12 މެއި 2022
ކުރީގެ ފިރިމީހާ މަރައިލި މައްސަލައިގައި ޖަލަށްލި މަރިޔަމް ނަޒާހާގެ މައްސަލައިގައި ކުރިން އާންމުވެފައި ނެތް އާ ކަންތައްތަކެއް ދައުލަތުން ސުޕްރީމް ކޯޓުގައި ފެންމަތިކޮށްފި އެވެ.
ކުރީގެ ފިރިމީހާ މަރައިލި މައްސަލައިގައި ޖަލަށްލި މަރިޔަމް ނަޒާހާގެ މައްސަލައިގައި ކުރިން އާންމުވެފައި ނެތް އާ ކަންތައްތަކެއް ދައުލަތުން ސުޕްރީމް ކޯޓުގައި ފެންމަތިކޮށްފި އެވެ.
މީގެ 11 އަހަރު ކުރިން ޖޫން 2010 ގައި ނަޒާހާ ދިރިއުޅުނު ގޭގެ ތެރޭގައި އޭނާގެ ކުރީގެ ފިރިމީހާ ހަސަން ޝާހިދަށް ވަޅިއަކުން ހަމަލާދީ މަރައިލި މައްސަލައިގައި ނަޒާހާ އުމުރަށް ޖަލަށްލާން ކުރި ހުކުމް ހައި ކޯޓުން އޮތީ ދަމަހައްޓައިފަ އެވެ. އޭނާގެ ފަރާތުން މިހާރު ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.
އެ މައްސަލައިގައި ސުޕްރީމް ކޯޓުގައި އިއްޔެ ބޭއްވި އަޑުއެހުމުގައި ދައުލަތުން ތިން ސީޑީއެއް ހެކީގެ ގޮތުގައި ނަޒާހާއާ ދެކޮޅަށް ހުށަހެޅި އެވެ. އެއީ ޝާހިދަށް ހަމަލާ ދިނުމަށް ފަހު، އެ ހާދިސާ ރިޕޯޓް ކުރަން ނަޒާހާ ފުލުހުންނަށް ކުރި ފޯން ކޯލްގެ ރެކޯޑިން އާއި އޭނާ ތަހުގީގަށް ބަޔާން ދިން އިރު ނަގާފައިވާ ރެކޯޑިން އާއި ޝާހިދުގެ މޮބައިލް ފޯނުގެ އެނަލިސިސް އެވެ.
މި ހެކިތައް ދަށު ކޯޓަށް ހުށަހަޅާފައި ނުވާތީ މި މަރުހަލާގައި ހުށަނޭޅޭނެ ކަމަށް ނަޒާހާގެ ވަކީލުން ބުންޏެވެ. އެކަމަކު ދައުލަތުން ބުނީ އެ ހެކިތައް ދަށު ކޯޓަށް ހުށަހެޅި ކަމަށެވެ. އަދި ސުޕްރީމް ކޯޓަށް އެ ހެކި ހުށަހެޅުން ލަސްވީ ފުލުހުން އަތުން އެ ހެކި ހޯދަން ޖެހުމުން ކަމަށެވެ.
ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އެ ހެކިތައް ދަށު ކޯޓަށް ހުށަހެޅިތޯ އާއި ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު އެ ހެކިތަކާ މެދު ގޮތެއް ނިންމަވާނެ ކަމަށެވެ.
އެ ހެކިތަކާ ހަވާލާދީ ދައުލަތުން ސުޕްރީމް ކޯޓުގައި ދެއްކީ މީގެ ކުރިން މި މައްސަލައާ ގުޅިގެން އާންމުނުވެ ހުރި ވާހަކަތަކެކެވެ. ނަޒާހާ ކުށަށް އިއުތިރާފު ވެފައިވާތީ ދަށު ކޯޓާއި ހައި ކޯޓުގައި ވެސް ބޮޑަށް ކުރިއަށް ދިޔައީ ނަޒާހާގެ ނަފްސާނީ ހާލަތާއި އަދި އޭނާގެ އަމިއްލަ ނަފްސުގެ ދިފާއުގެ ވާހަކަ އެވެ.
ޝާހިދު މަރައިލަން ދުރާލައި ރޭވި ރޭވުމެއް ނޯންނާނެ ކަމަށް ނަޒާހާގެ ފަރާތުން ބުނެފައިވާތީ، ރައްދުގައި ދައުލަތުން ދެއްކީ ނަޒާހާގެ ތަހުގީގުގެ ބަޔާނެވެ. ދައުލަތުން ބުނިގޮތުން ޝާހިދަށް ހަމަލާދިން ވަޅިއާ ގުޅޭގޮތުން ތަހުގީގުގައި ސުވާލުގައި ކުރުމުން "އެ ވަޅިއަކީ އޭނާގެ ގަޔަށް ޖަހަން ހޯދާފައި އޮތް ވަޅިއެއް." މި ފަދައިން ނަޒާހާ ބުނެފައިވެ އެވެ. އެކަމަކު އޭނާ ބުނާގޮތުން ވަޅި ގަނެދިނީ ޝާހިދެވެ.
ދައުލަތުން ބުނިގޮތުގައި ޝާހިދާއި ނަޒާހާއާ ދެ މީހުން އޭރު ތަޅާފޮޅާ ހަދާތީ އެ ކަމަށް އިޝާރާތްކޮށް، "އަދި އެއް ދުވަހަކުން ވަޅި ޖަހާނެ" ކަމަށް ނަޒާހާ ބުނެފައިވާ ކަމަށް ދައުލަތުން ބުންޏެވެ.
މީގެ އިތުރުން "އޭނާ އަށް ވެސް އިނގޭނެ ވަޅިއެއް ކަން ޖަހާނީ ވަޅި ޖަހާނަމޭ ބުނެފައި އޮތީމަ" މިފަދައިން ނަޒާހާ ތަހުގީގުގައި ބުނެފައިވެ އެވެ.
ސުޕްރީމް ކޯޓުގައި އިއްޔެ ބޭއްވި އަޑުއެހުން
"ޖަހަންޏާ ޖަހާނީ ގެއްލުމެއް ވާނެ އެއްޗަކުންނޭ ކުރިން ބުނެފައިވާނެ" ކަމަށް ތަހުގީގުގައި ނަޒާހާ ބުނެފައިވާ ކަމަށް ވެސް ދައުލަތުން ބުންޏެވެ.
އެ ހާދިސާ ހިނގުމުގެ 11 ދުވަސް ކުރިން ޝާހިދަށް ނަޒާހާ ފޮނުވި މެސެޖެއްގައި "މަރުވާން ވެސް އުޅޭ އެއްޗެއް ނޫން، ހުވާ" މިފަދައިން އެބައޮތް ކަމަށް ދައުލަތުން ބުންޏެވެ.
ޝާހިދަށް ހަމަލާދިނީ އަމިއްލަ ނަފްސުގެ ދިފާއުގައި ކަމަށް ނަޒާހާގެ ފަރާތުން ބުނާ ބުނުމަށް ދައުލަތުން ރައްދު ދިނީ އެ ހާދިސާ ހިނގިއިރު އަމަލުކުރި، ކުރީގެ ގާނޫނުލްއުގޫބާތުންނެވެ. އެ ގާނޫނުލްއުގޫބާތުގެ 25 ވަނަ މާއްދާ އޮންނަ ގޮތުން ނަފްސުގެ ދިފާއުގައި ހަމަލާއެއް ދިނަސް، މީހަކު ނުމެރޭނެ ކަމަށް އޮންނަ ކަން ދައުލަތުން ފާހަގަކުރި އެވެ.
"އެ ދިފާއުއަކީ މަރިޔަމް ނަޒާހާ ކުށުން ބަރީއަވާނެ ދިފާއެއް ނޫން،" ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.
ނަޒާހާއަށް ޝާހިދުގެ ފަރާތުން ލިބިފައިވާ އަނިޔާތަކުގެ ސަބަބުން "ބެޓާޑް ވުމަން ސިންޑްރޯމް" ކިޔާ ނަފްސާނީ ހާލަތެއް އޭނާ އަށް ކުރިމަތިވެފައިވާ ކަމަށާއި އެއީ ޖިނާއީ މަސްއޫލިއްޔަތު އުފުލަން ނުޖެހޭ ކަމެއްގެ ގޮތުގައި ބޭރުގެ ކޯޓުތަކުން ނިންމާފައިވާ ކަމަށް ނަޒާހާގެ ފަރާތުން ބުނެފައިވެ އެވެ.
އޭގެ ރައްދުގައި ދައުލަތުން ބުނިގޮތުގައި އެއީ ސިންޑްރޯމެއް ކަމަށް ވިޔަސް، އެއީ ހަގީގީ ސިންޑްރޯމެއް ނޫނެވެ. އަދި އެއީ ގާނޫނީ ދިފާއެއް ނޫން ކަމަށާއި ނަޒާހާގެ ފަރާތުން ހުށަހެޅި ބޭރުގެ ކޯޓުތަކުގެ ނިންމުންތަކުން ވެސް އެކަން އެނގޭ ކަމަށް ދައުލަތުން ބުންޏެވެ.
"ފާހަގަ ކުރައްވާފައިވާ އެއްވެސް މައްސަލައެއްގައި ބެޓާޑް ވުމަން ސިންޑްރޯމަކީ ހުއްދަވެގެންވާ ދިފާއުއެއް ކަމަށް ކަނޑައަޅުއްވާފައެއް ނުވޭ." ދައުލަތުން ބުންޏެވެ.
އޮސްޓްރޭލިއާގެ ކޯޓުން ނިންމާފައިވާ މައްސަލައަކާ ހަވާލާދީ ދައުލަތުން ބުނީ އެ ބައްޔަކީ ޖިނާއީ ކަންކަމުގައި ދިފާއު ލިބޭނެ ކަމެއް ނޫން ކަމަށެވެ. އަދި ދިގު މުއްދަތަކަށް މީހަކަށް އަނިޔާ ލިބެމުން ދިއުމަކީ ނަފްސުގެ ދިފާއުގައި ކުށެއް ކުރަން ހުއްދަވާނެ ސަބަބެއް ނޫން ކަމަށް ވެސް އެ މައްސަލާގައި ނިންމާފައިވާ ކަމަށް ދައުލަތުން ބުންޏެވެ.
ރާއްޖޭގެ ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުންތަކާ ހަވާލާދީ ދައުލަތުން ބުނިގޮތުގައި މަރުގެ މައްސަލަތަކުގައި ނިޔަތް ދެނެގަންނަނީ ހަމަލާދިން ހަތިޔާރާއި ހަމަލާދިން ގޮތަށް ބަލައިގެންނެވެ. އަދި ވަޅިން ހަމަލާދީފައިވާ މައްސަލަތަކުގައި އެއީ މެރުމުގެ ގަސްދުގައި ދިން ހަމަލާއެއް ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަން ދައުލަތުން ފާހަގަކުރި އެވެ.
ޝާހިދަށް ވެސް ހަމަލާދިނީ ވަޅިއަކުން ކަމަށް ވެފައި އަދި ހަމަލާދިނީ ބުރަކަށްޓަށް ކަމަށްވާތީ އެހެން ގޮތަކަށް ސާބިތުނުވާހާ ހިނދަކު މެރުމުގެ ގަސްދު ނަޒާހާގެ ކިބައިގައި އޮތްކަން ސާބިތުވާ ކަމަށް ދައުލަތުން ބުންޏެވެ. އަދި އޭގެ އިދިކޮޅު ސާބިތުކޮށްދެވޭނެ ހެއްކެއް ނަޒާހާއަށް ނުދެއްކޭ ކަމަށް ވެސް ދައުލަތުން ބުންޏެވެ.
ނަޒާހާގެ ވަކީލް އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު ވިދާޅުވީ ނަޒާހާ ތަހުގީގުގައި ކުށަށް އެއްބަސްވީ ހާދިސާ ހިނގިތާ ކުޑަހިނދުކޮޅެއްގެ ތެރޭގަ އެވެ. އޭރު ހުރީ ނަޒާހާ ހުރީ އެފަދަ ބަޔާނެއް ދެވޭ ފަދަ ނަފްސާނީ ހާލަތެއްގައި ނޫން ކަމަށާއި އެކަމަކު އެކަންކަން މިހާތަނަށް ވެސް ބެލިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައްދުގައި ދައުލަތުން ބުނީ އެ ކަންކަން ސާބިތުކުރަން ނަޒާހާގެ ފަރާތުން ދަށު ކޯޓާއި ހައި ކޯޓަށް އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށެވެ.
ނަޒާހާގެ މައްޗަށް ކަނޑައެޅި އަދަބުގެ ވަރާ މެދު ވެސް ނިހާޔަތު ސުވާލު އުފެއްދެވި އެވެ. އެއީ ހައި ކޯޓުން މައްސަލަ ނިންމިއިރު އާ ގާނޫނުލްއުގޫބާތުގެ ދަށުން ލިބެންޖެހޭ ލުއި ހައި ކޯޓުން ނުދިން ކަމަށް ބުނެ އެވެ.
ނިހާޔަތު ވިދާޅުވި ގޮތުގައި ކްރިމިނަލް ކޯޓުން ނަޒާހާ ޖަލަށްލާން ހުކުމްކުރިއިރު، އާ ގާނޫނުލްއުގޫބާތު ވުޖޫދަށް ނަޔަސް، ހައި ކޯޓުން މައްސަލަ ނިންމިއިރު، އާ ގާނޫނުލްއުގޫބާތު ވުޖޫދުގައި އޮތުމުން، އޭގެ ލުއި ދޭންޖެހެ އެވެ. އެ ލުއި ދިނުމުން ނަޒާހާގެ އަދަބު 10 އަހަރުގެ ޖަލު ހުކުމަކަށް ކުޑަވާނެ އެވެ.
އެކަމާ ގުޅިގެން ދަައުލަތުން ބުނީ އެ ހާދިސާ ހިނގިއިރު، މަރުގެ މައްސަލަތަކުގައި އުމުރަށް ޖަލަށްލުމަށް ވުރެ ލުއި އަދަބެއް ނެތް ކަމަށެވެ.
އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ރިޔާސަތު ބަލަހައްޓާ އަދި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުން ބައްލަވާ އެ މައްސަލައިގައި އިތުރު އަޑުއެހުމެއް އަދިވެސް ބާއްވާނެ އެވެ.
"ޝާހިދަށް ހަމަލާދިންއިރު މި ކުރެވޭ ކަމެއް ނުވިސްނޭ"
ނަޒާހާގެ ފަހުބަސް: އިންސާފުން މައްސަލަ ނިންމައިދީ
ނަޒާހާ މިއަދުވެސް ކިޔައިދިނީ އަނިޔާވެރި ދިރިއުޅުން
އަނިޔާގެ މާޒީ ކިޔައިދިނުމުން ނަޒާހާއަށް ކެތެއްނުވި
ޝަހުމް މަރަން ކުރި ހުކުމް ދަމަހައްޓަން އެދިއްޖެ
ޝަހުމް މަރަން ހުކުމްކުރި މައްސަލަ ސުޕްރީމްކޯޓުން ފަށަނީ
ފަސޭހަ އިއުތިރާފުން ކުށް ސާބިތުކުރުން ނިމުމަކަށް؟!
މަންމަ މައާފް ދިނުމުން މަރުގެ އަދަބުން ސަލާމަތްވެއްޖެ
މޫސަގެ މަރު: ދައުވާ ލިބޭ މީހާ ބަންދުނުކުރީ ރަނގަޅަށް
މޫސަގެ މަރު: މީހާ ބަންދު ނުކުރާތީ ސުޕްރީމް ކޯޓަށް