22 ސެޕްޓެމްބަރ 2021
ކުރީގެ ފިރިމީހާ މަރާލި މައްސަލައިގައި އުމުރަށް ޖަލަށްލާފައިވާ މަރިޔަމް ނަޒާހާގެ ކުށަށް އެކަށީގެންވާ އަދަބެއް ދެވިއްޖެ ކަމަށް ކަނޑައަޅައި އޭނާ މިނިވަންކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ކުށް ކުރެވުނު ސަބަބަށް ރިއާޔަތްކޮށްދިނުމަށް އެދި އެ ކުށްކުރެވުނީތީ ހިތާމަކުރާ ކަމަށް ބުނެފި އެވެ.
ކުރީގެ ފިރިމީހާ މަރާލި މައްސަލައިގައި އުމުރަށް ޖަލަށްލާފައިވާ މަރިޔަމް ނަޒާހާގެ ކުށަށް އެކަށީގެންވާ އަދަބެއް ދެވިއްޖެ ކަމަށް ކަނޑައަޅައި އޭނާ މިނިވަންކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ކުށް ކުރެވުނު ސަބަބަށް ރިއާޔަތްކޮށްދިނުމަށް އެދި އެ ކުށްކުރެވުނީތީ ހިތާމަކުރާ ކަމަށް ބުނެފި އެވެ.
ހ. ބައިކެނޑިގޭ މަރިޔަމް ނަޒާހާ 25 އަހަރަށް ޖަލަށް ލާން 2011 ގައި އޭރުގެ ޖިނާއީ ކޯޓުން ހުކުމް ކުރީ ޖޫން 2010 ގައި އޭނާގެ ކުރީގެ ފިރިމީހާ މއ. އެދުރުގޭ ހަސަން ޝާހިދަށް ވަޅިއަކުން ހަމަލާދީ އޭނާ މަރާލިކަން ނަޒާހާގެ އިއުތިރާފުން ސާބިތުވުމުންނެވެ. ނަޒާހާ ބުނާ ގޮތުގައި ޝާހިދަށް ހަމަލާ ދިނީ އޭނާގެ ފަރާތުން ލިބެމުން ދިޔަ ގެވެށި އަނިޔާއަށް ކެތް ނުވެގެންނެވެ. މަރާލުމަށް ފަހު، އެކަން ފުލުހުންނަށް ރިޕޯޓުކޮށް އޭނާ އަމިއްލައަށް އިއުތިރާފު ވެސް ވި އެވެ.
މީގެ 11 އަހަރު ކުރިން އެ ހާދިސާ ހިނގި އިރު އެ ދެ މީހުންގެ ފިރިހެން ދަރިފުޅަށް ދެ އަހަރެވެ.
ނަޒާހާގެ ފަރާތުން ދަށު ކޯޓުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން 2015 ވަނަ އަހަރު ދަށު ކޯޓުގެ އަމުރަށް ވަނީ ތާއީދުކޮށްފަ އެވެ. އޭނާގެ މައްޗަށް ކުރި ހުކުމް ދެމެހެއްޓި އިރު، އޭނާއަށް ލުޔެއް ލިބެން ޖެހޭނެ ކަަމަށް އެ ކޯޓުން ނިންމާފައި އޮތުމުން ނަޒާހާ ވަނީ ކްލެމެންސީ ބޯޑަށް މައްސަލަ ހުށަހަޅައިގެން ލުޔެއް ހޯދަން މަސައްކަތް ކޮށްފަ އެވެ. އޭނާގެ އަދަބުން ފަސް އަހަރު އުނިކުރަން އެ ބޯޑުން ނިންމި އެވެ. މިހާރު އޭނާ ވަނީ 11 އަހަރު ތަންފީޒުކޮށްފަ އެވެ. އެހެންވެ އޭނާ މިނިވަންވާން އަދިވެސް ބާކީ ނުވަ އަހަރު އެބަ އޮތެވެ.
ހައި ކޯޓުން ހުކުމް ކުރިތާ ހަ އަހަރު ފަހުން ނަޒާހާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަަޅާފައިވާ މައްސަލައިގައި އެދިފައި ވަނީ މައްސަލައިގެ ވަށައިގެންވާ އެންމެހާ ކަންކަމަށް ބަލައި، އޭނާއަށް އެކަށީގެންވާ އަދަބެއް ދެވިއްޖެ ކަމަށް ކަނޑައަޅައިދީ މިނިވަން ކުރުމަށެވެ.
މައްސަލަ ހުށަހެޅުމުން އެ ކޯޓުގެ ރަޖިސްޓްރާ ނިންމަވާފައި ވަނީ އިސްތިއުނާފީ މުއްދަތު ފަހަނައަޅައި ގޮސްފައިވާތީ މައްސަލަ ބަލައިނުގަތުމަށެވެ. ރަޖިސްޓްރާގެ އެ ނިންމުން ނަޒާހާގެ ފަރާތުން ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފު ކުރުމުން އެކަމާ ބެހޭގޮތުން ވާހަކަ ދައްކަން އިޖުރާއީ އަޑުއެހުމެއް މިއަދު ވަނީ ބާއްވައިފަ އެވެ. އެތައް އަހަރެއް ފަހުން ސުޕްރީމް ކޯޓަށް ދާން ބޭނުންވި ސަބަބުތައް އެ އަޑުއެހުމުގައި ނަޒާހާ އާއި އޭނާގެ ވަކީލު ކިޔައިދިނެވެ.
ނަޒާހާގެ ވަކީލެއްގެ ގޮތުގައި ކޯޓުގައި ވަކާލާތު ކުރައްވަނީ ސިވިލް ކޯޓުގެ ގާޒީކަމާއި ޑެޕިއުޓީ ޕްރޮސިކުއުޓާ ޖެނެރަލްކަން ވެސް ކުރައްވާފައިވާ މަރިޔަމް ނިހާޔަތެވެ.
ނިހާޔަތު ވިދާޅުވީ، ހައި ކޯޓުން ހުކުމް ކުރި އިރު ނަޒާހާގެ ނަފްސާނީ ހާލަތު ހުރި ގޮތުން މައްސަލައިގައި އިތުރަށް ކުރިއަށްދާން އެއްވެސް ހިތްވަރެއް އޭރު ނެތް ކަމަށެވެ. އަދި އޭނާގެ ހާލަތު އެހެން ހުރުމުންނާއި އޭރު އެހީތެރިކަން ފޯރުކޮށްދޭނެ މީހަކު ނެތުމުން މުއްދަތުގެ ތެރޭގައި ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފު ނުކުރެވުނީ ކަމަށް ވިދާޅުވި އެވެ. މި މަސައްކަތް ނަޒާހާއަށް ފަސޭހަ ނުވިޔަސް މިހާރު އޭނާ ހުރީ އެކަން ކުރަން ތައްޔާރަށް ނިހާޔަތު ވިދާޅުވި އެވެ.
ނަޒާހާ އަކީ ގިނަ އަހަރުތަކެއް ވަންދެން އެކި ގޮތްގޮތަށް ގެވެށި އަނިޔާ ލިބި އެކަމުގައި ދުވަސްތައް ހޭދަކޮށްފައިވާ މީހަކަށް ވާއިރު ތަހުގީގު މަރުހަލާއިން ފަށައިގެން މިއަދާ ހަމައަށް ވެސް ނަޒާހާ އޭރު ހުރި ނަފްސާނީ ހާލަތާ ގުޅޭ ޓެސްޓުތަކެއް ހަދާފައި ނުވާ ކަމަށް ވަކީލް ފާހަގަކުރެއްވި އެވެ.
"ހިތާމައަކީ މިއަދުގެ މި ތާރީހާ ހަމައަށް ވެސް މަރިޔަމް ނަޒާހާގެ އެ ހާލަތު ދެނެގަތުމަށްޓަކައި އަދި މަރިޔަމް ނަޒާހާއަށް އެ ކުރިމަތިވި އެ އަނިޔާތައް އެހާ ގިނަ ދުވަސް ވަންދެން ތަހައްމަލު ކުރަން ޖެހުނު ޖެހުމުގެ ސަބަބުން އެ ފަރާތަށް ލިބިފައިވާ ގެއްލުންތަކާއި ނަފްސާނީ ގޮތުން އެ ފަރާތަށް ލިބިފައިވާ އަނިޔާ އާއި އެ ފަރާތުގެ މެންޓަލް ކެޕޭސިޓީ އާއި މި ކަންކަމުގެ މައްޗަށް އެއްވެސް ވަރަކަށް މިންކުރުމަށް ނުވަތަ ވަޒަން ކުރުމަށް އެސެސްމެންޓެއް އެއްވެސް މަރުހަލާއެއްގައި ހެދިފައެއް ނުވޭ،" ނިހާޔަތު ވިދާޅުވި އެވެ.
ނަޒާހާގެ ފަރާތުން ހެކިތަކެއް ހުށަހެޅި ނަމަވެސް، އެއިން އެއްވެސް ހެއްކެއްގެ ހެކިބަހެއް ވެސް އެއްވެސް މަރުހަލާއެއްގައި ނުނަގާ ކަމަށާއި ޝަރީއަތުގައި އޭނާގެ އަޑު ނީވޭ ކަމަށް ނިހާޔަތު ވިދާޅުވި އެވެ
އެެހެންވެ، ނިހާޔަތު އެދިވަޑައިގަތީ ނަޒާހާއަށް ވެސް "ޝަރީއަތުން ދުވަހެއް" ދީ ނަޒާހާގެ ވާހަކަތައް އަޑުއެހުމަށެވެ. އަދި އެ ހުރިހާ ކަމަކަށް ރިއާއަތްކޮށް އަދަބާ މެދު ގޮތެއް ނިންމައިދިނުމަށެވެ.
"ލަހުން ވިޔަސް ވެސް ފަހުން ވިޔަސް ވެސް ނަޒާހާގެ އަޑު، ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، ހާދިސާ ހިނގި ދުވަހު އެ މަގާމަށް ނަޒާހާއަށް އާދެވުނު ގޮތާއި އެ ކަންކަމުގެ ވާހަކަ ޝަރީއަތުގެ ކުރިމަތީގައި ދައްކައި ނަޒާހާއަށް ޝަރީއަތުން ދުވަހެއް ލިބި، ނަޒާހާގެ ފަރާތުން ދައްކަން ޖެހޭ ވާހަކަތައް ދައްކައި އެ ފަރާތަށް ވެސް ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަދުލުވެރި އިންސާފުވެރި ޝަރީއަތެއްގައި ހާމަކަން ބޮޑު ގޮތެއްގައި އޮންނަން ޖެހޭ ފުރުސަތު އާހިރުގައި ލިބިގެން ދިޔުން،" ނިހާޔަތު ވިދާޅުވި އެވެ.
ނިހާޔަތު މި ވާހަކަތައް ދެއްކެވި އިރު ނަޒާހާގެ ލޮލުން އައި ކަރުނަތައް، އޭނާ އަތުގައި އޮތް މާސްކުން ފޮހެމުން ދިޔަތަން ފެނުނެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ނަޒާހާގެ ވަކީލު ވާހަކަ ދައްކަމުން ދިޔަ އިރު އޭނާއަށް ހުރީ ރޮވިފައި --
މާފުށި ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ނަޒާހާއަށް ވާހަކަ ދައްކަން ފުރުސަތު ދިނުމުން އެންމެ ފުރަތަމަ ވެސް ބުނީ މިއީ އާއިލީ މައްސަލައެއް ކަމަށް ދެކޭ ކަމަށެވެ.
"މަރުގެ މައްސަލައެއް ކަމުގައި ވިޔަސް އަޅުގަނޑު ގަބޫލުކުރަނީ މިއީ އާއިލީ މައްސަލައެއްގެ ގޮތުގައި،" ނަޒާހާ ބުންޏެވެ.
ސުޕްްރީމް ކޯޓަށް މައްސަލަ ހުށަނާޅައި އެހާ ގިނަ ދުވަސްވީ ސަބަބުތައް އޭނާ މިއަދު ކިޔައިދިނެވެ. ސުޕްރީމް ކޯޓަށް ދިޔުމުގެ ބަދަލުގައި ކްލެމެންސީ ބޯޑަށް ދިޔައީ، ކޯޓަށް ގޮސްފި ނަމަ މީޑިއާތަކުން އޭނާގެ ވާހަކަ ގެެނެސް، ދަރިފުޅާއި އާއިލާއަށް އެކަމުގެ ނަފްސާނީ އަސަރުތައް ކުރާނެތީ ކަމަށް ވެސް އޭނާ ކިޔައިދިނެވެ. ނަޒާހާއާ ގުޅުވައި ދަރިފުޅާއި އާއިލާގެ މީހުންނަށް އެހެން މީހުން އެއްޗެހި ކިޔާތީ މިހާރު ވެސް އެކަމުގެ ނަފްސާނީ އަސަރު އެ މީހުންނަށް ކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.
"ޝަރީއަތަށް މީތި ދިޔައިމަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މީތި ކީމަ އެ ކުއްޖާގެ ކެއުމަށާއި ނިންޖަށާއި ހާއްސަކޮށް ހަސަން ޝާހިދުގެ މަންމައަށް ވެސް އެ މެންޓަލް ބަލިމަޑުކަން އަންނާތީވެ، ޖޮބް އެއްޗެއްސަށް ދިޔުމަށް ވެސް އެ ފެމިލީއަށް ވެސް އަޅުގަނޑު ފެމިލީއަށް ވެސް އެ ޑިފިކަލްޓީތައް އަންނާތީ، ދަރިފުޅުގެ ކްލާސްމޭޓްސްގެ ޕޭރެންޓްސްގެ ފަރާތުން ވެސް ކޮންމެވެސް ވަރަކަށް އެ ބަސްތަކާ އެއްޗެހި އައިމަ އޭނަގެ ކިޔެވުމާއި ކެއުމާއި ނިދުމާއި މި ކަންތައްތަކަށް އަންނާތީވެ، ބޮޑުވަންދެން ވެއިޓްކުރަން އަޅުގަނޑަށް ދަރިފުޅާ ޓޯކް ކުރެވޭނެ ވަރު [ވަންދެން]،" އިސްތިއުނާފް ލަސްކުރި ސަބަބު ހާމަކޮށް ނަޒާހާ އުނދަގުލުން ކިޔައިދިނެވެ.
އޭނާ އަކީ ވެސް ކުޑައިރު ދަތި ހާލަތެއްގައި ބޮޑުވި މީހެއްކަން ފާހަގަކޮށް، އޭނާއަށް ދިމާވި ގޮތް ކުޑައިރު ދަރިފުޅަށް ދިމާވާން ނޭދޭ ކަމަށް ވެސް ބުންޏެވެ.
"އަޅުގަނޑަށް ވެސް ރަފް ޗައިލްޑްހުޑަކާ ހިސާބުން އައިސްފައި [ހުރީ]. އޭރު ޔަންގް ވީމަ، މިހާރު މިއީ ޑިކޭޑެއް ފަސް ކަމަށްވާއިރު އެ ދަރިފުޅަށް އެކަހަލަ މެންޓަލް އިލްނެސްއެއް އަންނާކަށް ގޯ ތްރޫ ކުރާކަށް ކުޑައިރު ފައުންޑޭޝަން ސްޓޭޖުގައި އެހެން އަންނަ ޓްރޯމާސް އެއްޗެހީގެ ސަބަބުން،" ނަޒާހާ ބުންޏެވެ.
މިހާރު ދަރިފުޅު ފުރާވަރަށް އަރައިފި ކަމަށާއި، 2019 ވަނަ އަހަރުން ފަށައިގެން މައްސަލައާ ގުޅޭގޮތުން ދަރިފުޅާ ވާހަކަ ދައްކަން ފަށާފައިވާ ކަމަށް ނަޒާހާ ބުންޏެވެ. މައްސަލަ ކޯޓަށް ހުށަހެޅިޔަސް ހިތްވަރުކުރާނެ ކަމަށް ދަރިފުޅު ބުނެފައިވާ ކަމަށް ނަޒާހާ ކިޔައިދިނެވެ. އޭނާ ބުނި ގޮތުގައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ދަރިފުޅު އެ ޔަގީންކަން ދިނުމުންނެވެ.
"ދަރިފުޅު ވެސް ހަމަ އަޅުގަނޑު މީތި ކޯޓަށް ލުުމުން އޭނާއަށް މީތި ޓޭކް ކުރެވޭނެކަން މީޑިއާގައި އޭތި ކިޔަސް ގޯ ތްރޫ ކުރެވޭނެކަން އަދި ހިތްވަރު ކުރާނެ ކަމަށް ބުނެ، ޓްރައި ކުރާށޭ ބުނީމަ، މިހާރު އެެހެން ވެގެންނޭ އަސްލު [ހުށަހެޅީ]،" މިއީ ދަރިފުޅަށްޓަކައި ކުރާ މަސައްކަތެއްކަން އަންގައިދޭން ނަޒާހާ ތަފްސީލްކޮށްދިނެވެ.
އޭނާގެ ޝަރީއަތް ކުރިއަށްދަނިކޮށް، އައި ގާނޫނުތަކުން ލިބެން ޖެހޭ ލުއިތައް ވެސް ނުލިބޭ ކަމަށާއި މިހާރު ގާނޫނުތަކަށް ގެނެސްފައިވާ ބަދަލުތަކުން ކޮންމެވެސް ވަރެއްގެ އުންމީދެއް އެބަ އޮތް ކަމަށް ވެސް އޭނާ ބުންޏެވެ.
ނަޒާހާ ބުނީ ކުށް ކުރެވުނުކަން ގަބޫލުކުރާ ކަމަށާއި އެއްވެސް އިރެއްގައި އެކަމަށް ދެކޮޅު ނުހަދާ ކަމަށެވެ. އަދި އެކަމަށް އަދަބު ވެސް ލިބެންވާނެ ކަމަށް ބުންޏެވެ. ނަޒާހާގެ އަމަލުގެ ސަބަބުން މަރުވީ ދަރިފުޅުގެ ބައްޕަކަން ފާހަގަކޮށް އެކަމާ ދެރަވާ ކަމަށް ވެސް ބުންޏެވެ.
ސުޕްރީމް ކޯޓުން ނަޒާހާގެ މައްސަލަ ބެލުމާ ދައުލަތުން ދެކޮޅެވެ. މައްސަލަ ހުށަހެޅީ ހަ އަހަރު ފަހުން، އިސްތިއުނާފުކުރަން އޮންނަ މުއްދަތު ފަހަނައަޅައި ދިޔަ ފަހުންކަން މިއަދު ދައުލަތުން ކޯޓުގައި ފާހަގަކުރި އެވެ.
އޭގެ އިތުރުން، މައްސަލަ ހުށަނާޅައި ހަ އަހަރު އޮތް ސަބަބަކީ އެކަށީގެންވާ އަމިއްލަ ބާރު ނުފޯރުވޭ ސަބަބެއްކަމަށް ގަބޫލު ނުކުރެވޭ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ. މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމެވި ނިންމުން ރަނގަޅު ކަމަށް ނިންމުމަށް ވެސް ދައުލަތުން އެދުނެވެ.
ނަޒާހާގެ ބާކީ އޮތް އަދަބުން ފަސް އަހަރު އުނިކޮށްދިނުމަށް ކްލެމެންސީ ބޯޑުން ނިންމާފައިވާއިރު ކޯޓުން އިތުރު ލުޔެއް ދޭން ޖެހޭނެ ކަމަށް ނުދެކޭ ކަމަށާއި ކޯޓުން ބަލަން ޖެހޭ ކަމެއް ނެތް ކަމަށް ވެސް ދައުލަތުން ބުންޏެވެ.
ނަމަވެސް ނަޒާހާގެ ވަކީލް ވިދާޅުވީ ކްލެމެސްސީއަށް ގޮތެއް ނިންމުމަކީ އިސްތިއުނާފީ ހައްގަަށް އުނިކަން އަންނަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.
ނަޒާހާ އާއި ދައުލަތުގެ ވާހަކަތައް އެއްސެވުމަށް ފަހު، މައްސަލަ ކުރިއަށްގެންދިޔުމާ މެދު ނިންމާ ގޮތެއް ދެ ފަރާތަށް ވެސް ލިޔުމުން އަންގާނެ ކަމަށް ވިދާޅުވެ މިއަދުގެ އަޑުއެހުން ނިންމާލީ އެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު އަލީ ރަޝީދު، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.
ޖިމް އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރި ނަޒާހާ މީގެ ކުރިން ކޯޓުގައި ބުނެފައި ވަނީ ޝާހިދު މަރާލީ ގެވެށި އަނިޔާއިން ސަލާމަތް ވުމަށް އަމިއްލަ ދިފާއުގައި ކަމަށެވެ. ނަޒާހާގެ މައްޗަށް މަރުގެ ހުކުމެއް ނައީ ޝާހިދުގެ މަންމަ އާއި އާއިލާ އިން ނަޒާހާގެ ކިބައިން މަރަށް މަރު ހިފަން ބޭނުން ނުވުމުންނެވެ. ނަޒާހާގެ ދަރިފުޅު ބަލަނީ ވެސް ޝާހިދުގެ އާއިލާއިންނެވެ.
ނަޒާހާގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި
ނަޒާހާގެ ފަހުބަސް: އިންސާފުން މައްސަލަ ނިންމައިދީ
ނަޒާހާ މިއަދުވެސް ކިޔައިދިނީ އަނިޔާވެރި ދިރިއުޅުން
"ޝާހިދަށް ހަމަލާދިންއިރު މި ކުރެވޭ ކަމެއް ނުވިސްނޭ"
ނަޒާހާގެ މައްސަލަ: ކުރިން އާންމުނުވާ އާ ކަންތައްތަކެއް
އަނިޔާގެ މާޒީ ކިޔައިދިނުމުން ނަޒާހާއަށް ކެތެއްނުވި
ހަނާގެ މަރުގެ ހުކުމުގެ މައްސަލައިގެ އަޑުއެހުމެއް މާދަމާ
ޝަހުމް މަރަން ކުރި ހުކުމް ދަމަހައްޓަން އެދިއްޖެ
ޝަހުމް މަރަން ހުކުމްކުރި މައްސަލަ ސުޕްރީމްކޯޓުން ފަށަނީ
މަރުވި ދިވެހި މީހާއަށް ތުހުމަތުވަނީ އޭނާގެ އަންހެނުން މަރާލި ކަމަށް