Roadha Mihaaru
ހައި ކޯޓުން އެންމެ ގިނަ މައްސަލަ ބަލައިގަތީ މިއަހަރު

ހައި ކޯޓުގެ ތާރީޚުގައި އެންމެ ގިނަ މައްސަލަ ބަލައިގަތީ މިއަހަރު

08 ނޮވެމްބަރ 2016

މިއަހަރަކީ ހައި ކޯޓުގައި ތާރީޚުގައި ވެސް އެންމެ ގިނަ މައްސަލަ އެ ކޯޓަށް ބަލައިގަތް އަހަރު ކަމަށް ތަފާސްހިސާބުން ދައްކައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މިއަހަރަކީ ހައި ކޯޓުގައި ތާރީޚުގައި ވެސް އެންމެ ގިނަ މައްސަލަ އެ ކޯޓަށް ބަލައިގަތް އަހަރު ކަމަށް ތަފާސްހިސާބުން ދައްކައިފި އެވެ.

ހައި ކޯޓުގެ ތަފާސްހިސާބު ދައްކާ ގޮތުން އެކި ބާވަތުގެ މައްސަލަތައް ހިމެނޭ ގޮތަށް މިދިޔަ މަހުގެ ނިޔަލަށް 510 މައްސަލައެއް އެ ކޯޓަށްވަނީ ބަލައިގެންފަ އެވެ. އަދި ޓެރަރިޒަމް ގާނޫނުގެ ދަށުން މޮނިކޮން އަމުރު ހޯދަން ހުށަހެޅި 21 މައްސަލައަކާއި އަލުން ބެލުމަށް ސުޕްރީމް ކޯޓުން އެ ކޯޓަށް ފޮނުވި މައްސަލައަކާ އެކު 532 މައްސަލައެއް އެ ކޯޓުގައި ރަޖިިސްޓްރީވެފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ.

ހައި ކޯޓުގެ 36 އަހަރުވީ ތާރީޚުގައި ވެސް މިއީ އެންމެ ގިނައިން މައްސަލަ ބަލައިގަތް އަހަރެވެ. ދެވަނައަށް އެންމެ ގިނައިން މައްސަލަ ބަލައިގެންފައި ވަނީ މިދިޔަ އަހަރު އެވެ. އެއީ 400 އެއްހާ މައްސަލަ އެވެ.

މިއީ ހަމައެކަނި މާލޭގައި ހުންނަ ހައި ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދެވެ. އައްޑޫގައި ހުންނަ އެ ކޯޓުގެ ދެކުނު ގޮތްޕަށް ހުށަހެޅުނު މައްސަލަތަކާ އެކު ގުނުމުން އެ އަދަދު އިތުރުވެގެންދާނެ ކަމަށް ބެލެވެ އެވެ.

އެންމެ ގިނައިން މައްސަލަ ހުށަހެޅުނީ މިއަހަރު ކަމަށްވިޔަސް މިއަހަރުގެ މިހާތަނަށް ނިމުނު މައްސަލަތަކުގެ އަދަދު އެހެން އަހަރުތަކަށް ވުރެ ވަނީ ދަށްވެފަ އެވެ. މިދިޔަ މަހުގެ ނިޔަލަށް އެ ކޯޓުން ނިންމީ 286 މައްސަލައެކެވެ. ނިމުނު މައްސަލަތަކުގެ އަދަދު ދަށްވީ އައްޑޫގައި ހުންނަ ގޮތްޕަށް ފަނޑިޔާރުން ހަމަޖެއްސުމުން މާލޭގައި ހުންނަ ހައި ކޯޓުން ފަނޑިޔާރުން މަދުވުމުން ކަމަށް ބެލެވެ އެވެ. މިހާރު މާލޭގައި ތިއްބެވީ އެންމެ ހަތަރު ފަނޑިޔާރުންނެވެ.