Roadha Mihaaru

ޖެންޑާގެ ހަމަހަމަކަން ނެތް ޕެނަލަކު ނީންނާނަން: ޝާހިދު

14 ސެޕްޓެމްބަރ 2021

ޖެންޑާގެ ހަމަހަމަކަން ނެތް އެއްވެސް ޕެނަލެއްގައި އިށީނދެ ވަޑައިނުގަންނަވަން އދ.ގެ 76 ވަނަ އާއްމު މަޖިލީހުގެ ރިޔާސަތާ މިރޭ ހަވާލުވެވަޑައިގަންނަވާ، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވައުދުވެވަޑަައިގެންފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޖެންޑާގެ ހަމަހަމަކަން ނެތް އެއްވެސް ޕެނަލެއްގައި އިށީނދެ ވަޑައިނުގަންނަވަން އދ.ގެ 76 ވަނަ އާއްމު މަޖިލީހުގެ ރިޔާސަތާ މިރޭ ހަވާލުވެވަޑައިގަންނަވާ، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވައުދުވެވަޑަައިގެންފި އެވެ.

"ޕްރެޒިޑެންސީ އޮފް ހޯޕް" ގެ ނަމުގައި އދ.ގެ އާއްމު މަޖިލީހުގެ ރިޔާސަތު ބެލެއްހެއްޓެވުމާ މިރޭ ޝާހިދު ހަވާލުވެވަޑައިގަންނަވާތީ އެކަމަށް ޚާއްސަކޮށް އދ. ގެ އިން މިއަދު ސޯޝަލް މީޑިއާއަށް ދޫކޮށްލި ވީޑިއޯއެއްގައި ޝާހިދު ވިދާޅުވީ ޖެންޑާގެ ހަމަހަމަ ކަމަކީ އޭނާގެ ރިޔާސަތުގައި އެންމެ އިސްކަން ދެއްވާ ކަންތަކަށް ހައްދަވަން ގަސްދުކުރައްވާ ކަމަށެވެ.

"އަޅުގަނޑު ވައުދުވަން، ޖެންޑާގެ ހަމަހަމަކަން ނެތް އެއްވެސް ޕެނަލެއްގައި އަަޅުގަނޑު ނީށީންނާނަން،" އދ. އިން މިއަދު އާއްމުކުރި ކުރު ވީޑިއޯގައި ޝާހިދު ވިދާޅުވި އެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ ބޮޑެތި މައްސަލަތައް ދައްކައިދޭ ވީޑިއޯގައި މައިގަނޑު ހަތަރު ދާއިރާއަކުން ޝާހިދު މަސައްކަތްކުރައްވާނެ ގޮތް ކުރުކޮށް ގޮތަކަށް ވިދާޅުވެފައި ވެ އެވެ. ޖެންޑާ ހަމަހަމަކަމުގެ އިތުރުން ، ކޮވިޑް-19 ގެ ބަލިމަޑުކަމާއި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން މަސައްކަތް ކުރުމާއި އދ.ގެ މުހިއްމުކަމާ ބެހޭ ގޮތުން ވެސް އޭނާ ވާހަކަ ދެއްކެވި އެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ކުރައްވާނެ ހާއްސަ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވީ ދުނިޔޭގެ ފިނިހޫނުމިން މިހާރު ހުރި ވަރަށް ވުރެ މައްޗަށްދާ މިންވަރު، 1.5 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް ދިޔަ ނުދިނުމަށް، ގައުމުތަކުގެ ކޮމިޓްމެންޓް ހޯއްދަވަން ހާއްސަ އިވެންޓެއް ބާއްވަވާނެ ކަމަށެވެ.

އަޅުގަނޑުމެން އިންސާނިއްޔަތާ މެދު ފަރުވާތެރިވަން، އަޅުގަނޑު އެތަނަކުން އައި ދިވެހިރާއްޖޭގައި، ކޮންމެ ދުވަހަކު ދިރިއުޅެނީ މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާތަކާ އެކު. އެކަމަކު އަޅުގަނޑުމެން އުއްމީދުކަނޑައެއް ނުލާނަން

"އަޅުގަނޑުމެން އިންސާނިއްޔަތާ މެދު ފަރުވާތެރިވަން، އަޅުގަނޑު އެތަނަކުން އައި ދިވެހިރާއްޖޭގައި، ކޮންމެ ދުވަހަކު ދިރިއުޅެނީ މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާތަކާ އެކު. އެކަމަކު އަޅުގަނޑުމެން އުއްމީދުކަނޑައެއް ނުލާނަން،" ޝާހިދު ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ މުޖުތަމައަކީ ގުޅިގެން މަސައްކަތްކުރާ މުޖުތަމައަކަށް ހެއްދެވުމަށް ޓަކައި އޭނާގެ ރިޔާސަތުގައި ކުރައްވާނެ އެއް ކަމަކީ ޒުވާން ޑިޕްލޮމޭޓުން އުފެއްދުމުގެ ޕްރޮގްރާމެއް ހިންގުމެވެ. އެގޮތުން ބައިނަލް އަގުވާމީ މުޖުތަމައުގައި އެންމެ ކުޑަކޮށް ފުރުސަތު ލިބޭ ގައުމުތަކުން ޒުވާން ކުދިން، އދ.ގެ ނިޒާމު ތަޖުރިބާ ކުރުމަށް ފުުރުސަތު ދޭ "ޔޫތު ފެލޯޝިޕް" ޕްރޮގްރާމެއް މިހާރު ވެސް ވަނީ އިއުލާނު ކުރައްވައިފަ އެވެ.

އދ.ގެ އާއްމު މަޖިލީހުގެ ރިޔާސަތާ ޝާހިދު ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާނީ ރާއްޖޭގެ ގަޑިން މިރޭގެ މެންދަމު 12 ޖަހާ އިރު އެވެ.