Roadha Mihaaru
މެމްބަރުން ވަކިކުރަން އުޅެނީ މުޅިން ގޯސްކޮށް: ނަޝީދު

މެމްބަރުން ވަކިކުރަން އުޅެނީ އަސާސީ ގަވާއިދާ މުޅިން ޚިލާފަށް: ނަޝީދު

15 މެއި 2023

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންތަކަކަށް ފިޔަވަޅު އަޅައި ޕާޓީން ކަނޑާލަން އުޅެނީ އެމްޑީޕީން އަމަލުކުރަން އޮންނަ އަސާސީ ގަަވައިދާ މުޅިން ޚިލާފަށް ކަމަށް ޕާޓީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންތަކަކަށް ފިޔަވަޅު އަޅައި ޕާޓީން ކަނޑާލަން އުޅެނީ އެމްޑީޕީން އަމަލުކުރަން އޮންނަ އަސާސީ ގަަވައިދާ މުޅިން ޚިލާފަށް ކަމަށް ޕާޓީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު "މިހާރު"އަށް ވިދާޅުވީ ފިޔަވަޅު އަޅާ ކޮމިޓީގެ މިއަދުގެ ބައްދަލުވުން ވެސް އަސާސީ ގަވާއިދާ މުޅިން ޚިލާފެވެ.

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ފަސް މެމްބަރަކަށް ފިޔަވަޅު އަޅައިދޭން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ވަނީ ސެކްރެޓޭރިއެޓަށް ފޮނުވައިފަ އެވެ. މި މައްސަލާގައި އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ބައްދަލުވުމެއް މިއަދު ބާއްވައި މެމްބަރުން އިއްތިފާގުވީ ހުށަހެޅި މައްސަލައަށް ބަލާއިރު އާޒިމް "ވަކިވެފައިވާ" ކަމަށާއި ވަކިކުރަންޖެހޭ ތަނެއް ނެތް ކަމަށެވެ.

ޕާޓީގެ ނައިބު ރައީސަށް ނޭނގި ގަވާއިދާ ޚިލާފަށް ފިޔަވަޅު އަޅާ ކޮމިޓީ ބައްދަލުވާން ނިންމާފައި އޮތީ. -- ނަޝީދު

އެކަން ތަންފީޒުކުރަން ޕާޓީގެ ސެކްރެޓޭރިއެޓަށް އަންގަން ނިންމާފައި ވަނިކޮށް، އެކަން ހިނގުމުގެ ކުރިން މީޑިއާތަކަށް ވަނީ އާއްމުވެފަ އެވެ. އޭރު އާޒިމަށް ވެސް އޭނާ ވަކިވި ކަމެއް އަދި މައްސަލަ ކޮމިޓީން ބެލި ކަމެއް ވެސް ނާންގަ އެވެ.

އާޒިމަށް ފިޔަވަޅު އަޅައިދޭން އެދުނީ، ޗާގޮސް މައްސަލާގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް އިދިކޮޅުން މަޖިލީހަށް ހުށަހެޅި މައްސަލައަށް ތާއީދު ކުރައްވައި ސޮއި ކުރެއްވުމުންނެވެ. އޭނާގެ އިތުރުން ވިޕްލައިނާ ޚިލާފުވި ހަތަރު މެމްބަރެއްގެ މައްސަލަ ވެސް ޕާލަމެންޓްރީ ގްރޫޕުން އޮތީ ފެންމަތިކޮށްފަ އެވެ.

ނަަޝީދު ޝިފާޒްއާ އެކު ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި: ޕާޓީގެ ނައިބު ރައީސަށް ނޭނގި ފިޔަވަޅު އަޅާ ކޮމިޓީ ނުބޭއްވޭނެ ކަަމަށް ވިދާޅުވި. -- ފޮޓޯ | މިހާރު

ނަަޝީދު ޝިފާޒްއާ އެކު ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި: ޕާޓީގެ ނައިބު ރައީސަށް ނޭނގި ފިޔަވަޅު އަޅާ ކޮމިޓީ ނުބޭއްވޭނެ ކަަމަށް ވިދާޅުވި. -- ފޮޓޯ | މިހާރު

ނަޝީދާ އެކު ތިއްބެވި މަޖިލިސް މެމްބަރުންނަށް ފިޔަވަޅު އަޅަން އުޅޭ މައްސަލާގައި އެމަނިކުފާނު ވިދާޅުވީ ކަންކަން ހިންގަނީ އަސާސީ ގަވާއިދާއި ޕާޓީގެ އޮންނަ އިޖުރާއާތުތަކާ ވެސް މުޅިން ޚިލާފަށް ކަމަށެވެ. މިއީ ވަރަށް ދެރަކޮށް ހިންގާ އަމަލުތަކެއް ކަމަށް ވިދާޅުވި އެވެ.

"އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީ ބައްދަލުވާން ވެސް އޮންނަނީ، ބައްދަލުވެވެން ވެސް އޮންނަނީ އެ ކޮމިޓީގެ މުގައްރިރު، އެމްޑީޕީގެ ނައިބު ރައީސް [މުހައްމަދު ޝިފާޒް] އެ ކޮމިޓީގެ ބައްދަލުވުން ބާއްވަން އެދިވަޑައިގަތީމަ. އެހެން މީހުންނަކަށް އޮންނަ އިހްތިޔާރެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

ފިޔަވަޅު އަޅާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޝިފާޒްގެ އެއްވެސް ދައުރެއް ނެތް އިރު އެކަން ހިނގީ އޭނާ އެނގިވަޑައިގެން ވެސް ނޫނެވެ. ޕާޓީގެ އަސާސީ ގަވާއިދު އޮންނަ ގޮތުން ފިޔަވަޅު އަޅާ ކޮމިޓީގެ މުގައްރިރަކީ ޝިފާޒެވެ.

"ނައިބު ރައީސް އެކަން ކުރައްވަނީ މައްސަލައެއް ސެކްރެޓޭރިއަޓުން ނައިބު ރައީސަށް ފޮނުއްވެވީމަ."

ކޮމިޓީ ބައްދަލުވާން ވެސް އޮންނަނީ، ބައްދަލުވެވެން ވެސް އޮންނަނީ އެ ކޮމިޓީގެ މުގައްރިރު، އެމްޑީޕީގެ ނައިބު ރައީސް [މުހައްމަދު ޝިފާޒް] އެ ކޮމިޓީގެ ބައްދަލުވުން ބާއްވަން އެދިވަޑައިގަތީމަ. އެހެން މީހުންނަކަށް އޮންނަ އިހްތިޔާރެއް ނޫން އެއީ. -- ނަޝީދު

ނަޝީދު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންތަކަކާ މެދު ފިޔަވަޅު އަޅާނެ ކަަމަށް ބުނަމުންދާތީ، ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އެކަން އޮޅުންފިލުއްވި ކަމަށެވެ. ޕާޓީގެ ކަންކަން ހިނގަން ލިޔެވި އަމަލުކުރަން އޮންނަ އުސޫލުގެ ތެރެއިން އެއްވެސް ކަމެއް ކުރިއަށް ނުދާކަން އަދި ނައިބު ރައީސަށް ވެސް އަންގާފައި ނުވާ ކަން އެނގިވަޑައިގެންނެވި ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކޮންމެ ވެސް ގްރޫޕެއްގައި ލިއުނީ ކަމަށް ބުނުމަކީ އިދާރީ ކަންކަން ރަސްމީކޮށް ހިންގަން އޮންނަ އިރު، އެކަން ވެގެންވާނެ ގޮތެއް ނޫން ކަމަށެވެ.

"ޕާޓީގެ ނައިބު ރައީސަށް ނޭނގި ގަވާއިދާ ޚިލާފަށް ފިޔަވަޅު އަޅާ ކޮމިޓީ ބައްދަލުވާން ނިންމާފައި އޮތީ. އެ ގަވާއިދާ ޚިލާފު ބައްދަލުވުމުން ކަމެއް އަދި ނުވެސް ނިންމާ،" ނަޝީދު ވިދާޅުވި އެވެ.

ފިޔަވަޅު އަޅާ ކޮމިޓީން އެއްވެސް ކަމެއް ނިންމިތޯ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ އަރިހުން ވެސް ސާފުކުރެއްވި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މިއަދުގެ ބައްދަލުވުމުގައި އޮތީ މައްސަލައެއް ބަލަން ނިންމުން ކަން އެނގިވަޑައިގެންނެވި ކަމަށް ވިދާޅުވި އެވެ.

"އަދި ގަވާއިދަކުން ހުށައެއްވެސް ނޭޅޭ މައްސަލައެއް. ސެކްރެޓޭރިއަޓުން ހުށަހަޅަން މިއޮންނަނީ ފިޔަވަޅު އަޅާ ކޮމިޓީގެ މުގައްރިރަށް،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ގަވާއިދުތަކުން އޮންނަ ކަމެއްގައި ވަކި ބަޔަކު އެއްވެލާފައި ބައްދަލުވުމެއް ބާއްވައި "އެވެނި، މިވެނި ބޭފުޅަކު ކަނޑާލީއޭ" ބުނުމަކީ އަސާސީ ގަވާއިދުގައި އޮންނަ ގޮތެއް ނޫނެވެ.

"މިއީ ވަރަށް ދެރަ ކަމެއް. އަޅުގަނޑު އުއްމީދުކުރަނީ އެމްޑީޕީ އެ ދަރަޖާގައި ހިންގަމުން ނުދާނެ ކަމަށް." ނަޝީދު ވިދާޅުވި އެވެ.