Roadha Mihaaru
ނަޒާހާ މިއަދުވެސް ކިޔައިދިނީ އަނިޔާވެރި ދިރިއުޅުން

ނަޒާހާގެ ދިފާއުގައި މިއަދުވެސް ކިޔައިދިނީ އަނިޔާވެރި ދިރިއުޅުން

22 ޖޫން 2022

ކުރީގެ ފިރިމީހާ ހަސަން ޝާހިދު މަރާލުމުގެ ކުށުގައި އުމުރަށް ޖަލަށް ލާފައިވާ މަރިޔަމް ނަޒާހާގެ ދިފާއުގައި މިއަދުވެސް ބުނަމުން ދިޔައީ އެ އަމަލު ހިންގީ އަމިއްލަ ދިފާއުގައި ކަމަށާއި ނަޒާހާގެ ކިބައިގައި މީހަކު މެރުމުގެ ގަސްތު ނެތި ކަމަށެވެ. ކުރީގެ ގާޒީ އަދި ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް މަރިޔަމް ނިހާޔަތު ދައުލަތަށް ރައްދު ދެއްވަމުން ނެންގެވީ ކްރިމިނަލް ކޯޓަށް ނަޒާހާ ދީފައިވާ ދިގު ބަޔާނަކުން ބައެކެވެ. އެއީ ނަޒާހާގެ މުޅި ދިރިއުުުޅުން އޮތީ އަނިޔާ އާއި އާއިލީ ބޮޑެތި ހަމަނުޖެހުމުގެ ތެރޭގައިކަން ސާބިތުކޮށްދިނުމަށެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ކުރީގެ ފިރިމީހާ ހަސަން ޝާހިދު މަރާލުމުގެ ކުށުގައި އުމުރަށް ޖަލަށް ލާފައިވާ މަރިޔަމް ނަޒާހާގެ ދިފާއުގައި މިއަދުވެސް ބުނަމުން ދިޔައީ އެ އަމަލު ހިންގީ އަމިއްލަ ދިފާއުގައި ކަމަށާއި ނަޒާހާގެ ކިބައިގައި މީހަކު މެރުމުގެ ގަސްތު ނެތި ކަމަށެވެ. ކުރީގެ ގާޒީ އަދި ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް މަރިޔަމް ނިހާޔަތު ދައުލަތަށް ރައްދު ދެއްވަމުން ނެންގެވީ ކްރިމިނަލް ކޯޓަށް ނަޒާހާ ދީފައިވާ ދިގު ބަޔާނަކުން ބައެކެވެ. އެއީ ނަޒާހާގެ މުޅި ދިރިއުުުޅުން އޮތީ އަނިޔާ އާއި އާއިލީ ބޮޑެތި ހަމަނުޖެހުމުގެ ތެރޭގައިކަން ސާބިތުކޮށްދިނުމަށެވެ.

ހ. ބައިކެނޑިގޭ މަރިޔަމް ނަޒާހާ 25 އަހަރަށް ޖަލަށް ލާން 2011 ގައި އޭރުގެ ޖިނާއީ ކޯޓުން ހުކުމް ކުރީ ޖޫން 2010 ގައި އޭނާގެ ކުރީގެ ފިރިމީހާ މއ. އެދުރުގޭ ހަސަން ޝާހިދަށް ވަޅިއަކުން ހަމަލާދީ އޭނާ މަރާލިކަން ނަޒާހާގެ އިއުތިރާފުން ސާބިތުވުމުންނެވެ. ނަޒާހާ ބުނާ ގޮތުގައި ޝާހިދަށް ހަމަލާ ދިނީ އޭނާގެ ފަރާތުން ލިބެމުން ދިޔަ ގެވެށި އަނިޔާއަށް ކެތް ނުވެގެންނެވެ. މަރާލުމަށް ފަހު، އެކަން ފުލުހުންނަށް ރިޕޯޓުކޮށް އޭނާ އަމިއްލައަށް އިއުތިރާފު ވެސް ވި އެވެ.

މި ހުކުމް ހައި ކޯޓުން ވެސް ވަނީ ދަމަހައްޓައިފަ އެވެ. މުއްދަތު ހަމަވެފައި ވިޔަސް މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރުމުގެ ހުއްދަ ދިނުމުން މިހާރު ކުރިއަށްގެންދާ އަޑުއެހުންތަކުގައި ގެންދަނީ ދަށު ކޯޓުގައި ހާމަނުކޮށް ހުރި ވާހަކަތައް ދައްކަމުންނެވެ. ނަޒާހާގެ އަނިޔާގެ މާޒީ ތަކުރާރުކޮށް ކިޔައިދިން ނަމަވެސް ދައުލަތުން ބުނަނީ ނަޒާހާގެ ހުކުމް ދަމަހައްޓަންޖެހޭނެ ކަމަށެވެ. ނަޒާހާ ޝާހިދަށް ހަމަލާ ދިނީ ގަސްތުގައި ނޫންކަން ސާބިތުކޮށް ނުދެވޭ ކަމަށާއި ނަޒާހާއަށް ލިބެމުން ދިޔަ އަނިޔާތައް ސާފުކުރަން ދިފާއުން އެއްވެސް އިރަކު ނޭދޭ ކަމަށް ދައުލަތުން ބުނާތީ ވަކީލް ނިހާޔަތު ކިޔައިދެއްވީ ނަޒާހާގެ ބަޔާނުން ބައެއް ތަންތަންކޮޅެވެ. އޭގައިވާ ގޮތުން،

⬤ ނަޒާހާއަށް ޝާހިދު ތަކުރާރުކޮށް އަނިޔާކުރަމުންދާ މައްސަލަ ހުށަހެޅުމުން ނަޒާހާގެ ގެޔަށް ޝާހިދު ވަނުން ފުލުހުން އޮތީ މަނާކޮށްފައި.

⬤ ނަޒާހާއަށް ޝާހިދު ކުރާ އަނިޔާގެ ވާހަކަ އެނގޭ އެތައް ބަޔަކު ތިބި.

⬤ ނަޒާހާ 2008 ވަނަ އަހަރު ބަލިވެއިންދާ، ޝާހިދު ނަޒާހާގެ ކަރުގައި ހިފައި ޖޯލިމައްޗަށް ވައްޓާލި.

⬤ ނަޒާހާ 2008 ވަނަ އަހަރު އޯލެވެލްގެ އިނގިރޭސި އިމްތިހާނުގައި ބައިވެރިވާން ދަނިކޮށް، ގޮށްމުށްކަވާފައި އަތުން ބޮލުގައި ތަޅައި އަނިޔާކުރުމުން އިމްތިހާނު މަރުކަޒަށް ނުގޮސް ހޮސްޕިޓަލަށް ދާން ޖެހުނު. އުމުރުން 18 އަހަރުގައި ކައިވެނިކުރި ނަޒާހާ އޭރު ހުރީ ވަރިކޮށްފައި.

⬤ ނަޒާހާ ވަޒީފާ އަދާކުރި ހީޓަށް ޝާހިދު ގޮސް ނަޒާހާގެ ކަރުގައި ހިފައި ފާރަށް ޖަހައި މާރާމާރީ ހިންގުމުން ފުލުހުން ގޮސް ޝާހިދު ހައްޔަރުކުރި. ދައުވާކުރުމަށް ހެކި ލިބިފައި ވިޔަސް ޝާހިދުގެ އާއިލާގެ އެދުމުގެ މަތިން ނަޒާހާ މައްސަލަ އަނބުރާ ނެގި.

⬤ ހީޓުގެ އިވެންޓަކަށް ނަޒާހާ ދާން އޮއްވައި އޭނާ އާއި ހީޓުގެ އެހެން ބަޔަކަށް ޝާހިދު ބިރު ދެއްކުމުން ނަޒާހާ އިވެންޓުން ވަކިކުރި.

⬤ ނަޒާހާގެ ކަރުގައި ހިފައި ޝާހިދު އަނިޔާކުރި މަންޒަރު، މި މީހުންގެ ތުއްތު ދަރިފުޅަށް ފެނި ކުރި އަސަރުން ފިޓް ޖެހި ފަރުވާއަށް ސްރީ ލަންކާއަށް ދާންޖެހުނު.

"ކިހާ ވަރަށް މި ވާހަކަ ދެއްކީމަތޯ ދެއްކި ކަމަށް ވާނީ؟،" ބަޔާނުގައި ހުރި މި ކަންކަން ކިޔައިދެއްވުމަށް ފަހު ވަކީލް ސުވާލުކުރެއްވި އެވެ.

މި ވާހަކަތަކާ އެކު ނަޒާހާގެ ލޮލުން ކަރުނަ ފޮހެމުން ދިޔައިރު ވަކީލް ވިދާޅުވީ އަނިޔާގެ ވާހަކަތައް ޝަރީއަތަށް ސާބިތުކޮށްދިނުމުގެ ފުރުސަތަށް ދިފާއުން އެދުނު ކަމަށެވެ. އެކަމަކު ނަޒާހާގެ ދިފާއުން ހުށަހެޅި އެއްވެސް ހެއްކެއް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައި ނެތް ކަމަށް ވިދާޅުވި އެވެ.

އެކަމަކު ދައުލަތުން ނަޒާހާގެ މައްޗަށް ކުށް ސާބިތުކުރުމަށް ހުށަހެޅި ބައެއް ބަޔާންތަކުން ނަޒާހާގެ ވާހަކަތަކަށް ބާރު ލިބޭ ކަމަށް ވަކީލް ވިދާޅުވި އެވެ. އޭގެތެރެއިން އެއް ބަޔާނަކާ ހަވާލާދީ ވަކީލް ވިދާޅުވީ ހާދިސާ ހިނގި އިރު ނަޒާހާ އުޅުނު ހ.ބައިކެނޑިގެއަށް ބަދަލުވީ ޝާހިދުގެ އަނިޔާތަކަށް ކެތް ނުވެގެން ކަމަށް ނަޒާހާ ބުނި ކަމަށް ދައުލަތުގެ ހެކިވެރިއަކު ބަޔާންދީފައިވާ ކަމަށެވެ. އަދި ދަރިފުޅު ވިހައިގެން ޝާހިދުގެ ގެ، މއ. އެދުރުގޭގައި އުޅުނު އިރު ދަރިފުޅަށް ބުއް ދޭން އިންދައި ޝާހިދު ރުޅި އައިސްގެން ނަޒާހާ ކޮއްޕާލިތަނާ ނަޒާހާ ހިފައިގެން އިން ހޫނު ފެންތަށި ތުއްތު ދަރިފުޅާއި ނަޒާހާގެ ގަޔަށް އެޅުނު ވާހަކަ ރޮއެރޮއެފައި ކިޔައިދިން ކަމަށް ބުނެ މީހަކު ދީފައިވާ ބަޔާނެއް ވެސް ފާހަގަކުރި އެވެ.

މީގެ އިތުރުން ކައިވެނިކޮށްގެން އުޅުނުއިރު އާއި ވަރިކުރި ފަހުން ވެސް ނަޒާހާއަށް އަނިޔާކުރުމުން ނޫފައިގެންފައި ހުންނަ ތަންތަން ނަޒާހާގެ ގައިން ފެންނަ ކަމަށާއި އެ ތަންތަނުގައި އަޅަން ބޭސް ގަނެދީފައިވާނެ ކަމަށް ބުނެ މީހަކު ދީފައިވާ ބަޔާނެއް ވެސް ހިމެނެ އެވެ.

ވަކީލް ވަނީ މި ހުރިހާ ހެކިތަކެއް މިހެން ހުރުމުން މި މަރުގައި ގަސްތު އޮތް ކަމުގެ ޝުބުހަ ނުވަތަ ޝައްކެއް ނެތް ކަމަށް ބުނެވިދާނެތޯ ސުވާލުކުރައްވައިފަ އެވެ.

"ދައުލަތުން އެބަ ވިދާޅުވޭ ދައުލަތުގެ ޖަވާބުގައި، ތިމަންމަން މި ބުނަނީ މިވެނި ގޮތަކަށް މި ހާދިސާ ހިގާފައި އޮތީމާ ނަޒާހާގެ ގަސްތު އެބައޮތް ކަމަށޭ ބަލަން ޖެހޭނީ. ނަޒާހާގެ ފަރާތުން ނެތޭ އެ ގަސްތު ނަފީކުރާނެ ވާހަކައެއް ބުނަފައެއް. އެކަމަކު މިއީ ކޮން ވާހަކައެއްތޯ އެހެންވިއްޔާ؟،" ވަކީލް ނިހާޔަތު ވިދާޅުވި އެވެ.

ދައުލަތުން ބުނީ މި މައްސަލާގައި ނަޒާހާ ދަށު ކޯޓުގައި ދައުވާއަށް އިންކާރު ކުރުމުން ދައުލަތުން ހެށި ހުށަހެޅުމާ އެކު އަލުން އަނެއްކާވެސް ކުށަށް އިއުތިރާފް ވުމުން އިތުރު ހެކިން ހާޒިރުކޮށްފައި ނެތީ ކަމަށެވެ. އަދި އަނިޔާގެ ވާހަކަތަކާ ގުޅޭ ގޮތުން ބުނީ ޝާހިދު ނަޒާހާއަށް އެއްގޮތަކަށް ވެސް އަނިޔާ ނުކުރާ ކަމަށް ކޯޓުގައި ބުނެފައި ނޯންނާނެ ކަމަށެވެ.

ޝާހިދު ނިޔާވެފައި މި ވަނީ ނަޒާހާއަށް ބޮޑު އަނިޔާއެއް ކުރިމަތިވާން އުޅޭކަމުގެ ބިރަށް އަމިއްލަ ނަފްސުގެ ރައްކަލަކަށްޓަކައި ކުރެވުނުކަމެއްގެ ނަތީޖާއެއް އެއީ. އެއީ ނަޒާހާގެ ބަހަކީ އަބަދުވެސް: ދިފާއީ ވަކީލް

ހީޓް ކައިރީ މާރާމާރީ ހިނގީ ނަޒާހާ ހީޓަށް ދާންވެގެން ދަރިފުޅު ބަލައި އަންނަން ޝާހިދު ގާތުމުން، ޝާހިދު ބަލިވެ އުޅޭތީ ނުދެވޭނެ ކަމަށް ބުނުމުން ނަޒާހާ ދަރިފުޅު ބަހައްޓާފައި ދިއުމުން ޝާހިދު ދަރިފުޅު ގޮވައިގެން ހީޓް ކައިރިއަށް ދިއުމުން ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނީ "ނަޒާހާ ވެސް ޝާހިދަށް އަނިޔާކުރެޔޭ، ޝާހިދު ވެސް ނަޒާހާއަށް އަނިޔާ ކުރެޔޭ" ކަމަށެވެ. އޭރު ދެ މީހުންގެ ދެމެދުގައި ހިނގި މައްސަލަތައް ޖެންޑާ އެންޑް ފެމިލީ ޕްރޮޓެކްޝަނުން ބެލި އިރު ނަޒާހާ ދީފައިވާ ބަޔާންތަކުގައި ވެސް ޝާހިދަށް ބައެއްފަހަރު އަނިޔާކުރާ ކަމަށް ނަޒާހާ ބުނެފައިވާ ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން މިއަދުވެސް ބުނީ ނަޒާހާގެ އަމަލުތައް ހުރި ގޮތުން ޝާހިދު މަރާލުމަކީ ނަޒާހާ ގަސްތުގައި ކުރި ކަމެއްކަން އެނގޭ ކަމަށެވެ. ހާދިސާ އަށް ފަހު އަމިއްލައަށް ފުލުހުންނަށް ގުޅައި، ގޭތެރެއިން ލޭތައް ސާފުކޮށް ވަޅި ވެސް ކޮތަޅަކަށް ލުން ފަދަ ކަންކަން ވެސް ކޮށްފައި ވާތީ ނަޒާހާ ޝާހިދަށް ހަމަލާ ދިނީ ކުރެވެނީ ކީއްކަން އެނގޭ ހާލަތުގައި ހުރެގެން ކަމަށް ދައުލަތުން ބުންޏެވެ. ޝާހިދަށް ވަޅިން ހަމަލާދީފައިވަނީ ފުރަގަހުން، ޝާހިދަށް ދިފާއުވެވޭނެ ގޮތެއް ވެސް ނެތް ގޮތަށް ކަމަށް ބުންޏެވެ.

އެކަމަކު ދިފާއުން ބުނީ ނަޒާހާއަށް ތަހަންމަލްކުރަމުން އައި ކަންކަމަށް ބަލާއިރު ހަމަލާ ދިން ވަގުތަކީ ޝާހިދުގެ ފަރާތުން ނަޒާހާއަށް ހަމަލާއެއް އަމާޒުވި ވަގުތަށް ވާން ނުޖެހޭ ކަމަށެވެ. އެކަމަކު ހަމަލާ ދިން ވަގުތު ވެސް ކަން ހިނގީ ވެސް ނަޒާހާއަށް ނުރައްކާ އޮތްކަން އިހްސާސްވާ ގޮތަށް ކަމަށް ވަކީލް ވިދާޅުވި އެވެ.

ދިފާއީ ވަކީލް ވިދާޅުވި ގޮތުގައި، މީހަކު ދިރިއުޅޭ މާހަލުން އެ މީހަކަށް ކުރިމަތިކުރުވާ ނުވަތަ ކުރިމަތިލާންޖެހޭ ކަންކަމުގެ މައްޗަށް އެ މީހެއްގެ ނަފްސާނީ ދުޅަހެޔޮކަން ބިނާވެގެންދާނެކަން އެއީ އިތުރަށް ދިރާސާކޮށް ނުވަތަ އެކްސްޕާޓުންތަކެއް ގެނެސް ސާބިތުކޮށްދޭންޖެހޭނެ ކަމެއް ނޫނެވެ. އޭނާ ވިދާޅުވީ މިއީ އެއަށްވުރެ މާ ވުޖޫދީ، ދެބަސްވެވެން ނެތް ހަގީގަތެއް ކަމަށެވެ. ނަޒާހާގެ ފަރާތުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ކެނޑިނޭޅި ބުނަމުން ގެންދަނީ ޝާހިދު މަރާލުމުގެ ނިޔަތެއް ނެތް ވާހަކަ ކަމަށާއި ޝާހިދު މަރުވީ ނަޒާހާ ދުރާލާ ރާވައިގެން އެ ވިސްނުމުގައި ކުރި ކަމެއްގެ ސަބަބުން ކަމަށް ދައުލަތުން ބުނި ކަމުގައި ވިޔަސް އެކަން ހިނގީ އެހެން ނޫން ކަމަށް ނަޒާހާގެ ވަކީލް ވިދާޅުވި އެވެ.

"ޝާހިދު ނިޔާވެފައި މި ވަނީ ނަޒާހާއަށް ބޮޑު އަނިޔާއެއް ކުރިމަތިވާން އުޅޭކަމުގެ ބިރަށް އަމިއްލަ ނަފްސުގެ ރައްކަލަކަށްޓަކައި ކުރެވުނުކަމެއްގެ ނަތީޖާއެއް އެއީ. އެއީ ނަޒާހާގެ ބަހަކީ އަބަދުވެސް،" ވަކީލް ނިހާޔަތު ވިދާޅުވި އެވެ.

ހާދިސާ ހިނގިތާ އިރުކޮޅެއް ފަހުން ނަޒާހާ ފުލުސް އޮފީހަށް ހާޒިރުކޮށް ނެގި ބަޔާނާ ހަވާލާދީ ދިފާއީ ވަކީލް ވިދާޅުވީ ކޮޓަރި ދޮރުގައި މީހަކު ޓަކި ޖެހުމުން ހުޅުވިއިރު ޝާހިދު ހުރި ކަމަށާއި ދޮރު ހުޅުވުމާ އެކު "މި ހުރީއޭ، ކަލޭމެން އަވަހަށް އަންނާށޭ" ކިޔާފައި ކޮޓަރިތެރެއަށް ޝާހިދު ގަދަކަމުން ވަދެގަތް ކަމަށެވެ. ވަނުމަށް ފަހު ޓީވީ ފުރަގަހުން އެއްޗެއް ހޯދަން އުޅުނު ކަމަށާއި އޭނާ އުޅުނީ ތަޅައި މާރާމާރީ ހިންގާނެ އެއްޗެއް ހޯދަން ކަމަށާއި އެކަން އެނގެނީ ކޮންމެ ފަހަރަކު ވެސް ކޮންމެވެސް އެއްޗަކުން ޖަހައި މާރާމާރީ ހިންގާތީ ކަމަށް ނަޒާހާ ބުނެފައިވެ އެވެ.

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ރިޔާސަތުން މިއަދުގެ އަޑުއެހުން ނިންމާލެއްވީ ދެން އޮންނަ އަޑުއެހުމެއްގައި ފަނޑިޔާރުން ބޭނުންވާ ސުވާލުތައް ކުރުން އޮންނާނެކަން އިއުލާނުކުރައްވަމުންނެވެ.