Roadha Mihaaru
ބޭ އިންސާފު ދުވަސްތަކަށް ދޭނެ އިންސާފެއް ނެތް؟

ބޭ އިންސާފު ދުވަސްތަކަށް ދޭނެ އިންސާފެއް ނެތް؟

15 ސެޕްޓެމްބަރ 2021

ބައެއް މީހުން ޖަލުގައި އެތައް ދުވަސްތަކެއް ހޭދަކުރަން ޖެހުނީ މާ ބޮޑު ހެއްކެއް ނެތި، ހަމައެކަނި ތުހުމަތު ކުރެވޭ ކުށުގެ ބޮޑުކަމުންނެވެ. އަނެއް ބަޔަކު އެފަދަ ދުވަސްތައް ޖަލުގައި ހޭދަކުރަން ޖެހުނީ އެއިރެއްގެ ސަރުކާރަކާ ދެކޮޅަށް ސިޔާސީ ގޮތުން މަސައްކަތް ފެށުމުންނެވެ. ޖިނާއީ އަދުލުގެ ނިޒާމު ބޭނުން ކޮށްގެން، މީހުން ނުހައްގުން ބަންދު ކުރުމުގެ ސިލްސިލާ ކިތަންމެހާ ވެސް ދިގެވެ. ޖަލުގައި ދުވަސްތަކެއް ހޭދަކުރުމަށް ފަހު، ނިކުންނަ ސިޔާސީ ބޭފުޅުންނަށް އޮތީ ސިޔާސީ ގޮތުން އިތުރު ތާއީދާއި މަތީ މަގާމުތަކެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ބައެއް މީހުން ޖަލުގައި އެތައް ދުވަސްތަކެއް ހޭދަކުރަން ޖެހުނީ މާ ބޮޑު ހެއްކެއް ނެތި، ހަމައެކަނި ތުހުމަތު ކުރެވޭ ކުށުގެ ބޮޑުކަމުންނެވެ. އަނެއް ބަޔަކު އެފަދަ ދުވަސްތައް ޖަލުގައި ހޭދަކުރަން ޖެހުނީ އެއިރެއްގެ ސަރުކާރަކާ ދެކޮޅަށް ސިޔާސީ ގޮތުން މަސައްކަތް ފެށުމުންނެވެ. ޖިނާއީ އަދުލުގެ ނިޒާމު ބޭނުން ކޮށްގެން، މީހުން ނުހައްގުން ބަންދު ކުރުމުގެ ސިލްސިލާ ކިތަންމެހާ ވެސް ދިގެވެ. ޖަލުގައި ދުވަސްތަކެއް ހޭދަކުރުމަށް ފަހު، ނިކުންނަ ސިޔާސީ ބޭފުޅުންނަށް އޮތީ ސިޔާސީ ގޮތުން އިތުރު ތާއީދާއި މަތީ މަގާމުތަކެވެ.

އެހެން ނަމަވެސް ނުހައްގުން ބަންދުގައި ހުރުމަށްފަހު މުޖްތަމައުގެ ތެރެއަށް ނިކުންނަ އާންމު މީހާއަށް އޮތީ ހުރިހާ ކަމެއް ސުމަކުން ފެށުމެވެ. މިފަދަ ކަންކަމުގެ ސަބަބުން ވަޒީފާ ގެއްލި ނުވަތަ އާއިލާ ބިކަވެ، މި ނޫން ވެސް އެތައް ކަމަކާ ކުރިމަތިލާން ޖެހިފައިވާ މީހުން މަދެއް ނޫނެވެ. އެކަމަކު އިންސާފު ލިބޭނެ ނިޒާމެއް މިހާތަނަށް ރާއްޖޭގައި ނެތެވެ. ދައުލަތުން އެނގި ތިބެ ނުވަތަ ބަލަންވާ މިންވަރަށް ނުބަލައި އަމަލުކުރި ގޮތުން ގެއްލިގެން ދިޔަ ހައްގުތަކުގެ ބަދަލު ދޭނެ ނުވަތަ ޒިންމާ ނަގާނެ މުއައްސަސާއެއް ވެސް ނެތެވެ.

ގާނޫނާ ހިލާފަށް ހައްޔަރު ނުކުރުމާއި ބަންދު ނުކުރުމުގެ ހައްގު ގާނޫނު އަސާސީން ކޮންމެ މީހަކަށް ލިބިދެ އެވެ. އަދި ގާނޫނީ ބާރެއް ނެތި ނުވަތަ ގާނޫނާ ހިލާފަށް މީހަކު ބަންދުކޮށްފި ނަމަ އެކަމުގެ ބަދަލު އެ މީހަކަށް ދޭން ޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވެ އެވެ. މިފަދަ މައްސަލަތަކުގައި ބަދަލު ހޯދަން މަދަނީ ދައުވާ ކުރެވިދާނެ ކަމަށް ޖިނާއީ އިޖްރައާތުގެ ގާނޫނުގައި އޮތަސް، ބަދަލު ނަގައި ދިނުމާބެހޭ އެއްވެސް އުސޫލެއް އަދި ނަގައި ދެވޭނީ ކިހާ މިންވަރެއްގެ ބަދަލެއް ކަމެއް އެ ގާނޫނަކު ނޯވެ އެވެ.

އެހެންކަމުން ނުހައްގުން ހައްޔަރުކޮށް، ބަންދުކުރި އެތައް ބަޔަކު ރާއްޖޭގައި ތިއްބަސް، މިފަދަ މައްސަލަތަކުގައި ބަދަލު ހޯދަން އުޅެނީ ވެސް މަދު ބައެކެވެ. އެފަދަ މައްސަލައެއްގައި ރާއްޖޭގައި މިހާތަނަށް ބަދަލު ނަގައިދިނީ އެމްޑީޕީގެ ވެރިިކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގާނޫނާ ހިލާފަށް ކ. އާރަށުގައި ބަންދުކުރި މައްސަލާގައި އެކަންޏެވެ. އޭރު ވެސް އެކަމާބެހޭ އުސޫލުތަކެއް ރާއްޖޭގައި ނެތުމުން އެ މައްސަލާގައި ބަދަލު ނަގައިދިނީ އެހެން ގައުމުތަކުގައި އަމަލުކުރާ އުސޫލުތަކަށް ރިއާޔަތްކޮށެވެ.

ހައި ކޯޓުގެ ނިންމުން: ކޮންމެ މީހަކަށް ބަދަލެއް ނުލިބޭނެ

އެހެން ނަމަވެސް، ހައި ކޯޓުން ދާދިފަހުން ކުރި ހުކުމަކީ މިފަދަ މައްސަލަތަކުގައި ބަދަލު ނަގައިދިނުމާ ބެހޭ މުހިންމު އުސޫލުތަކެއް ކަނޑައެޅިގެން ދިޔަ ނިންމުމެކެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް 25 އަހަރަށް ޖަލަށްލާން ސުޕްރީމް ކޯޓުން ހުކުމް ކުރުމަށްފަހު، އެ ކޯޓުން އަމިއްލައަށް އެ ހުކުމް ބާތިލްކޮށް އޭނާ މިނިވަންކުރި މައްސަލާގައި ހައި ކޯޓުން ވަނީ އެކަމާ ބެހޭ މުހިންމު ނިންމުންތަކެއް ކަނޑައަޅައި ދީފަ އެވެ.

ކުށުގެ ތުހުމަތުކުރެވޭ މީހުން ބައިތިއްބާ ތަނެއް --- ފައިލް ފޮޓޯ/ މިހާރު

ކުށުގެ ތުހުމަތުކުރެވޭ މީހުން ބައިތިއްބާ ތަނެއް --- ފައިލް ފޮޓޯ/ މިހާރު

ހައި ކޯޓުގެ ހުކުމުގައިވާ ގޮތުން ގާނޫނާ ހިލާފަށް ބަންދުކުރެވޭ މީހުންނަށް ބަދަލު ދޭންޖެހޭނެ ކަމަށް ގާނޫނު އަސާސީގައި އޮތަސް، ބަންދުން ދޫވެގެންދާ ކޮންމެ މީހަކަށް ބަދަލު ދޭކަށް ނުޖެހޭނެ އެވެ. އެގޮތުން ދަށު ކޯޓުން ކުށް ސާބިތުވެފައި ވަނިކޮށް، އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ އިސްތިއުނާފް މަރުހަލާއިން އޭނާ ސަލާމަތްވުމާއި އިޖްރާއީ މައްސަލަތަކުގެ ސަބަބުން މީހުން ދޫވެގެންދާ ހާލަތްތަކުގައި ބަދަލު ނަގައި ނުދެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.

"ފައިސާއިން ގެއްލުމުގެ ބަދަލު ހޯދަން ކުރާ ދައުވާތައް ބަލައިގަންނަނީ ކުށުގެ ދައުވާ އުފުލިފައިވާ މީހާގެ މައްޗަށް ކުށް ސާބިތުވި ހުކުމް އޭނާއަކީ ބަރީއަ މީހަކަށްވެގެން އެ ހުކުމް ބަދަލުކުރާ ހާލަތުގައި ނޫނީ އޭނާގެ ކުށް މައާފް ކޮށްފައިވާ ހާލަތުގަ އެވެ."

"ފައިސާއިން ގެއްލުމުގެ ބަދަލު ހޯދަން ކުރާ ދައުވާތައް ބަލައިގަންނަނީ ކުށުގެ ދައުވާ އުފުލިފައިވާ މީހާގެ މައްޗަށް ކުށް ސާބިތުވި ހުކުމް އޭނާއަކީ ބަރީއަ މީހަކަށްވެގެން އެ ހުކުމް ބަދަލުކުރާ ހާލަތުގައި ނޫނީ އޭނާގެ ކުށް މައާފް ކޮށްފައިވާ ހާލަތުގަ އެވެ." ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

ކުށް ސާބިތުނުވާ ކޮންމެ މީހަކަށް ބަދަލު ދޭންވީތަ؟

ތުުހުމަތެއްގައި ބަންދުކުރި މީހެެއްގެ މައްޗަށް ހެކި ނެތިގެން ކުށް ސާބިތުނުވެ ހިނގައިދާނެ އެވެ. އަދި ދަށު ކޯޓެއްގައި ކުށް ސާބިތުވެގެން ޖަލުގައި ހުއްޓާ އިސްތިއުނާފް މަރުހަލާގައި ވެސް މީހަކު ސަލާމަތްވެދާނެ އެވެ. ހަމައެހެންމެ، ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރު ކުރުމުގައި އަމަލުކުރި ގޮތަކުން ވެސް، އޭނާ ގާނޫނާ ހިލާފަށް ހައްޔަރުކުރީ ކަމަށް ނިންމައި، ކޯޓަކުން އެ މީހަކު ދޫކޮށްލަފާނެ އެވެ. މިއީ ދުނިިޔޭގެ ހުރިހާ ތަނެއްގައި ވެސް ޖިނާއީ އަދުލުގެ ނިޒާމުތައް ހިނގަމުންދާ ގޮތެވެ.

އެހެންވީއިރު، މިފަދަ ކޮންމެ ހާލަތެއްގައި ވެސް ދައުލަތުން ބަދަލު ދޭންވީތޯ އެއީ އުފެދިދާނެ ސުވާލެކެވެ. އެގޮތަށް ބަދަލު ދޭން ޖެހިއްޖެ ނަމަ، މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ހައްޔަރުކުރާ މީހުން އިޖްރާއީ ކުދިކުދި ގޯސްތަކުގެ ސަބަބުން މީހުން ދޫވާ ކޮންމެ ފަހަރަކު ދައުލަތުގެ ބަޖެޓުން އެތައް މިލިއަން ރުފިޔާއެއް ޚަރަދު ކޮށްގެން އެ މީހުންނަށް ބަދަލު ދޭންވީތޯ މިއީ ވެސް އުފެދޭނެ ސުވާލެކެވެ. ހައި ކޯޓުގެ ހުކުމުގައި މި ސުވާލަށް ވެސް ޖަވާބު ދީފައިވެ އެވެ.

އެ ހުކުމުގައިވާ ގޮތުން މީހަކު އިސްތިއުނާފް މަރުހަލާގައި މީހަކު ކުށް ސާބިތުނުވެ ސަލާމަތްވުމާއި އިޖްރާއީ މައްސަލައެއްގެ ސަބަބުން މީހަކު ދޫވެގެން ދިޔަޔަސް، އެއީ އޭގެ ޒާތުގައި ބަދަލު ދޭންޖެހޭނެ ކަމެއް ނޫނެވެ. އެގޮތުން، އެމެރިކާ އާއި ކުރިއަރާފައިވާ އެހެން ގައުމުތަކުގައި އަމަލުކުރާ އުސޫލުތަކަށް ރިއާޔަތްކޮށް، އެ ހުކުމުގައިވަނީ ފައިސާއިން ބަދަލު ދޭއިރު އޭނާ އަމަލުކުރި ގޮތާއި ދައުލަތުން އަމަލުކުރި ގޮތާއި އަދި ހަގީގަތުގައި ވެސް އޭނާއަކީ ކުށެއް ނެތް މީހެއްތޯ ބަލަންޖެހޭ ކަމަށް އެ ހުކުމުގައިވެ އެވެ.

"މަތީ މަރުހަލާގެ ކޯޓަކުން ހުކުމެއް ބާތިލް ނުވަތަ ބަދަލު ކުރުމަކީ އޭގެ ޒާތުގައި އެ ހުކުމުގެ މައްޗަށް ބިނާކޮށް ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރެވިދާނެ ކަމެއް ނޫންކަން އެހެން ގައުމުތަކުގައި އެކަށައެޅިފައިވާ ގާނޫނުތަކުން ވެސް އެނގެ އެވެ."

"މަތީ މަރުހަލާގެ ކޯޓަކުން ހުކުމެއް ބާތިލް ނުވަތަ ބަދަލު ކުރުމަކީ އޭގެ ޒާތުގައި އެ ހުކުމުގެ މައްޗަށް ބިނާކޮށް ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރެވިދާނެ ކަމެއް ނޫންކަން އެހެން ގައުމުތަކުގައި އެކަށައެޅިފައިވާ ގާނޫނުތަކުން ވެސް އެނގެ އެވެ." އެ ހުކުމުގައިވެ އެވެ.

ބަދަލު ދިނުމާބެހޭ ގާނޫނެއް ވަރަށް މުހިިންމު

ކުރިއަރާފައިވާ އެހެން ގައުމުތަކުގައި މިފަދަ މައްސަލަތަކުގައި ބަދަލު ނަގައިދެނީ އެކަމަށް ޚާއްސަ ގާނޫނުތަކެއްގެ ދަށުންނެވެ. އަދި ބަދަލު ދިިނުމުގައިި އަމަލުކުރާ އުސޫލުތަކާއި ބަދަލު ދޭ މިންވަރު ވެސް އެކި ގައުމުތަކުގައި ތަފާތެވެ. އެހެންވެ، ރާއްޖޭގައި ވެސް އެފަދަ ގާނޫނެއް އޮތުމުގެ މުހިންމު ކަން ހައި ކޯޓުގެ ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ. އަދި ގާނޫނެއް ނެތި ބަދަލު ދޭން ފަށައިފި ނަމަ، ދެން ދިމާވެދާނެ އިތުރު މައްސަލަތަކެއް ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.

އެގޮތުން ދަށު ކޯޓުން މީހަކު ޖަލަށްލާފައި ވަނިކޮށް، އިސްތިއުނާފް މަރުހަލާއަށް ދިއުމުން މުޅިން އެހެން ސަބަބެއްގެ މައްޗަށް ބިނާކޮށް އޭނާ ދޫކޮށްލާ ހާލަތެއްގައި ވެސް، އޭނާ ނުހައްގުން ބަންދުކުރީ ކަމަށް ބެލެވިދާނެތޯ އެއީ ގާނޫނީ ގޮތުން ޚިޔާލު ތަފާތުވުން އޮންނަ ކަމެއް ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ. އަދި މިފަދަ ކަންކަމުގައި ބަދަލު ދޭންޖެހޭނީ ގާނޫނުތަކެއްގެ ދަށުން ކަމަށް ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކުގައި އޮންނަ ކަން ވެސް ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.

ޚާއްސަކޮށް މިފަދަ ހާލަތްތަކުގައި ބަދަލު ދޭނެ ގޮތުގެ ގާނޫނެއް އޮންނަން ޖެހޭނެ ކަން މަތީގައިވާ މާއްދާއިން ވެސް އެނގެ އެވެ. ގާނޫނާ އެއްގޮތަށް ބަދަލު ދެވޭނީ މިފަދަ ހާލަތްތަކުގައި ބަދަލު ދެވޭނެ ގޮތެއް ގާނޫނެއްގައި ކަނޑައަޅައި، ބަޔާން ކޮށްގެންނެވެ.

"މި ބާވަތުގެ ބަދަލު ހޯދުމުގެ މައްސަލައަކާ ގުޅިގެން ސާފުވާންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. ޚާއްސަކޮށް މިފަދަ ހާލަތްތަކުގައި ބަދަލު ދޭނެ ގޮތުގެ ގާނޫނެއް އޮންނަން ޖެހޭނެ ކަން މަތީގައިވާ މާއްދާއިން ވެސް އެނގެ އެވެ. ގާނޫނާ އެއްގޮތަށް ބަދަލު ދެވޭނީ މިފަދަ ހާލަތްތަކުގައި ބަދަލު ދެވޭނެ ގޮތެއް ގާނޫނެއްގައި ކަނޑައަޅައި، ބަޔާން ކޮށްގެންނެވެ." އެ ހުކުމުގައިވެ އެވެ.

ނުހައްގުން މީހުން ހައްޔަރުކޮށް، ބަންދު ނުކުރެވޭނެ ކަމުގެ ޔަގީންކަން ގާނޫނު އަސާސީ އާއި ގާނޫނުތަކުން ކިތަންމެ ވަރަކަށް ދިނަސް، ކަންކަން ހިނގަނީ އެގޮތަކަށް ނޫނެވެ. ބާރުގަދަ ފަރާތްތަކާއި ދައުލަތުގެ މުއައްސަސާތަކުން އެނގިތިބެ ނުވަތަ ބަލަންވާ މިންވަރަށް ނުބެލުމުގެ ސަބަބުން ނުހައްގުން ބަންދު ކުރެވުނު އެތައް ބަޔަކު އެބަތިއްބެވެ އެވެ. އެފަދަ މީހުންނަށް އިންސާފު ލިބޭނެ ނިޒާމެއް މިއަދާ ހަމައަށް ވެސް ނެތުމަކީ އެކަން ތަކުރާރު ކުރަން ދެވޭ ހިތްވަރަކަށް ނޫނީ ނުވެ އެވެ.