31 މެއި 2023
ގާނޫނުއަސާސީ ބުނާގޮތުން ފަނޑިޔާރުންނަކީ މިނިވަން މުސްތަގިއްލު ބައެކެވެ. އެހެން އެއްވެސް ފަރާތަކުން ފަނޑިޔާރުންގެ މަސައްކަތާ ބެހުމަކީ މަނާ ކަމެކެވެ. ނަމަވެސް މިކަމަށް އޮންނަ އިސްތިސްނާއަކީ މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ދަށު ކޯޓުތަކުން ތަބާވުން ގާނޫނު އަސާސީ ލާޒިމް ކުރާ ހާލަތެވެ.
ގާނޫނުއަސާސީ ބުނާގޮތުން ފަނޑިޔާރުންނަކީ މިނިވަން މުސްތަގިއްލު ބައެކެވެ. އެހެން އެއްވެސް ފަރާތަކުން ފަނޑިޔާރުންގެ މަސައްކަތާ ބެހުމަކީ މަނާ ކަމެކެވެ. ނަމަވެސް މިކަމަށް އޮންނަ އިސްތިސްނާއަކީ މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ދަށު ކޯޓުތަކުން ތަބާވުން ގާނޫނު އަސާސީ ލާޒިމް ކުރާ ހާލަތެވެ.
ގާނޫނު އަސާސީގައި މިކަން ސާފުކޮށް ބުނެފައި އޮތަސް، މަތީ ކޯޓުތަކުގެ ނިންމުންތަކަށް ދަށު ކޯޓުތަކުން އަމަލު ނުކުރާކަމުގެ ޝަކުވާ ފެންމަތިވެ އެވެ. ވަކިން ހާއްސަކޮށް، ޖިނާއީ މައްސަލަތަކުގައި މިފަދަ ކަންކަން ފެންމަތިވެ، އެ ނިންމުންތައް މަތީ ކޯޓުތަކުން ބަދަލުކުރަންޖެހޭ މިންވަރު އިތުރެވެ.
ކުށުގެ ތުހުމަތު ކުރެވޭ މީހުން ގޭ ބަންދުގައި ނުބޭތިއްބޭނެ ކަމަށް ހައި ކޯޓުން ކަނޑައަޅާފައި އޮއްވާ ދަށު ކޯޓަކުން މީހަކު ބަންދުން ދޫކޮށްލީ ގެއިން ބޭރަށް ނުނިކުންނަ އެ މީހާއަށް ޝަރުތުކޮށްފަ އެވެ. ހައި ކޯޓަށް ޖެހުނީ އެ ނިންމުން ބާތިލްކޮށް، އެ މީހާ އަލުން ޖަލު ބަންދަށް ގެންދަން އަންގާށެވެ.
ބައެއް މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ހައި ކޯޓުން އެންގުމުން ވެސް އެއަށް ދަށު ކޯޓުން އަމަލު ނުކޮށް ހުރި މައްސަލަތަކެއް ކުރިން ފެންމަތިވި އެވެ. އަދި ނިންމުންތަކުގައި ސަބަބު ބަޔާން ކުރަން ޖެހޭނެ ކަމަށް މަތީ ކޯޓުތަކުން އަންގާފައި އޮއްވާ އެއަށް އަމަލު ނުކުރާ މައްސަލަތައް ވެސް ފެންމަތިވެ އެވެ.
ދާދިފަހުން މިކަމުގެ ކަންބޮޑުވުން ހައި ކޯޓުން ވެސް ފާހަގަކުރި އެވެ.
"އެފަދައިން ކަނޑައެޅިގެން ގޯސްކޮށް ކަންކުރާ ފަނޑިޔާރުން އެކަންކަމުގެ ޒިންމާ ނަގަންވާނެ." މަތީ ކޯޓުތަކުގެ ނިންމުންތަކާ ހިލާފަށް ދަށު ކޯޓަކުން ނިންމާފައިވާ ނިންމުމެއް ބާތިލްކޮށް ހައި ކޯޓުން ކުރި ހުކުމުގައި ބުނެފައިވެ އެވެ.
މަތީ ކޯޓެއްގެ ނިންމުމަކާ ހިލާފްވެގެން މިހާތަނަށް ފިޔަވަޅު އެޅީ އެންމެ ފަނޑިޔާރަކަށެވެ. އެހެން ނަމަވެސް ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ބަލާއިރު އެ ފަނޑިޔާރެއްގެ ނިންމުންތައް މަތީ ކޯޓުތަކުން ބަދަލު ގެނެސްފައިވާ މިންވަރަށް ރިއާޔަތްކުރެ އެވެ.
ގާނޫނީ ބައެެއް ބޭފުޅުން ވިދާޅުވާ ގޮތުން މަތީ ކޯޓެއްގެ ކޮންމެ ނިންމުމަކީ ދަށު ކޯޓުތަކުން އެއަށް އަމަލުކުރުން ލާޒިމް ނިންމުމެއް ނޫނެވެ. ބައެއް މައްސަލަތަކުގެ ވަށައިގެންވާ ކަންކަމާއި އަދި މައްސަލަތަކުގެ ބާވަތުން ވެސް ނިންމުން ތަފާތު ވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މަތީ ކޯޓަކުން ނިންމާ ކޮންމެ ނިންމުމެއް އެއީ ދަށު ކޯޓުތަކުން ތަބާވާންޖެހޭ ނިންމުންތަކެއް ނޫން. ދަށު ކޯޓުން ތަބާވުން ލާޒިމް ވަނީ ކޮން ހާލަތްތަކެއްގައި ކަމާއި ލާޒިމް ނުވަނީ ކޮން ހާލަތްތަކެއްގައި ކަން އެބައޮތް ސުޕްރީމް ކޯޓުން ބަޔާންކޮށް ދީފައި." އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަސްލު މައްސަލައަކީ ކޯޓު އަމުރުތަކާއި ބަންދު އަމުރުތަކުގެ އިސްތިއުނާފް ހަތް ދުވަސް ތެރޭގައި ނިންމަންޖެހޭ ގޮތަށް ޖިނާއީ އިޖްރައާތުގެ ގާނޫނު ލާޒިމް ކުރުމުން ހައި ކޯޓުގައި މައްސަލަތައް ފުނިޖެހެން ފެށުމެވެ.
ހައި ކޯޓް --- ފޮޓޯ/މިހާރު
ސުޕްރީމް ކޯޓުން 2020 ވަނަ އަހަރު ނިންމާފައިވާ ގޮތުން މަތީ ކޯޓުތަކުގެ ނިންމުންތަކަށް ތަބާވުމަކީ އިސްތިސްނާއެއް ނެތި އޮންނަ ކަމެއް ނޫނެވެ. މިސާލަކަށް ކަމާގުޅޭ ގާނޫނުތަކަށް ފުރިހަމައަށް ރިއާޔަތް ކުރުމެއް ނެތި ނިންމާ ނިންމުންތަކަށް އަމަލު ނުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ހުކުމުގައިވެ އެވެ.
ނަމަވެސް ކުރީގެ ނިންމުމާ ތަފާތުވި ސަބަބު ބަޔާންކޮށްދޭން ޖެހޭނެ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.
"އިންސާފު ގާއިމް ކުރުމަށް އިސްކަންދީ، މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އަމަލުކުރުން ލާޒިމްވާ ކަމަށް އޮންނަ އޮތުމަށް އިސްތިސްނާ ހާލަތްތަކެއް ވާ ކަން ވެސް ގަބޫލު ކުރަންޖެހެ އެވެ." ސުޕްރީމް ކޯޓުގެ އެ ހުކުމުގައި ބުނެފައިވެ އެވެ.
ކުރިން ފަނޑިޔާރުކަން ކުރެއްވި ބޭފުޅަކު ވިދާޅުވި ގޮތުގައި ބަންދު މުއްދަތު ޖެހުމާއި ކޯޓު އަމުރާ ގުޅޭ ކަންކަމުގައި ދަށު ކޯޓުތަކުގެ ނިންމުންތައް މިހާރު ހުންނަނީ ތަފްސީލުކޮށްފަ އެވެ. އަދި އެންމެ ބޭނުންވާ މިންވަރަށް ކަންކަން ތަފްސީލު ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ހުރިހާ ވާހަކަތަކެއް ކޮންމެ ފަހަރަކު ކޯޓު އަމުރެއްގައި ލިޔުމަކީ ފަސޭހަ ކަމެއް ނޫން."
ބައެއް މީހުންގެ މައްޗަށް ތަހުގީގު މަރުހަލާގައި ބޮޑެތި ތުހުމަތުތައް ކުރިޔަސް، ދައުވާ އުފުލާއިރު ވަރަށް ކުޑަ އަދަބެއް އަންނަ ދައުވާތައް ކޮށްފައި ހުރެ އެވެ. އެހެންވުމުން، މުޖްތަމައުއަށް ނުރައްކާ މީހެއް ކަމަށް ބުނެ ތަހުގީގު މަރުހަލާ ބަންދުކުރި މީހާ އެ ހިސާބުން ދޫކޮށްލަން ނިންމަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހުރިހާ ވާހަކަތަކެއް ކޮންމެ ފަހަރަކު ކޯޓު އަމުރެއްގައި ލިޔުމަކީ ފަސޭހަ ކަމެއް ނޫން." އޭނާ ވިދާޅުވި އެވެ.
ތަހުގީގު މަރުހަލާގައި ބަންދުގައި ބަހައްޓަން ހެކި ބޭނުންވާ މިންވަރާއި އޭގެފަހުގެ މަރުހަލާތަކުގައި ހެކި ބޭނުންވާ މިންވަރު ތަފާތުކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. އަދި ދަށު ކޯޓުގައި ފާހަގަ ނުކުރާ އާ ކަންތައްތަކެއް މަތީ ކޯޓުތަކުގައި ފާހަގަ ކޮށްގެން ވެސް ނިންމުންތައް ބަދަލުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިސާލަށް ބަންދު މަޖިލިސްތަކުގައި ބައެއް ފަހަރު ފަނޑިޔާރުން އަހާނެ މަތީ ކޯޓުގެ ނިންމުމެއް އެބައޮތްތޯ މިކަމާ ގުޅިގެން ފާހަގަކުރަން. ބައެއް ފަހަރު ބުނާނީ ނެތޭ އެފަދަ ކަމެއް ފާހަގަކުރަން. އެކަމަކު ހައި ކޯޓަށް ދައުލަތުން ގޮސްފައި މަތީ ކޯޓުތަކުގެ ނިންމުންތަކާއި ގާނޫނުގެ މާއްދާތައް ނަގާނީ." އޭނާ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުން ބުނާ ފަދައިން މަތީ ކޯޓުތަކުގެ ނިންމުންތަކަކީ އެއަށް ކޮންމެ ފަހަރަކު ތަބާވާންޖެހޭ ގާނޫނަށް ވުރެ ބާރުގަދަ އެއްޗެއް ނޫނެވެ. އެހެން ނަމަވެސް އެއް ބާވަތުގެ ކަންކަމުގައި މަތީ ކޯޓަކުން ނިންމާ ނިންމުންތަކަކީ އަމަލު ކުރެވެން ނެތް، "ހުސް ކަރުދާސްކޮޅެއް" ފަދަ އެއްޗަކަށް ވެސް ވެގެން ނުވާނެ އެވެ.
އަހަރެއްގެ ތެރޭގައި ސުޕްރީމް ކޯޓުން ބޮޑު ބަދަލެއް
"ނިޒާމުގެ ފައިދާ ލިބޭނީ ވަސީލަތްތައް ލިބިގެން"
ދަށު ކޯޓުތަކުގެ ފަނޑިޔާރުން ގައުން ލާ ގޮތަށް ހަދައިފި
ތަހުވީލުކޮށްފިނަމަ އިސްތިއުނާފް ނިމެންދެން މަޑުޖައްސަނީ
ބޮޑު ބަދަލެއް:މަދަނީ އިޖުރާއަތަށް އަމަލުކުރަން ފަށައިފި
ނުފޫޒުު ފޯރުވުނު ނަމަ މިނިވަނެއް ނުކުރާނެ: ޔާމީން
ހުކުމް ތަންފީޒު މައްސަލަ: ހައި ކޯޓުގެ ނިންމުން ބާތިލް
ޔާމީންގެ ފަހު އާދޭހަކީ ވެސް ބޭއިންސާފު ނުވުން!
އިންސާފު ހޯދަން ދެވުނީތީ މޮޔަ ހީވުން!
ސުޕްރީމް ކޯޓު ރިސެސްއަށް، ހައިކޯޓުން މައްސަލަ ނިންމަނީ