Roadha Mihaaru
ނަފުސާނީ ދުޅަހެޔޮކަމާ ގުޅޭ ޓެކްނޮލޮޖީއެއް އައިފޯނަށް

ނަފުސާނީ ދުޅަހެޔޮކަން ދެނެގަންނަ ޓެކްނޮލޮޖީއެއް އައިފޯނަށް ގެންނަނީ

23 ސެޕްޓެމްބަރ 2021

އައިފޯން ގެންގުޅޭ މީހުންގެ ނަފުސާނީ ހާލަތު ފޯނުގެ އެހީގައި ދެނެގަވޭނެ ޓެކްނޮލޮޖީއަކަށް އެޕަލް އިން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައިފޯން ގެންގުޅޭ މީހުންގެ ނަފުސާނީ ހާލަތު ފޯނުގެ އެހީގައި ދެނެގަވޭނެ ޓެކްނޮލޮޖީއަކަށް އެޕަލް އިން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ވޯލް ސްޓްރީޓް ޖާނަލް އިން ބުނީ އައިފޯނު ގެންގުޅޭ މީހަކަށް ޑިޕްރެޝަނާއި އެ ބާވަތުގެ ނަފުސާނީ އެއްވެސް މައްސަލައެއް ދިމާވެފައިވޭތޯ އާއި އެ މީހެއްގެ ސިކުނޑީގެ ހާލަތާއި އިހްސާސްތައް މި ޓެކްނޮލޮޖީން ދެނެގަންނާނެ ކަމަށެވެ. އަދި ވާހަކަ ދައްކާ ގޮތާއި ހިނގާ ގޮތާއި އެ މީހެއްގެ ނިދުމުން ޕެޓާން ހުންނަ ގޮތުގެ އިތުރުން ފޯނުން ޓައިޕްކުރާ ސްޕީޑް ފަދަ ކަންކަން ދެނަގެނެ، އެ މީހެއްގެ ސިއްހީ އެއްވެސް މައްސަލައެއް ހުރި ނަމަ އެ އެލޮގްރިދަމްގެ އެހީގައި ދެނެގަންނާނެ އެވެ.

މި ޓެކްނޮލޮޖީއާ ބެހޭ މައުލޫމާތު އެނގޭ ބަޔަކު ވޯލް ސްޓްރީޓް ޖާނަލް އަށް ކިޔައި ދީފައިވާ ގޮތުގައި މިގޮތަށް އެއްކުރެވޭ މައުލޫމާތު އެ މީހެއްގެ ފޯނުގައި ރައްކާކޮށްދޭނެ އެވެ. އަދި އެއްވެސް މައުލޫމާތެއް އެޕަލްއާ ހިއްސާ ނުކޮށް، އެ މީހެއްގެ ޕްރައިވެސީ ޓެކްނޮލޮޖީން ކަށަވަރުކޮށް ދޭނެ އެވެ.

މި ޓެކްނޮލޮޖީ އަށް އެޕަލް އިން މަސައްކަތްކުރަނީ ކަމާ ގުޅުން ހުރި ދާއިރާތަކަށް ހާއްސަ ޔުނިވަސިޓީތަކަކާ ވެސް ގުޅިގެންނެވެ. އޭގެ ތެރޭގައި އެމެރިކާގެ ލޮސް އެންޖެލިސްގެ ޔުނިވަސިޓީ އޮފް ކެލިފޯނިއާ (ޔޫސީއެލްއޭ) ހިމެނެ އެވެ.

ޓެކްނޮލޮޖީ ތަރައްގީކުރުމުގައި ޔުނިވަސިޓީތަކުގެ ލަފަ އާއި މަޝްވަރާ ވަރަށް ބޮޑަށް ހޯދައި، އެ ޓެކްނޮލޮޖީގެ ރައްކާތެރި ކަމަށް ވަރަށް ބޮޑު އިސްކަމެއް ދޭނެ އެވެެ. މައުލޫމާތު ދިން މީހުން ބުނެފައިވާ ގޮތުގައި އެޕަލްގެ އަމާޒަކީ މާ ދުރު ނޫން ނޫން މުސްބަގުލަބެއްގައި އައިފޯންތަކަށް އެ ޓެކްނޮލޮޖީ ގެނައުމެވެ. އެކަމަކު އެއީ އަދި ކިހާ ހިސާބެއްގައި ކަމެއް ނޭނގެ އެވެ. ސަބަބަކީ މި މަސައްކަތް އަދި އޮތީ ވަރަށް ކުރީ މަރުހަލާއެއްގައި ކަމަށްވުމެވެ.

މިކަމާ ބެހޭ ގޮތުން އެޕަލް އިން ރަސްމީކޮށް އެއްވެސް އެއްޗެއް އަދި ނުބުނެ އެވެ.