Roadha Mihaaru
ބޯޑުގެ ނިންމުން ތަންފީޒުކުރުން ކޮމިޝަނަރަށް ލަހެއް ނޫން

އޮފިސަރުން ވަކިކުރުމުގެ ނިންމުން ތަންފީޒުކުރުން ކޮމިޝަނަރަށް ލަހެއް ނޫން

22 ސެޕްޓެމްބަރ 2021

ހިދުމަތުގައި ދެމިތިބި ހަތް އޮފިސަރަކު ވަކިކުރަން ޕޮލިސް ބޯޑުގެ ނިންމެވުން ތަންފީޒުކުރެއްވުމުގައި ލަސްވެއްޖެ ކަމަށް ގަބޫލުނުކުރައްވާ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އިއްޔެ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހިދުމަތުގައި ދެމިތިބި ހަތް އޮފިސަރަކު ވަކިކުރަން ޕޮލިސް ބޯޑުގެ ނިންމެވުން ތަންފީޒުކުރެއްވުމުގައި ލަސްވެއްޖެ ކަމަށް ގަބޫލުނުކުރައްވާ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އިއްޔެ ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ ހިދުމަތުގެ އާ ގާނޫނުގެ ދަށުން އެކުލަވާލި ޕޮލިސް ބޯޑުން ވަނީ އެކި ތުހުމަތުތައް ކުރެވުނު އިސް އޮފިސަރުންތަކެއްގެ މައްސަލަ ބަލައި ހަތް އޮފިސަރަކާ މެދު ފިޔަވަޅު އަޅަން މިދިޔަ އޮގަސްޓް 9ގައި ވަނީ ލަފާ ދެއްވައިފަ އެވެ. މަހަކަށް ވުރެ ގިނަ ދުވަސްވި އިރު ވެސް އެ ނިންމެވުން ކޮމިޝަނަރު ތަންފީޒެއް ނުކުރައްވަ އެވެ.

ބޯޑުގެ ނިންމުން ތަންފީޒު ނުކުރެއްވުމުގެ އިހްތިޔާރެއް ކޮމިޝަނަރަށް ގާނޫނުން ލިބިދީފައެއް ނެތެވެ. އެކަމަކު ނިންމުން ތަންފީޒުކުރަން ޖެހޭ ވަކި މުއްދަތެއް ވެސް ގާނޫނަކު ނޯވެ އެވެ.

ފުލުހުންގެ މުއައްސަސާގެ އިސްލާހާއި އިތުބާރު ލިބިފައިވާ ތަނަކަށް ހެދުމަށް ކުރައްވާ މަސައްކަތްތަކާ ގުޅޭ ގޮތުން "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި، ބޯޑުގެ ނިންމެވުމާ ގުޅޭ ގޮތުން ޕޮލިސް ކޮމިޝަނަރު ވިދާޅުވީ އެކަން ތަންފީޒު ނުކުރައްވައި ހިފެހެއްޓެވުމުގެ ވިސްނެވުމެއް ނުގެންގުޅުއްވާ ކަމަށެވެ. އެ ނިންމުމާ ގުޅިގެން އޭނާ ކުރައްވަން ޖެހިވަޑައިގަންނަވާ މަޝްވަރާތައް ކުރިއަށް އެބަދާ ކަމަށް ވިދާޅުވި އެވެ.

ޕޮލިސް ކޮމިޝަނަރު ހަމީދު "މިހާރު"އަށް އިންޓަވިއު ދެއްވަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޕޮލިސް ކޮމިޝަނަރު ހަމީދު "މިހާރު"އަށް އިންޓަވިއު ދެއްވަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފުލުހުންގެ ހިދުމަތުގެ އިސް ރޭންކުގައި ތިބި އެ ހަތް އޮފިސަރުންނާ ހަމީދު ވަނީ ބައްދަލު ވެސް ކުރައްވައިފަ އެވެ. އަދި ބޯޑުން އެ ނިންމެވުމާ ހަމައަށް ވާސިލްވި ސަބަބުތައް ވެސް ކިޔައިދެއްވި އެވެ.

"އެ ނިންމެވުމާ ގުޅޭ ގޮތުން މި މުއައްސަސާގެ ތެރޭގައި ހިންގަން ޖެހޭ އިޖުރާއަތުތައް ވެސް ހިންގަމުންދާނެ ކަން އަޅުގަނޑު ދެންނެވިން. އެކަން އެބަ ހިނގާ،" ހަމީދު ވިދާޅުވި އެވެ.

ވަކިކުރަން ބޯޑުން ނިންމެވި އޮފިސަރުން

އެސިސްޓެންޓް ކޮމިޝަނާ ފަރުހާދު ފިކުރީ

އެސިސްޓެންޓް ކޮމިޝަނާ އަހުމަދު މުހައްމަދު

އެސިސްޓެންޓް ކޮމިޝަނާ މުހައްމަދު ޖަމްޝީދު

ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް

ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު

ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު

ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމް

ޕޮލިސް ބޯޑުން އޮގަސްޓު 9 ގައި ނިންމި ނިންމުން ތަންފީޒުކުރުން ލަސްވެފައިވާ ކަމަކަށް ޕޮލިސް ކޮމިޝަނަރު ގަބޫލެއް ނުކުރައްވަ އެވެ. މުއައްސަސާގެ މަސްލަހަތަށް ވިސްނަން ޖެހިވަޑައިގަންނަވާނެ ކަމަށާއި ވަކިކުރަން ނިންމި އޮފިސަރުންނަކީ މުހިއްމު މަސްއޫލިއްޔަތުތަކެއް ހަވާލުކޮށްފައިވާ ސީނިއާ އޮފިސަރުންތަކެއް ކަން ވެސް ފާހަގަކުރެއްވި އެވެ.

"ސިފައިންގެ ހިދުމަތާ އެއްކޮށް މި މުއައްސަސާގައި 25-30 އަހަރު ހިދުމަތްކޮށްފައި ތިބި ވަރަށް ސީނިއާ ރޭންކްތަކެއްގެ އޮފިސަރުންނާ ދޭތެރޭގައި، ގާނޫނުން ލާޒިމް ކުރައްވައިގެން ގާނޫނީ ގޮތުން އުފެދިފައި އޮތް ބޯޑަކުން ފިޔަވަޅު އެޅުމުގައި އަޅުގަނޑު ވެސް މި މުއައްސަސާގެ މަސްލަހަތާ ދޭތެރޭގައި ވިސްނަންޖެހޭ ތަންފީޒު ކުރާ ފަރާތުގެ ގޮތުގައި،" ހަމީދު ވިދާޅުވި އެވެ.

މަޝްވަރާތަކެއް ވެސް ހޯދަން ޖެހޭނެ، އެކަމަށްޓަކައި ނަގާ ވަގުތު ނަގަނީ. އެކަން ނުކުރާކަށް، ލަސްކޮށްގެން އެކަން ބޮލާލައި ޖަހާކަށް އެއީ އަޅުގަނޑުގެ ވިސްނުމެއް ނޫން، -- ކޮމިޝަނަރު

އެ އޮފިސަރުންނާ ގުޅޭ ގޮތުން އޮގަސްޓް 26ގައި ޕޮލިސް ބޯޑާ އެކު ވަނީ މަޝްވަރާ ކުރައްވައިފަ އެވެ. ކަމާގުޅުން ހުރި އެހެން އިދާރާތަކާ އެކު ވެސް ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށް ހަމީދު ވިދާޅުވި އެވެ.

ފުލުހުންގެ ހިދުމަތް ތަރައްގީކޮށް ރައްޔިތުން އެދޭ ފަދަ މުއައްސަސާއަކަށް ހެދުމުގެ މަސައްކަތުގެ ދަށުން އެކުލަވާލި ބޯޑުގެ ޒިންމާއަކީ ކޮމިޝަނަރު ފާހަގަކުރެއްވި ގޮތުގައި ހިދުމަތުގައި ދެމި ތިބޭނީ ކޮން ބައެއްތޯ ނުވަތަ ނޫންތޯ ކަނޑައަޅަން އެކަންޏެއް ނޫނެވެ. ފުލުހުންގެ ހިދުމަތް ދުވަހުން ދުވަހަށް ތަރައްގީކޮށް 21 ވަނަ ގަރުނަށް ފެތޭ ރައްޔިތުން ބޭނުންވާ ފަދަ ތަހުޒީބު ހިދުމަތްތަކެއް ފޯރުވައިދޭ މުއައްސަސާއަކަށް ހަަދަން ކުރަންޖެހޭ މަސައްކަތްތައް ކުރުން ހިމެނޭކަން ވެސް ފާހަގަކުރެއްވި އެވެ.

އެ ބޯޑުން އާއްމުކޮށްފައިވާ ބަޔާނުގައި ގާނޫނާ ހަވާލާދީ ބުނެފައި ވަނީ ދިވެހި ފުލުހުންގެ ހިދުމަތުގައި ތިބި ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ޕޮލިސް ކޮމިޝަނަރު ފިޔަވައި ސުޕްރިންޓެންޑެންޓް އިން ފެށިގެން މަތީ ރޭންކްތަކުގެ އޮފިސަރުން، ފުލުހަކަށް ވީތީ އެ މީހުންނަށް ލިބިދީފައިވާ ބާރާއި އިހްތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭތޯ ބަލާފައިވާ ކަމަށެވެ. ލާއިންސާނީ އަނިޔާވެރި އަމަލެއް އަދި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކާ ގުޅިގެން ބަލަން ޖެހޭ ކަންކަން ވެސް ބެލި ކަމަށެވެ. އެތަނުގައި ތިބީ ނަޒާހަތްތެރި އޮފިސަރުންތޯ ކަށަވަރުކޮށްފައިވާ ކަމުގެ ޔަގީންކަން ބޯޑުން ދެ އެވެ.

ބޯޑުގެ ނިންމުމާ މެދު ހިތްހަމަނުޖެހުމެއް އޮތް ނަމަ އިސްތިއުނާފްކުރުމުގެ ހައްގު ގާނޫނުން އޮތީ ދީފަ އެވެ.