Roadha Mihaaru
ކެމްޕެއިންގައި އަޅުގަނޑު ހުރީ އެކަހެރިކޮށްފައި:އަކްރަމް

ކެމްޕެއިން ކުރިއަށް ގެންދިޔައީ އަޅުގަނޑު އެކަހެރި ކޮށްފައި: އަކްރަމް

24 އެޕްރީލް 2021

މި މަހުގެ 10 ގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭ ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު ފުރަތަމަ ފަހަރަށް އެމްޑީޕީ އަށް ގެއްލިފައިވާއިރު، އެ ކެމްޕެއިން ކުރިއަށް ގެންދިޔައީ އޭނާ އެކަހެރި ކުރުމަށް ފަހު ކަމަށް އެ ޕާޓީގެ މާލެ ދާއިރާގެ ރައީސް އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެ އެވެ.

މި މަހުގެ 10 ގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭ ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު ފުރަތަމަ ފަހަރަށް އެމްޑީޕީ އަށް ގެއްލިފައިވާއިރު، އެ ކެމްޕެއިން ކުރިއަށް ގެންދިޔައީ އޭނާ އެކަހެރި ކުރުމަށް ފަހު ކަމަށް އެ ޕާޓީގެ މާލެ ދާއިރާގެ ރައީސް އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެ އެވެ.

އެ އިންތިހާބުގައި އެމްޑީޕީ އަށް މާލެ އިން ލިބުނު ބޮޑު ނާކާމިޔާބީގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނީ އަކްރަމް ކަމަށް އެ ޕާޓީގެ ބައެއް މެމްބަރުން ގެންދަނީ ބުނަމުންނެވެ. އޭގެ ތެރޭގައި، އަންނަ މަހު އޮންނަ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މާލެ ދާއިރާގެ ރައީސް ކަމަށް އަކްރަމްއާ ވާދަކުރައްވާ މިހާރުގެ މޭޔަރު ޝިފާ މުހައްމަދު ވެސް ހިމެނިވަޑައިގަންނަވަ އެވެ.

އޭނާ ވިދާޅުވެފައި ވަނީ އެއީ އަކްރަމްގެ ފެއިލިއާއެއް ކަމަށެވެ.

މިކަމާ ގުޅިގެން، އަކްރަމް "މިހާރު" އަށް ވިދާޅުވީ، ޝިފާ އަށް ރައްދު ދެއްވަން ބޭނުން ނުވާ ކަމަށެވެ.

"ޝިފާ އަކީ ޓައިޕްރައިޓަރެއް ފަދަ ބޭފުޅެއް. އެފަދަ ބޭފުޅަކަށް ރައްދު ދިނުމަކީ ބޭކާރު ކަމަކަށް ވާނީ،" އޭނާ ވިދާޅުވި އެވެ.

އަކްރަމް ވިދާޅުޥި، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކުރިން އެހީތެރިވާން އޭނާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ދެންނެވި ކަމަށެވެ.

"އަޅުގަނޑާ ދިމާލަށް [ނަޝީދު] ވިދާޅުވީ ކަލޭ މިކަމާ ނޫޅޭށޭ. ތިމަންނަ މިކަން ކުރިއަށް ގެންދާނަމޭ. އެހެން ވިދާޅުވެ، އަޅުގަނޑު ދުރުކޮށްފައި އެ ކެމްޕެއިން ރައީސް ނަޝީދު ކުރިއަށް ގެންދިޔައީ،" ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ވިދާޅުވި އެވެ.

"ހަނގު ބޭކަލުންނާއި އަރިސް ބޭފުޅުން ގޮވައިގެން ނުކުމެވަޑައިގެން ޗޮކުން ނޫންތޯ އެންމެ ފަހުން އެ ދިޔައީ. އެއީ ސީދާ ރައީސް ނަޝީދާއި އެމްޑީޕީގެ ޗެއާޕާސަނާއި ޕާޓީގެ ނައިބު ރައީސްގެ ފެއިލްވުމެއް. ޕާޓީ ހިންގަވަން ތިއްބެވި ބޭފުޅުންގެ ފެއިލްވުމެއް މިއީ. އެ ބޭފުޅުން ޒިންމާ ނަންގަވަން ޖެހޭނީ."

އަކްރަމް ވިދާޅުވިގޮތުގައި، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީގެ ކެމްޕެއިން ކުރިއަށް ގެންދިޔައީ ވަރަށް ފަރުވާކުޑަ ގޮތަކަށެވެ. ޕާޓީގެ ސަޕޯޓަރުންނާއި ޖުމުލަކޮށް މާލޭގެ ރައްޔިތުންނަށް ވެސް މެސެޖުތައް ފޯރުކޮށްނުދެވުނު ކަމަށް ވިދާޅުވި އެވެ.

"ހަނގު ބޭކަލުންނާއި އަރިސް ބޭފުޅުން ގޮވައިގެން ނުކުމެވަޑައިގެން ޗޮކުން ނޫންތޯ އެންމެ ފަހުން އެ ދިޔައީ. އެއީ ސީދާ ރައީސް ނަޝީދާއި އެމްޑީޕީގެ ޗެއާޕާސަނާއި ޕާޓީގެ ނައިބު ރައީސްގެ ފެއިލްވުމެއް.---އަކްރަމް

"މި ކެމްޕެއިންގައި އެންމެ ފަހަރަކު މީހުންނަށް ފޯނުން ގުޅާފައި ވެސް ހުރީ. އެއީ މީގެ ކުރިން އަޅުގަނޑުމެން ކަންތައް ކުރި ގޮތެއް ނޫން. އެއް ފަހަރަށް ވުރެ ގިނައި މީހުންނަށް ގުޅައި، މެސެޖު ފޯރުކޮށްދީފައި މީގެ ކުރިން ވާނެ،" އަކްރަމް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވެފައި ވަނީ ނާކާމިޔާބީގެ ޒިންމާ މުޅި ޕާޓީން ވެސް އުފުލާނެ ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، މާލޭ ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު އެމްޑީޕީ އަަށް ގެއްލުނީ، މާލޭގެ ރައްޔިތުންގެ އުންމީދުރާ ވަރަށް ސަރުކާރުން ކަންކަން ނުކޮށްދެވުމުން ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

މި ފަހަރުގެ އިންތިހާބުގައި މާލޭގެ މޭޔަރުކަމުގެ ގޮނޑި ވެސް ލިބުނީ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީގެ ކެމްޕެއިންގައި އެންމެ އިސްކޮށް ހުންނެވި ތަން މީޑިއާ އަށާއި އާންމުންނަށް ވެސް ބޮޑަށް ފެނިފައި ވަނީ ނަޝީދެވެ. ޚާއްސަކޮށް މާލޭގެ މޭޔަރުކަމަށް އެ ޕާޓީން ނުކުންނެވި އަނަސް އަބްދުއްސައްތާރު ގޮވައިގެން، ކެމްޕެއިނަށް ގޭގެ އަށް ހިންގަވައި އަމަލީ ގޮތުން އުޅުއްވީ ނަޝީދެވެ.