19 ސެޕްޓެމްބަރ 2021
މިދިޔަ ބުދަ ދުވަހު އެމެރިކާ، އިނގިރޭސި ވިލާތް އަދި އޮސްޓްރޭލިޔާ ގުޅިގެން، އުފެއްދި އަސްކަރީ އަދި ސަލާމަތީ ގޮތުން އެއްބާރުލުމާ ބެހޭ އިއްތިހާދުން މުޅި ދުނިޔެ އަށް ސިހުން ގެނުވި އެވެ. އެއީ، އުތުރު އެޓްލާންޓިކް މުއާހަދާގެ ބައިވެރިން (ނޭޓޯ) އާއި އެމެރިކާއާ ދެމެދު ޒަމާނުއްސުރެ އޮތް ގުޅުމާއި، ވިލާތުގެ އިއްތިހާދު (ޔޫރަޕިއަން ޔޫނިއަން) އާއި އެމެރިކާއާ ދެމެދު އޮތް ޒަމާންވީ ގުޅުން، އެގޮތުގައި އޮއްވައި، އެ ތިން ގައުމު ގުޅިގެން އާ އިއްތިހާދެއް އުފެއްދުމުންނެވެ.
މިދިޔަ ބުދަ ދުވަހު އެމެރިކާ، އިނގިރޭސި ވިލާތް އަދި އޮސްޓްރޭލިޔާ ގުޅިގެން، އުފެއްދި އަސްކަރީ އަދި ސަލާމަތީ ގޮތުން އެއްބާރުލުމާ ބެހޭ އިއްތިހާދުން މުޅި ދުނިޔެ އަށް ސިހުން ގެނުވި އެވެ. އެއީ، އުތުރު އެޓްލާންޓިކް މުއާހަދާގެ ބައިވެރިން (ނޭޓޯ) އާއި އެމެރިކާއާ ދެމެދު ޒަމާނުއްސުރެ އޮތް ގުޅުމާއި، ވިލާތުގެ އިއްތިހާދު (ޔޫރަޕިއަން ޔޫނިއަން) އާއި އެމެރިކާއާ ދެމެދު އޮތް ޒަމާންވީ ގުޅުން، އެގޮތުގައި އޮއްވައި، އެ ތިން ގައުމު ގުޅިގެން އާ އިއްތިހާދެއް އުފެއްދުމުންނެވެ.
މިސާސްކަފު ފެށުނީއްސުރެ ދުނިޔޭގެ އެކި ސަރަހައްދުތަކުގައި އެމެރިކާ އިން ހިންގަމުން އަންނަ ހުރިހާ އަސްކަރީ ހަރަކާތްތަކެއްގައި، ވިލާތުގެ ގައުމުތަކުގެ ވަރަށް ބޮޑު ބައިވެރިވުމެއް އޮތެވެ. އޭގެ ތެރޭގައި، އަފްގާނިސްތާނު (2001-2021)، އިރާގު (2003 އިން ފެށިގެން)، ލީބިޔާ (2011 އިން ފެށިގެން) އަދި ސީރިޔާ (2014 އިން ފެށިގެން) ގައި އެމެރިކާ އިން ހިންގަމުން އަންނަ އަސްކަރީ ހަރަކާތްތައް ހިމެނެ އެވެ.
ސުވާލަކީ، ވިލާތުގެ އިއްތިހާދުގަޔާއި ނޭޓޯގައި ވެސް، އެމެރިކާއާ އެކުގައި އަސްކަރީ ގޮތުން ގުޅުން ބަދަހި ގައުމުތަކެއް އޮތް އިރު، އެ ގައުމުތައް ނުހިމަނައި އޮސްޓްރޭލިޔާއާ އެކު އަސްކަރީ އިއްތިހާދެއް އުފެއްދުމަށް މެދުވެރިވީ ކޮން ސަބަބެއް ހެއްޔެވެ؟ މިދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި އެމެރިކާ އިން ހިންގި އަސްކަރީ ހަރަކާތްތަކުގައި، އެ ގައުމުތަކުން އަދާކުރި ދައުރުން އެމެރިކާ ބޭނުންވި ނަތީޖާ ނުނެރެވުނީ ހެއްޔެވެ؟
އޯކަސް އެއްބަސްވުމަކީ އޭގެ ޒާތަށް ބަލާއިރު، ވިލާތުގެ އެތައް ގައުމަކުން އެދޭ އެތައް ކަމެއް އޭގައި ހިމެނޭ އެއްބަސްވުމެކެވެ. އޭގެ ތެރެއިން އެންމެ މުހިންމު ކަމަކީ އެމެރިކާގެ އަސްކަރީ ޓެކްނޮލޮޖީ އާއި ތަޖުރިބާ ހިމެނެ އެވެ.
އޯކަސް އެއްބަސްވުމުގެ ދަށުން ކުރަން ހަމަޖެހިފައި ހުރި ކަންކަމަށް ބަލާއިރު، މި އިއްތިހާދުން ހާސިލްކުރަން ބޭނުންވާ މައިގަނޑު ނަތީޖާއަކީ، ޕެސިފިކް ކަނޑުގެ ހުޅަނގު ސަރަހައްދާއި ދެކުނު ޗައިނާ ކަނޑުގައި، ޗައިނާ އަށް ދޫނުދޭނެ އަސްކަރީ ބާރެއް އޮތްކަން ޗައިނާ އަށް އަންގައި އިންޒާރު ކުރުމެވެ.
އެކަން ހާސިލުކުރުމަށް އެމެރިކާ އިން ރާވާފައި އޮތީ، އެމެރިކާގެ އަސްކަރީ ޓެކްނޮލޮޖީ އޮސްޓްރޭލިޔާއާ ހިއްސާކޮށްގެން އޮސްޓްރޭލިޔާގެ ކަނޑުގެ ލަޝްކަރުގެ ބާރު ގަދަކުރުމެވެ. އެފަދަ އެއް ކަމަކީ، ނިއުކްލިއާ ހަކަތައިން ދުއްވާ ސަބްމެރިން އޮސްޓްރޭލިޔާ އަށް އުފައްދައިދިނުމެވެ. ނަމަވެސް އެ ސަބްމެރިންއަކީ، ނިއުކްލިއާ ހަތިޔާރު ބޭނުންކުރާނެ ސަބްމެރިނެއް ނޫނެވެ.
މި އިއްތިހާދުގެ ފޮރުވިފައިވާ އެޖެންޑާއަކީ ކޮބައިކަން ސާފުކޮށް ނޭނގުނު ކަމުގައި ވިޔަސް، މި މައްސަލައިގައި އެންމެ ރުޅި ގަދަވީ ފަރަންސޭސި ވިލާތެވެ. ޒަމާންވީ ގާތް ރަހުމަތްތެރިއެއްގެ ގޮތުގައި އޮތް އެމެރިކާ އިން ބުނެވެސް ނުލައި، ފަރަންސޭސީން ބައިވެރިނުކޮށް އޮސްޓްރޭލިޔާއާ އެކު އިއްތިހާދެއް ހެދުން، ފަރަންސޭސީންނަށް ސިފަކުރެވުނީ ބުރަކައްޓަށް ވަޅި ހެރުން ކަމަށެވެ.
އެހެންކަމުން، އޮސްޓްރޭލިޔާ އާއި އެމެރިކާގައި ތިއްބެވި ފަރަންސޭސި ސަފީރުން މިހާރު ވަނީ އަނބުރާ ފަރަންސޭސި ވިލާތަށް ގެންގޮސްފަ އެވެ. އެއް ގައުމަކުން އަނެއް ގައުމަކަށް ކަނޑައަޅާފައި ހުންނަވާ ސަފީރަކު އަނބުރާ ގެންދިއުމަކީ، އަނެއް ގައުމަކުން ކުރި ކަމަކާ މެދު ވަރަށް ބޮޑަށް ނުރުހިފައިވާ ކަން ހާމަކޮށްދިނުމުގެ ގޮތުން، ޑިޕްލޮމެޓިކް ދާއިރާގައި އަޅާ ފިޔަވަޅެކެވެ.
އޯކަސް އިއްތިހާދުގެ ސަބަބުން ފަރަންސޭސި ވިލާތުގެ ރުޅިގަނޑު ފަޅައިގެން ދިޔައީ، އެ އިއްތިހާދާ އެކު، އޮސްޓްރޭލިޔާ އާއި ފަރަންސޭސި ވިލާތާ ދެމެދު ސޮއިކޮށްފައި އޮތް އަސްކަރީ ސަބްމެރިން ބަނދެދިނުމުގެ ވިޔަފާރީގެ އެއްބަސްވުން އުވައިލުމުންނެވެ.
އޮސްޓްރޭލިޔާގެ ކަނޑުގެ ސިފައިންގެ ބާރު ގަދަކުރުމަށް، ފަރަންސޭސި ވިލާތުން އަސްކަރީ 12 ސަބްމެރިން ގަތުމަށް އޮސްޓްރޭލިޔާ އިން ވަނީ ފަރަންސޭސި ވިލާތާ އެކު 90 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް ގާއިމުކޮށްފަ އެވެ. ނަމަވެސް އެމެރިކާއާ އެކު އުފެއްދި މި ގުޅުމާއެކު ފަރަންސޭސި ވިލާތުގެ އެއްބަސްވުން ބާތިލުކޮށް، އޭގެ ބަދަލުގައި އޮސްޓްރޭލިޔާ އަށް ގަންނާނީ އެމެރިކާ އިން އުފައްދާ، ނިއުކްލިއާ ހަކަތައިން ދުއްވާ ސަބްމެރިން އެވެ.
"މިއީ ބައިވެރިއެއް އަދި އެކުވެރިއެއްގެ ފަރާތުން ގަބޫލުކުރެވޭނެ ފަދަ ސުލޫކެއް ނޫން. މިއީ ހިޔާނާތުގެ އަމަލެއް،" ފަރަންސޭސި ވިލާތުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
މި ރުޅިގަނޑުގައި ފަރަންސޭސި ވިލާތުން ވަނީ، ދެ ގައުމުގެ އެކުވެރި ގުޅުން ރަމްޒުކޮށްދިނުމުގެ ގޮތުން، މިދިޔަ ހުކުރު ދުވަހު ވޮޝިންޓަންގައި ބާއްވަން އިންތިޒާމުކުރި ހަފްލާ ވެސް ކެންސަލްކޮށްފަ އެވެ.
މި ހަފްލާއަކީ، އިނގިރޭސިންގެ އަޅުވެރިކަމުން މިނިވަންކަން ހޯދުމަށް އެމެރިކާ އިން ކުރި ސިލްސިލާ ހަނގުރާމަތަކުގެ ތެރެއިން، ސެޕްޓެމްބަރު 1781 ގައި ކުރި ޗެސަޕީކް ހަނގުރާމައިގައި ފަރަންސޭސި ކަނޑުގެ ސިފައިންގެ މަދަދާ އެކު، އެމެރިކާ އަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބާއްވަން އުޅުނު ހަފްލާއެކެވެ.
މި މައްސަލައިގައި ހިތްހަމަނުޖެހެނީ ހަމައެކަނި ފަރަންސޭސި ވިލާތެއް ނޫނެވެ. އޮސްޓްރޭލިޔާގެ އަވައްޓެރި ނިއުޒީލޭންޑުން ވެސް ވަނީ އޯކަސް އިއްތިހާދާ މެދު ކަންބޮޑުވާކަން ހާމަކޮށްފަ އެވެ.
ނިއުޒީލޭންޑުގެ ބޮޑުވަޒީރު ޖެސިންޑާ އާޑެން އިއްޔެ ވަނީ އޮސްޓްރޭލިޔާގެ ބޮޑުވަޒީރަށް ގުޅުއްވައި، ނިއުޒީލޭންޑުގެ ކަންބޮޑުވުންތައް ހިއްސާ ކުރައްވައިފަ އެވެ. ޖެސިންޑާ އޮސްޓްރޭލިޔާގެ ބޮޑުވަޒީރަށް ދެންނެވި ކަމަށްވަނީ، އޮސްޓްރޭލިޔާ އިން އުފައްދާ، ނިއުކްލިއާ ހަކަތައިން ދުއްވާ އެއްވެސް ސަބްމެރީނަކަށް ނިއުޒީލޭންޑުގެ ކަނޑުގެ ސަރަހައްދަށް ނުވަދެވޭނެ ކަމަށެވެ.
ސަބަބަކީ، ނިއުޒީލޭންޑުގެ ކަނޑުގެ ސަރަހައްދަކީ، ނިއުކްލިއާ ހަކަތަ އާއި ނިއުކްލިއާ ހަތިޔާރު މަނާ ސަރަހައްދެއްގެ ގޮތުގައި 1984 ވަނަ އަހަރުން ފެށިގެން ކަނޑައަޅައި އެ ގޮތަށް އަމަލު ކުރަމުން އަންނާތީ އެވެ.
އިންޓަނޭޝަނަލް އިންސްޓިޓިއުޓް ފޯ ސްޓްރެޓީޖިކް ސްޓަޑީޒްގެ ތަފާސްހިސާބުތަކަށް ބަލާއިރު، ނިއުކްލިއާ ހަކަތައިން ދުއްވާ ސަބްމެރިން މި ވަގުތު ހުރީ އެންމެ ހަ ގައުމެއްގަ އެވެ. އެއީ، އެމެރިކާ، ރަޝިޔާ، ޗައިނާ، އިނގިރޭސި ވިލާތް، ފަރަންސޭސި ވިލާތް އަދި އިންޑިޔާގަ އެވެ.
އޯކަސް އުފެއްދުމުގެ އެއްބަސްވުމުގައި ޗައިނާގެ އެއްވެސް ވާހަކައެއް ނެތް ނަމަވެސް، ވިލާތުގެ ގައުމުތަކުން ވެސް އަދި ބައިނަލްއަގުވާމީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ވެސް، އޯކަސް އަކީ ޗައިނާއާ ދެކޮޅަށް އުފެއްދި އިއްތިހާދެކެވެ. އެއީ ޕެސިފިކް ކަނޑުގެ ހުޅަނގު ސަރަހައްދާއި ދެކުނު ޗައިނާ ކަނޑުގައި ޗައިނާގެ އަސްކަރީ ނުފޫޒު އިތުރުވަމުން ދާތީ، އެމެރިކާގެ އަސްކަރީ ބާރެއް އެ ސަރަހައްދުގައި އޮތް ކަން ޗައިނާއަށް ހާމަކޮށްދިނުމުގެ ގޮތުން އުފެއްދި އިއްތިހާދެކެވެ.
އެމެރިކާގެ ރައީސް ކަމުގެ މަގާމަށް ޖޯ ބައިޑެން ވަޑައިގަތުމާ އެކު، އެމެރިކާގެ ހާރިޖީ އަދި އަސްކަރީ ސިޔާސަތަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެންނަން ފަށައިފަ އެވެ. އޭގެ ތެރެއިން އެންމެ މުހިންމު ކަމަކީ، އިރުމަތީ އޭޝިޔާ ސަރަހައްދުގައި އިތުރުވަމުން އަންނަ ޗައިނާގެ ނުފޫޒު މައިތިރި ކުރުމަށް ހާއްސަ އިސްކަމެއް ދިނުމެވެ.
އޭގެ ތެރެއިން އެއް ކަމަކީ، ސަލާމަތީ ގޮތުން އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން، އެމެރިކާ، ޖަޕާން، އޮސްޓްރޭލިޔާ އަދި އިންޑިޔާ ގުޅިގެން އުފައްދާފައި އޮތް، ހަތަރު ގައުމުގެ އިއްތިހާދު (ކުއަޑް) މިހާރަށް ވުރެ ހަރަކާތްތެރި ކުރުމެވެ. އެ ގޮތުން މި ހަތަރު ގައުމުގެ ވެރިންގެ ފުރަތަމަ ބައްދަލުވުން، މިމަހުގެ 24 ވަނަ ދުވަހު ވައިޓް ހައުސްގައި އޮންނާނެ އެވެ.
މި ބައްދަލުވުމުގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި، ޖަޕާނުގެ ބޮޑުވަޒީރު ޔޯޝީހިޑޭ ސޫގާ އާއި އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައިވެރިވެވަޑައިގަންނަވާނެ އެވެ. މިއީ ޖަޕާންގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ އިސްނެންގެވުމަށް، 2007 ވަނަ އަހަރު އެކުލަވައިލި އިއްތިހާދެކެވެ.
ކުއަޑްގެ މައިގަނޑު މަގްސަދަކީ ވެސް، ބައިނަލްއަގުވާމީ މުޖްތަމައުގައި އިގްތިސާދީ ގޮތުންނާއި އަސްކަރީ ގޮތުން އިތުރުވަމުން އަންނަ ޗައިނާގެ ނުފޫޒަށް ކުރިމަތިލާނެ ގޮތްތަކާ މެދު މަޝްވަރާކޮށް، ގުޅިގެން މަސައްކަތް ކުރުމެވެ.
ޗައިނާ އިން ދެކޭ ގޮތުގައި އޯކަސް އާއި ކުއަޑް އަކީ ވެސް، ފިނި ހަނގުރާމައިގެ ފިކުރިއްޔާތުގެ މައްޗަށް ބިނާވެފައިވާ އަދި ބައިނަލްއަގުވާމީ ނިޒާމަށް ކުރިމަތިކުރުވާ ވަރަށް ބޮޑު ނުރައްކަލެކެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގް އިއްޔެ ވިދާޅުވީ "ބިދޭސީ ބާރުތަކުން ޗައިނާ އަށް ހުރަސްއަޅަން" ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި ޗައިނާގެ އިން ކަމަށް ޗައިނާ ގަބޫލުކުރާ ކަނޑުގެ ސަރަހައްދާއި ވައިގެ ސަރަހައްދުގައި ގާނޫނުގެ ބާރު ތަންފީޒު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޯކަސް އިއްތިހާދާ ގުޅިގެން، ޗައިނާގެ ރައީސް ޝީ، އޮސްޓްރޭލިޔާ ސިފަކުރެއްވީ އެމެރިކާ ކުޅެން ގެންގުޅޭ ރާޒުވާ ކުޅިބައިގެ މަނައެއްގެ ގޮތުގަ އެވެ. އަދި އެމެރިކާ އިން ކުޅޭ ފިނިހަނގުރާމައިގެ ކުޅިގަނޑަށް ފައިސާ ހޭދަކުރާ ގައުމެއްގެ ގޮތުގަ އެވެ.
"މި ސަރަހައްދުގައި އަސްކަރީ ކުރިމަތިލުމެއް އުފެދޭ ހާލަތެއްގައި، ބޮޑުބަޑި އަށް ބަޑިބޭސް އަޅައިދޭ ގައުމެއްގެ ގޮތުގައި އޮވެއްޖެ ނަމަ، އޮސްޓްރޭލިޔާ އަށް ވަރަށް ނުބައި ނަތީޖާއަކާ ކުރިމަތިލާން ޖެހިދާނެ،" ޗައިނާގެ ރައީސް ވިދާޅުވި އެވެ.
ޗައިނާ އިން ބުނާ ގޮތުގައި އެމެރިކާ އާއި އެމެރިކާގެ ބައިވެރިން އަސްކަރީ ގޮތުން ބާރުގަދަކޮށް، ހަތިޔާރު އުފެއްދުމަކީ، ސަލާމަތާއި ރައްކާތެރިކަމަށް ކުރާ ކަންކަމުގައި މާނަކޮށްފައި، ޗައިނާ ނުވަތަ އެމެރިކާ ނުރުހޭ ކޮންމެ ގައުމެއް އަސްކަރީ ގޮތުން ކުރާ ކޮންމެ ކަމެއް އެއީ ޓެރަރިޒަމް ނުވަތަ އަމަން ނަގައިލުމުގެ އަމަލެއްގެ ގޮތުގައި މާނަކުރުމަކީ ބުއްދި ގަބޫލުކުރާ ހަމައެއް ނޫނެވެ.
އެމެރިކާ، އޮސްޓްރޭލިޔާ، އިނގިރޭސީންގެ އާ އިއްތިހާދެއް
އޯކަސްގެ ތެރެއަށް އަޑަށްވުރެ ބާރު މިސައިލް އިތުރުކުރަނީ
އޯކަސް އެއްބަސްވުމާ ގުޅޭ ގޮތުން ހެދީ ދޮގު: މެކްރޯން
ނިއުކްލިއާ ސަބްމެރިން ވިއްކުމަށް އޯކަސް އެއްބަސްވެއްޖެ
ޗައިނާއާ އެކު ފިނި ހަނގުރާމައެއް ނޯންނާނެ: ބައިޑެން
ޗައިނާގައި 2030ގައި 1000 ނިއުކްލިއަ ވޯހެޑް
ޖާސޫސްކުރި އެމެރިކާގެ އަސްކަރީ އިންޖިނޭރެއް ހައްޔަރުކޮށްފި
އެމެރިކާ އަށް ބަރޯސާނުވުމަށް މެކްރޯން ގޮވާލައްވައިފި
އެމިރޭޓްސްގެ ގަރާރު ވެސް އެމެރިކާ އިން ވީޓޯކޮށްފި
ގާޒާގެ ގަތުލުއާންމުގައި ނޭޓޯގެ ބޮޑު ދައުރެއް