Roadha Mihaaru
ހުޅަނގު މޫސުން ފެށިއްޖެ، ކުރިއަށް އޮތީ ވިއްސާރަ!

ހުޅަނގު މޫސުން ފެށިއްޖެ، ކުރިއަށް އޮތީ ވިއްސާރަ!

04 މެއި 2023

ރާއްޖެއަށް މި އަހަރުގެ ހުޅަނގު މޫސުން ފެށިއްޖެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރާއްޖެއަށް މި އަހަރުގެ ހުޅަނގު މޫސުން ފެށިއްޖެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ބުނެފި އެވެ.

މެޓް އޮފީހުގެ އިއުލާނެއްގައި ބުނީ މި އަހަރުގެ ހުޅަނގު މޫސުން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް އިއްޔެ ފެށިފައިވާ ކަމަށެވެ. އަދި މިއަދު މެދުރާއްޖެ ތެރެއަށް ފެށިފައިވާ ކަމަށް ވެސް ބުންޏެވެ. ހުޅަނގު މޫސުން ފެށުނު ކަމަށް މެޓުން ބަލަނީ، ހާއްސަ މިންގަނޑެއްގެ ތެރެއިން، ކޮންމެ އަހަރެއްގެ މެއި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ވާރޭވެހޭ މިންވަރާއި ވައިގެ ބާރުމިނަށް ބަލައިގެންނެވެ. މެޓުން ބުނި ގޮތުގައި ކޮންމެ އަހަރަކު ވެސް އާންމު ގޮތެއްގައި ހުޅަނގު މޫސުން ފެށެނީ ރާއްޖޭގެ ދެކުނުންނެވެ.

އެ އޮފީހުން ބުނި ގޮތުގައި، ހުޅަނގު މޫސުމުގެ އަސަރުތައް އާންމު ގޮތެއްގައި މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފުތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ކުރާނެ އެވެ. އޭގެ ފަހުން މެދުރާއްޖެ ތެރެއަށް ފޯރައި، މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެ އަށް ހުޅަނގު މޫސުން ފެށޭ ކަމަށް ބުންޏެވެ.

ހުޅަނގު މޫސުމުގެ ވިއްސާރަ ދުވަހެއް: ކަނޑުތަކުގައި ރާޅުގެ އުސްމިން 4 ފޫޓާއި 7 ފޫޓަށް އުފުލޭނެ ކަމަށް މެޓުން ލަފާކުރޭ. -- ފޮޓޯ: މިހާރު

ހުޅަނގު މޫސުމުގެ ވިއްސާރަ ދުވަހެއް: ކަނޑުތަކުގައި ރާޅުގެ އުސްމިން 4 ފޫޓާއި 7 ފޫޓަށް އުފުލޭނެ ކަމަށް މެޓުން ލަފާކުރޭ. -- ފޮޓޯ: މިހާރު

ހުޅަނގު މޫސުން ފެށުނު ކަމަށް މި އަހަރު ބެލި މިންގަނޑަކީ:

● މި މަހުގެ ފުރަތަމަ ދުވަހުގެ ފަހުން ދެކުނުގެ އަތޮޅުތަކަށް 2.5 މިލިމީޓަރު ނުވަތަ އިތުރަށް ވާރޭ ވެހުން

● އެ ހާލަތު ވިދިވިދިގެން ދެ ދުވަހަށް ނުވަތަ އިތުރަށް ދެމިގެން ދިއުން

● ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ހުރެފައި، ގަޑިއަކު 10 ނޯޓިކަލް މޭލަށް ވުރެ ބާރުމިނުގައި ޖެހުން

● އެ ހާލަތު ވިދިވިދިގެން ދެ ދުވަހަށް ނުވަތަ އިތުރަށް ދެމިގެން ދިއުން

މެޓުން ބުނީ ރާއްޖެ ސަރަހައްދުގައި ހުޅަނަގު މޫސުމުގެ ބާރު ގަދަވުމާ ގުޅިގެން މިއަދުން ފެށިގެން ކުރިއަށް މާދަމާ އާއި ހޮނިހިރު ދުވަހު ވެސް މެދުރާއްޖެ ތެރެއާއި ދެކުނު ދެކުނު ސަރަހައްދުގައި ވައިބާރުވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަަމަށް ލަފާކުރެވޭ ކަމަށެވެ.

ވައި ޖެހޭނެކަމަށް މެޓުން ލަފާކުރަނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލު ބާރު މިނުގަ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 50 މޭލާ ދެމެދު ބާރުމިނަށް ވައިގަދަވެ، ކަނޑު ވެސް ގަދަވާނެ ކަމަށާއި އުދަ އެރުން ވެސް އެކަށީގެންވާ ކަމަށް އެ އިދާރާއިން ލަފަކޮށްފައިވެ އެވެ. ކަނޑުތަކުގައި ރާޅުގެ އުސްމިން 4 ފޫޓާއި 7 ފޫޓުގައި ހުރިއިރު ރާއްޖޭގެ އުތުރުގެ ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 6 ފޫޓު އުސްމިނުގައިކަމަށް މޫސުމާ ބެހޭ އިދާރާއިން ބުންޏެވެ.

ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް، ދަތުރުކުރުމަށް ސަމާލު ވުމަށް ވެސް އިލްތިމާސް ކޮށްފައި ވާއިރު، ހަތަރު މީހުންނާ އެކު ދަތުރުކުރި ބޯޓެއް ގެއްލިގެން ދަނީ ހޯދަމުންނެވެ.

ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ހާދިސާތައް ވެސް ދަނީ ހިނގަމުންނެވެ.