15 ނޮވެމްބަރ 2016
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް ޕްރެޒިޑެންޓްސް ކަޕުގެ ގްރޫޕް އޭ ގެ ފުރަތަމަ މެޗު ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލުގެ ފުރުސަތު ކްލަބް އީގަލްސް މިއަދު ބޮޑުކޮށްފި އެވެ.
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް ޕްރެޒިޑެންޓްސް ކަޕުގެ ގްރޫޕް އޭ ގެ ފުރަތަމަ މެޗު ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލުގެ ފުރުސަތު ކްލަބް އީގަލްސް މިއަދު ބޮޑުކޮށްފި އެވެ.
މި ދެ ޓީމުގެ އިތުރުން މި ގްރޫޕުގައި ޓީސީ ސްޕޯޓްސް ކްލަބް ހިމެނޭއިރު ސެމީ ފައިނަލަށް ހޮވޭނީ ލީގު އުސޫލުން އެއް ބުރު ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.
ގައުމީ މުބާރާތް 13 ފަހަރު ކާމިޔާބުކޮށްފައިވާ ނިއު އިން މިއަދުގެ މެޗުގައި ރަނގަޅަށް ކުޅެ ގޯލް ޖަހާނެ ގިނަ ފުރުސަތުތައް ތަނަވަސްކުރި ނަމަވެސް ބޭނުމެއް ނުކުރެވުނެވެ.
ބޯވާރޭގެ ތެރޭގައި ކުޅުނު މި މެޗުގައި އީގަލްސް އަށް ލީޑު ލިބުނީ 14 ވަނަ މިނެޓުގައި ނިއުގެ އަލީ ސާމިއު އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. އޭގެ ފަހުން އީގަލްސްގެ ރިސްޓޭ ނައުމޯފް ނިއުގެ ގޯލަށް ފޮނުވާލި ނުރައްކާތެރި ހަމަލައެއް ނިއުގެ ގޯލްކީޕަރު ޖޮންކުޗީ ވަނީ މަތަކޮށްފަ އެވެ.
ފުރަތަމަ ހާފުގައި ނިއު އަށް ވަނީ ގޯލް ޖަހާނެ ރަނުގެ ގިނަ ފުރުސަތުތަކެއް ލިބިފަ އެވެ. އެގޮތުން 31 ވަނަ މިނެޓުގައި އެ ޓީމުގެ އަހުމަދު ނުހާދު ނެގި ހުރަހެއް އޭރިއާ ތެރެއިން އިއްޒަތު އަބްދުލްބާރީ ބޮލުން ޖެހުމުން ދިޔައީ ގޯލާ އަމާޒުނުވެ ބޭރުންނެވެ. އޭގެ ފަސް މިނެޓު ފަހުން އިއްޒަތަށް ވަނީ ރަނުގެ ފުރުސަތެއް ލިބިފަ އެވެ. އީގަލްސްގެ ޑިފެންޑަރެއްގެ ފައިދަށުން ދިޔަ ބޯޅައެއް ގޯލް ކުރިމަތީ ހުހަށް ހުރި އިއްޒަތަށް ލިބުނު ނަމަވެސް ލަސްކުރުމުގެ ނަތީޖާއަކަށްވީ އީގަލްސްގެ ގޯލްކީޕަރު ސުޖަން ޕެރޭރާ އެ ބޯޅަ ސަލާމަތްކުރުމެވެ.
އީގަލްސްގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
މެޗުގެ 39 ވަނަ މިނެޓުގައި ނިއުގެ ހަމްޒާ މުހައްމަދު (ހަމްޕު) އަށް ވެސް ހުސް ފުރުސަތެއް ލިބުނެވެ. އެކަމަކު އޭރިއާ ތެރެެއިން އޭނާ ފޮނުވާލިި ބާރު ޝޮޓް އީގަލްސްގެ މުހައްމަދު ސެޑިކް ވަނީ ބްލޮކްކޮށްފަ އެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ނިއުގެ އަހުމަދު ސުހެއިލް (ބަމްޕުޗް) ވެސް ވަނީ ހުސް ފުުރުސަތެއް ބޭކާރުކޮށްލައިފަ އެވެ. ހަމްޕު ދިން ބޯޅަ ގޯލް ކުރިމަތީ އެކަނިމާއެކަނި ހުރި ބަމްޕުޗް ޖެހުމުން ދިޔައީ ގޯލާ ދުރުންނެވެ.
ދެ ވަނަ ހާފު ފަށައިގެން 56 ވަނަ މިނެޓުގައި އީގަލްސްގެ އަހުމަދު ރިޒްވާން (ރިޒޭ) އޭރިއާ ބޭރުން ފޮނުވާލި ބާރު ބޯޅަ ނިއުގެ ކީޕަރު މަތަކުރި އެވެ. އީގަލްސް އަށް ތަފާތު ބޮޑުކޮށްދިނީ 64 ވަނަ މިނެޓުގައި އިބްރާހިމް މުބީން (މުއްކި) އެވެ. އޭނާ އޭރިއާ ތެރެއިން މަޑުމަޑުން ފޮނުވާލި ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފަ އެވެ. އެ ޓީމުގެ ތިން ވަނަ ލަނޑު 74 ވަނަ މިނެޓުގައި ޖެހީ ރިސްޓޭ އެވެ. އަރިމަތިން ނެގި ހުރަހަކުން ރިސްޓޭ އަށް ލިބުނު ބޯޅަ އޭނާ ޖެހުމުން ބޮނޑިވެފައި ތިބި ކުޅުންތެރިންތަކުގެ ތެރެއިން ގޮސް ވަނީ ގޯލުގެ ތިރީ ކަނަށެވެ.
ނިއު އަށް ތަފާތުކުޑަން އެންމެ ހުސް ފުރުސަތެއް ލިބުނީ ކެޕްޓަން އަހުމަދު ނިޔާޒަށެވެ. ކައުންޓާ އެޓޭކެއްގައި ނިއު އިން އުފެއްދި ހަމަލާގައި އޭރިއާ ބޭރުން އޭނާ ފޮނުވާލި ބާރު ބޯޅަ ދިޔައީ ގޯލް ހުރަސް ދަނޑި މަތިންނެވެ.
ޕްރެޒިޑެންޓްސް ކަޕުގެ ގްރޫޕް ބީ ގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަނާއި މިނިވަން 50 ޗެމްޕިއަންޝިޕުގެ ޗެމްޕިއަން ސ. ފޭދޫ އެވެ.
އަލްވެސް އާއި މެސީގެ ފަހަތުގައި އިމްރާން!
މިއީ ދިވެހި ފުޓްބޯޅައިގެ މުސްތަގުބަލް ފެންނާނެ މެޗެއް
ޓީމެއް ބިނާކޮށްގެން ތަށި ލިބިއްޖެ ނަމަ އުފާ ޑަބަލްވޭ
ނިއު ބަލިކޮށް އީގަލްސް އިން މާޒިޔާއާ ޕޮއިންޓަކާ ގާތަށް
އީގަލްސް އިން އިއްބެ ރިލީޒްކޮށްފި، އަގަކީ އެއް ލައްކަ
އީގަލްސް އިން އަގުކުޑަކުރުމުން ނިޝާމް އޭދަފުށްޓަށް
ނިއުއަށް އެޅި ފިޔަވަޅު ރާއްޖޭގެ އިދާރާތަކާ ހިއްސާކޮށްފި
މުސާރަ ނުދެވޭއިރު ކުޅުންތެރިން ދޫކުރަން ޖެހޭ: ނިމާ
ގޯލްޑް ކަޕަކީ ފައިދާ ހުރި މުބާރާތެއް ނޫން: އީގަލްސް
ނިއު ރޭޑިއަންޓްގެ ޗެއާމަނަކަށް މުބީން އިންތިހާބު ކޮށްފި