Roadha Mihaaru
ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންފި

ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންފި

21 ޖޫން 2023

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީން މިއަދު ވަކިވެވަޑައިގެންފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީން މިއަދު ވަކިވެވަޑައިގެންފި އެވެ.

އެމްޑީޕީއަށް ފޮނުއްވި ސިޓީގައި ނަޝީދު ވިދާޅުވީ ގައުމުގައި މިވަގުތު ކަންކަން ހިނގަމުންދާ ގޮތުން އެމްޑީޕީގައި މިވަގުތު ހުންނެވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

އެމްޑީޕީއަށް ފޮނުއްވި އިސްތިއުފާގެ ސިޓީ ނަޝީދު ވަނީ ޓުވިޓާގައި އާއްމުކުރައްވައިފަ އެވެ.

އެ ޕާޓީން ވަކިވާން ނަޝީދު ނިންމެވިއިރު، އެމަނިކުފާނުގެ އަރިސް މެމްބަރުން ވަނީ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް ރަޖިސްޓްރީކުރަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފަ އެވެ.

އެ ޕާޓީން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރޭނެކަން އިއުލާންކޮށްފައިވާ އިރު އެއީ އެމަނިކުފާނުތޯ ރައްޔިތުންގެ މަޖިލީހުގައި މިދިޔަ ހޯމަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިން ސުވާލުކުރުމުން ނަޝީދު ސީދާ ޖަވާބެއް ނުދެއްވަ އެވެ.

އެކަމަކު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ އިންތިހާބު ކާމިޔާބުވާން އެދިވަޑައިނުގަންނަވާ އިރު ވެސް އެމްޑީޕީގައި ހުންނަވަނީ އެ ޕާޓީ އަތުލަން ކަމަށެވެ. އަރިސް މެމްބަރުން ޑިމޮކްރެޓިކް އުފެއްދެވިޔަސް އޭގެ ފަހަތުގައި ވެސް އޮތީ އެމްޑީޕީ އަތުލުން ކަމަށް ނަޝީދު ސާފުކޮށް ވަނީ ވިދާޅުވެފަ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ ޕްރައިމަރީގެ ނާކާމިޔާބީއަށްފަހު ނަޝީދު، އެ މަނިކުފާނުގެ ކެމްޕެއިން ޓީމުތަކާއެކު ބައްދަލުކުރައްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ ޕްރައިމަރީގެ ނާކާމިޔާބީއަށްފަހު ނަޝީދު، އެ މަނިކުފާނުގެ ކެމްޕެއިން ޓީމުތަކާއެކު ބައްދަލުކުރައްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައި އޮތް މައްސަލާގައި އެމަނިކުފާނަށް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ މެމްބަރުން އަމާޒުކުރެއްވި ފާޑުކިއުންތަކަށް ރައްދު ދެއްވަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ، އެމްޑީޕީ މިހާރު ހިންގަމުންދަނީ ޒަމާނުއްސުރެ އެމަނިކުފާނު ގަބޫލުކުރައްވަމުން އައި ޑިމޮކްރެޓިކް އުސޫލުތަކާއި ހަމަތަކާ މުޅިން ހިލާފަށް ކަމަށެވެ.

"އަޅުގަނޑު މިހާރު މި ހުރީ ޕާޓީގައި މި އަމަލުތައް ހިންގާ ކަމަށްވަންޏާ އަޅުގަނޑަށް ވަރަށް އުނދަގޫ އަދި ކިތަންމެ ދުވަހެއްވެފައި ހުރި ނަމަވެސް އެމްޑީޕީގައި އަޅުގަނޑު ހުންނަން،" ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު އެމްޑީޕީގަ މި ހުންނަނީ އެމްޑީޕީ އަލުން އަނބުރާ އަތުލަން. އަޅުގަނޑު ދަންނަވައިފިން އިރާދަކުރެއްވިއްޔާ އަޅުގަނޑު އެކަން ކުރާނަމޭ:"

އެމްޑީޕީ ތެރެއިން "ފިކުރެއްގެ ދިރުން" އިއުލާންކޮށް ރަސްމީކޮށް ޕާޓީއާ ދެކޮޅަށް ހަރަކާތްތައް ނަޝީދު ފެއްޓެވީ މި އަހަރުގެ ރިޔާސީ ޕްރައިމަރީ ނާކާމިޔާބުވެވަޑައިގަތުމުންނެވެ. ފިކުރެއްގެ ދިރުން ހަރަކާތަށް ގިނަ ބަޔަކު ސޮއިކުރުވުމަށް ފަހު، އެމްޑީޕީގެ ބަދަލުގައި ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަހަތަށް އަރައި އެމްޑީޕީ ބަލިކުރަން ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރިއަށް ދިޔަ އެވެ.

އެކަމަކު ވަކި ހިސާބަކުން އެ މަޝްވަރާ ހުއްޓުނީ ބަރުލަމާނީ ނިޒާމް ގެންނަން ނަޝީދު ހުށަހެޅުއްވުމުން އެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް އެއްބަސްނުވެވުމުންނެވެ. ނަޝީދު ނޫން އެހެން ބޭފުޅަކު ވެރިކަމަށް ވަޑައިގަތުމަށް އެމަނިކުފާނު ބޭނުންފުޅު ނުވާނެ ކަމަށް ގާސިމް މި ފަހުން ވިދާޅުވި އިރު ޑިމޮކްރެޓްސް އުފެއްދުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

އެމްޑީޕީން ބަޔަކު ވަކިކޮށް، ޑިމޮކްރެޓްސް އުފެއްދި މައްސަލާގައި އެ ޕާޓީން ނިންމީ ނަޝީދަށް ފިޔަވަޅު ނޭޅުމަށެވެ. އެއީ ޕާޓީގެ ރައީސް ނަޝީދަކީ އެމްޑީޕީ އުފެއްދުމުގައި އަދި ޑިމޮކްރަސީ ގެނައުމަށް މަސައްކަތް ކުރެއްވި ބޭފުޅަކަށް ވެފައި ޕާޓީގެ މެމްބަރުން އެމަނިކުފާނަށް އިހްތިރާމް އޮންނާނެތީ ކަމަށް ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ ވިދާޅުވެފަ އެވެ.

އެމްޑީޕީން ވަކިވާން ނަޝީދު ސިޓީ ފޮނުއްވުމުން ފައްޔާޒް ވަނީ އެ ޕާޓީގައި ދެމިހުންނަވައި ނަޝީދުގެ ޚިދުމަތަށް ޝުކުރު އަދާކުރައްވައިފަ އެވެ.