Roadha Mihaaru
މޫސުން ގޯސްވެ އެކި ހިސާބުގައި ކަނޑުމަތީގެ ހާދިސާތައް

މޫސުން ގޯސްވެ ރާއްޖޭގެ އެކި ހިސާބުގައި ކަނޑުމަތީގެ ހާދިސާތައް

15 ސެޕްޓެމްބަރ 2021

މޫސުން ގޯސްވެ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކަނޑުމަތީގެ ހާދިސާތައް ހިނގައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މޫސުން ގޯސްވެ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކަނޑުމަތީގެ ހާދިސާތައް ހިނގައިފި އެވެ.

އެމްއެންޑީއެފުން ބުނީ މިއަދު ހެނދުނު 9:30 ހާއިރު "ޓްރާންސް ފިއުލް-9" ނަމަކަށް ކިޔާ ތެޔޮ ބޯޓެއް ވިލިނގިލި ފަރުމައްޗަށް އަރާފައިވާ ކަމަށެވެ. އެ ހާދިސާ ހިނގިއިރު ބޯޓުގައި ތިބީ ލަންކާ މީހަކާއި ބަނަގްލަދޭޝްގެ ދެ މީހެކެވެ.

އެ ބޯޓު މިހާރު ވަނީ ޓަގު ބޯޓެއްގެ އެހީގައި މިހާރު ފުންކޮށްފައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ހެނދުނު 9:50 ހާއިރު "މަރީނާ-1301" ކިޔާ ޓަގު ބޯޓެއް ފޭދޫ ފިނޮޅު ފަރުމައްޗަށް ވެސް އެރި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެ ބޯޓުގައި ތިބީ އިންޑޮނީޝިއާގެ ނުވަ ފަޅުވެރިންނެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މި ދެ ހާދިސާ ހިނގީ ވެސް ނަގިލި ކަނޑައިގެން ގޮސް ބޯޓު އޮޔާ ގޮސްގެންނެވެ.

މަހަށް ނުކުމެ އުުޅުނު ދޯންޏެއް އަޑިއަށް ދިއުމުގެ ހާދިސާއެއް ހިނގާފައިވާ ކަމަށް ވެސް ސޯޝަލް މީޑިއާގައި އާންމުން ބުނެ ފޮޓޯތަކެއް އާންމުކޮށްފައިވެ އެވެ. ނަމަވެސް މިކަމާ ބެހޭ މައުލޫމާތެއް ރަސްމީ އިދާރާއަކުން ނުލިބެ އެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯ އިން ފެންނަނީ ދޯނި އަޑިއަށް ގޮސް ބަޔަކު ކަނޑުވެފައި ތިއްބާ އެ ސަރަހައްދަށް ދިޔަ ލޯންޗަކުން އެމީހުން ސަލާމަތްކުރާ ތަނެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ތ. އަތޮޅު ހިމެނޭ އޭރިއާ ކޮމާންޑަށް އެފަދަ ހާދިސާއެއް ރިޕޯޓްކޮށްފައި ނެތް ކަމަށެވެ. އެ ސަރަހައްދުން ލިބިފައިވާ ރިޕޯޓަކީ ތ. ވޭމަންޑޫ ކައިރީ އޮތް ޓަގު ބޯޓެއްގައި ގެންގުޅޭ ކުޑަ ޑިންގީއެއް ގެއްލުނު ހާދިސާއެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މިއިން އެއްވެސް ހާދިސާއެއްގައި މީހަކަށް އަނިޔާވިކަމުގެ ރިޕޯޓެއް ނެތެވެ.

ހެނދުނުން ފެށިގެން ކަނޑުމަތީގެ އެކި ހާދިސާތައް ހިނގަމުން އަންނައިރު ޅ. އަތޮޅުން ގދ. އަތޮޅާ ހަމައަށް މޫސުން ވަރަށް ގޯސްވާތީ މެޓު އޮފީހުން ވަނީ ވައިޓް އެލާޓް ނެރެފަ އެވެ. ގުގުރުމާ އެކު ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ލަފާކުރެ އެވެ.