Roadha Mihaaru
ނަޝީދު، މާލޭ ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފި

ނަޝީދު، މާލޭ ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފި

11 އޮކްޓޯބަރ 2020

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، މާލޭ ސިޓީ ކައުންސިލާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، މާލޭ ސިޓީ ކައުންސިލާ މިއަދު ބައްދަލުކުރައްވައިފި އެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލާ، އެ ޕާޓީގެ ރައީސް ނަޝީދު ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވީ ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތަކާ ގުޅޭ ގޮތުންނެވެ. ކައުންސިލުން މިހާރު ކުރިއަށް ގެންދާ ބައެއް މަސައްކަތްތަކުގެ ތަފްސީލްތައް ބައްލަވާލެއްވި އެވެ.

ނަޝީދު، ކައުންސިލާ ބައްދަލުކުރެއްވިއިރު، އެ ކައުންސިލުން ކުރިއަށް ގެންދާ މާލޭގެ ރައްޔިތުންނާ ގުޅޭ ކަންކަމުގައި، އެމްޑީޕީގެ ފަރާތުން ލަފަ އާއި މަޝްވަރާ ދޭން އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފާއި ނައިބު ރައީސް މުހައްމަދު ޝިފާޒް ހަމަޖައްސަން ކައުންސިލް ބައްދަލުވުމުގައި އެޖެންޑާކުރި އެވެ. އެކަމަކު، އެއީ މިހާރު ވެސް އޮންނަ ފުރުސަތަކަށް ވާތީ، އެކަން އެގޮތަށް ކުރަން ކައުންސިލުން ފާހެއް ނުވި އެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮވެ ކައުންސިލުން ޚިދުމަތް ދޭ ސްޕީޑާ މެދު މާލޭގެ ބައެއް ރައްޔިތުން ޝަކުވާ ކުރެ އެވެ. ބައެއް ކައުންސިލަރުންގެ ވެސް އެ ކަންބޮޑުވުން އޮވެ، މޭޔަރު ޝިފާ މުހައްމަދު މަގާމުން ދުރުކުރުމުގެ މަސައްކަތް ވެސް ކުރި އެވެ. އެކަމަކު އެލްޖީއޭ އިން އެކަން ހުއްޓުވައި، އެ މައްސަލަ ހުށަހެޅި ކައުންސިލަރުގެ މައްސަލަތަކެއް ދަނީ ބަލަމުންނެވެ.

ސިޓީ ކައުންސިލުން ލޮނުޒިޔާރަތްކޮޅުގައި ހަދާ ޕާކާ ގުޅުވައި އެ ކައުންސިލަށް ވަނީ ކޮރަޕްޝަންގެ ތުހުމަތުތަކެއް ވެސް އަމާޒުވެފަ އެވެ. ޕާކު ތެރޭގައި ފާޚާނާ ބަރިއެއް ހެދުމުގެ މަސައްކަތުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހިންގާފައިވާ މައްސަލަ ތަހުގީގުކޮށް އޭސީސީން ވަނީ ޝިފާގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ އުފުލަން ފޮނުވައިފަ އެވެ.

އެކަމަކު އެ ތުހުމަތުތައް ދޮގު ކުރައްވަމުން ޝިފާ ވިދާޅުވެފައި ވަނީ އެކަމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ނެތް ކަން ސާބިތުކޮށްދެއްވޭނެ ކަމަށެވެ.