Roadha Mihaaru
ޔާމީންގެ ކަފާލާތާ މެދު ގޮތެއް ނިންމުން ހޯމަ ދުވަހު

ކަފާލާތުގެ ދަށުން ޔާމީން ދޫކޮށްލުމާ މެދު ހޯމަ ދުވަހު ގޮތެއް ނިންމަނީ

27 ސެޕްޓެމްބަރ 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން އެމަނިކުފާނު މިނިވަން ކުރުމާ މެދު އަންނަ ހޯމަ ދުވަހު ގޮތެއް ނިންމަން ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން އެމަނިކުފާނު މިނިވަން ކުރުމާ މެދު އަންނަ ހޯމަ ދުވަހު ގޮތެއް ނިންމަން ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން މިދިޔަ ފެބްރުއަރީ މަހު ވަނީ ތާއީދުކޮށްފަ އެވެ. އެ ހުކުމުގެ އިސްތިއުނާފް ޝަރީއަތް ސުޕްރީމް ކޯޓުގައި މިހާރު ދަނީ ކުރިއަށެވެ. އަދި އެ މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން ޔާމީން މިނިވަންކޮށް ދިނުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އޮތީ އެދިފަ އެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ މައްސަލައާ ގުޅޭގޮތުން އަދި އަލަށް ހުށަހަޅަން ބޭނުންވާ ހެކިތަކާ ބެހޭގޮތުން މިއަދުގެ އަޑުއެހުމުގައި ދެ ފަރާތުން ވާހަކަ ދައްކައި ނިމިއްޖެ ނަމަ، އެ މައްސަލާގެ އެންމެ ފަހު އަޑުއެހުން އަންނަ ހޯމަ ދުވަހު ބާއްވާނެ ކަމަށެވެ. އަދި އެ އަޑުއެހުމުގައި ކަފާލާތުގެ ދަށުން ޔާމީން މިިނިވަން ކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް ފަނޑިޔާރުން ބެންޗުން ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގައި އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު މަހާޒެވެ.

ޔާމީންގެ އިސްތިއުނާފް ހައި ކޯޓުގައި ކުރިއަށް ދިޔައިރު ވެސް ކަފާލާތުގެ ދަށުން އެމަނިކުފާނު މިިނިވަން ކުރަން ހައި ކޯޓުގައި އެދިވަޑައިގަތެވެ. އެކަމަކު ހައި ކޯޓުން އޭރު ނިންމީ އެމަނިކުފާނަކީ ކުށެއް ސާބިތުވެ، ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅަކަށް ވާތީ ކަފާލާތު ނުދެވޭނެ ކަމަށެވެ.