Roadha Mihaaru
ވޯޓާ ކުޅޭ ނަމަ މަޑަކުން ނުތިބޭނަން: އިދިކޮޅު

ވޯޓުގެ ނަތީޖާއާ ކުޅޭ ނަމަ، މަޑަކުން ނުތިބޭނަން: އިދިކޮޅު

13 އެޕްރީލް 2021

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓު އަލުން ގުނައިގެން ވޯޓާ ކުޅެން އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކޮށްފި ނަމަ، މަޑުން ނުތިބޭނެ ކަމުގެ އިންޒާރު އިދިކޮޅު ކޯލިޝަނުން މިއަދު ދީފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓު އަލުން ގުނައިގެން ވޯޓާ ކުޅެން އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކޮށްފި ނަމަ، މަޑުން ނުތިބޭނެ ކަމުގެ އިންޒާރު އިދިކޮޅު ކޯލިޝަނުން މިއަދު ދީފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި މާލޭގެ އިތުރުން ބައެެއް ރަށްރަށުން އިދިކޮޅު ކޯލިޝަނުން ވަނީ ބޮޑު އަޣުލަބިއްޔަތެއް ހޯދައިފަ އެވެ.

އެ އިންތިހާބުގެ ބައެއް ދާއިރާތަކުގެ ވޯޓު ފޮށިތައް އަލުން ގުނަން އިލެކްޝަންސް ކޮމިޝަނުން މިއަދު މަސައްކަތް ކުރުމުން އިންތިޚާބާބެހޭ މައި މަރުކަޒުގައި މިއަދު ވަނީ ހަމަނުޖެހުން ހިންގައިފަ އެވެ.

އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މާލެ އާއި އައްޑޫގެ ބައެއް ދާއިރާތަކުން ވޯޓު ފޮށިތަކުގެ ނަތީޖާގައި މައްސަލަ ހުރި ކަމަށް ބުނެ އެ ފޮށިތައް އަލުން ގުނަން އެމްޑީޕީން މަސައްކަތް ކުރަމުންދާ ކަމަށެވެ. ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އަށް ކާމިޔާބުވި ބައެއް ދާއިރާތަކުގެ ނަތީޖާއާ މެދު ސުވާލު އުފެދޭ ކަންތައްތަކެއް ފެންމަތިވެފައިވާ ކަމަށާއި ރައްޔިތުންގެ ވޯޓާ ކުޅޭތަން ބަލަން އަބަދު ނުތިބޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އިންތިހާބުތަކާ ބެހޭ މައި މަރުކަޒު ކައިރީގައި މިއަދު ހިންގި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ފުލުހުން އާންމުންގެ ތެރެއަަށް ޕެޕާސްޕްރޭ ޖަހަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

އިންތިހާބުތަކާ ބެހޭ މައި މަރުކަޒު ކައިރީގައި މިއަދު ހިންގި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ފުލުހުން އާންމުންގެ ތެރެއަަށް ޕެޕާސްޕްރޭ ޖަހަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

"އެންމެ ވޯޓެއްގެ މައްސަލަ ވެސް އަޅުގަނޑުމެން ދުލެއް ނުކުރާނަން. އިލެކްޝަންސް ކޮމިޝަނާ ހަމައިން ނުނިމެންޏާ ކޯޓަށް ދާނަން. އެ ތަނުގައި މުޒާހަރާ ކުރަން ޖެހިއްޖެއްޔާ މުޒާހަރާ ކުރާނަން. އެތަނުން ނުނިކުމެ ތިބެން ޖެހިއްޖެއްޔާ 24 ގަޑިއިރު ގޮނޑި އަޅައިގެން ވެސް ތިބޭނަން." އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ އިސްވެރިން މިއަދު ވޯޓު ގުނާ މަރުކަޒަށް ދިޔައީ އިލެކްޝަންސް ކޮމިޝަންގެ އެދުމަކަށް ކަމަށާއި އޭގެ ތެރޭގައި ކެންޑިޑޭޓުންނާއިި ކެންޑިޑޭޓުންގެ މަންދޫބުން ވެސް ހިމެނޭ ކަމަށެވެ.

އިންތިހާބުތަކާ ބެހޭ މައި މަރުކަޒު ކައިރީގައި މިއަދު ހިންގި ހަމަނުޖެހުމުގެ ތެރެއިން ފުލުހުން ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު ނަޝީދު ދުރަށް ޖައްސަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

އިންތިހާބުތަކާ ބެހޭ މައި މަރުކަޒު ކައިރީގައި މިއަދު ހިންގި ހަމަނުޖެހުމުގެ ތެރެއިން ފުލުހުން ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު ނަޝީދު ދުރަށް ޖައްސަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

އެތަނުގެ ހަމަޖެހުން ގެއްލުނީ ނަޝީދު ވަޑައިގަތުމުން ކަމަށާއި ރައްޔިތުން އެ ތަނުގައި ތިބީ ކުރީގެ އިންތިޚާބުތަކުގައި އެމްޑީޕީން ވޯޓު "ވައްކަން" ކުރާތީ އެކަންކަން ބެލުމަށް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި އެމްޑީޕީން އުޅެނީ އިންތިޚާބު އަލުން ބޭއްވޭނެ ގޮތެއް ހޯދަން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

"[ނަޝީދު] މަސައްކަތް ކުރެއްވީ ހަމަނުޖެހުމެއް ހިންގަން. ހަމަނުޖެހުމެއް ހިންގައިގެން އެތަނުގެ ތެރެ ގަޑުބަޑު ކޮށްގެން އެތަނުގައި ހުރި ވޯޓު ފޮށިތަކާ އެއްޗެހި ނަގައި އުކާލާ، ދެވަނަ ފަހަރަށް އިންތިޚާބަކަށް ދިއުމަށް މަގުފަހިވާ ގޮތަށް މަސައްކަތް ކުރަން އެމްޑީޕީގެ ރައީސް ބޭނުންވީ. އެ ފުރުސަތު އަޅުގަނޑުމެން ނުދިނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ކައުންސިލް އިންތިޚާބުގައި އެމްޑީޕީން އަބަދުވެސް މެޖޯރިޓީ ހޯދަމުން އައި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ކަމާއި އަޣުލަބިއްޔަތު އެ ޕާޓީއަށް ވަނީ ގެއްލިފަ އެވެ. އަދި އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު ކަމުގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބު ވިޔަސް، އެ ކައުންސިލްގެ ސާފު އަޣުލަބިއްޔަތެއް އެ ޕާޓީއަކަށް ނުލިބުނެވެ.