Roadha Mihaaru
ސަރަނގު އާދަމް މަނިކު، މާލޭގެ މޭޔަރުކަމަށް

ސަރަނގު އާދަމް މަނިކު، މާލޭގެ މޭޔަރުކަމަށް

06 ޖެނުއަރީ 2020

މާލޭގެ ފުރަތަމަ މޭޔަރު އަދި ވިޔަފާރިވެރިޔާ ސަރަނގު އާދަމް މަނިކު، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭގެ މޭޔަރަކަށް ވާދަކުރައްވަން ނިންމަވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލޭގެ ފުރަތަމަ މޭޔަރު އަދި ވިޔަފާރިވެރިޔާ ސަރަނގު އާދަމް މަނިކު، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭގެ މޭޔަރަކަށް ވާދަކުރައްވަން ނިންމަވައިފި އެވެ.

މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މައްޗަންގޮޅި އުތުރު ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެވަޑައިގެންނެވި އާދަމް މަނިކު "މިހާރު" އަށް މިއަދު ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވައި މޭޔަރު ކަމުގެ ޓިކެޓު ހޯއްދަވާނެ ކަމަށެވެ.

އޭނާގެ ބޭނުމަކީ މާލޭގެ ރައްޔިތުންނަށް ހިދުމަތް ކުރުން ކަމަށް ވިދާޅުވި އެވެ.

އާދަމް މަނިކު ވިދާޅުވި ގޮތުގައި، މޭޔަރުކަމަށް ހޮވިވަޑައިގެންފި ނަމަ މަސައްކަތް ކުރައްވާނީ، މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ އެޖެންޑާގައި ހުރި ކަންކަން ތަންފީޒު ކަމަށެވެ. ރައްޔިތުންނަށް ބޭނުންވާ ހުރިހާ ކަމެއް "އެޖެންޑާ 19" ގައި ހިމަނާފައި ވިޔަސް އެކަން ކުރެވޭނީ ގާބިލް މީހަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އާދަމް މަނިކު ވިދާޅުވީ، މާލެ އަށް، އޭނާ އަށް ވުރެ ރަނގަޅު މޭޔަރެއް ނުލިބޭނެ ކަމަށެވެ.

"މޭޔަރު ކަމަށް ކެޕޭސިޓީއެއް ހުރި މީހަކު ކުރިމަތިލާ ތަނެއް ނުފެނޭ. ކުޑަކުދިންނަށް، ތަޖުރިބާ ނެތް މީހުންނަށް ކުރެވޭނެ ކަން ކަމެއް ނޫން މިއީ،" އޭނާ ވިދާޅުވި އެވެ.

މާލޭގެ މޭޔަރު ކަމަށް ކުރިން އިންތިޚާބުވެވަޑައިގެންނެވިތާ ފަސް ވަރަކަށް މަސް ފަހުން އާދަމް މަނިކު ވަނީ އެ މަގާމުން 2011 ވަނަ އަހަރު އިސްތިއުފާ ދެއްވައިފަ އެވެ. ނަމަވެސް ދައުރު ހަމަވުމާ ހަމައަށް ސިޓީ ކައުންސިލްގެ މެމްބަރުކަން ކުރެއްވި އެވެ. އޭރު އޭނާ ތަމްސީލް ކުރެއްވީ މައްޗަންގޮޅި ދެކުނު ދާއިރާ އަށެވެ.

އާދަމް މަނިކު ވިދާޅުވި ގޮތުގައި، މިދިޔަ 10 އަހަރުގެ ތެރޭގައި މާލެ އަށް ކަމެއް ކޮށްދެވިފައި ވަނީ އޭނާ އަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށެވެ. އެގޮތުން، މާލޭގެ މޭޔަރުކަން ކުރެއްވި ކުޑަ ދުވަސްކޮޅުގެ ތެރޭގައި ވެސް މާލޭގެ ބޯހިޔާވަހިކަމާއި ބިދޭސީންގެ މައްސަލަތައް ހައްލު ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށް ވިދާޅުވި އެވެ.

އާދަމް މަނިކު ވިދާޅުވި ގޮތުގައި، މި މަހުގެ 31 ބާއްވާ އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރެވިއްޖެ ނަމަ މޭޔަރަކަށް އޭނާ ވާނީ އެހެން ޕާޓީތަކުގެ ވެސް ތާއީދާ އެކު އެވެ.

މާލޭގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓު ހޯދަން ހުށަހަޅުއްވާނެ ކަމަށް މިހާތަނަށް އިއުލާން ކުރައްވާފައި ވަނީ މިހާރުގެ ވެސް މޭޔަރު ޝިފާ މުހައްމަދާއި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފާއި ސިޓީ ކައުންސިލްގައި މެދު ހެންވޭރު ދާއިރާ ތަމްސީލް ކުރައްވާ އަހުމަދު ނިޔާޒް (ނިޔާ) އާއި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު އަދި އިބްރާހިމް ރަޝީދު (ބްރޯ ރަޝީދު) އެވެ.