Roadha Mihaaru
ބައެއް ފްލެޓްތަކުގެ ފެންބިލު މާބޮޑުކަމުން އެކަން ބަލަނީ

ބައެއް ފްލެޓްތަކުގެ ފެން ބިލު އާދަޔާ ހިލާފަށް ބޮޑުކަމުން އެކަން ބަލަނީ

29 ސެޕްޓެމްބަރ 2021

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު ބައެއް މީހުންގެ ފްލެޓްތަކުގެ ފެން ބިލު އާދާޔާ ހިލާފަށް ބޮޑުކޮށް ހުރިކަން ފާހަގަވެފައިވާތީ އެކަން ބަލަން ފަށާފައިވާ ކަމަށް އެމްޑަބްލިއުއެސްސީން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު ބައެއް މީހުންގެ ފްލެޓްތަކުގެ ފެން ބިލު އާދާޔާ ހިލާފަށް ބޮޑުކޮށް ހުރިކަން ފާހަގަވެފައިވާތީ އެކަން ބަލަން ފަށާފައިވާ ކަމަށް އެމްޑަބްލިއުއެސްސީން މިއަދު ބުނެފި އެވެ.

އެމްޑަބްލިއުއެސްސީން މިކަން ބަލަން ފެށީ ފްލެޓުގައި ދިރިއުޅެން ނުފަށަނީސް ފްލެޓެއްގެ ފެން ބިލަށް 6،000 އަށް ވުރެ ގިނަ ރުފިޔާ އެރި މައްސަލަ ކުރިމަތިވެފައި ވަނިކޮށެވެ.

އެކަމާ ގުޅޭގޮތުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު، "މިހާރު" އަށް ވިދާޅުވީ ހިޔާ ފްލެޓް ލިބުނު މީހުންނަށް އެ ކުންފުނިން އަދި ބިލް ފޮނުވަން ނުފަށާ ކަމަށެވެ. އެކަމަކު ފްލެޓް ލިބުނު މީހުންގެ ނަމަށް ރަޖިސްޓްރީ ބަދަލުކޮށް ބިލްކުރަމުން އަންނައިރު ފެން ބިލު ބޮޑު ކަމަށް ކިރިޔާ ވެސް ފާހަގަކުރެވޭ ނަމަ، އެ މީހުންނަށް ގުޅައި އެކަން ސާފުކުރަމުން އަންނަ ކަމަށް ޝާހު ވިދާޅުވި އެވެ.

"ބައެެއް އެޕާޓްމަންޓްތަކުގެ އަދަދު މާބޮޑު ނަމަ، ކަސްޓަމަރުންނަށް މި އަންގަނީ ޗެކްކޮށްލަން ކިހިނެއްތޯ މިވަނީ،" ޝާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކަސްޓަމަރުންނަށް ގުޅައި، ލީކެއް އުޅެނީތޯ އާއި މީޓަރު އެނބުރިފައި ހުރީތޯ ނުވަތަ މާބާރަށް މީޓަރު އެނބުރެނީތޯ އަންނަނީ ބަލަމުންނެވެ.

މިހާތަނަށް ހައެއްކަ ފްލެޓުގައި މިގޮތަށް ފެން ބިލު ބޮޑުކަމަށް ފާހަގަކުރެވިގެން އެކަން ބަލަމުން އަންނަ ކަމަށް ވެސް ޝާހު ވިދާޅުވި އެވެ.

ހިޔާ ފްލެޓް ލިބުނު މީހަކު އެތަނުގައި ދިރިއުޅެން ނުފަށަނީސް ފެން ބިލަށް 6،700ރ. އެރި މައްސަލަ ޖެހުމުން އެމްޑަބްލިއުއެސްސީން މިހާރު ވަނީ އެ ބިލް ސުމަކަށް ބަދަލުކޮށް މައްސަލަ ބަލަން ފަށައިފަ އެވެ.

"ހިޔާ" ގެ އަށް ވަނަ ޓަވަރުގެ 23 ވަނަ ފްލޯ އިން ފްލެޓް ލިބުނު އެމީހާގެ ފްލެޓްގެ ފެން ބިލަށް އެހާ ބޮޑު އަދަދެއް އެރިކަން އެނގުނީ އެ މީހާ ބުނި ގޮތުގައި އެމްޑަބްލިޔުއެސްސީގެ މީހަކު ގުޅައި އެހާ ބޮޑު އަދަދެއް ބިލަށް އެރުމުން އެކަން ސާފުކުރަން އެދުމުން ކަމަށެވެ. އޭނާ ބުނީ ބިލް ބޮޑުކަމުން ފެން ލީކުވޭތޯ ވެސް ބެލި ކަމަށާއި އެކަހަލަ ކަމެއް ނެތް ކަމަށެވެ.

އޭނާ ބުނި ގޮތުގައި ފެން ބިލު މިހާރު ސުމެއްގައި އިނަސް 80 ޓަނު ފެން ބޭނުންކުރި ކަމަށް އަދިވެސް ދައްކަ އެވެ.

ފެން ބިލަށް ބޮޑު އަދަދެއް އެރީ މިދިޔަ މަހުގެ 11 ގައި ހަވާލުކުރި ފްލެޓެއްގަ އެވެ. އެ ފްލެޓާ ރަސްމީކޮށް ހަވާލުވި ދުވަހުން ފެށިގެން މިހާތަނަށް އެ ތަނުގައި ކުރިހާ ވެސް މަސައްކަތަކީ އަށި ތަޅާލައި، ދެ ފާހާނައިގެ ތަޅުންގަނޑު އެއްވަރުކުރުމުގެ މަސައްކަތް އެކަންޏެވެ. އެހެންވެ، އެހާ ބޮޑު ބިލެއް އެތަނަށް ނާރާނެ ކަމަށް އެތަނުގެ ވެރި މީހާ ބުންޏެވެ.