Roadha Mihaaru
އަކްރަމް ބަލިކޮށް މާލޭގެ އެމްޑީޕީގެ ރައީސްކަން ޝިފާއަށް

އަކްރަމް ބަލިކޮށް މާލޭގެ އެމްޑީޕީގެ ރައީސްކަން ޝިފާއަށް

25 ސެޕްޓެމްބަރ 2021

މިއަދު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި، މާލެ ދާއިރާގެ ރައީސްކަމަށް ކުރިމަތިލެއްވި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ބަލިކޮށް، އެ ގޮނޑި މާލޭގެ ކުރީގެ މޭޔަރު ސިފާ މުހައްމަދު ކާމިޔާބު ކުރައްވައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މިއަދު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި، މާލެ ދާއިރާގެ ރައީސްކަމަށް ކުރިމަތިލެއްވި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ބަލިކޮށް، އެ ގޮނޑި މާލޭގެ ކުރީގެ މޭޔަރު ސިފާ މުހައްމަދު ކާމިޔާބު ކުރައްވައިފި އެވެ.

މާލެ ދާއިރާގެ ރައީސްކަމުގެ މަގާމު މިހާރު ވެސް ފުރުއްވާ އަކްރަމްގެ މައްޗަށް ސިފާ ކާމިޔާބު ހޯއްދެވިއިރު، އަކްރަމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަންގެ އިސްބޭފުޅެކެވެ. ސިފާއަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ ބޭފުޅެކެވެ. ސިފާ އަށް މި އިންތިހާބުގައި ކާމިޔާބު ހޯއްދަވައި ދެއްވުމަށް ނަޝީދުގެ އިތުރުން އެ މަނިކުފާނުގެ އާއިލާގެ ބޭފުޅުން ވެސް ގެންދެވީ އަމަލީ ގޮތުން މަސައްކަތް ކުރައްވަމުންނެވެ.

ޕާޓީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެމެދު ހިޔާލު ތަފާތުވުން ބޮޑުވެ، ޕާޓީގެ ތެރޭގައި ދެ ބޭފުޅުންނަށް ތާއީދުކުރައްވާ ފެކްޝަން އުފެދިފައިވާއިރު، ގައުމީ މަޖިލީހުގެ ކެމްޕޭންގެ ވާދަވެރިކަން އެންމެ ބޮޑުވެފައި ވަނީ ވެސް ސިފާ އާއި އަކްރަމްގެ ދާއިރާގަ އެވެ.

އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ނަޝީދު ހުންނެވީ ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ ކެންޑިޑޭޓުންނާ އެކުގަ އެވެ. ރައީސަށް ތާއީދު ކުރާ މީހުން ޖުމުލަ ގޮތެއްގައި އެކަމާ ދެކޮޅެވެ.

އެކި ދާއިރާތަކަށް 455 މީހުން ހޮވަންޖެހޭ މި އިންތިހާބުގައި، 165 މީހުން ވަނީ ވާދަވެރިއަކު ނެތުމުން އިންތިހާބަކާ ނުލައި ހޮވިފަ އެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 93،000 އަށް ވުރެ ގިނަ މެންބަރުން ތިބި ކަމަށް އެމްޑީޕީން ބުނެފައި ވެ އެވެ. އަދި އެކި ދާއިރާތަކަށް 733 ކެނޑިޑޭޓުން ވާދަކުރި އެވެ.