Roadha Mihaaru
ޓީމެއް ބިނާކޮށްގެން ތަށި ލިބިއްޖެ ނަމަ އުފާ ޑަބަލްވޭ

ޓީމެއް ބިނާކޮށްގެން ތަށި ލިބިއްޖެ ނަމަ އުފާވެރިކަން ދެގުނަ ވާނެ: ސާންތީ

29 ނޮވެމްބަރ 2016

ޒުވާން ކުޅުންތެރިން ގޮވައިގެން ނުކުމެ ޓީމެއް ބިނާކޮށްގެން އެ ޓީމަކަށް ތަށްޓެއް ހޯދައިދެވުމަކީ ކޯޗަކަށް ލިބޭ އުފާ ދެގުނަ ވާކަމެއް ކަމަށް ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުންނަ ކްލަބް އީގަލްސްގެ ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ޒުވާން ކުޅުންތެރިން ގޮވައިގެން ނުކުމެ ޓީމެއް ބިނާކޮށްގެން އެ ޓީމަކަށް ތަށްޓެއް ހޯދައިދެވުމަކީ ކޯޗަކަށް ލިބޭ އުފާ ދެގުނަ ވާކަމެއް ކަމަށް ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުންނަ ކްލަބް އީގަލްސްގެ ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) ބުނެފި އެވެ.

ސާންތީ ވަނީ މިދިޔަ އަހަރުތަކުގައި އާ ކުޅުންތެރިންތަކެއް ގެނެސް އީގަލްސްގައި ވަރުގަދަ ޓީމެއް ބިނާކޮށްފަ އެވެ. އެ ކުޅުންތެރިންނާ އެކު 2014 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުގައި ކުޅުނު ނަމަވެސް ނިއު ރޭޑިއަންޓް އަތުން ބަލިވީ އެވެ. އޭނާ ބުނީ ވަރުގަދަ ޓީމަކާ ހަވާލުވެ ތަށި ހޯދުމަށް ވުރެ މިގޮތަށް ތަށި ލިބިއްޖެ ނަމަ މާ އުފާވާޏެ ކަމަށެވެ.

"ފުޓްބޯޅައިގެ އެންމެ އުނދަގޫ ކަންތައް އަޅުގަނޑުމެން މި ކުރަނީ. އެއީ ކުދި ޓީމުތައް ބިނާކުރުން. މިގޮތަށް އާ ކުޅުންތެރިން ގެނެސް ޓީމެއް ބިނާކޮށްގެން ތަށްޓެއް ނެގިއްޖެއްޔާ އެއީ ލިބޭ ވަރަށް ބޮޑު އުފަލެއް. ހަގީގަތުގައި އުފާވެރިކަން ޑަބަލްވޭ. މޮޅު ކުޅުންތެރިންތަކެއް ތިބި ޓީމަކާ ހަވާލުވެގެން ތަށްޓެއް ހޯދުމަށް ވުރެ މާއުފާވާނެ މިގޮތަށް ޓީމެއް ބިނާކޮށްގެން ކާމިޔާބު ލިބިއްޖެއްޔާ،" ސާންތީ ބުންޏެވެ.

ސާންތީ ބުނީ ޕްރެޒިޑެންޓްސް ކަޕުގައި މިހާތަނަށް އީގަލްސްގެ ފޯމް ރަނގަޅު ކަމަށާއި އެކަމަކު މުޅި ސީޒަނަށް ބަލާއިރު ހުރިހާ ގޮތަކުން ވެސް ކުރީގައި އޮތީ ޓީސީ ކަމަށެވެ. ސާންތީ ބުނީ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މާޒިޔާ ހޯދި ނަމަވެސް ޖުމްލަކޮށް ހުރިހާ މުބާރާތަކަށް ބަލާއިރު އެންމެ މޮޅު ޓީމަކީ ޓީސީ ކަމަށް ގަބޫލުކުރާ ކަމަށެވެ.

"އަޅުގަނޑުމެން ފައިނަލަށް ނުކުންނާނީ ޓީސީ ވަރުގަދަ ކަމަށް ބަލައިގެން. އެކަމަކު ޖުމްލަކޮށް ބަލާއިރު ފައިނަލް މެޗުގައި އޮންނާނީ އެއްވަރެއްގެ ފުރުސަތެއް. ލިބޭ ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފާ ޓީމަކަށް ފުރުސަތު ބޮޑީ. އެޓޭކަށް ބަލާއިރު ޓީސީ ވަރަށް މޮޅު. އެ ޓީމު ސެންޓޭ (އަލީ ފާސިރު) ހުއްޓުވިއްޖެއްޔާ އެއީ ލިބޭ ކުރިއެރުމެއްް،" ސާންތީ ބުންޏެވެ.

އީގަލްސް އިން ސީޒަން ރަނގަޅަށް ފެށި ނަމަވެސް ލީގުގެ ވަކި ހިސާބަކުން މައްސަލަތަކެއް ދިމާވި އެވެ. ސާންތީ ބުނީ އެންމެ ބޮޑު މައްސަލައަކީ އިތުބާރު ޑިފެންޑަރު އަހުމަދު ނޫމާން (ހެލްމެޓް) އަށް އަނިޔާވެ މިޑްފީލްޑަރު އަހުމަދު ޒާދު ފަހަތަށް ޖައްސައިގެން ކުޅެން ޖެހުން ކަމަށެވެ.

"މުޅި ސެޓަޕް ބަދަލުކުރަން ޖެހުނީ. އެކަމަކު މިހާރު ހަމަޔަކަށް އެޅިއްޖެ. ޕްރެޒިޑެންޓްސް ކަޕުގައި ތަފާތު ފެންނަނީ އެހެންވެ. ދެ ފޯވާޑުން ރިސްޓޭ ނައުމޯފާއި މުސްތަފާ ސެޑިކް ވެސް ތިބީ ފޯމުގައި. މުއްކި ނެތުމަކީ މައްސަލައެއް އެކަަމަކު ފަހު ހާފުގައި އަރައި ހަންނަ މުޅި ގޭމް ބަދަލުކޮށްލާ،" ސާންތީ ބުންޏެވެ.

ސާންތީ ބުނީ މިފަދަ މުބާރާތްތަކުގައި ތާރީހަކީ ވެސް މުހިއްމު އެއްޗެއް ކަމަށާއި އެގޮތުން ބަލާއިރު އީގަލްސް މީގެ ކުރިން ގައުމީ ފައިނަލުގައި ކުޅެފައިވުމަކީ ހިތްހަމަޖެހުމެއް ކަމަށެވެ. އަދި ޒުވާން ކުޅުންތެރިން ވެސް ޔޫތު ޗެމްޕިއަންޝިޕުގެ ފައިނަލުގައި ކުޅެފައި ތަށި ނަގާފައިިވާތީ ފައިނަލަށް އާ ނުވާނެ ކަމަށް އޭނާ ބުންޏެވެ.

"ޓީސީގައި ވެސް އެބަތިބި ކުރިން ފައިނަލްތަކުގައި ކުޅެ ކާމިޔާބު ހޯދާފައިވާ ކުޅުންތެރިން. ސެންޓޭ އާއި ބޮންޑާ ފަދަ ކުޅުންތެރިންނަކީ ފައިނަލްތަކުގެ ތަޖުރިބާ ހުރި ކުޅުންތެރިން. ދެ ޓީމަށް ވެސް އެ އެޑްވާންޓޭޖް އެބައޮތް. އަނެއްކާ ދެ ޓީމަށް ވެސް މިއީ ލިބޭނެ ފުރަތަމަ ތަށި މޮޅުވެއްޖެއްޔާ. އެހެންވެ ޕްރެޝަރެއް ނޯންނާނެ ދެ ޓީމަށް ވެސް،" ސާންތީ ބުންޏެވެ.