Roadha Mihaaru
އުމުރުން 15، އިސްކޮޅު 7 ފޫޓަށްވުރެ ދިގު

އުމުރުން 15، އިސްކޮޅު 7 ފޫޓަށްވުރެ ދިގު

17 ސެޕްޓެމްބަރ 2021

މިހާރު އިސްކޮޅުން އެންމެ ދިގު ފުރާވަރުގެ ކުއްޖާ ހުރީ ކެނެޑާގައި ކަމަށް ގިނިސް ވޯލްޑް ރެކޯޑުން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިހާރު އިސްކޮޅުން އެންމެ ދިގު ފުރާވަރުގެ ކުއްޖާ ހުރީ ކެނެޑާގައި ކަމަށް ގިނިސް ވޯލްޑް ރެކޯޑުން ބުނެފި އެވެ.

އެތަނުން ބުނި ގޮތުގައި މިދިޔަ އަހަރު ޗައިނާ ކުއްޖަކަށް ލިބުނު އެ ރެކޯޑް، ކެނެޑާ އިން ލިބުނު 15 އަހަރުގެ ކުއްޖާ އަކީ އިސްކޮޅުގައި 7 ފޫޓް 5.33 އިންޗި (226.9 ސެންޓިމީޓަރު) ހުރި ކުއްޖެކެވެ. މިދިޔަ އަހަރު އެ ރެކޯޑް ލިބުނު ޗައިނާގެ ކުއްޖާގެ އިސްކޮޅުގައި ހުރީ 7 ފޫޓް 3.02 އިންޗި (221.03 ސެންޓި މީޓަރު) އެވެ.

އާ ރެކޯޑް ލިބުނު ކެނެޑާ އޮލިވިއާ ރިއޯޒް ބުނީ އިސްކޮޅުގެ ސަބަބުން ރެކޯޑެއް ކަށަވަރުވުމަކީ ވަރަށް ބޮޑު އުފަލެެއް ކަމަށެވެ. ސަބަބަކީ ވަރަށް ކުޑައިރުން ފެށިގެން ވެސް އާދަޔާހިލާފު ދިގު ކުއްޖެއްގެ ގޮތުގައި ފާހަގަކުރެވޭތީ، ކޮންމެވެސް ދުވަހަކުން އޭނާގެ އިސްކޮޅު ވެސް ރެކޯޑަކަށް ވެދާނެ ކަމަށް އުންމީދުކުރެވުމެވެ. އަދި މިހާރު ރެކޯޑް ކަށަވަރުވިކަން އެނގުނު ދުވަހު އެކަން ގަބޫލުކުރަން ދަތިވެގެން "ޝޮކްގައި" ވެސް އެތައް އިރަކު ހުންނަން ޖެހުނު ކަމަށް ބުންޏެވެ.

އޮލިވިއާ މައިންބަފައިން ކިޔައިދިން ގޮތުގައި ދަރިފުޅަކީ ވަރަށް އަވަހަށް ބޮޑުވަމުން އައި ކުއްޖެކެވެ. އެގޮތުން ގްރޭޑް 5 އާ ހަމައަށް ދިޔަ އިރު އޭނާގެ އިސްކޮޅު އެވްރެޖް މީހެއްގެ އިސްކޮޅާ އެއްވަރެވެ. އެއީ 5 ފޫޓް 2 އިންޗި އެވެ.

އޮލީވިއާގެ އާއިލާ އަކީ ވެސް އިސްކޮޅުން ދިގު މީހުން ތިބޭ އާއިލާއެކެވެ. އެކަމަކު އުމުރާ ނުގުޅޭ ވަރަށް އޭނާ އިސްކޮޅުން ދިގުވާތީ އެކަމާ އާއިލާ އިން ކުރިން ކަންބޮޑުވެގެން އުޅުނެވެ. ސަބަބަކީ ގެއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ވެސް ޖެހުމެވެ. އެގޮތުން ގެ އުސްކުރަން ޖެހުމާއި އެނދާއި ގޮނޑި ފަދަ އެއްޗެހި ވެސް ބޮޑުކުރަން ޖެހޭތީ އެވެ.

މިކަމާ ކަންބޮޑުވެގެން އާއިލާ އިން އޮލިވިއާ ޑޮކްޓަރަށް ވެސް ދައްކާފައިވެ އެވެ. އޭރު އޭނާ ބެއްލެވި ޑޮކްޓަރު ވިދާޅުވެފައިވާ ގޮތުގައި އޮލިވިއާގެ އިސްކޮޅު ދިގުވަމުން ދިޔަ ނިސްބަތަޑް ބަލާ އިރު އޭނާގެ އިސްކޮޅުގައި އެންމެ މަދުވެގެން 6 ފޫޓް 5 އިންޗި އިންނާނެ އެވެ. އެކަމަކު އަދަދު ވެސް ފަހަނަޅައި 7 ފޫޓަށް ވުރެ އޮލިވިއާ ދިގުވެ، ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ލިބުމުން އާއިލާ އިން މިހާރު އެކަމަކާ މާ ކަންބޮޑެއް ނުވެ އެވެ.

އޮލިވިއާ ކިޔައިދިން ގޮތުގައި އޭނާ އަކީ އަބަދު ވެސް ބާސްކެޓަށް ވަރަށް ޝައުގުވެރިކަން ހުންނަ ކުއްޖެކެވެ. އެކަމަކު ކުޅެން ދިއުމުން އިސްކޮޅުން ދިގުކަމުން އޭނާގެ އުމުރާ ގުޅޭ ގޮތުން އެހެން ކުދިން ސުވާލު އުފައްދައި ކަންބޮޑުވެގެން އުޅޭ ކަމަށް ބުންޏެވެ.

"އިސްކޮޅުން ދިގުވުމަކީ އަހަރެން އެއްގޮތަކަށް ވެސް ކަންބޮޑުވާ ކަމެއް ނޫން. މިކަމުގެ ސަބަބުން އަހަންނަށް އާންމުންގެ ސަމާލުކަން ލިބޭލެއް ބޮޑު. މިހާރު ކޮންމެ ތާކަށް ދިޔަސް މީސްމީހުން އައި ވާހަކަ ދައްކައި އެކި ކަހަލަ ސުވާލުތައްކޮށް، އެކީގައި ފޮޓޯ ވެސް ނަގަން އެދޭ." އޮލީވިއާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެއް ފަހަރަކު އާއިލާއާ އެކު ކިއުބާގެ ރިސޯޓަކަށް ޗުއްޓީއަކަށް ދިޔަ ފަރަހެއްގައި އޭނާއާ އެކީ ފޮޓޯ ނަގަން ރިސޯޓްގައި އޭރު ތިބި ހުރިހާ ޓޫރިސްޓުން ބޭނުންވި ދުވަހަކީ އޭނާ އަކީ ކިހާ ހާއްސަ މީހެއްކަން އިހުސާސްކުރެވުނު ދުވަހެކެވެ.

މި ވަގުތު އިސްކޮޅުން އެންމެ ދިގު ފުރާވަރުގެ އަންހެން ކުއްޖަކީ، އެންމެ ދިގު ފައިގެ ރެކޯޑް ވެސް އޮތް އެމެރިކާގެ ޓެކްސަސްގެ މޭސީ ކަރިން، 18، އެވެ. އޭނާގެ އިސްކޮޅަކީ 6 ފޫޓް 10 އިންޗި އެވެ.