Roadha Mihaaru
ކުށްވެރިން މޮނިޓާކުރާ ޓެގު އަދިވެސް ނުލިބޭ

ކުށްވެރިން މޮނިޓާކުރާ ޓެގު އަދިވެސް ނުލިބޭ

21 ސެޕްޓެމްބަރ 2021

މޮނިކޮން އަމުރުގައި ތިބޭ މީހުން މޮނިޓާ ކުރުމަށް އަޅުވާ ޓެގު އަދިވެސް ފުލުހުންނަށް ނުލިބޭ ކަމަށާއި ޓެގު ހޯދުމުގެ މަސައްކަތް ހޯމް މިނިސްޓްރީއާ ގުޅިގެން ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

މޮނިކޮން އަމުރުގައި ތިބޭ މީހުން މޮނިޓާ ކުރުމަށް އަޅުވާ ޓެގު އަދިވެސް ފުލުހުންނަށް ނުލިބޭ ކަމަށާއި ޓެގު ހޯދުމުގެ މަސައްކަތް ހޯމް މިނިސްޓްރީއާ ގުޅިގެން ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ބޮޑެތި ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުން އުޅޭނޫޅޭ ގޮތް ބަލަން ފައިގައި އެޅުވުމަށް ބޭނުންކުރާ "މޮނިކޮން ޓެގު" ނެތްކަން ހާމަވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މެއި މަހު ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެމްޑީޕީގެ "މެއި ހައެއް" ކޮމިޓީން ފުލުހުންނާ ބައްދަލުކުރުމުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަަލް ވިދާޅުވީ މިހާތަނަށް މޮނިކޮން އަމުރުގެ ދަށުން ކުށްވެރިން މޮނިޓާކުރަން ބޭނުންކުރާ ޓެގަކީ ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުން ހޯދާފައިވާ އެއްޗެއް ކަމަށެވެ. އަދި މިވަގުތު އެފަދަ އަމުރެއްގައި ތިބޭ މީހުން ބެލެހެއްޓުމަށް ޓެގު ބޭނުން ނުކުރާ ކަމަށ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އާ ޓެގު ހޯދުމަށްޓަކައި ހޯމް މިނިސްޓްރީ އާއި ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިވަގުތު ޓެގު ބޭނުން ނުކުރި ނަމަވެސް މޮނިކޮން އަމުރުގައި ހުންނަ ކަންކަން ތަންފީޒު ވަމުންދޭތޯ ޔަގީން ކުރުމަށް ތަފާތު އުކުޅުތައް މިހާރު ވެސް ބޭނުންކުރާ ކަމަށް ވިދާޅުވި އެވެ.

ކުރިން ޓެގް އެޅުވި ނަމަވެސް އެކަން ކުރީ ކުރީ ސަރުކާރުގައި އެކަން ހަވާލުކޮށްފައި އޮތް އަމިއްލަ ކުންފުންޏެއް މެދުވެރިކޮށެވެ. އެކަމަކު އެ މަސައްކަތުގެ އެއްބަސްވުން ފަހުން އުވާލީ އެވެ.

މޮނިކޮން އަމުރަކީ ޓެރަރިޒަމް މަނާކުރުމާ ބެހޭ ގާނޫނުގެ ދަށުން، ޓެރަރިޒަމްގެ އަމަލުތައް ހިންގާ މީހުން މޮނީޓާކޮށް ބަލަހައްޓަން ހޯމް މިނިސްޓްރީ އަށް ބާރު ލިބޭ ގޮތަށް ހައި ކޯޓުން ނެރެދޭ އަމުރެކެވެ. މި އަމުރުގެ ދަށުން ވަކި ވަގުތުތަކެއްގައި ބޭރަށް ނުކުމެ ނޫޅެވޭ އިރު، މީހަކު ވަކި ތަނެއްގައި ބެހެއްޓުމާއި އެ މީހާ ހުންނަ ތަންތަނާއި ދާ ތަންތަން ބަލައި ފާސްކުރުމަށް ފުލުހުންނަށް ބާރު ލިބިދެ އެވެ. މޮނިކޮން ޓެގަކީ އެކަންކަން މޮނިޓާ ކުރުމަށް ބޭނުންކުރާ ހާއްސަ ޓެގެވެ.