Roadha Mihaaru
މީހުން ނޫޅޭ ފްލެޓަކަށް ހަ ލައްކަ ރުފިޔާގެ ފެން ބިލެއް

މީހުން ނޫޅޭ ހިޔާ ފްލެޓަކަށް މިފަހަރު ހަ ލައްކަ ރުފިޔާގެ ފެން ބިލެއް

12 އޮކްޓޯބަރ 2021

ހިޔާ މަޝްރޫއުން ފްލެޓް ލިބުނު އާއިލާއެއް ފްލެޓްގައި ދިރިއުޅެން ފެށުމުގެ ކުރިން އެ ފްލެޓުގެ ފެން ބިލަށް ހަ ލައްކަ ރުފިޔާއަށް ވުރެ ބޮޑު އަދަދެއް އަރާފައިވާ ކަމަށް ބުނާ މައްސަލައެއް އަނެއްކާ ވެސް ފެންމަތިވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހިޔާ މަޝްރޫއުން ފްލެޓް ލިބުނު އާއިލާއެއް ފްލެޓްގައި ދިރިއުޅެން ފެށުމުގެ ކުރިން އެ ފްލެޓުގެ ފެން ބިލަށް ހަ ލައްކަ ރުފިޔާއަށް ވުރެ ބޮޑު އަދަދެއް އަރާފައިވާ ކަމަށް ބުނާ މައްސަލައެއް އަނެއްކާ ވެސް ފެންމަތިވެއްޖެ އެވެ.

ކުރިން ވެސް ފެން ބިލު އާދަޔާ ހިލާފަށް ބޮޑުވުމުގެ މައްސަލަތަކެއް ވަނީ ދިމާވެފަ އެވެ. އެކަމަކު މިއީ މިގޮތަށް މިހާތަނަށް އެންމެ ބޮޑުވި ފެންބިލެވެ.

އެކަމުގެ މައުލޫމާތު އެނގޭ މީހަކު "މިހާރު" ކިޔައިދިން ގޮތުގައި އެޗް 12 ޓަވަރުގެ ހަތް ވަނަ ފްލޯ އިން ފްލެޓް ލިބުނު މީހެއްގެ ފެން ބިލަށް 672،227ރ. އަރާފައިވާކަން އެމީހުންނަށް އެނގުނީ ފެން ލީކެއް އުޅޭތީ އެމްޑަބްލިއުއެސްސީގެ އެޕުން ބެލުމުންނެވެ.

އެ ފްލެޓަކީ އެންމެ ފުރަތަމަ އެއްބަސްވުމުގައި ސޮއިކުރަން ފެށިތަނަހާން ތަޅުދަނޑި ހަވާލުކޮށްފައިވާ ފްލެޓެކެވެ. ފެން ލީކެއް އުޅޭކަން އެނގުނީ، ވައްކަމުގެ މައްސަލަތައް ބޮޑުވެފައި ވާތީ، ތަން ހަދަން ގެންގޮސް ހުރި ތަށިމުށި ހަމަޔަށް ހުރިތޯ ބަލަން އެތަނަށް ގޮސް އުޅުމުގެ ތެރޭގަ އެވެ.

"ފްލެޓަކަށް މީހުން ނުވެސް އަންނާނެ. އެކަމަކު މިތަނަށް އައިސްފައި ބެލިއިރު މުށި ވެސް ހުރި. ދެން ބަލަނިކޮށް ފެނުނީ ފާހަނައިގެ ޝަވަރުން ފެން ލީކުވާތަން. ހުރި ކޮޓަރިއާ ހިސާބަށް ވެސް ފެން އައިސްފައި،" އެ މީހާ ބުންޏެވެ.

ފެން ލީކުވާކަން އެނގުމާ އެކު އެކަން އެމްޑަބްލިއުއެސްސީއަށް ގުޅައި އެންގި އެވެ. އެހެންވެ އެ ކުންފުނިން އެންގީ މިހާރު ބިލް ކުރަމުންދާތީ އެކަން އެޗްޑީސީއާ ވެސް ހިއްސާކުރުމަށެވެ. ފްލެޓްގެ ވެރި ފަރާތުން މިހާރު އެކަން އެޗްޑީސީއާ ވެސް ހިއްސާކޮށްފައިވާ ކަމަށްވެ އެވެ.

"އެމީހުން މިތަނުން ފެން ބޭނުންކުރީ ޕުޓީ ގޭނިއިރު އެކަނި. އެއީ މިދިޔަ މަހު. އެ ގާނާފައި، ގޭނި މީހާ މިތަނުން ފެންވެރީ. އެ ބިލަށް މިދިޔަ މަހު އިނީ 30 ރުފިޔާ އަރާފައި. ދެން އެޕުން ބެލިއިރު މިހާރު ހަ ލައްކަ ރުފިޔާ އެބައިން ފެން ބިލަށް އަރާފައި،"

ފެން ލީކެއްގެ ސަބަބުން އާދަޔާ ހިލާފަށް ފެން ބިލު ބޮޑުވެފައިވާއިރު އެ ފްލެޓްގެ ވެރި ފަރާތުން އޮތީ އެތަން ހަދަން އެހެން ބަޔަކާ ހަވާލު ވެސް ކޮށްފަ އެވެ. އެތަން ހަދަން ހަވާލުކުރި ކުންފުނިން ގުޅި ނަމަވެސް ފެން ބިލަށްވާ ގޮތެއް ބަލާފައި ނޫނީ އެ މީހުންނަށް އެކަން ކުރިއަށް ގެންދެވޭކަށް ނެތެވެ.

މިދިޔަ މަހުގެ ތެރޭގައި ވެސް ފްލެޓުގައި އަދި ދިރިއުޅެން ނުފަށާ އާއިލާއެއްގެ ފެން ބިލަށް 6،700 އެއްހާ ރުފިޔާ އެރި މައްސަލައެއް ފެންމަތިވި އެވެ. އެމްޑަބްލިއުއެސްސީން ވަނީ އެ ފްލެޓަށް ގޮސް ލީކެއް އުޅޭތޯ ވެސް ބަލައިފަ އެވެ. އެކަމަކު އެފަދަ ކަމެއް ވެސް އެ ފްލެޓުން ފާހަގައެއް ނުކުރެވެ އެވެ.

ފްލެޓުތަކަށް މިހާރު ފެން ބިލު ފޮނުވަން ފަށާފައިވާކަން ސާފެއް ނުވެ އެވެ. އެކަމަކު ބައެއް ފެލެޓްތަކުގެ ފެން ބިލު އާދަޔާ ހިލާފަށް ބޮޑުކަމުން އެކަން ބަލަމުން އަންނަ ކަމަށް އެމްޑަބްލިއުއެސްސީން ކުރިން ބުންޏެވެ.

ފްލެޓް ލިބުނު މީހުންގެ ނަމަށް ރަޖިސްޓްރީ ބަދަލުކޮށް ބިލްކުރަމުން އަންނައިރު ފެން ބިލު ބޮޑު ކަމަށް ކިރިޔާ ވެސް ފާހަގަކުރެވޭ ނަމަ، އެ މީހުންނަށް ގުޅައި އެކަން ސާފުކުރަމުން އަންނަ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ކުރިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ލީކެއް އުޅެނީތޯ އާއި މީޓަރު އެނބުރިފައި ހުރީތޯ ނުވަތަ މާބާރަށް މީޓަރު އެނބުރެނީތޯ ވެސް އެ ކުންފުނިން ބަލަ އެވެ.

އެކަމާ ގުޅިގެން އެމްޑަބްލިއުއެސްސީގެ އޮފިޝަލަކު، "މިހާރު" އަށް ވިދާޅުވީ މި މަހުން ފެށިގެން ބިލް ކުރަން ފެށި ނަމަވެސް އެހާ ބޮޑު އެއްޗެއް ފެން ބިލަށް އަރައި ނަމަ އެކަން ބަލަމުން އަންނަ ކަމަށެވެ.

"ކަސްޓަމަރުން އެ ބަލަނީ އަމިއްލައަށް ރީޑިން ޖަހައިގެން ކަލްކިއުލޭޓްކޮށްގެން ކިހާ ވަރެއްތޯ އަރަނީ. އެހާ ބޮޑު އެއްޗެއް އަރަންޏާ އަޅުގަނޑުމެން މި ބަލަނީ އެއީ ކިހިނެއްވާ ކަމެއްތޯ. އެތަންތަން އަދި ބިލު ކުރާކަށް ނުފަށަން. ހުންނާނީ ހޯލްޑްކޮށްފައި،" އޮފިޝަލް ވިދާޅުވި އެވެ،