Roadha Mihaaru
ރެއާލަށް މިސީޒަންގައި ރަނގަޅަކަށް ނުކުޅެވޭ: އަންޗެލޮޓީ

ރެއާލަށް މި ސީޒަންގައި ރަނގަޅަކަށް ނުކުޅެވޭ: އަންޗެލޮޓީ

26 ސެޕްޓެމްބަރ 2021

މެޑްރިޑް (ސެޕްޓެމްބަރު 26) - މި ސީޒަންގައި ރެއާލް މެޑްރިޑަށް އަދި އެންމެ ރަނގަޅަށް ނުކުޅެވޭ ކަމަށް އެ ޓީމުގެ ކޯޗް ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މެޑްރިޑް (ސެޕްޓެމްބަރު 26) - މި ސީޒަންގައި ރެއާލް މެޑްރިޑަށް އަދި އެންމެ ރަނގަޅަށް ނުކުޅެވޭ ކަމަށް އެ ޓީމުގެ ކޯޗް ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

ތާވަލުގެ އެއްވަނައިގައި ލީޑު ފުޅާކުރަން ރެއާލަށް ލިބުނު ފުރުސަތު ގެއްލުނީ ވިޔަރެއާލްއާ ދެކޮޅަށް ރޭ ކުޅުނު މެޗު އެއްވަރުވުމުންނެވެ. އުނައި އެމެރީ ކޯޗުކަމުގައި ވިޔަރެއާލް ފެންނަނީ ޑިފެންސިވްލީ ވަރުގަދަ ޓީމެއްގެ ގޮތުގަ އެވެ.

"އެއީ އަހަރެމެންގެ އެންމެ ރަނގަޅު މެޗެއް ނޫން. މި ސީޒަންގައި އަދި އަހަރެމެންނަށް އެންމެ ރަނގަޅަކަށް ނުކުޅެވޭ،" މެޗަށް ފަހު އަންޗެލޮތީ ބުންޏެވެ. "ވިޔަރެއާލުން އަހަރެމެންގެ ކީޕަރު ވަރަށް ބޮޑަށް ބިޒީ ކޮށްލައިފި. މެޗު ވީ އަހަރެމެންނަށް އުނދަގޫ މެޗަކަށް. އިތުރަށް ވަރަށް ގިނަ ކަންކަން ރަނގަޅު ކުރަން ޖެހޭ."

ރޭގެ މެޗުގައި ރެއާލްގެ މިޑްފީލްޑުން ފުރުސަތު ދިނީ ލުކަ މޮޑްރޮޗް، ކާލޯސް ކަސެމީރޯ އަދި މާކޯ އެސެންސިއޯ އަށެވެ. އާންމުކޮށް މިޑްފީލްޑަށް ކުޅޭ ފެޑްރީކޯ ވަލްވާޑޭ އަށް ފުރުސަތު ދިނީ ޓީމު ވާތު ބެކުންނެވެ. އަންޗެލޮޓީ ބުނީ ވަލްވާޑޭ އަކީ ކޮންމެ މަގާމަކަށް ވެސް މޮޅަށް ކުޅެވޭ ކުޅުންތެރިއެއް ކަމަށެވެ.

"އެސެންސިއޯ މިޑްފީލްޑަށް ލީ އެޓޭކަށް ދާއިރު އެޓޭކުގައި ކުޅުންތެރިން ގިނަ ކުރުމަށްޓަކައި. އެގޮތަށް އަހަރެން ވިސްނީ،" އަންޗެލޮޓީ ބުންޏެވެ. "ފުރުސަތުތަކެއް ވެސް ލިބުނު."

ރެއާލް. އެއް ވަނައިގައި އޮތީ 17 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ ސެވިއްޔާ އެވެ. އެ ޓީމަށް ލިބިފައި ވަނީ 14 ޕޮއިންޓެވެ. ކުރިން ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް އިއްޔެ ޑިޕޯޓިވޯ އަލަވޭޒްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ 1-0 އިންނެވެ.