21 ސެޕްޓެމްބަރ 2022
މީގެ 12 އަހަރު ކުރިން، ކުރީގެ ފިރިމީހާއަށް ހަމަލާދީ މަރާލެވުނީތީ މިއަދާ ހަމައަށް ވެސް ހިތާމަކުރާ ކަމަށާއި އަދި އިންސާފުން މައްސަލަ ނިންމައިދޭން އެދޭ ކަމަށް އެ މައްސަލާގައި އުމުރަށް ޖަލަށްލާފައިވާ މަރިޔަމް ނަޒާހާ ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.
މީގެ 12 އަހަރު ކުރިން، ކުރީގެ ފިރިމީހާއަށް ހަމަލާދީ މަރާލެވުނީތީ މިއަދާ ހަމައަށް ވެސް ހިތާމަކުރާ ކަމަށާއި އަދި އިންސާފުން މައްސަލަ ނިންމައިދޭން އެދޭ ކަމަށް އެ މައްސަލާގައި އުމުރަށް ޖަލަށްލާފައިވާ މަރިޔަމް ނަޒާހާ ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.
ޖޫން، 2010 ގައި ނަޒާހާ ދިރިއުޅުނު ގޭގައި އޭނާގެ ކުރީގެ ފިރިމީހާ ހަސަން ޝާހިދަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ނަޒާހާ އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން އޮތީ ތާއީދުކޮށްފަ އެވެ.
އެ މައްސަލަ ނަޒާހާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ މައްސަލާގެ އެންމެ ފަހު ބަސް ބުނުމަށް ފުރުސަތު ދިނުމުން ނަޒާހާ ބުނީ ޝާހިދު މަރާލުމަކީ އެއްވެސް އިރަކު އޭނާ ބޭނުންވި ގޮތެއް ނޫން ކަމަށެވެ. އަދި ޝާހިދަށް ހަމަލާ ދެވުނީ ބޭއިހްތިޔާރުގައި ކަމާއި އެކަމާ މެދު މިހާރު ހިތާމަކުރާ ކަމަށް ނަޒާހާ އަސަރާ އެކު ބުންޏެވެ.
"އެދުވަހު އެ ހިނގައިދިޔަ ކަންތައް ބޭއިހްތިޔާރުގައި ވެގެން ދިޔައީ. މިއަދާ ހަމައަށް އެކަމާ އަޅުގަނޑު ހިތާމަކުރަން."
"މިކަމުގައި އިންސާފުވެރި ގޮތަކަށް މައްސަލަ ނިންމައިދެއްވުން އެދެން،" ޖަލު ހެދުމުގައި ކޯޓަށް ހާޒިރުކޮށްފައި އިން ނަޒާހާ ބުންޏެވެ.
ނަޒާހާގެ މައިގަނޑު ދިފާއުއަކީ އެ ހަމަލާދިނީ ޝާހިދުގެ ފަރާތުން ލިބިފައިވާ އަނިޔާތަކުގެ ސަބަބުން އިތުރު އަނިޔާއެއް ލިބިދާނެ ކަމުގެ ބިރު ހީވެގެން ނަފްސުގެ ދިފާއުގައި ހަމަލާ ދެވުނީ ކަމަށް ބުނެ އެވެ.
ނަޒާހާގެ ވަކީލް އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު ވިދާޅުވީ ނަޒާހާގެ މައްސަލަ ބިނާވެފައި އޮތީ ޝާހިދު މަރުވިތާ އިރުކޮޅެއްގެ ތެރޭގައި ފުލުހުން ނެގި ބަޔާނެއްގައި އޭނާއަށް ބުނެވިފައި އޮތް ވާހަކައަކަށް ބިނާކޮށް ކަމަށެވެ. އަދި އެއީ ދުރާލާ ރާވައިގެން ދިން ހަމަލާއެއް ނޫން ކަމަށް ތަކުރާރުކޮށް، އޭނާ ވިދާޅުވީ އެ ހަމަލާ ދެވުނީ ނަޒާހާއަށް ޝާހިދު ހަމަލާ ދޭން އުޅެނީ ކަމަށް ހީވެގެން އަމިއްލަ ނަފްސުގެ ދިފާއުގައި ކަމަށެވެ.
"މިއަދު ވެސް އޭނާ ބުނޭ ވަޅި ހެރުނީ އޭނާ އަތުންނޭ. އެކަމަކު ބަދަލެއް ނައިސް އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއަދު ވެސް އޭނާ ބުނަނީ އެއީ ގަސްދުގައި ދިން ހަމަލާއެއް ނޫނޭ. މަރާލާކަށް ކުރިއަކުން ރާވާފައެއް ނެތޭ،" ނިހާޔަތު ވިދާޅުވި އެވެ.
ނަޒާހާގެ ވަކީލް ނިހާޔަތު ވާހަކަ ދައްކަވަނީ
ރައްދުގައި ދައުލަތުން ބުނީ ގަސްދު މަރުގައި މީހަކު މަރާލަން ގަސްދު ކުރިކަން ސާބިތުކޮށްދޭން ނުޖެހޭ ކަމަށެވެ. އޭގެ ބަދަލުގައި ސާބިތުކޮށްދޭން ޖެހޭނީ މީހަކަށް ބޮޑު ގެއްލުމެއް ލިބިދާނެކަން އެނގިހުރެ ހަމަލާދިންކަން އެކަނި ކަމަށް ދައުލަތުން ބުންޏެވެ. އަދި އެކަން ދެނެގަންނަނީ ވެސް ބޭނުންކުރި ހަތިޔާރާއި އެ ނޫން ވެސް ބޭރު ފުށުން ފެންނަން ހުރި ކަންކަމަށް ބަލައިގެން ދައުލަތުން ބުންޏެވެ.
"ނަޒާހާ ސާފު އިބާރާތުން ބުނެފައިވާ ތިލަ އެއްކޮށް ޝާހިދުގެ ބުރަކަށްޓަށް ވައްދާލި ކަމަށް. އެހެންވީމަ މިފަދަ އަނިޔާއެއް މީހަކަށް ދޭއިރު އޭގެ ނަތީޖާއެއްގެ ސަބަބުން އެ މީހެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅިގެންދާނެ ކަން އެކަމެއް ކުރާ މީހަކަށް އެނގޭނެ. އެހާ ހިސާބުން ކުށުގެ ނިޔަތް ސާބިތުވެފައިވާ ކަމަށް ދައުލަތުން ދެކެނީ،" ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނި ގޮތުގައި ނަޒާހާ އެކަންކުރީ ކުރެވޭ އަދި ނުކުރެވޭ ކަންކަން ނޭނގޭ ފަދަ ހާލަތެއްގައި ހުރިކަން އޭނާގެ ފަރާތުން އޭރު ނަގާފައެއް ނުވެ އެވެ. އަދި ނަފްސާނީ ގޮތުން އަސަރު ކޮށްފައިވާ ކަމަށް ބުނެ ނަޒާހާގެ ފަރާތުން ދިފާއު ނަގާފައިވަނީ ވެސް ކްރިމިނަލް ކޯޓުގައި ޚުލާސާ ބަޔާން ހުށަހެޅިއިރު ކަމަށް ދައުލަތުން ބުންޏެވެ.
"ނަފްސާނީ މައްސަލައެއްގެ ސަބަބުން ދިފާއުއެއް ނަގާ ނަމަ، އެ ދިފާއުގެ ރުކުންތައް ދިފާއު ނަގާ ފަރާތުން ސާބިތުކޮށްދޭން ޖެހެނޭ. މި މައްސަލާގައި އެ ރުކުންތައް ސާބިތުކޮށްދީފައެއް ނުވޭ." ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނީ ތަހުގީގުގައި އެއްވެސް ކަމެއް ގޯސްކޮށް ހިނގާފައެއް ނުވާ ކަމަށެވެ. އަދި ތަހުގީގުގައި ނަޒާހާ ދިން ބަޔާނުގައި އޮތް އެއްޗެއް އޭރު ފަހުމް ނުވާ ކަމަށް ނަޒާހާގެ ފަރާތުން ބުނާތީ، ރައްދުގައި ދައުލަތުން ބުނީ ތަހުގީގުގައި އޭނާ ދެއްކި ވާހަކަތައް ބަދަލުކުރަން އޭނާ އެދިގެން ބަދަލުކޮށްފައިވާކަން ތަހުގީގުގެ ވީޑިއޯތަކުން ފެންނަ ކަމަށެވެ.
ޝާހިދުގެ ފަރާތުން ނަޒާހާއަށް އޭގެކުރިން ލިބިފައިވާ އަނިޔާތައް ނިހާޔަތު މިއަދު ވެސް ތަކުރާރުކުރި އެވެ. އެ ކަންކަމާ ގުޅިގެން ފުލުހުންނަށް އޭރު މައްސަލަ ހުށަހެޅުމަށްފަހު އާއިލާގެ އެދުމުގެ މަތިން މައްސަލަ އަނބުރާ ގެންދިޔައީ ކަމަށާއި އަދި ޝާހިދު އެގެއަށް ވަނުން ފުލުހުން މަނާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ނަޒާހާއަކީ އެ އަނިޔާގެ ވެށީގައި އުޅެން ޖެހިފައިވާ ފަރާތެއްކަން ކްރިމިނަލް ކޯޓަށް ހުށަހެޅުނު ބަޔާންތަކުން އެނގެން ހުރި،" ނިހާޔަތު ވިދާޅުވި އެވެ.
ނަޒާހާ އާއި ޝާހިދާ ދެމެދު ބަދަލުކުރި މެސެޖްތަކެއް ދައުލަތުން ހުށަހަޅާފައިވެ އެވެ. އެއީ އެ ހާދިސާގެ ކުރިން ދެ މީހުންގެ ދެމެދުގައި ރަނގަޅު ގުޅުމެއް އޮތްކަން ސާބިތު ކުރުމަށެވެ. ނިހާޔަތު ސިފަ ކުރެއްވީ މައްސަލާގެ ހަގީގަތްތައް ފޮރުވަން ދައުލަތުން އުޅޭ ކަމަށެވެ.
"އެ އެބިއުސިވް ރިލޭޝަންޝިޕް ފޮރުވައި، ދެ މީހުންގެ ދެމެދުގައި ރަނގަޅު ގުޅުމެއް އޮތް ކަމަށް ސިފަ ކުރައްވާފައި އޮތުމުން އަޅުގަނޑުމެން ކަނޑައެޅިގެން އިއުތިރާޒް ކުރުން."
ނަޒާހާއަށް ނަފްސާނީ އަސަރުތަކެއް ކޮށްފާނެ ހުރެދާނެ ކަމަށް ވެސް ދައުލަތުން ބުންޏެވެ. އެކަމަކު ކޮންމެ ނަފްސާނީ މައްސަލައަކީ ޖިނާއީ މަސްއޫލިއްޔަތުން ބަރީއަ ކުރެވޭނެ ފަދަ ދިފާއުއެއް ނޫން ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ދައުވާގެ ސިފަ ބަދަލުކުރަން މިހާރު އުޅޭ ކަމަށް ނިހާޔަތު ތުހުމަތު ކުރެއްވި އެވެ. އަދި ދައުލަތުން އެކަން ކުރަނީ އެ މައްސަލައަކީ ލައިވްކުރާ ޝަރީއަތަކަށް ވާތީ އެ މައްސަލަ "ސެންސޭޝަނަލައިޒް ކުރަން" ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.
ނިހާޔަތު ވިދާޅުވި ގޮތުގައި އެ މައްސަލައަކީ އަލުން ބަލަންޖެހޭ މައްސަލައެކެވެ. އެކަމަކު ނަޒާހާ އެ މިހާރު ވެސް 12 އަހަރު ޖަލުގައި ހޭދަކޮށްފައިވާތީ، އަލުން ހުރިހާ ކަމެއް ބެލުމުގެ އެއްވެސް މަސްލަހަތެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ އެދިވަޑައިގަތީ ހުކުމް ބާތިލްކޮށް، ނަޒާހާ މިނިވަންކޮށް ދިނުމަށެވެ.
އެކަމަކު ދައުލަތުން އެދުނީ ކްރިމިނަލް ކޯޓާއި ހައި ކޯޓުގެ ހުކުމް ދަމަހައްޓައި ދިނުމަށެވެ.
އެ މައްސަލާގެ އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ، ދެން އޮންނާނީ ހުކުމް އިއްވުން ކަން ބެންޗުން އިއުލާން ކުރެއްވި އެވެ.
އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ރިޔާސަތު ބަލަހައްޓަވާ އެ މައްސަލަ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.
ނަޒާހާ މިއަދުވެސް ކިޔައިދިނީ އަނިޔާވެރި ދިރިއުޅުން
"ޝާހިދަށް ހަމަލާދިންއިރު މި ކުރެވޭ ކަމެއް ނުވިސްނޭ"
ނަޒާހާގެ މައްސަލަ: ކުރިން އާންމުނުވާ އާ ކަންތައްތަކެއް
އަނިޔާގެ މާޒީ ކިޔައިދިނުމުން ނަޒާހާއަށް ކެތެއްނުވި
ދައުވާ ލަސްވުމުން ބޭރުކޮށްލި މައްސަލަ އަލުން ބަލަނީ
ނަޖީބު މަރާލަން ހަނާގެ ގަސްތު އޮތްތޯ ސުވާލުތަކެއް
ޝީރީންގެ މަރު: ނަޖާހު ޖަލަށްލުމުން ސުޕްރީމް ކޯޓަށް
ލަމްހާ އަނެއްކާވެސް ދޫކޮށްލުމުން ޕީޖީން ހައި ކޯޓަށް
ޝަރުތުތަކާ އެކު ލަމްހާ އަނެއްކާވެސް ދޫކޮށްލައިފި
ޝަހުމް މަރަން ކުރި ހުކުމް ދަމަހައްޓަން އެދިއްޖެ