03 ޑިސެމްބަރ 2016
އެއީ އަށްޑިހައިގެ ފަހުކޮޅެވެ. މާފަންނު ހުޅަނގުކޮޅުގައި ދިރިއުޅޭ ޅަފުރައިގެ ކުދިންތަކެއް ފޯރީގައި މާލޭގެ އެކި ހިސާބުތަކުގެ ޓީމުތަކާ މެޗުތައް ކުޅެމުން ދިޔަ ދުވަސްވަރެވެ. ގަލޮޅުގެ ވަރުގަދަ ޓީމަކާ ކުޅެން ޖެހުމުން އެންގީ ޓީމް ލިސްޓުގައި ނަމެއް ޖަހައިގެން އައުމަށެވެ. އެ ދުވަހު އަތިރިމަތީ ތިބެ ވަރަށް ވިސްނުމަށް ފަހު ޖެހި ނަން މިއަދު ވެފައިވަނީ ދިވެހި ފުޓްބޯޅައިގެ އެންމެ މަޝްހޫރު އެއް ނަމަށެވެ. ކްލަބް އީގަލްސް އެވެ!
އެއީ އަށްޑިހައިގެ ފަހުކޮޅެވެ. މާފަންނު ހުޅަނގުކޮޅުގައި ދިރިއުޅޭ ޅަފުރައިގެ ކުދިންތަކެއް ފޯރީގައި މާލޭގެ އެކި ހިސާބުތަކުގެ ޓީމުތަކާ މެޗުތައް ކުޅެމުން ދިޔަ ދުވަސްވަރެވެ. ގަލޮޅުގެ ވަރުގަދަ ޓީމަކާ ކުޅެން ޖެހުމުން އެންގީ ޓީމް ލިސްޓުގައި ނަމެއް ޖަހައިގެން އައުމަށެވެ. އެ ދުވަހު އަތިރިމަތީ ތިބެ ވަރަށް ވިސްނުމަށް ފަހު ޖެހި ނަން މިއަދު ވެފައިވަނީ ދިވެހި ފުޓްބޯޅައިގެ އެންމެ މަޝްހޫރު އެއް ނަމަށެވެ. ކްލަބް އީގަލްސް އެވެ!
އެންމެ ބާރުގަދަ ދޫނީގެ ނަމުން އެ ދުވަހު ނަން ދިން ނަމަވެސް ހަގީގަތުގައި ފަހަކާ ޖެހެންދެއް އެއީ ކޮށްޓެއްގައި ބަންދުވެފައިވާ ބާޒެކެވެ. އެކަމަކު މިއަދު އެ ބާޒު އުދުހި، ދިވެހި ފުޓްބޯޅައިގެ އެންމެ ޝަރަފްވެރި ތަހުތަށް މިވަނީ އަރައިފަ އެވެ. ގައުމީ ފުޓްބޯޅަ މުބާރާތުގެ ތަށި އެ ކްލަބުން ހާސިލްމިކުރީ އެތައް ބަޔެއްގެ ބުރަ މަސައްކަތުންނެވެ. އެ ވާހަކަ ފަށާނަމަ އެންމެ ފުރަތަމަ ގެންނަން ޖެހޭނީ ކްލަބުގެ މަސްއޫލުވެރިޔާ ހަސަން އަލީގެ ނަމެވެ. އެހިސާބަށް ވެސް ނިސްބަތްނުވާ އަދި ވިކްޓަރީ ސްޕޯޓްސް ކްލަބާ ގުޅުން ބޮޑު ހަސަން އަލީ އެހީނުވި ނަމަ މިއަދު އީގަލްސް ވުޖޫދުގައި ނެތީހެވެ.
"އަޅުގަނޑުމެން ޓީމެއް ހަދައިގެން އުޅުނު ނަމަވެސް ރަޖިސްޓަރީކުރަން ބެލިއިރު އުމުރުހަމަނުވޭ. ދެން އޭރު އެންކަރު ކިޔާ ތަނެއްގައި މަސައްކަތްކުރަން އަޅުގަނޑުމެން ގޭދޮށަށް އަންނާނެ ހިންވަރު މާހިރުބެ އާއި ހަސަން އަލީ. ދެން އެގޮތަށް ވާހަކަދެކެވިގެން ހަސަން އަލީ އަޅުގަނޑުމެންނަށް ކްލަބް ރަޖިސްޓަރީކޮށްދިނީ،" ކްލަބް އުފަންކުރުމުގައި އިސް ދައުރެއް އަދާކުރެއްވި ކުރީގެ ޗެއާމަން މުހައްމަދު ތައުފީގް (ތޯއްޓޭ) ވިދާޅުވި އެވެ.
އީގަލްސްގެ މަސްއޫލުވެރިޔާ ހަސަން އަލީ (ވ-2) އޭނާގެ ކުދިން ކަމަށްވާ ސިނާ (ކ) އާއި ގާނާ (ކ-2) އަދި ނަޒީހު އާއި ސުޒޭން (ވ) އާ އެކު: މީގެ ތެރެއިން ސިނާ އީގަލްސް އަށް ކުޅުނުއިރު ނަޒީހު ވަނީ ކޯޗުކޮށްދީފައި. --ފޮޓޯ: ނިޝާން އަލީ/ މިހާރު
މަޝްހޫރު ފުޓްބޯޅަ ކޯޗު އަލީ ސުޒޭނުގެ ބައްޕަ ހަސަން އަލީ ހަމައެކަނި ކްލަބް ރަޖިސްޓަރީކޮށްދެއްވީއެއް ނޫނެވެ. އަމިއްލަ ކްލަބެއްގެ ގޮތުގައި ބަލައިގަނެ ކްލަބަށް ހަރަދުކުރައްވައި އަދި ދެހާހުގެ އަހަރުތަކާ ހަމަޔަށް ކްލަބް ހިންގެވުމުގައި އަމަލީގޮތުން އިސް ދައުރެއް އަދާކުރެއްވި އެވެ. ތައުފީގް ސިފަކުރެއްވި ގޮތުގައި "ގެޔަށް ހަރަދުނުކޮށް ވެސް ހަސަން އަލީ ކްލަބަށް ހަރަދުކުރެއްވި" އެވެ.
"އެހާ ވެސް ބޮޑަށް ކްލަބަށް އެހީތެރިވެދެއްވި. އީގަލްސް މިއަދު މިހިސާބަށް އައުމުގެ އެންމެ ބޮޑު ރޯލެއް އަދާކުރެއްވީ ހަސަން އަލީ،" ތައުފީގް ވިދާޅުވި އެވެ.
ކުދިކުދި މުބާރާތްތަކުގައި ވާދަކުރަމުން އައި އީގަލްސް ނުވަދިހައިގެ މެދުތެރޭގައި ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދި އެވެ. ބައެއް ފަހަރު ވެއްޓެ އެވެ. އަނެއްކާ ވެސް އަރަ އެވެ. ސުވާލަކީ ރާއްޖޭގެ އެންމެ ދުވަސްވީ އެއް ފުޓްބޯޅަ ކްލަބަށް ތަށްޓަކާ ހަމަޔަށް އައުމަށް 27 އަހަރު ނެގީ ކީއްވެ ހެއްޔެވެ؟
"ހަގީގަތަކީ ނިއު ރޭޑިއަންޓާއި ވިކްޓަރީ އަދި ވެލެންސިއާ ވެސް މިހިސާބަށް އައީ ނުފޫޒު ފަދަ ބަޔެއްގެ އެހީތެރިކަމާ އެކު އަދި އަވަށު ކްލަބްތަކުގެ ގޮތުގައި ޕްރޮމޯޓްކޮށްގެން. އަޅުގަނޑުމެންނަކީ ކަންމަތީ ބައިގަނޑެއްގެ ގޮތުގައި މަޝްހޫރުވީ. އަޅުގަނޑުމެން ފަހަތުލައިގެން އުޅޭނެ ހަރުކުލައިގެ މީހަކު ނެތް،" ތައުފީގް ވިދާޅުވި އެވެ.
ކްލަބަށް ބޮޑު ހަރަދުކުރާނެ ބަޔަކު ނެތުމާ އެކު އީގަލްސް އިން އޭރު ކުޅެމުން ދިޔައީ ޒުވާން ކުޅުންތެރިންނާ އެކު އެވެ. އެ ކްލަބް އޭރު މަޝްހޫރުވީ ވެސް ފުރަތަމަ ޑިވިޝަނަށް ކުޅުންތެރިން އުފައްދައިދޭ އެކަޑަމީއެއްގެ ގޮތުގަ އެވެ. ކޮންމެ އަހަރަކު އެ ޓީމުގައި ތިބޭ ކުޅުންތެރިން ވިދާލުމާ އެކު އެހެން ކްލަބްތަކަށް ގެންދިއުމުން ދެން ޖެހެނީ މާލެތެރޭގައި ހިނގައިގެންނާއި ރަށްރަށުން ކުޅުންތެރިން ގެނެސްގެން އަލުން ޓީމު ހަމަކުރާށެވެ.
އެގޮތަށް މާލެތެރެއިންނާއި ރަށްރަށުން ހޯދި ބައެއް ކުޅުންތެރިންނަކީ މިއަދު ދިވެހި ފުޓްބޯޅައިގެ ބަތަލުންނެވެ. ގޯލްކީޕަރު އިމްރާން މުހައްމަދާއި އަހުމަދު ތޯރިގް (ޓޮމް) އާއި މުހައްމަދު ހުސެއިން (އޮއިއްޓޭ) އާއި ސޮބާހް މުހައްމަދު އިބްރާހީމާއި އިބްރާހިމް އާމިލް ފަދަ ކުޅުންތެރިންގެ އިތުރު ތައާރަފެއް ބޭނުމެއް ނުވެ އެވެ. އީގަލްސް އިން ގެނައި ނަމަވެސް ޓޮމް އެ ކްލަބަށް ނުކުޅެނީސް ސީއެޗްއެސްއީ އިން ފުރުސަތު ލިބުމުން ފެށީ ކިޔަވާށެވެ. ފަހުން އޭނާ ނިއު ރޭޑިއަންޓަށް ކުޅެ ދިވެހި ފުޓްބޯޅައިގެ ހުރިހާ ކާމިޔާބެއް ހޯދިއިރު އީގަލްސްގެ ވައިސް ޗެއާމަންގެ މަގާމް ވެސް ފުރި އެވެ.
އީގަލްސްގެ ބާނީ ތައުފީގް (ކ) އެ ކްލަބުގެ މިހާރުގެ ކޯޗު ސާންތީ (ކ-2) އާއި ކުރީގެ ކޯޗު ނިމާ (ވ) އަދި ކްލަބް ކެރިއަރު ފެށި އިމްރާނާ އެކު.
އެ ކުޅުންތެރިންގެ ހަރަދު އޭރު ބެލެހެއްޓީ ތައުފީގު ފަދަ ކްލަބުގެ ހިދުމަތްތެރިންގެ އަމިއްލަ ޖީބުންނެވެ. ކުޅުންތެރިން ބޭތިއްބީ ތައުފީގުގެ ގޭގަ އެވެ. ކުޅުންތެރިންނަށް އޭނާގެ މަންމަ ކައްކައި ކާންދޭއިރު، އެއްޗެހި ދޮވެދިނީ އަންހެނުންނެވެ. ކުޅުންތެރިންނަށް ބޭނުންވާ ހުރިހާ އެއްޗެއް ތައުފީގުގެ ފިހާރައިން ނަގަންވީ އެވެ. އެ ކުޅުންތެރިން ކުޅުނީ ކޮންޓްރެކްޓެއް ނަހަދާ ނަމަވެސް އީގަލްސް އިން ކުރި ޝަރުތަކީ ދެ އަހަރު ކުޅެދިނުމެވެ. އެއަށް ފަހު ކްލަބުގެ މަސައްކަތުން އެ ކުޅުންތެރިން ބޮޑެތި ކްލަބްތަކުން ފުރުސަތު ހޯދައިދޭން އީގަލްސް އިން ވައުދުވި އެވެ.
"ކްލަބުން ކޮށްދިން ކަންތައް ކުޅުންތެރިން ބަލައިގަނޭ. އިމްރާނު ވެސް ފުރަތަމަ ވިކްޓަރީން 8000 ރުފިޔާގެ މުސާރައެއްދޭން ބުނީމާ ވެސް ނުދިޔަ. ދެ އަހަރު ހަމަކޮށްފައި ދިޔައީ،" ތައުފީގު ވިދާޅުވި އެވެ.
އީގަލްސް އަކީ އޭރު ހަމައެކަނި ފުޓްބޯޅަ ކްލަބެއް ނޫނެވެ. ބައިބަލާގައި ވާދަކުރުމުގެ އިތުރުން އެ ހިސާބުގަނޑު ޒުވާންގެ ތެރޭގައި ގުޅުންބަދަހިކޮށް ކުށުގެވެށްޓާ ދުރުކުރުމުގައި ވެސް އެ ކްލަބް މުހިއްމު ދައުރެއް އަދާކުރި އެވެ. ވެސްޓްޕާކް މިހާރު ހުރި ބިމުގައި އޮންނަ ކްލަބުގެ ދަނޑުގައި ކޮންމެ އަހަރެއްގެ ސްކޫލް ބަންދުގައި އީގަލްސް އިން ބާއްވާ ތޯއްޓޭ ކަޕަކީ އޭރު މާލޭގެ ގިނަ ޒުވާނުންނަށް ހުނަރު ދައްކާލަން ލިބޭ ރަނުގެ ފުރުސަތެކެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އަކީ ވެސް ތޯއްޓޭ ކަޕުގައި ވިދުން ގަދަ ތަރިއެކެވެ.
"އޭރު އަޅުގަނޑުމެން ހިސާބު އެއްވެސް ކުއްޖަކު ޑްރަގަކަށް ނުދާނެ. ޅަފުރައިގެ ކުދިންވީމާ ކުދިކުދި ފައިޓް އޮވެދާނެ. އެކަމަކު ވަށްކަންކުރުން މިފަދަ އެއްވެސް ކަމެއް ނޯންނާނެ،" ތައުފީގް ވިދާޅުވި އެވެ. "އަޅުގަނޑުމެން ހިސާބު ދަނޑުގައި ފުޓްބޯޅަ ކުޅުވައި ފުޓްބޯޅަ ކުރިއެރުވުން އެއީ އަޅުގަނޑުމެންގެ މަސައްކަތަކީ."
އެކަމަކު އެބިން ސަރުކާރަށް ނެގި ދުވަހު ތައުފީގް ވަރަށް ބޮޑަށް މާޔޫސްވި އެވެ. ދަނޑެއް އޮތީތީ ކުޅުންތެރިންނަށް ތަމްރީންދީ ޒުވާނުން ކުށާ ދުރުކުރަން ބޮޑެތި ފަސޭހަތަކެއްވީ ނަމަވެސް އެ ބިން ނެގުމުން އެ ހުރިހާ ކަމެއް ހުއްޓުނެވެ. އަމިއްލަ ހަރަދުގައި ފުޓްބޯޅަ ކުރިއަރުވަން ކުރި ހުރިހާ ކަމެއް ފެނަށް ދިއުމުން، ތައުފީގް ސްޕޯޓްސް މިނިސްޓްރީއަށް 15 ސޮފުހާގެ ސިޓީއެއް ފޮނުވި އެވެ. އެ ސިޓީ އަށް އަދިވެސް ޖަވާބެއް ނުލިބެ އެވެ.
"ދަނޑު ނެގުމާ އެކު އެހިސާބުގެ ކުދިން ފުޓްބޯޅަ ކުޅުމާ ކޮންމެވެސް ވަރަކަށް ދުރުވި. އަޅުގަނޑުމެންގެ ސަރަހައްދުން ކުޅުންތެރިން އުފެދުން ވެސް ހުއްޓުނު. ސީދާ މި ސަރަހައްދުން އެންމެ ފަހުން އުފެދުނު މަޝްހޫރު ކުޅުންތެރިޔަކީ ސޮބާ،" ތައުފީގް ވިދާޅުވި އެވެ.
އީގަލްސްގެ ޓީމު ދެހާހުގެ އަހަރުތަކުގައި.
އީގަލްސް އަށް ވެސް އެންމެ ފަހުން ޖެހުނީ މުސާރަދީގެން ކުޅުންތެރިން ގެންނާށެވެ. ވިކްޓަރީ އަށް 2001 ވަނަ އަހަރު އިމްރާން ބަދަލުވުމުން، އޭނާ ނެތްތަން ފޫބައްދަން ވެލެންސިއާ އިން ގެނައި ކީޕަރު ހަސަން ހަބީބަކީ އެ ކްލަބުން މުސާރަ ދީގެން ގެނައި ކުޅުންތެރިޔާ އެވެ. އެކަމަކު ފަހުން ތައުފީގުގެ ވިޔަފާރި ވެސް ހުލިވެ، އަދި މުސާރަދީގެން ކުޅުންތެރިން ގެނައުމަކީ ކުރެވޭނެ ކަމަކަށް ނުވެ ކްލަބް އަޑިއަޅާލި އެވެ.
"އަޅުގަނޑުގެ ފިހާރަ ވެސް އެކަށް ހުލިވެގެން ދިޔައީ. ހަމަ ކުޅިވަރުގެ ތެރެއިން. އެކަމަކު މިއަދު މައްސަލައެއް ނެތް. އޭގެ ރިޓާން ރަނގަޅު. ވަރަށް ހިތްހަމަޖެހޭ،" ތައުފީގު ވިދާޅުވި އެވެ.
ދެން އައީ މުޅިން އާ ބަދަލެކެވެ. އަޑިއަޅާލާފައި އޮތް ކްލަބް އަލުން ކޮޅަށް ޖެހުމުގެ މަސައްކަތާ ހަވާލުވީ އެހިސާބުގެ ޒުވާނެއް ކަމަށްވާ މުފާވިޒް ހާޝިމް (މުފާ) އެވެ. އޭނާގެ މަސައްކަތް ފެށުނީ ދެހާހުގެ ކުރީކޮޅު އެ ކްލަބް ތިން ވަނަ ޑިވިޝަނުގައި ކުޅެން ޖެހި ޓީމު ހަމަނުވެގެން، އެކިތަންތަނުން ކުޅުންތެރިން ހޯދައިގެން ޓީމު ހަމަހަމަކުރި ހިސާބުންނެވެ. އޭރު އުމުރުން 17 އަހަރުގެ ޒުވާނާ އަށް ކްލަބުގެ ރަސްމީ މަގާމެއް އޭރު ނެތަސް، ތައުފީގް މެން އޭނާ އަށް ޓީމުގެ ތެރެއިން ފުރުސަތު ދިނެވެ.
ފަހުން މުފާ ސްރީ ލަންކާ އަށް ކިޔަވަން ދިއުމުން ކްލަބާ ދުރުވާން ޖެހުނެވެ. ހުރިހާ ކަމެއް ބަދަލުވީ އޭނާ 2008 ވަނަ އަހަރު ޗުއްޓީ އަށް މާލެ އައިސް ހުއްޓާ އޭރު ދެ ވަނަ ޑިވިޝަނުގައި ވާދަކުރަމުން ދިޔަ އީގަލްސް، ރެޑްލައިން ކްލަބް އަތުން 6-0 އިން ބަލިވި މެޗާ އެކު އެވެ.
"އެ ހިސާބުން އަހަރެން ކްލަބް މީހުން ގާތު ބުނިން ދެން އަހަރެން ކިޔެވުން ނިމުނީއޭ. ޓީމު އަލުން ކޮޅަށް ޖަހައި ޓީމު ހިންގަން މާލޭގައި ހުންނާނީއޭ،" ސީނިއާ މެޗު ކޮމިޝަނަރު މުހައްމަދު ހާޝިމްގެ ދަރިއެއް ކަމަށްވާ މުފާ ބުންޏެވެ.
އީގަލްސްގެ ޖެނެރަލް ސެކްރެޓަރީ މުފާ (ވ-2) ސްރީ ލަންކާ ގޯލްކީޕަރު ސުޖަން ޕެރޭރާއާ އެކު އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ފޮޓޯއަކަށް ހުއްޓިގެން.
އޭނާ ޓީމާ ހަވާލުވެ 2010 ވަނަ އަހަރު މުހައްމަދު ނަޒީހު ކޯޗަކަށް ގެނެސް، އެ ކްލަބަށް ފުރަތަމަ ޑިވިޝަނުން ފުރުސަތު ހޯދައިދިނެވެ. އަދި އެ ކްލަބުން ޖެހިގެން އައި އަހަރު ފުރަތަމަ ފަހަރަށް މަޝްހޫރު ކުޅުންތެރިންތަކެއް ސޮއިކުރުވި އެވެ. އެ ކްލަބުން ވިދާލި އާމިލާއި ވިކްޓަރީގެ ކެޕްޓަން މުހައްމަދު އަނިލާއި އަޝްރަތް ލުތުފީ (ސަމްޕަތު) ގެނެސް ގަދަ ހަޔެއްގެ ހިމެނި ފުރަތަމަ ޑިވިޝަނުގައި ދެމި އޮތެވެ.
އެކަމަކު ކްލަބުގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށްވުމުން ކްލަބަށް ހަރަދުކުރާނެ މީހަކު ހޯދަން މަޖުބޫރުވި އެވެ. މުފާގެ މަސައްކަތުން ވިޔަފާރިވެރިޔާ ސަރަނގު އާދަމްމަނިކު ކްލަބާ ހަވާލުވާން އެއްބަސްވި އެވެ. އަދި 2012 ވަނަ އަހަރު ބޮޑު އަގެއްދީގެން މުހައްމަދު އާރިފް (ބަކާ) އާއި މުޚުތާރު ނަސީރު (ޓޫކިލޯ) އަދި އައްސަދު އަބްދުލްގަނީ ގެނެސް ޓީމު ވަރަށް ވަރުގަދަކުރި އެވެ.
"އެ ފަހަރު އާދަމްމަނިކު އަތެއް ނޭއްލި ނަމަ ކްލަބެއް ނޯންނާނެ. އެހާ ވެސް ހާލުގައި ޖެހިފައި އޮތީ. އެކަމަކު ވެސް އަޅުގަނޑު އެހާ ބޮޑަށް އެއްބަހެއް ނުވަން ބޮޑު ހަރަދެއްކުރަން. އެ ފަހަރު ހަގީގަތުގައި ކުރި ހަރަދާ ބަލާއިރު ތަށްޓެއް ލިބެން ޖެހޭ،" ތައުފީގު ވިދާޅުވި އެވެ.
ބޮޑު ހަރަދެއްކޮށްގެން އެ ފަހަރު އީގަލްސް އަށް ލިބުނު ހަމައެކަނި ކާމިޔާބަކީ އެފްއޭ ކަޕުގެ ދެ ވަނަ މަގާމެވެ. މުފާ ބުނި ގޮތުގައި، އީގަލްސް ފަދަ ކްލަބަށް އެހީ ވެސް ބޮޑު ކާމިޔާބެކެވެ. އެކަމަކު އެހިސާބުން ނިންމީ އަނެއްކާ ވެސް ޒުވާން ކުޅުންތެރިންގެ ޕްރޮޖެކްޓެއް ފަށާށެވެ. ގައުމީ ޓީމުގެ ކުރީގެ އެސިސްޓަންޓް ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) ގެ ބެލުމުގެ ދަށުން އެ މަސައްކަތް ސީރިއަސްކަމާ އެކު ފެށި އެވެ.
"އަޅުގަނޑުމެން 2013 ވަނަ އަހަރުގެ ސީޒަނާ ކުރިމަތިލީ ވަރަށް ގިނަ ޒުވާން ކުޅުންތެރިންނާ އެކު. އަމާޒުކުރީ 2017 ވަނަ އަހަރަށް ވަރުގަދަ ޓީމެއް ބިނާކޮށް ތަށްޓެއް ހޯދުން،" މުފާ ބުންޏެވެ.
އީގަލްސްގެ ޗެއާމަން ޝިޔާމް (ކ-2) އާއި ޖެނެރަލް ސެކްރެޓަރީ މުފާ (ވ-2) އަދި ކްލަބުގެ ބާނީ ތައުފީގާ އެކު.
ސާންތީއާ އެކު އެ ކްލަބުން ފެށި މަސައްކަތް ކާމިޔާބުވަމުން އަންނަކަން އެނގުނީ 2014 ވަނަ އަހަރެވެ. އެ ފަހަރުގެ ގައުމީ މުބާރާތުގެ ފައިނަލަށް ދަތުރުކުރިއިރު ބަލިވީ ނިއު ރޭޑިއަންޓް އަތުން ފަހު ވަގުތެވެ. އަދި އެ މުއްދަތުގައި އެތައް ކުޅުންތެރިންނެއް އެ ކްލަބުން ނެރެދިނެވެ. އަހުމަދު އިމާޒް (އާއްކޮ) އާއި އިބްރާހިމް މުބީން (މުއްކި) އާއި އަހުމަދު ރިޒްވާން (ރިޒޭ) އާއި ޔަސްފާދު ހަބީބް (މުލަކޭ) އާއި އަހުމަދު ނޫމާން (ހެލްމެޓް) އަކީ އޭގެ ތެރެއިން ފާހަގަކޮށްލެވޭ ނަންތަކެވެ.
"ނޫމާނަކީ ވެސް ތިން ވަނަ ޑިވިޝަނުން އަޅުގަނޑަށް ފެނުނު ކުޅުންތެރިއެއް. އާއްކޮ އަކީ ވެސް އެގޮތަށް ފެނުނު ކުޅުންތެރިއެއް. އަޅުގަނޑުމެން އެކިތަންތަނަށް ހިނގައިގެން ހުނަރުވެރި ކުޅުންތެރިން ހޯދީ. އެއަށް ފަހު އެ ކުޅުންތެރިންގެ ހިތުގައި ކްލަބަށް ލޯބި އުފެއްދީ،" މުފާ ބުންޏެވެ.
ފޮތްހިފައިގެން އެކި މީސްމީހުން ކައިރި އަށް ގޮސް އާދޭސްކޮށްގެން، ސާޅީހަކަށް ހާސް ރުފިޔާގެ ބަޖެޓެއް ހަދައިގެން ޓީމު ހެދި ދުވަސް މާޒީވެއްޖެ އެވެ. މިއަދު އީގަލްސް ފަދަ ކްލަބްތަކުގެ ހިންގުން ވަރަށް ބޮޑަށް ހަރުދަނާވެއްޖެ އެވެ. މުފާ ބުނީ އަލަށް އަންނަ ޓީމުތަކުން ފުރަތަމަ ވެސް ބޮންތީގައި ހިފަން އުޅުމަކީ ގޯހެއް ކަމަށެވެ. މަޑުމަޑުން ޒުވާން ކުޅުންތެރިންނާ އެކު ފަށައި ތަޖުރިބާކާރު ބައެއް ކުޅުންތެރިން ގެނެސް އަހަރަށް ވުރެ އަހަރެއް ޓީމު ވަރުގަދަކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑުމެން ވެސް 2013 ވަނަ އަހަރު އެގޮތަށް ފެށި ޕްރޮޖެކްޓެއް މިއީ. އެންމެ ފުރަތަމަ ސާންތީ ގެނައުމުން މީހުން ފާޑުކީ. އެކަމަކު މިއަދު މިއޮތީ އެއީ ރަނގަޅު ނިންމުމެއްކަން ސާބިތުވެފައި. މި މަސައްކަތުގެ އެންމެ ބޮޑު ޝުކުރެއް ހައްގުވަނީ ސާންތީ އަށް. ކުޅުންތެރިން ތަމްރީންކޮށް، ކުޅުންތެރިންގެ ހުނަރު ނެރެދީ ޓީމެއް ބިނާކޮށް ތަށްޓަކާ ހަމަޔަށް ގެނެސްދިނީ ސާންތީ،" މުފާ ބުންޏެވެ. "ސާންތީއާ އެކު ނިމާ (އަހުމަދު ނިމާ) އާއި ޝާކިއްޓޭ (އަހުމަދު ޝާކިރު) ވެސް ވަނީ ބުރަ މަސައްކަތްތަކެއް ކޮށްދީފައި."
އީގަލްސްގެ ކުޅުންތެރިން ކޯޗު ސާންތީ އުފުލާލައިގެން. --ފޮޓޯ: ނިޝާން އަލީ/ މިހާރު
އީގަލްސް އިން 2017 ވަނަ އަހަރު ތަށްޓެއް ހޯދުމަށް ކަނޑައެޅި އަމާޒަށް ވާސިލްމިވީ އޭގެ އެއް އަހަރު ކުރިންނެވެ. ޓީސީ ސްޕޯޓްސް ކްލަބް 1-0 އިން ބަލިކޮށް އެ މުބާރާތް ކާމިޔާބުކުރިއިރު އެންމެ މުހިއްމު ދައުރެއް އަދާކުރީ ވެސް އެއްކަލަ ޒުވާން ކުޅުންތެރިންނެވެ. އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެއީ އެވެ. ތައުފީގާއި އޭނާގެ އެކުވެރިން ހިއްކިތަނުގައި ތިބެ މަޖަލަށް ޓީމު ލިސްޓުގައި ޖެހި ނަމެއް މިއަދު މިވަނީ ފުޓްބޯޅައިގެ ބޮޑު ނަމަކަށްވެފަ އެވެ. އީގަލްސްއާ އެކު އެ ދުވަސްވަރު ފަށައިގަތް ގިނަ ކްލަބްތަކެއް މިހާރު ވަނީ ގެއްލިފަ އެވެ. ތައުފީގު ވިދާޅުވާ ގޮތުގައި އެންމެ ބޮޑު އުފަލަކީ، ބޮޑު ހަރަދުތަކެެއް ނުކޮށް އެންމެން އެކުވެރިކަމާ އެކު އެކައްޗެއް ކިޔައިގެން ކްލަބް މިހިސާބަށް ގެނައުން ކަމަށެވެ.
"މިއީ އެތައް ބަޔެއްގެ ގުރުބާނީ. ކޮންމެ ކަމެއްގައި ވެސް ކޮންމެވެސް އެކަކު އިސް މީހަކަށް ހުންނާނީ. އެގޮތުން އަޅުގަނޑު ލީޑު ކުރި ނަމަވެސް އަޅުގަނޑަށް ވުރެ މާ ގިނަ ގުރުބާނީތައް ވީ ބޭފުޅުން ވެސް އެބަތިބި. އެ އެންމެންނަށް އަޅުގަނޑު ޝުކުރުއަދާކުރަން،" ތައުފީގް ވިދާޅުވި އެވެ.
ހަސަން އަލީ އާއި ސަރަނގު އާދަމްމަނިކާއި މިހާރުގެ ޗެއާމަން އަހުމަދު ޝިޔާމް ފަދަ ބޭފުޅުން އެކި ދުވަސްވަރު އެހީނުވި ނަމަ މިއަދު އީގަލްސް އެގޮތުގައި ނޯންނާނެ ކަމަށް އޭނާ ދެކިވަޑައިގަންނަވަ އެވެ. ހާއްސަ ގޮތެއްގައި މުފާގެ ނަން އޭނާ ފާހަގަކުރެއްވި އެވެ.
"އާދަމްމަނިކު ކްލަބް ދޫކޮށްލެއްވި ހިސާބުން ވެސް މުފާ ތަންތަނަށް ހިނގައިގެން މިކަމަށް ހުސްވެ ހުރެ ސްޕޮންސާ ހޯދީ. މުފާ އަކީ ކްލަބަށްޓަކައި ވަރަށް ބޮޑަށް މަސައްކަތްކޮށްދެއްވާ ފަރާތެއް. މިހާރުގެ ޗެއާމަން ޝިޔާމަކީ ވެސް ވަރަށް ރަނގަޅު ބޭފުޅެއް. ޓީމަށްޓަކައި ވަރަށް ބޮޑަށް މަސައްކަތްކޮށްދެއްވާ،" ތައުފީގު ވިދާޅުވި އެވެ.
އީގަލްސްގެ ކެޕްޓަން އިމްރާން ނަޝީދު އެ ކްލަބުގެ އެކަޑަމީ ކުޅުންތެރިންނާ އެކު ކާމިޔާބީގެ އުފާފާޅުކުރަނީ.
އީގަލްސްގެ މިހާރުގެ އަމާޒަކީ އެންމެ އުނދަގޫ އެއް މަސައްކަތް ކަމަށްވާ ކާމިޔާބީ ދެމެހެއްޓުމުގެ މަސައްކަތް ރަނގަޅު ގޮތުގައި ކުރުމެވެ. ހަމައެއާކު ފަޅުވެފައިވާ ގަލޮޅު ދަނޑަށް ސަޕޯޓަރުން ވެއްދުމުގައި އެ ކްލަބުން މުހިއްމު ދައުރެއް ކުޅެން ވެސް ބޭނުންވެ އެވެ. ގައުމީ މުބާރާތުގެ ފައިނަލް މެޗުން އެކަމަށް އުއްމީދެއް ލިބުނެވެ.
"އަޅުގަނޑުމެން ފައިނަލް ކުޅުނުއިރު ހިސާބުގަނޑުގެ އެންމެން، އަންހެންވެރިންނާއި ދުވަސްވީ މީހުން އައިސް ދަނޑު ފުރާލި. އެހެންކަމުން ދަނޑަށް އަލުން މީހުން ވެއްދުމުގައި އީގަލްސް އަށް ދައުރެއް އަދާކުރެވިދާނެ ކަމަށް ގަބޫލުކުރޭ. އަޅުގަނޑުމެން ކުރިއަށް އޮތްތަނުގައި މަސައްކަތްކުރާނަން އަޅުގަނޑުމެންގެ ސަޕޯޓަރުން އިތުރުކޮށް މީހުން މޯޓިވޭޓްކޮށް ދަނޑަށް ވެއްދޭތޯ. އަޅުގަނޑުމެންނަށް ވެސް މިކަމުގައި ދައުރެއް ކުޅެވިދާނެކަމަށް ގަބޫލުކުރެވޭ،" ތައުފީގް ވިދާޅުވި އެވެ.
ސާންތީ ބަލިވެ އުޅޭތީ އީގަލްސްގެ ކޯޗުކަށް މޯހަން
ޓީމެއް ބިނާކޮށްގެން ތަށި ލިބިއްޖެ ނަމަ އުފާ ޑަބަލްވޭ
އީގަލްސް އިން އިއްބެ ރިލީޒްކޮށްފި، އަގަކީ އެއް ލައްކަ
އީގަލްސް އިން އަގުކުޑަކުރުމުން ނިޝާމް އޭދަފުށްޓަށް
މުސާރަ ނުދެވޭއިރު ކުޅުންތެރިން ދޫކުރަން ޖެހޭ: ނިމާ
ގޯލްޑް ކަޕަކީ ފައިދާ ހުރި މުބާރާތެއް ނޫން: އީގަލްސް
އެވޯޑް ހޯދި ރިޒޭއަށް އަމިއްލަ ރަށުން ހޫނު މަރުހަބާއެއް
އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔަކީ ރިޒޭ
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
މާލީ ތަފުސީލު ހޯދަން ކޮމިޝަނަރު އެނގުމުން ނުރުހުން