ ބަލާފައިވާ ކަމަށެވެ. ލާއިންސާނީ އަނިޔާވެރި އަމަލެއް އަދި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކާ ގުޅިގެން ބަލަން ޖެހޭ ކަންކަން ވެސް ބެލި ކަމަށެވެ. އެތަނުގައި ތިބީ ނަޒާހަތްތެރި އޮފިސަރުންތޯ ކަށަވަރުކޮށްފައިވާ ކަމުގެ ޔަގީންކަން ބޯޑުން ދެ އެވެ.

ފުލުހުންގެ އާ ގާނޫނު އޮތީ އާއްމުންގެ އިތުބާރު ލިބޭ ގޮތަށް ފުލުހުންގެ މުއައްސަސާ ހަރަކާތްތެރިވާނެ ގޮތްތަކެއްގެ މައްޗަށެވެ. ފާރަވެރިވެ ޖަވާބުދާރީ ކުރުވާނެ ނިޒާމު ވެސް ހަރުދަނާކުރެވިފައިވާ އިރު އެ މަގަށް މުއައްސަސާ ބައްޓަން ކުރައްވަމުން ގެންދަވާ ކަމަށް ޕޮލިސް ކޮމިޝަނަރު ވަނީ ވިދާޅުވެފަ އެވެ.

އޭނާ ޔަގީންކަން ދެއްވާ ގޮތުގައި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ބޮޑެތި ބަދަލުތަކެއް ގެނެވިފައިވާ މުއައްސަސާ އިން ކުރިއަށް އޮތް ތަނުގައި ވެސް އިސްލާހީ ބޮޑެތި ބަދަލުތަކެއް ފެންނާނެ އެވެ.