29 ނޮވެމްބަރ 2017
ކުށުގެ ތުހުމަތުގައި ހައްޔަރު ކުރާ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމުގެ މަޖިލިސް އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ނުގެންދެވޭނެ ކަމަށް ހައި ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
ކުށުގެ ތުހުމަތުގައި ހައްޔަރު ކުރާ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމުގެ މަޖިލިސް އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ނުގެންދެވޭނެ ކަމަށް ހައި ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
އެ ކޯޓުން އެގޮތަށް ކަނޑައެޅީ މަސްތުވާތަކެތީގެ މައްސަލައެއްގައި އއ. ހިމަންދޫން ހައްޔަރުކުރި މީހެއްގެ ބަންދުގެ މުއްދަތު މަޖިލިސް އއ. ރަސްދޫ ކޯޓުގައި އޯޑިއޯ ކޮންފަރެންސްކޮށް ބާއްވައި، އެ މީހާ ބަންދުގައި ބަހައްޓަން އަމުރުކުރި މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުންނެވެ. ރަސްދޫ ކޯޓަށް އެ މީހާ ގެންދިއުމުން އޭނާގެ ބަންދުގައި ބަހައްޓަން އަމުރުކުރީ އުކުޅަހު ކޯޓުގައި މެޖިސްޓްރޭޓް އިންނަވައިގެން އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.
ރަސްދޫ ކޯޓުގެ އެ އަމުރު ބާތިލްކޮށް، ހައި ކޯޓުން ކުރި ހުކުމުގައި ވަނީ ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާ މެދު ގޮތެއް ނިންމާ މަޖިލިހަކީ ތުހުމަތު ކުރެވޭ މީހާ، ފަނޑިޔާރުގެ ކުރިމައްޗަށް ހާޒިރު ކޮށްގެން ގެންދާ މަޖިލީހަކަށް ވާން ޖެހޭނެ ކަމަށާއި އެފަދަ މަޖިލިސްތައް އޯޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
އޭގެ ސަބަބެއްގެ ގޮތުގައި ހުކުމުގައި ވަނީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި، ޖިނާއީ އެއްވެސް މައްސަލައެއް އޯޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދެވިދާނެ ކަމަށް ބުނާ އެއްވެސް އިސްތިސްނާ ހާލަތެއް ބަޔާން ކޮށްފައި ނެތުމެވެ. އަދި އެ ގާނޫނުގައި، ކުށުގެ ތުހުމަތު ކުރެވޭ މީހާ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަން ޖެހޭ ކަމަށް އޮންނަ އޮތުމުގެ މަގްސަދަކީ އެ މީހާ ހައްޔަރު ކޮށްފައި ވަނީ ގާނޫނާ އެއްގޮތަށް ކަން ކަށަވަރު ކުރުމާ އެކު، އެ މީހެއްގެ ހާލަތު ދެނެގަނެ، ވަޒަން ކުރުން ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
"ޖިނާއީ އިޖްރާއާތުގެ ގާނޫނަށް ބަލާއިރު، ބަންދާ މެދު ގޮތެއް ނިންމަން ބޭއްވޭ ޝަރީއަތުގެ މަޖިލިސް އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދެވިދާނެ ކަމަށް ނުފެންނަ ކަމެވެ،" ތިން ފަނޑިޔާރުން އިއްތިފާގުން ކުރި އެ ހުކުމުގައިވެ އެވެ.
ބަންދު މުއްދަތު މަޖިލިސް އޯޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައެޅި ނަމަވެސް، އެ ހުކުމުގައިވާ ގޮތުން ޚާއްސަ އިސްތިސްނާ ހާލަތްތަކުގައި ވީޑިއޯ ކޮންފަރެންސްކޮށް އެފަދަ މަޖިލިސްތައް ކުރިއަށް ގެންދެވިދާނެ އެވެ. އޭގެ ސަބަބެއްގެ ގޮތުގައި ހުކުމްގައި ބުނެފައި ވަނީ ޖިނާއީ އިޖްރާއާތު ގާނޫނުގައި ވެސް، އިސްތިސްނާ ހާލަތްތަކުގައި ވީޑިއޯ ކޮންފަރެންސްކޮށް ހެކިބަސް ނެގިދާނެ ކަމަށް ބަޔާން ކޮށްފައި އޮންނާތީ އެވެ.
"އޭނާ ޝަރީއަތަށް ހާޒިރު ކުރުމަށް ހުރި ތަކުލީފުތަކެއްގެ ސަބަބުން މިފަދަ މައްސަލައެއް ހިންގަންޖެހޭ އަވަސް މިނުގައި މައްސަލަ ނުހިންގި، އެކަމުގެ ސަބަބުން އަދުލު އިންސާފަށް ހުރަސް އެޅޭ ކަމަށް ފަނޑިޔާރަށް ގަބޫލު ކުރެވިއްޖެ ހިނދެއްގައި ބަންދު އަމުރުގެ މައްސަލަތަކުގައި ވީޑިއޯ ކޮންރެންސް މެދުވެރިކޮށް ޝަރީއަތުގެ މަޖިލިސް ކުރިއަށް ގެންދެވިދާނެ..." ހުކުމުގައިވެ އެވެ.
މީގެ އިތުރުން ކޯޓު އަމުރު ނެރުމާއި އަމުރު ތަންފީޒު ކުރުމާއި މީހުން ހައްޔަރު ކުރުމާއި ބަންދު ކުރުމުގައި އަމަލު ކުރަންޖެހޭނީ ޖިނާއީ އިޖްރާއާތުގެ ގާނޫނާ އެއްގޮތަށް ކަމަށާއި އެ ގާނޫނު އައުމުގެ ކުރިން އަމަލުކުރި އުސޫލުތައް، އެ ގާނޫނު އައުމާ އެކު އުވުނީ ކަމަށް އެ ގާނޫނުގައި ބުނާ ކަން ވެސް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝުއައިބެވެ.
ބޭ އިންސާފު ދުވަސްތަކަށް ދޭނެ އިންސާފެއް ނެތް؟
ހައި ކޯޓުގެ ޝަރީއަތްތަކުގެ ވީޑިއޯ އާންމުކުރަން ފަށަނީ
ހުކުމް ތަންފީޒު މައްސަލަ: ހައި ކޯޓުގެ ނިންމުން ބާތިލް
ހަމައެއްލަމައެއް ނެތް ކަމަކަށް ހައި ކޯޓުން ފުލްސްޓޮޕް
ހައި ކޯޓު ދެކުނު ގޮފީގެ ޝަރީއަތްތައް މާދަމާ ބާއްވަނީ
ހައި ކޯޓު ވެސް އެއް މަހުގެ ރިސެސްއަކަށް ހިނގައްޖެ
ޖޫރިމަނާއިން ރެކުން ނިމުމަކަށް އަންނަނީ
ހައި ކޯޓުން އެންމެ ގިނަ މައްސަލަ ނިންމި މިދިޔަ މަހު
ދެކުނު ގޮފިން 93 ޕަސެންޓް މައްސަލަ ނިންމައިފި
ހައި ކޯޓުން އެންމެ ގިނަ މައްސަލަ ބަލައިގަތީ މިއަހަރު