Roadha Mihaaru
ލެވަންޑޯސްކީ އަށް ޔޫރަޕުގެ ރަންބޫޓު ހަވާލުކޮށްފި

ލެވަންޑޯސްކީ އަށް ޔޫރަޕުގެ ރަންބޫޓު ހަވާލުކޮށްފި

22 ސެޕްޓެމްބަރ 2021

މިދިޔަ ސީޒަނުގައި ޔޫރަޕުގައި އެންމެ ގިނަ ގޯލު ޖެހި ބަޔާން މިއުނިކާއި ޕޮލެންޑުގެ ތަރި ރޮބަޓް ލެވަންޑޯސްކީ އަށް ރަން ބޫޓު ހަވާލުކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މިދިޔަ ސީޒަނުގައި ޔޫރަޕުގައި އެންމެ ގިނަ ގޯލު ޖެހި ބަޔާން މިއުނިކާއި ޕޮލެންޑުގެ ތަރި ރޮބަޓް ލެވަންޑޯސްކީ އަށް ރަން ބޫޓު ހަވާލުކޮށްފި އެވެ.

ރަން ބޫޓޫ ހަވާލުކުރީ އެކަމަށް ހާއްސަ ކޮށްގެން ބަޔާން މިއުނިކުގެ މިއުޒިއަމްގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.

ލެވަންޑޯސްކީ މި އެވޯޑް ހާސިލްކުރީ ބުންޑަސްލިގާގައި ބަޔާން އަށް މިދިޔަ ސީޒަނުގައި ކުޅުނު 29 މެޗުން 41 ގޯލު ޖަހައިގެންނެވެ. މިއީ 33 އަހަރުގެ ފޯވަޑް މި އެވޯޑް ހާސިލް ކުރި ފުރަތަމަ ފަހަރެވެ. އޭނާގެ ފަހަތުން މި އެވޯޑަށް އެންމެ ގާތުން ވާދަކުރީ ބާސެލޯނާ އަށް މިދިޔަ ސީޒަނުގައި 30 ލަނޑު ޖަހައިދިން ލިއޮނަލް މެސީ އާއި، ޔުވެންޓަސް އަށް 29 ލަނޑު ޖެހި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

ލެވޮންޑޯސްކީ ހިމެނިފައި ވަނީ ޖަރުމަނާއި ބަޔާންގެ ލެޖެންޑް ގާޑް މުލާ އަށް ފަހު، ޖަރުމަން ލީގުގައި ކުޅެ ޔޫރަޕުގެ ރަން ބޫޓު ހޯދި ދެވަނަ ކުޅުންތެރިޔާއަށެވެ.

ޖަރުމަނުގައި ކުޅޭ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް މިދިޔަ އަހަރާއި މި އަހަރު ވެސް ހޯދި ލެވަންޑޯސްކީ ވަނީ މެސީ އާއި ރޮނާލްޑޯ ފަހަތަށް ޖައްސާލުމަށް ފަހު ފީފާ އިން އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ "ދަ ބެސްޓް" އެވޯޑް ވެސް މިދިޔަ އަހަރު ހާސިލްކޮށްފަ އެވެ.

ނަވާރަ ސަތޭކަ ފަސްދޮޅަށް އަށް ވަނަ އަހަރު ދޭން ފެށި މި އެވޯޑް މިހާތަނަށް އެންމެ ގިނައިން ކާމިޔާބުކުރީ ހަ ފަހަރު ރަން ބޫޓު ހޯދި މެސީ އެވެ. ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ހަތަރު ފަހަރު ރަން ބޯޓު ހާސިލް ކޮށްފަ އެވެ.