Roadha Mihaaru
"ފްލެޓުތަކަށް ފެން ވަންނަނީ މެކޭނިޒަމް ފެއިލް ވެގެން"

ފްލެޓުތަކަށް ފެން ވަންނަނީ ފެން ބޭރުކުރަން ކަނޑާފައި ހުރި ލޯވަޅުތަކުން: އެޗްޑީސީ

19 ސެޕްޓެމްބަރ 2021

ހިޔާ ފްލެޓުތަކުގެ ބައެއް އެޕާޓްމަންޓުތަކަށް ފެން ވަންނަނީ ވައިގަދަވެ، ފްރޭމްގަނޑުގައި ހަރުލާ ފެން ބޭރުކުރަން ހަދާފައި ހުރި މެކޭނިޒަމް ފެއިލްވެގެން ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

ހިޔާ ފްލެޓުތަކުގެ ބައެއް އެޕާޓްމަންޓުތަކަށް ފެން ވަންނަނީ ވައިގަދަވެ، ފްރޭމްގަނޑުގައި ހަރުލާ ފެން ބޭރުކުރަން ހަދާފައި ހުރި މެކޭނިޒަމް ފެއިލްވެގެން ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.

މިދިޔަ ބުދަ ދުވަހު މާލޭ ސަރަހައްދަށް ގަދަ ވަޔާއެކު ވެހުނު ބޯ ވާރޭގައި، ހިޔާ އެޕާޓްމަންޓުތަކުގައި ސްލައިޑް ކުރެވޭ ގޮތަށް ހުންނަ ކުޑަދޮރުތަކުގެ ތިރީ ބައިގައި ފެން ހަރުލައި، އެތަން ފުރި އެޕާޓްމަންޓުތަކުގެ ތެރެއަށް ވަނީ ވަރަށް ބޮޑަށް ފެން ވަދެފަ އެވެ.

ބައެއް ހިޔާ ފްލެޓުތަކުގައި މިހާރު މީހުން ދިރިއުޅެން ވެސް ފަށާފައި ވާއިރު، ވާރޭ ވެހި، ބެލްކަނީ ދޮރުގެ ތިރިން ވެސް އެޕާޓްމަންޓުގެ އެތެރެއަށް ފެން ވަންނަ ކަމަށް އެ ފަރާތްތަކުން ބުނެއެވެ. އަދި ވަޔާ އެކު ފްލެޓްތަކުގެ ހޯލްވޭ އަށް ވެސް ފެން ވަންނަ ކަމަށް ވެއެވެ.

އެޗްޑީސީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ، ވިއްސާރަ ވެއްޖެ ނަމަ، ފްރޭމްގަނޑުގައި ހަރުލާ ފެން ބޭރުކުރަން ފްރޭމްގައި ލޯވަޅުތަކެއް ކަނޑާފައި ހުންނަ ކަމަށެވެ. އެއީ އެޕާޓްމަންޓުތަކުގައި ފެން ހެދުނަ ނުދޭން ހަދާފައި ހުންނަ ނިޒާމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އާދަޔާ ހިލާފަށް ވައި ގަދަވުމުގެ ސަބަބުން، ވައި ވަނުމުން ކުޑަދޮރުތަކުން ފެން ބޭރުވުމުގެ ބަދަލުގައި ފްރޭމްގައި ފެން ހެދުނީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފްރޭމަށް ފެން އެޅޭނީ، އެ އެޅޭ ފެން ބޭރުކުރަން ކުޑަދޮރުތަކުގެ ފްރޭމްގައި ހުންނާނެ ބޭރަށް ލޯވަޅުތަކެއް ކަނޑައިފަ. އެ ދުވަހު [ވިއްސާރަ ވީ ދުވަހު] އާދަޔާ ހިލާފަށް ވައިގަދަ ވީމަ އަސްލު އެ މެކޭނިޒަމް އެގޮތަށް ވޯކު ނުކުރީ. އެހެންވެ ފެން އެތަނުން ބޭރު ނުވީމަ ފެން ހެދުނީ،" އެޗްޑީސީގެ އޮފިޝަލް ވިދާޅުވި އެވެ.

ވިއްސާރަވެ އެޕާޓްމަންޓުތަކުގައި ފެން ބޮޑުވީ ވައިގެ އަސަރު އެންމެ ބޮޑަށް ކުރާގޮތަށް ހުރި ފްލެޓުތަކަށް އެކަންޏެވެ.

އެޗްޑީސީން ބުނީ އެ މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލުކުރުމަށް އެ ކުންފުނީގެ ޓީމުން މިހާރު މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބިނާކުރި ފްލެޓުތަކާ ގިނަ ބަޔަކު ހަވާލުވެ އެ ތަންތަނުގެ ފިނިޝިންގެ މަސައްކަތް އެ ފަރާތްތަކުން ދަނީ ކުރަމުންނެވެ.

ރާއްޖޭގައި މިހާތަނަށް ހިންގި ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫއުގެ ދަށުން އިމާރާތް ކޮށްފައިވާ 25 ބުރީގެ 16 ޓަވަރުގައި 6،720 ފްލެޓު ހުންނަ އިރު، ފިނިޝިންގެ މަސައްކަތް އެއްކޮށް ނުނިންމައި ވެސް ބައެއް އާއިލާތައް މިހާރު ވަނީ އެތަނުގައި ދިރިއުޅެން ފަށައިފަ އެވެ.