Roadha Mihaaru
މާލޭ މޭޔަރުކަން އަނަސް ކާމިޔާބުކުރާނީ 12،000ވޯޓުން

އަނަސް އަށް 12،000 ވޯޓު ލިބޭނެ ކަމާ ދޭތެރޭ ޝައްކެއް ނެތް: ނަޝީދު

11 ފެބުރުއަރީ 2020

މާލޭގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަނަސް އަބްދުލް ސައްތާރު އެ މަގާމު ހޯއްދަވާނީ 12،000 ވޯޓާއެކު ކަމަށް، ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލޭގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަނަސް އަބްދުލް ސައްތާރު އެ މަގާމު ހޯއްދަވާނީ 12،000 ވޯޓާއެކު ކަމަށް، ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ވިދާޅުވީ އަނަސްއާ އެންމެ ކައިރިން ވާދަކުރާ އިދިކޮޅު ކެންޑިޑޭޓަށް 1500 ވޯޓު ވެސް ނުލިބޭނެ ކަމަށެވެ.

މިދިޔަ މަހުގެ 31 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ވާދަވެރި ޕްރައިމަރީއަށްފަހު، އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ ދައުރު މިރޭ 12:00 ގައި ހަމަވާ އަނަސް މޭޔަރުގެ ޓިކެޓު ހޯއްދެވީ 1025 ވޯޓާ އެކުގަ އެވެ. މިހާރުގެ މޭޔަރު ޝިފާ މުހައްމަދަށް ލިބިވަޑައިގަތީ 835 ވޯޓެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ބޭއްވި ޖަލްސާގައި އަނަސް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ބޭއްވި ޖަލްސާގައި އަނަސް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ނަޝީދު ވިދާޅުވީ އަންނަ އޭޕްރީލް މަހު ބާއްވާ އިންތިޚާބުން އެމްޑީޕީ އަށް ވަރަށް ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށެވެ. އެކަމާ ޝައްކު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު މި ދަންނަވަނީ ބައްލަވަން ތިއްބަވާ، އަނަސް 12،000 މާލެ ވޯޓު ނަގާނެ. އަޅުގަނޑު ވަރަށް ރަނގަޅަށް، އިރާދަކުރެއްވިއްޔާ 12،000 މާލޭ ވޯޓް އަނަސް ނަންގަވާނެ. މިކަމާ އަޅުގަނޑުގެ ހިތުގައި ކުޑަ ވެސް ޝައްކެއް ނެތް. އެންމެ ގާތްކުރާ މީހާ 1500 ވޯޓް ވެސް ނުނަގާނެ، ބައްލަވާތި." ނަޝީދު ވިދާޅުވި އެވެ.

އެންމެ ބޮޑު ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން އަނަސް ކުރެއްވި މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައި ނަޝީދު ވިދާޅުވީ އޭނާ ދެން ފެނިވަޑައިގަންނަވާނީ މާލޭގެ މޭޔަރުގެ ގޮތުގައި ކަމަށާއި އެކަމަށް ޝައްކު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

އަނަސްއާ ވާދަކުރަން އިދިކޮޅުން ނެރޭނެ ކެންޑިޑޭޓަކަށް އިއުލާނުކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ހައުސިން މިނިސްޓަރަކަށް ހުންނެވި ޑރ. މުހައްމަދު މުއިއްޒެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތައް ކުރީގެ ސަރުކާރުން ދޭން ނިންމި ގޮތް ބެލުމަށާއި އެކަމުގައި ޖިނާއީ ތަހުގީގު ހިންގަން ފުލުހުންނަށް ހުށަހަޅަން ސިޓީ ކައުންސިލުން މިިދިޔަ ހަފުތާގައި ނިންމިއިރު، އެއީ އޭނާ މޭޔަރުކަމަށް ވާދަކުރައްވަފާނެތީ މި ސަރުކާރުން ބިރުން ކުރި ކަމެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ކައުންސިލް އިންތިޚާބުގެ މަސައްކަތްތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަރަށް ގާތުން ބައްލަވާ ކަމަށެވެ. ބޭނުންވަނީ އިންތިޚާބު ކާމިޔާބުވާނެ ގޮތަށް ކެމްޕެއިން ކުރަން ކަމަށް ވިދާޅުވި އެވެ.