Roadha Mihaaru
ވިދިޔާ އާއި ޕްރަތީކަކީ "ލަވާޒް"

ވިދިޔާ އާއި ޕްރަތީކަކީ "ލަވާޒް"

24 ސެޕްޓެމްބަރ 2021

ދާދި ފަހުން ވިދިޔާ ބާލަން އާއި އަރަމުން އަންނަ އެކްޓަރު ވިދިޔާ ބާލަން ސޮއިކުރި ފިލްމުގެ ނަމަކަށް "ލަވާޒް" ހަމަޖައްސައި އޭގެ ޝޫޓިން ފަށަން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދާދި ފަހުން ވިދިޔާ ބާލަން އާއި އަރަމުން އަންނަ އެކްޓަރު ވިދިޔާ ބާލަން ސޮއިކުރި ފިލްމުގެ ނަމަކަށް "ލަވާޒް" ހަމަޖައްސައި އޭގެ ޝޫޓިން ފަށަން ތައްޔާރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ ވިދިޔާގެ ކާމިޔާބު ފިލްމު 2017 ގެ "ތުމާރީ ސުލޫ" ގެނެސްދިން ޓީމްގައި ހިމެނޭ އެލިޕްސިސް އެންޓަޓައިންމަންޓުން ހަދަން ނިންމާފައިވާ ފިލްމުގެ ޑައިރެކްޓަރަކީ އަލަށް ޑައިރެކްޝަނަށް ނުކުތް ޝިރްޝާ ގުހާ ތަކޫރްޓާ ކަމަށެވެ. ވަރަށް ތަފާތު ލޯބީގެ ވާހަކައެއް ކިޔައިދޭނެ "ލަވާޒް" ގެ މަންޒަރުތައް ނަގަން ހަމަޖެހިފައި ވަނީ މުމްބާއީ އާއި ޓަމިލް ނާޑޫ ސްޓޭޓްގެ ކޫނޫރްގަ އެވެ.

މި ފިލްމަކީ ވިދިޔާ އާއި ޕްރަތީކް އެކީގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. މިދިޔަ އަހަރު ސޮނީ ލިވް އެޕުން ގެނެސްދިން ޑައިރެކްޓަރު ހެންސަލް މެހެތާގެ ވެބް ސީރީޒް "ސްކޭމް 1992" އިން ބޮލީވުޑްގެ ރާޑަރަށް އެރި ޕްރަތީކަކީ މިހާރު އެ އިންޑަސްޓްރީން ގިނަ ހުށަހެޅުންތަކެއް ލިބެމުން އަންނަ އެކްޓަރެކެވެ.

ކުރިން މައިގަނޑު ގޮތެއްގައި ގުޖުރާތީ ސިނަމާގައި މަސައްކަތްކުރި 41 އަހަރުގެ އެކްޓަރުގެ ފުރަތަމަ ހިންދީ ފީޗާ ފިލްމަކީ އަންނަ މަހުގެ 1 ގައި ރިލީޒްކުރާ "ބަވާއީ" އެވެ.

ޕްރަތީކްގެ އަތުގައި ހުރި އިތުރު ހިންދީ ފިލްމުތަކުގެ ތެރޭގައި ތާޕްސީ ޕައްނޫއާ އެކު ކުޅެން ހަމަޖެހިފައިވާ "ޔޭ ލަޅުކީ ކޭ ކަހާ" އާއި ޓީ ސީރީޒްގެ ބާނީ ގުލްޝަން ކުމާރުގެ ހަގު އަންހެން ދަރިފުޅު ކުޝާލީ ކުމާރާ އެކު މިހާރު ޝޫޓްކުރަމުން އަންނަ "ދޭޅު ބިގާ ޒަމީން" ގެ އިތުރުން ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އަށް ބޮޑުބޭބެ ކިޔާ ޝަރުމިން ސޭގަލްއާ އެކު ފެނިގެންދާނެ "އަދިތީ ބޫތޯ ބާވާ" ހިމެނެ އެވެ.

އެލިޕްސިސްގެ "ލަވާޒް" ގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ އިރު، އެ ކުންފުނި ހިއްސާވާ އެހެން ފިލްމެއްގެ މަސައްކަތް ވެސް ވިދިޔާ މިހާރު އަންނަނީ ކުރަމުންނެވެ، އެއީ ޝެފާލީ ޝާހް ވެސް މުހިއްމު ރޯލެއް ކުޅޭ "ޖަލްސާ" އެވެ. މި ފިލްމަކީ "ތުމާރީ ސުލޫ" ގެ ޑައިރެކްޓަރު ސްރޭޝް ތުރިވޭނީގެ ފިލްމެކެވެ.

ވިދިޔާގެ އެންމެ ފަހުގެ ފިލްމަކީ ޖޫންގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރި "ޝޭރުނީ" އެވެ.