Roadha Mihaaru
ކައުންސިލަރުން ދެކެ ޝިފާ ހިތްހަމަނުޖެހިފައި!

ކައުންސިލަރުން ދެކެ ޝިފާ ހިތްހަމަނުޖެހިފައި!

27 އޯގަސްޓް 2020

އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މާލޭގެ މޭޔަރުގެ މަގާމުން އޭނާ ދުރުކުރުމުގެ މައްސަލަ ކައުންސިލަށް ހުށަހަޅާފައިވާއިރު އޭގެތެރޭގައި ރައްޔިތުންނަށް ޚިދުމަތް ނުދެވިގެން އެންމެ ކަންބޮޑުވުމެއް ވެސް ނެތް ކަމަށް ވިދާޅުވެ ކައުންސިލަރުންނާ މެދު ހިތްހަމަނުޖެހުންފާޅުކުރައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މާލޭގެ މޭޔަރުގެ މަގާމުން އޭނާ ދުރުކުރުމުގެ މައްސަލަ ކައުންސިލަށް ހުށަހަޅާފައިވާއިރު އޭގެތެރޭގައި ރައްޔިތުންނަށް ޚިދުމަތް ނުދެވިގެން އެންމެ ކަންބޮޑުވުމެއް ވެސް ނެތް ކަމަށް ވިދާޅުވެ ކައުންސިލަރުންނާ މެދު ހިތްހަމަނުޖެހުންފާޅުކުރައްވައިފި އެވެ.

މާލޭގެ ރައްޔިތުންނަށް ޚިދުމަތް ނުދެވޭތީ އާއި ލާމަރުކަޒީ ގާނޫނާ އެއްގޮތަށް ކައުންސިލް ނުހިންގަވާ ކަމުގެ ތުހުމަތާ އެކު ޝިފާގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން އެޖެންޑާކޮށް، އޭނާ އަށް ޖަވާބުދާރީވާން އޮތީ 10 ދުވަހުގެ މުއްދަތެއް ދީފަ އެވެ. އެމްޑީޕީގެ ސާފު އަޣުލަބިއްޔަތު އޮންނަ ކައުންސިލްގެ އަށް ކައުންސިލަރަކު ވަނީ ޝިފާގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ހުށަހެޅި މައްސަލައިގައި ތާއީދުކުރައްވައިފަ އެވެ. ވޯޓު ނަގަން ތާއީދު ނުކުރައްވަނީ ދެ ކައުންސިލަރެކެވެ.

ޝިފާގެ ޓުވީޓް.

މޭޔަރާއި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ކައުންސިލްގެ ޖަލްސާ އަށް ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ފަޒީނެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި އެހެން ކައުންސިލަރުންގެ ތާއީދާ އެކު އޭނާ ހުށަހެޅުއްވީ 39 މައްސަލައެއް ފާހަގަކޮށެވެ. އޭނާގެ ތުހުމަތަކީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މޭޔަރު ބޭނުންވާ ގޮތަށް ކައުންސިލް ހިންގުމެވެ.

މި ވޯޓަށް އިޝާރާތް ކުރައްވައި ޝިފާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކައުންސިލަށް ކުރިމަތިލާން ވާނީ ޚިދުމަތެއް ކޮށްދޭން ކަމަށެވެ. އަމިއްލަ މަންފާ އާއި ފައިދާ ހޯދުމަށް ނޫން ކަމަށެވެ.

"އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައިގެ ތެރޭގައި ރައްޔިތުންނަށް ޚިދުމަތް ނުދެވިގެން ކަންބޮޑުވެގެން އެންމެ ކަމެއް ވެސް ނެތް،" ވޯޓަކީ ޒާތީ ކަމެއް ކަމަށް ސިފަކުރައްވަމުން ޝިފާ ވިދާޅުވި އެވެ.

ޝިފާއާ ދެކޮޅަށް ނުކުތް ކައުންސިލަރުންގެ ތެރޭގައި، އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކޮށް، ދެން އޮންނަ ކައުންސިލް އިންތިޚާބުގައި އެކި ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުން ވެސް ހިމެނެ އެވެ.

ޝިފާގެ އިތުބާރު ނެތް ކަމުގެ ވޯޓާ ގުޅޭ ގޮތުން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ކުރެއްވި ޓުވީޓަކަށް ޝިފާ ޖަވާބު ދެއްވާފައި.

މި ވޯޓާ ގުޅިގެން ޝިފާ "މިހާރު" އަށް ވިދާޅުވެފައިވާ ގޮތުގައި އިތުބާރު ނެތް ކަމަށް ވޯޓު ނަގަން ޖެހޭ ފަދަ އެއްވެސް ކަމެއް އޭނާ ކުރައްވައިފައެއް ނޯންނާނެ އެވެ. ރައްޔިތުންނަށް ޚިދުމަތް ދެއްވަން އޭނާ ކުރައްވާ މަސައްކަތަށް އެކި ގޮތްގޮތުން ހުރަސްއަޅަން އުޅޭ ކަމުގެ ތުހުމަތާ އެކު ވިދާޅުވީ އެކަމުގެ ފަހަތުގައި މާލޭގެ ބިންތަކަށް ވެރިވެގަތުން ހިމެނޭ ކަމަށެވެ. އެކަމަކު އޭގެ ތަފްސީލެއް ނުދެއްވަ އެވެ.

"މާލޭގެ ބިންތަކަށް ގާނޫނާއި ގަވާއިދުތަކާ ޚިލާފަށް ވެރިވެގަންނަން އުޅޭ ބަޔަކު އެބަ އުޅޭ، ތުހުމަތުތަކެއް އެޅުވިޔަސް އަޅުގަނޑު އެ ޖާގައެއް ނުދޭނަން،" ޝިފާ ވިދާޅުވި އެވެ.

އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުއްވި ފަޒީން މީގެ ކުރިން ކުރެއްވި ތުހުމަތުތައް ވެސް ޝިފާ ވަނީ ދޮގުކުރައްވައިފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ، ފަޒީން އުޅުއްވަނީ އޭނާގެ އަގު ވައްޓަން ކަމަށާއި ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.