Roadha Mihaaru
ރައީސަކަށް ހުންނަވައި ނަޝީދު އަމަލުކުރި ގޮތް ބަލަނީ

މެމްބަރުންތަކެއް ޕާޓީން ވަކިކުރަން ނަޝީދު ސޮއިކުރުވި މައްސަލަ އޮޅުންފިލުވަނީ

18 މެއި 2023

އެމްޑީޕީގެ ރައީސަކަށް ހުންނަވައި، އެމަނިކުފާނުގެ ކުރިފުޅު މަތީގައި ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ޕާޓީން ވަކިކޮށް، އާއްމު މެމްބަރުންތަކެއް ޕާޓީ ދޫކުރަން ހިތްވަރު ދެއްވައި މަސްލަހަތު ގެއްލޭ ގޮތަށް އަމަލުކުރެއްވި މައްސަލަ އޮޅުންފިލުވާނެ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްޑީޕީގެ ރައީސަކަށް ހުންނަވައި، އެމަނިކުފާނުގެ ކުރިފުޅު މަތީގައި ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ޕާޓީން ވަކިކޮށް، އާއްމު މެމްބަރުންތަކެއް ޕާޓީ ދޫކުރަން ހިތްވަރު ދެއްވައި މަސްލަހަތު ގެއްލޭ ގޮތަށް އަމަލުކުރެއްވި މައްސަލަ އޮޅުންފިލުވާނެ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

އެމްޑީޕީ ތެރެއިން "ފިކުރެއްގެ ދިރުން" ގޮފި އިއުލާންކުރައްވައި ހަރަކާތްތަކެއް ހިންގެވުމަށް ފަހު އިއްޔެ ވަނީ އެ ގޮފި ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރަން ނިންމިކަން އިއުލާންކޮށްފަ އެވެ. ސިޔާސީ ގޮތުން އެ މަނިކުފާނުގެ މިސްރާބަށް މަސައްކަތް ކުރައްވަން ޕާޓީގެ ރައީސަކަށް ހުންނަވައި ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ޓިކެޓުގައި ހޮވިވަޑައިގެން ތިއްބެވި 12 މެމްބަރަކު ލައްވައި އެމްޑީޕީން ވަކިވާން ސިޓީތަކެއްގައި ސޮއިކުރުވި ފޮޓޯތައް ވަނީ އާއްމުވެފަ އެވެ.

އެމްޑީޕީ އިސް ބޭފުޅުން ވެސް ދެކެވަޑައިގަންނަވާ ގޮތުގައި، މިއީ ރައީސަކަށް ހުންނަވައި ޕާޓީއަށް ގެއްލުންވާ ގޮތަށް އަމަލު ކުރެއްވުމެވެ. ޕާޓީގެ އަސާސީ ގަވައިދުގައި މެމްބަރުކަން ގެއްލޭ ހާލަތްތަކުގައިވާ ގޮތުން ވެސް މިއީ އެމަނިކުފާނު ޕާޓީން ވަކިވާނެ ފަދަ އަމަލެކެވެ.

އެކަމަކު، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު އެމްޑީޕީން އަދި ވަކިވެވަޑައެއް ނުގަންނަވަ އެވެ.

ޕާޓީގެ ޑެޕިއުޓީ ޗެެއާޕާސަން އިބްރާހިމް ވަހީދު (އިބްރޭ) ވިދާޅުވީ ނަޝީދުގެ ކުރިމަތީގައި މެމްބަރުން އެމްޑީޕީން ވަކިވާން ސޮއިކުރި މައްސަލާގައި އެމަނިކުފާނަށް ރަސްމީކޮށް ޕާޓީން ސިޓީއެއް ފޮނުވަން ނިންމާފައިވާ ކަމަށެވެ.

"އެއީ ކިހިނެއް ހިނގި ކަމެއްތޯ ޕާޓީން އޮޅުންފިލުވަން ނިންމާފައި ވަނީ،" އިބްރޭ ވިދާޅުވި އެވެ.

ނަޝީދުގެ ފަރާތްޕުޅުން ރައްޔިތުންގެ މަޖިލީހުގެ އެމަނިކުފާނާ އަރިސް 12 މެމްބަރުން ބޭއްވި ޕްރެސް ކޮންފަރެންސްގައި، ނަޝީދާ ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބެއް ނުދެއްވަ އެވެ. އެދިވަޑައިގަތީ ނަޝީދާ ގުޅޭ ސުވާލުތައް އެމަނިކުފާނާ ކުރެއްވުމަށެވެ.

އާ ޕާޓީއެއް އުފައްދަނީ، އެ މެމްބަރުން ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ފަލްސަފާ އާއި އަސާސްތަކާއި ޑިމޮކްރަސީއަށް ވަކާލާތުކުރަމުން އައި ރިވެތި އުސޫލްތައް މުގުރާލައި ޕާޓީ ވަކި ބަޔަކު ހައިޖެކްކޮށްގެން އުޅޭތީ އެވެ. އެމްޑީޕީގެ އަސާސްތައް ދިރުވާނެ އާ ޕާޓީން، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް ވެސް އެ މެމްބަރުން ވިދާޅުވި އެވެ.

އެކަމަކު އެއީ ނަޝީދުތޯ ނުވަތަ އެެހެން މެމްބަރެއްތޯ އަދި ނުނިންމާ ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީގެ މެމްބަރުންތަކެއް އެ ޕާޓީ މި ދޫކޮށްލެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެމެދު ފެށުނު ބަރުލަމާނީ ނިޒާމުގެ ކޯޅުން ބޮޑުވެ، ރިޔާސީ ޕްރައިމަރީން ނަޝީދު ނާކާމިޔާބުވެވަޑައިގަތުމުން ޕާޓީ އަލުން އެކަތިގަނޑަކަށް ނުވާނެ ވަރަށް ބައިބައިވުމުންނެވެ. ޕްރައިމަރީގެ ނަތީޖާ ނަޝީދާއި އެމަނިކުފާނުގެ ފެކްޝަނުން ގަބޫލުނުކުރާއިރު، މި ފަހުން އިދިކޮޅު ފަރާތްތަކުގެ ސިޔާސީ ހަރަކާތްތަކަށް އަންނަނީ ތާއީދުކުރަމުންނެވެ.

އެމަނިކުފާނާ އެކު ތިއްބެވި މެމްބަރުންތަކެއް ޕާޓީން ވަކިކުރާނެ ކަމުގެ އިންޒާރު އެމްޑީޕީން ދިނީ ކެބިނެޓު ވަޒީރުންގެ އިތުބާރު ނެތް ކަމުގެ ވޯޓުތަކާއި ސަރުކާރާ ދެކޮޅު މުޒާހަރާތަކުގައި ބައިވެރިވާން މަސައްކަތް ކުރަން ފެށުމުންނެވެ.