Roadha Mihaaru
ހުޅުމާލޭގެ ބިމުގެ 33 ޕަސެންޓް އަސާސީ ހިދުމަތްތަކަށް

މުޅި ހުޅުމާލޭގެ ބިމުގެ 33 ޕަސެންޓް ބޭނުންކުރާނީ އަސާސީ ހިދުމަތްތަކަށް

28 ސެޕްޓެމްބަރ 2021

ހުޅުމާލޭގެ ލޭންޑް ޔޫސް ޕްލޭންގައިވާ ގޮތުން ބޯހިޔާވަހި ކަމަށް ހުޅުމާލޭގެ 55 ބިން ބޭނުންކުރަމުން އަންނައިރު އަސާސީ ހިދުމަތްތައް ދިނުމަށް ބިމުގެ 33 ޕަސެންޓް ކަނޑައަޅާފައިވާ ކަމަށް އެޗްޑީސީން ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުޅުމާލޭގެ ލޭންޑް ޔޫސް ޕްލޭންގައިވާ ގޮތުން ބޯހިޔާވަހި ކަމަށް ހުޅުމާލޭގެ 55 ބިން ބޭނުންކުރަމުން އަންނައިރު އަސާސީ ހިދުމަތްތައް ދިނުމަށް ބިމުގެ 33 ޕަސެންޓް ކަނޑައަޅާފައިވާ ކަމަށް އެޗްޑީސީން ބުނެފި އެވެ.

ހުޅުމާލޭގެ ލޭންޑް ޔޫސް ޕްލޭންއާ ގުޅޭ ގޮތުން އެޗްޑީސީގެ ޕްލޭނިން އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓްގެ ޑިރެކްޓަރު ހުސެއިން ޒިޔަތު، ވިދާޅުވި ގޮތުގައި މިި ޕްލޭނަކީ އެކި ސަރުކާރުތަކުގެ ސިޔާސަތުތަކަށް ބަލައި ތައްޔާރުކޮށްފައިވާ ދުރު ރާސްތާ ޕްލޭނެކެވެ.

ކޮންމެ ފަސް އަހަރަކުން މި ޕްލޭން ރިވިކޮށް ސަރުކާރާ ހިއްސާކުރާއިރު ޒިޔަތު ވިދާޅުވީ ހުޅުމާލެ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކުރާއިރު ބޯހިޔާވަހިކަމުގެ އިތުރުން އެ ރަށަށް އެކަށީގެންވާ މިންވަރަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ޖާގަ އޮތުން ވަރަށް މުހިއްމު ކަމަށެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޖާގަ ކަނޑައެޅުމަކީ ވެސް މުހިއްމު ކަމަކަށްވާތީ އެކަންކަން ލޭންޑް ޔޫސް ޕްލޭންގައި ހިމަނައި، ތަރައްގީކުރަމުން އަންނަކަން ޒިޔަތު ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ މަޝްރޫއުތަކަށް ބަލާއިރު އޭގެ 50 ޕަސެންޓަކީ ރައްޔިތުންގެ ބޯހިޔާވަހިކަމާ ގުޅިފައިވާ މަޝްރޫއުތަކެވެ. އަދި އޭގެ 33 ޕަސެންޓަކީ، ސްކޫލާއި ހޮސްޕިޓަލް، މިސްކިތުގެ އިތުރުން އޮފީސް އިމާރާތް، ކުޅިވަރު ކުޅޭ ތަންތަނާއި ޕާކުތަކަށް ކަނޑައަޅާފައިވާ ޖާގަ އެވެ. ބާކީ 17 ޕަސެންޓަކީ ވިޔަފާރިތަކާއި ސިނާއީ މަސައްކަތްތަކަށް ކަނޑައަޅާފައިވާ ޖާގަ އެވެ.

"އޭގެ ސަބަބުން ހުޅުމާލޭގައި 90،000 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު އުފެދޭނެ."

ޒިޔަތު ވިދާޅުވި ގޮތުގައި 2019 ވަނަ ހެދި ހައުސްހޯލްޑް އިންކަމް އެންޑް އެކްޕެންޑިޗާ ސާވޭއިން ދައްކާ ގޮތުގައި ދިވެހިންނަށް ލިބޭ އާމްދަނީ ތަފާތު ފަންތިތަކަށް ބެހެ އެވެ. އެއީ ލޯ އިންކަމް އާއި މިޑް އަދި ހައި އިންކަމް ރޭންޖެވެ.

ޒިޔަތު ވިދާޅުވީ ދުނިޔޭގެ ކުރި އަރަމުން އަންނަ ސިޓީތަކުގައި އެކި މިންވަރަށް އާމްދަނީ ލިބޭ މީހުންނަށް ތަފާތު ވައްތަރުގެ ތަފާތު އަގުގެ ބޯހިޔާވަހިކަން ހުންނަ ކަމަށެވެ. އެކަމުގެ ބޭނުމަކީ މުޖުތަމައުގެ އެކި ފަންތީގެ މީހުންނަށް ބޯހިޔާވަހިކަމުގެ ފުރުސަތު ފަހިކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތަށް ހުޅުމާލޭގެ ލޭންޑް ޔޫސް ޕްލޭންގައި ވަނީ އެކި ފަންތީގެ މީހުންނަށް ބޯހިޔާވަހިކަން ދިނުމަށް ޖާގަ ކަނޑައަޅައިފަ އެވެ. އެކަމަކު ޒިޔަތު ވިދާޅުވީ މި ޕްލޭންގައި އެންމެ ބޮޑު ޖާގައެއް އޮތީ ސޯޝަލް ހައުސިން އަށް ކަމަށެވެ. އެއީ 54 ޕަސެންޓެވެ. އަދި މިޑް ރޭންޖަށް 16 ޕަސެންޓް އޮތްއިރު ހައި އެންޑަށް އޮތީ އަށް ޕަސެންޓެވެ. އަދި ލަގްޒަރީ އަށް ހަތް ޕަސެންޓް އޮތްއިރު އަމިއްލަ މީހުންނަށް ވިއްކަން އޮތީ 15 ޕަސެންޓެވެ.

ހުޅުމާލޭގައި އެކި ފަންތީގެ މީހުންނަށް ބޯހިޔާވަހިކަމަށް ޖާގަ ދޫކޮށްފައިވާ ގޮތް--

ހުޅުމާލޭގައި އެކި ފަންތީގެ މީހުންނަށް ބޯހިޔާވަހިކަމަށް ޖާގަ ދޫކޮށްފައިވާ ގޮތް--

ޒިޔަތު ވިދާޅުވީ ހިޔާ މަޝްރޫއުގެ 6،720 ފްލެޓްގެ އިތުރުން މި ސަރުކާރުން ލޯ އިންކަމް ފަންތިއަށް އަމާޒުކޮށްގެން 10،000 އަށް ވުރެ ގިނަ ކައުންސިލް އަދި އެފޯޑަބަލް ހައުސިން ފްލެޓް އެޅުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. އަދި މެދު ފަންތިއަށް އަމާޒުކޮށް 2،730 ހައުސިން ޔުނިޓް ގާއިމުކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާތަނަށް ހުޅުމާލޭގައި ހައި އިންކަމަށް އަމާޒުކޮށްގެން އަޅާފައި ވަނީ 18 ރޯ ހައުސް އެވެ. އަދި މުޅި ހުޅުމާލެއިން މިހާތަނަށް ވިއްކާފައިވާނީ 731 ގޯތި ކަމަށް ވިދާޅުވި އެވެ. މިކަމުން ވެސް އެނގެނީ ހުޅުމާލޭގެ ލޭންޑް ޔޫސް ޕްލޭންގައި އެންމެ އިސްކަމެއް ދީފައި ވަނީ ރައްޔިތުންގެ ބޯހިޔާވަހި ކަމަށް ކަމަށް އޭނާ ވިދާޅުވި އެވެ.