16 ސެޕްޓެމްބަރ 2021
އެމެރިކާ އާއި އޮސްޓްރޭލިޔާ އަދި އިނގިރޭސި ވިލާތް ގުޅިގެން، އަސްކަރީ އަދި ސަލާމަތީ ގޮތުން އެއްބާރުލުމާ ބެހޭ އިއްތިހާދެއް ގާއިމުކުރަން ނިންމައިފި އެވެ.
އެމެރިކާ އާއި އޮސްޓްރޭލިޔާ އަދި އިނގިރޭސި ވިލާތް ގުޅިގެން، އަސްކަރީ އަދި ސަލާމަތީ ގޮތުން އެއްބާރުލުމާ ބެހޭ އިއްތިހާދެއް ގާއިމުކުރަން ނިންމައިފި އެވެ.
އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން، އިއްޔެ އިއުލާންކުރެއްވި މި އިއްތިހާދުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ، ތިން ގައުމުން ކުރެ ގައުމެއްގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކަލެއް ކުރިމަތިވެއްޖެ ހާލަތެއްގައި، އެ ނުރައްކަލެއް ނައްތައިލުމަށް ނުވަތަ އެ ނުރައްކަލަކާ ކުރިމަތިލުމުގައި ގުޅިގެން މަސައްކަތް ކުރުމެވެ.
އޭގެ އިތުރުން، މި ތިން ގައުމުގެ މެދުގައި އަސްކަރީ ޓެކްނޮލޮޖީ ހިއްސާ ކުރުމާއި މައުލޫމާތު ހިއްސާކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވެސް އޮންލައިންކޮށް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި، ބައިޑެން ވިދާޅުވި ގޮތުގައި، ނިއުކްލިއާ ހަކަތައިން ދުއްވާ ސަބްމެރިން އުފެއްދުމުގެ ޓެކްނޮލޮޖީ ވެސް ހިއްސާ ކުރެވޭނެ އެވެ.
އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން
ކުރު ނަމެއްގެ ގޮތުގައި އައުކުސް (AUKUS) ބޭނުންކުރާ މި ތިން ގައުމުގެ އިއްތިހާދުން، ފުރަތަމަ މަރުހަލާގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ޓެކްނޮލޮޖީ އާއި އުފެއްދުންތެރިކަމުގެ މައުލޫމާތު ހިއްސާ ކުރުމަށެވެ. އޭގެ ތެރޭގައި އާޓިފިޝަލް އިންޓެލިޖެންސް އާއި ސައިބާ އާއި ކުއަންޓަމް އަދި ކަނޑުއަޑީގައި ބޭނުންކުރާ ނިޒާމުތަކާއި ދުރު ރާސްތާއަށް ހަމަލާ ދިނުމުގައި ބޭނުންކުރާ ޓެކްނޮލޮޖީ ހިމެނެ އެވެ.
ބައިޑެން ވިދާޅުވި ގޮތުގައި މި ގުޅުމުގައި ކުރެވޭނެ އެންމެ މުހިންމު އެއް ކަމަކީ، އެމެރިކާގެ އަސްކަރީ ބާރުގެ މަސްދަރުތަކުގައި އިންވެސްޓުކުރުމެވެ. އަދި މިއަދާއި މާދަމާގެ ނުރައްކާތަކާ ކުރިމަތިލުމުގައި އަމަލުކުރާނެ ގޮތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމެވެ.
އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ވިދާޅުވީ، މި ތިން ގައުމުގެ މެދުގައި އޮތް ޒަމާންވީ ބަދަހި ގުޅުން އެހެން މަރުހަލާއަކަށް ގެންދިއުމުގެ ވަގުތު ޖެހިފައިވާ ކަމަށެވެ.
އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވީ "އަހަރެމެންގެ ގުޅުމަށް މުޅިން އާ މަރުހަލާއެއް އިތުރުވެގެން ދަނީ" ކަމަށެވެ.
އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން. --ފޮޓޯ:އޭއެފްޕީ
އެމެރިކާގެ ޒަމާނީ އަސްކަރީ ޓެކްނޮލޮޖީ މީގެ ކުރިން އާންމުކޮށް ހިއްސާ ކުރަމުން އައީ އިނގިރޭސި ވިލާތާއި އިޒްރޭލާ އެކުގަ އެވެ. ނަމަވެސް މިހާރު މި އުފެއްދި ގުޅުމުގެ ފުރަތަމަ މަރުހަލާގައި ހިމެނޭ 18 މަސްދުވަހުގެ ތެރޭގައި، ތިން ގައުމުން ވެސް މަސައްކަތް ކުރާނީ، އެއް ގައުމުން އަނެއް ގައުމަށް ޓެކްނޮލޮޖީ ފޯރުކޮށްދެވޭނެ އެންމެ ފަހި ގޮތަކީ ކޮބައިކަން ދެނެގަތުމަށެވެ.
ކަމާ ބެހޭ ތަޖުރިބާކާރުން ބުނާ ގޮތުގައި، ސަބްމެރިނެއް ދުއްވަން ބޭނުންވާ އިންޖީނެއް ނިއުކްލިއާ ހަކަތައިން ހިންގޭ ފަދަ ޓެކްނޮލޮޖީއެއް އޮސްޓްރޭލިޔާގައި އަދި ނެތެވެ. އެހެންކަމުން، ކުރިއަށް އޮތް ދުވަސްތަކުގައި އެމެރިކާ އާއި އޮސްޓްރޭލިޔާއާ ދެމެދު މަޝްވަރާކުރެވޭނީ، ނިއުކްލިއާ އިންޖީނެއް އުފައްދަން ބޭނުންވާ އާލާތްތަކާއި ޓެކްނޮލޮޖީ އެމެރިކާ އިން އޮސްޓްރޭލިޔާ އަށް ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ކަމަށް ބެލެވެ އެވެ.
އެމެރިކާ އިން މިހާރު ވެސް އޮސްޓްރޭލިޔާ އަށް، ނިއުކްލިއާ މާއްދާތައް ފޯރުކޮށްދެ އެވެ. ނަމަވެސް އެމެރިކާ އާއި އޮސްޓްރޭލިޔާއާ ދެމެދު 2010 ވަނަ އަހަރު ސޮއިކުރި "123 އެގްރީމެންޓް"ގައިވާ ގޮތުން، އެމެރިކާ އިން އޮސްޓްރޭލިޔާ އަށް ދޭ ނިއުކްލިއާ މާއްދާތައް، އެ ގައުމުގައި ފައްކާކުރުމަކީ މަނާ ކަމެކެވެ.
އެެމެރިކާގެ ރައީސް ޖޯ ބައިޑަން. --ފޮޓޯ؛އޭއެފްޕީ
މި ތިން ގައުމުގެ މެދުގައި ގާއިމުކުރި އާ އިއްތިހާދުގެ އެއްބަސްވުމުގައި ވެސް، ޗައިނާއާ ގުޅޭ އެއްވެސް ވާހަކައެއް ނެތެވެ. ނަމަވެސް އެމެރިކާގެ ދެ އޮފިޝަލަކު ނުރަސްމީކޮށް މީޑިއާ އަށް ބުނި ގޮތުގައި މިއީ ޗައިނާ އިން ތަރައްގީ ކުރަމުން އަންނަ އަސްކަރީ އަދި ޓެކްނޮލޮޖީއާ ވާދަކުރުމުގެ ވިސްނުމުގައި އެމެރިކާ އިން އުފެއްދި އިއްތިހާދެކެވެ.
އެމެރިކާ އަށް ވުރެ ޗައިނާއާ ކައިރީގައި އޮތީ އޮސްޓްރޭލިޔާ ކަމަށް ވާތީ، އެމެރިކާގެ ގާތް އެކުވެރިއެއްގެ ގޮތުން އޮސްޓްރޭލިޔާގެ އަސްކަރީ ގާބިލުކަން އިތުރުވުމަކީ، ހުޅަނގު ފެސިފިކް ކަނޑުގެ ސަރަހައްދުގައި ނުފޫޒު ފެތުރުމަށް ޗައިނާ ޖެހިލުންވާނެ ކަމެކެވެ.
އޮސްޓްރޭލިޔާގެ ކަނޑުގެ ސިފައިންގެ ބާރު ގަދަކުރުމަށް، ފަރަންސޭސި ވިލާތުން އަސްކަރީ 12 ސަބްމެރިން ގަތުމަށް އޮސްޓްރޭލިޔާ އިން ވަނީ ފަރަންސޭސި ވިލާތާއެކު 90 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް ގާއިމުކޮށްފަ އެވެ. ނަމަވެސް އެމެރިކާއާ އެކު އުފެއްދި މި ގުޅުމާއެކު ފަރަންސޭސި ވިލާތުގެ އެއްބަސްވުން ބާތިލުކޮށް، އޭގެ ބަދަލުގައި އޮސްޓްރޭލިޔާ އަށް ގަންނާނީ އެމެރިކާ އިން އުފައްދާ، ނިއުކްލިއާ ހަކަތައިން ދުއްވާ ސަބްމެރިން އެވެ.
އޯކަސް އިއްތިހާދު: ޔޫރަޕާއި އެމެރިކާގެ ގުޅުމަށް ބުރޫ
އޯކަސްގެ ތެރެއަށް އަޑަށްވުރެ ބާރު މިސައިލް އިތުރުކުރަނީ
އޯކަސް އެއްބަސްވުމާ ގުޅޭ ގޮތުން ހެދީ ދޮގު: މެކްރޯން
ޖާސޫސްކުރި އެމެރިކާގެ އަސްކަރީ އިންޖިނޭރެއް ހައްޔަރުކޮށްފި
އެމެރިކާގެ އެންމެ ބޮޑު ނިއުކްލިއާ ސަބްމެރިން އިޒްރޭލަށް
ބާރު ގަދަ ނިއުކްލިއާ ހަތިޔާރު އުފައްދަންވީ: ކިމް
ނިއުކްލިއާ ސަބްމެރިން ވިއްކުމަށް އޯކަސް އެއްބަސްވެއްޖެ
އުތުރު ކޮރެއާއިން އަނެއްކާ މިސައިލްތަކެއް އަޖުމަބަލައިފި
އީރާނަށް ހަމަލާ ދިނުމަށް އިޒްރޭލު ތައްޔާރުވަނީ
އެމެރިކާ އަށް ބަރޯސާނުވުމަށް މެކްރޯން ގޮވާލައްވައިފި