Roadha Mihaaru
އިންސާފު ހޯދަން ދެވުނީތީ މޮޔަ ހީވުން!

އިންސާފު ހޯދަން ދެވުނީތީ މޮޔަ ހީވުން!

23 ޑިސެމްބަރ 2020

އަހުމަދު އިބްރާހިމް (އަސްލު ނަމެއް ނޫން) ބަޔަކު ލައްވައި ކުރުވި މަސައްކަތަކަށް 27،000ރ. ނުދައްކާ ކަމަށް ބުނެ އެ ފައިސާ ދައްކަން ރަށެއްގެ ކޯޓަކުން އޭނާގެ މައްޗަށް ހުކުމްކުރި އެވެ. އެއީ ދައްކަން ޖެހޭ ފައިސާއެއް ކަމަށް ގަބޫލު ނުކުރާތީ ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރުމުން ދަށު ކޯޓުގެ ހުކުމް ބާތިލްކުރި އެވެ. ނަމަވެސް ބޯމަތީގައި އޮތް ދަރަންޏަކުން ސަލާމަތްވުން ފިޔަވައި، އެކަމުން އޭނާ އަށް ލިބުނު މާ ބޮޑު ހިތްހަމަޖެހުމެއް އަދި އުފަލެއް ވެސް ނެތެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އަހުމަދު އިބްރާހިމް (އަސްލު ނަމެއް ނޫން) ބަޔަކު ލައްވައި ކުރުވި މަސައްކަތަކަށް 27،000ރ. ނުދައްކާ ކަމަށް ބުނެ އެ ފައިސާ ދައްކަން ރަށެއްގެ ކޯޓަކުން އޭނާގެ މައްޗަށް ހުކުމްކުރި އެވެ. އެއީ ދައްކަން ޖެހޭ ފައިސާއެއް ކަމަށް ގަބޫލު ނުކުރާތީ ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރުމުން ދަށު ކޯޓުގެ ހުކުމް ބާތިލްކުރި އެވެ. ނަމަވެސް ބޯމަތީގައި އޮތް ދަރަންޏަކުން ސަލާމަތްވުން ފިޔަވައި، އެކަމުން އޭނާ އަށް ލިބުނު މާ ބޮޑު ހިތްހަމަޖެހުމެއް އަދި އުފަލެއް ވެސް ނެތެވެ.

ދައްކަން ނުޖެހޭ 27،000ރ. އިން ސަލާމަތް ވާން އަމިއްލަ ޖީބުން 40،000ރ. އޭނާ ޚަރަދު ކުރަން ޖެހުނެވެ. އެއީ ދަށު މަރުހަލާގައި ވަކީލަށް ދައްކަން ޖެހުނު ފައިސާ އާއި މާލެ އިން ވަކީލަކު ހޯދަން ކުރި ދަތުރުތަކުގެ ޚަރަދުތައް ހިމެނޭ ގޮތުންނެވެ. ހައި ކޯޓުގައި ވަކީލަކު ހިލޭ ސާބަހަށް ވަކާލާތުކޮށް ނުދިން ނަމަ، އޭނާ އަތުން މަދުވެގެން 50،000 އަށް ވުރެ ބޮޑު އެއްޗެއް ޚަރަދުވީހެވެ. ހައި ކޯޓުގެ 20 ވަރަކަށް ސޮފްހާގެ ހުކުމް އޭނާއާ އެއްކޮޅަށް ލިޔެފައި އޮތަސް، އެ ހުކުމާ ހަމައަށް ވާސިލްވާން އޭނާ އެ އުފުލީ އެއްވެސް ގޮތަކަށް ދެކޮޅުނުޖެހޭ ބޮޑު މާލީ ބުރައެކެވެ. އެހެން ގޮތަކަށް ބުނާ ނަމަ، އިންސާފު ހޯދަން ކޯޓަށް ދެވުނު "މޮޔަ ހީވީ" އެވެ.

މިއީ ވަކީލަކު ހިއްސާކުރި އޭނާގެ މުވައްކިލެއްގެ ތަޖުރިބާ އެވެ. މިއީ އިންސާފު ލިބުނީ ކަމަށް ބުނާނެ އެއްވެސް ހަމައެއް ނެތެވެ.

މި ފަހަރު "މިހާރު" ގެ ކިޔުންތެރިއެއްގެ ތަޖުރިބާ އެވެ. ބަޔަކަށް ފޯރުކޮށްދިން މުދަލުގެ އަގަށް ވާ 25،000ރ. ހޯދަން އުޅެއުޅެ ހަތަރު އަހަރު ވީއިރު ވެސް އެ ފައިސާ ނުލިބުމުން ކޯޓަށް ގޮސް މައްސަލަ ކާމިޔާބުކޮށް، ފައިސާ ހޯދި އެވެ. ނަމަވެސް ގާނޫނީ ޚަރަދަށް ހިނގި 15،000ރ. އަމިއްލަ ޖީބުން ދެއްކުމުން އޭނާއަށް ލިބުނީ އެންމެ 10،000ރ. އެވެ. ވިއްކި މުދާކޮޅުގެ ހަމަ އަގު ވެސް ހަތަރު އަހަރު ފަހުން ނުލިބުމަކީ އިންސާފުގެ ކޮން ވައްތަރެއް ހެއްޔެވެ؟

މިފަދަ އެތައް މުވައްކިލުންނެކެވެ. އެއްވެސް ކަމަކާ ނުލައި، ވަޒީފާ އިން ވަކިކޮށްލުމުން ހައްގު ހޯދަން ވަޒީފާއާ ބެހޭ ޓްރައިބިއުނަލާއި ހައި ކޯޓާއި ސުޕްރީމް ކޯޓާ ދެމެދު "ޔަންމާ މެރިން އިންޖީނެއްހެން ދުވެލަ ދުވެލާ" ހުންނަތާ އެތައް އަހަރެއް ފަހުން މައްސަލަ ކާމިޔާބު ވިޔަސް، އިންސާފު ހޯދަން އޭނާ ކުރަން ޖެހުނު ގާނޫނީ ޚަރަދުގެ އެންމެ ލޯ ލާރިއެއް ވެސް ކޯޓުތަކުން ނަގައެއް ނުދެ އެވެ. ވަޒީފާ އިން ވަކިކުރުމުން ބައެއް ފަހަރު އަދުލުވެރި ބަދަލެއްގެ ގޮތުން ކޯޓުން ނަގައިދޭ ފައިސާ ވެސް ގާނޫނީ ޚަރަދުގެ ގޮތުގައި އަތުން ބީވެގެން ދަނީ އެވެ. އަނބުރާ ލިބޭނެކަން ޔަގީން ނުވާ އެ ވަޒީފާ ހޯދަން ނޫޅެ، އާ ވަޒީފާއެއް ހޯދަން އުޅެވުނު ނަމައޭ ބުނެ "މޮޔަ ހިތަށްއަރާ" މީހުން ވެސް މަދެއް ނޫނެވެ.

އިންސާފު ހޯދަން ކޯޓުތަކަށް ދިއުމަކީ ބޮޑު ޚަރަދުތަކެއް ހިނގާ ކަމެކެވެ. ވަކީލުންނަށް ދައްކަން ޖެހޭ ފީ އާއި ޚަރަދާއި އަތޮޅު ތެރޭގައި ހިނގާ މައްސަލަތަކުގައި ވަކީލުންގެ ދަތުރުފަތުރު ހަމަޖެއްސުމާއި އެހެނިހެން ކަންކަމަށް ވެސް ގިނަ ޚަރަދުތަކެއް ހިނގަ އެވެ. ހައި ކޯޓާއި ސުޕްރީމް ކޯޓާ ހިސާބަށް ދާ މައްސަލަތަކުގައި މި ޚަރަދުތައް އިތުރަށް ބޮޑުވެ، ވަކީލުންނަށް ދައްކަން ޖެހޭ ފީ ވެސް އިތުރަށް ބޮޑުވެ އެވެ. އެކަމަކު މައްސަލަ ކާމިޔާބުވިޔަސް، އެއިން އެއްވެސް ޚަރަދެއް ކޯޓުތަކުން ނަގައެއް ނުދެ އެވެ. "އެ މީހަކު ކެހި ކަނޑުލެއްގެ ހިތި ފިލުވާނީ އެ މީހެކޭ" ބުނާ ބީދައިންނެވެ.

ޚާއްސަކޮށް، ވަޒީފާގެ މައްސަލަތަކާއި މަދަނީ މައްސަލަތަކުގައި މި ޝަކުވާ ވަކިން ބޮޑެވެ. މައްސަލަ ކާމިޔާބު ވިޔަސް، ވަކީލުންނަށާއި ގާނޫނީ ކަންކަމަށް ކުރާ ޚަރަދުތަކުގެ އެއްވެސް މިންވަރެއް ވަޒީފާ ދޭ ފަރާތުގެ ކިބައިން ކޯޓުތަކުން ނަގައެއް ނުދެ އެވެ. ގާނޫނީ ޚަރަދަށް ކިތަންމެ ބޮޑު އަދަދެއް ދައްކަން ޖެހުނަސް، ކޯޓަށް ދާން މަޖުބޫރު ކުރުވި ފަރާތުން އެކަމަށް ޒިންމާވާކަށް ނުޖެހެ އެވެ. އިންސާފުވެރި ހުކުމެއް ލިބުމުން ދުރުގައި ކުޅި ބަލަން ތިބި މީހުންނަށް ކިތަންމެ އުފާވެރި މަންޒަރެއް ފެނުނަކަސް، އިންސާފު ހޯދަން ދުވި މީހާ އަތުން ހިނގި އަދި އަނބުރާ ނުލިބުނު ބޮޑެތި ޚަރަދުތަކަކީ އޭގެ ނުފެންނަ ފަރާތެވެ. މާލީ ގޮތުން ދެކޮޅުނުޖެހޭ ކަމެއް ކުރަން ބޭނުން ނުވާތީ ކޯޓުތަކަށް ދާން ބޭނުންނުވާ މީހުން ވެސް މަދެއް ނޫނެވެ.

އިންސާފު ހޯދަން ދާ ކޮންމެ މީހަކީ ގާނޫނީ އިލްމާއި ހުނަރު ހުރި މީހަކަށް ނުވުމަކީ ޖިނާއީ މައްސަލަތަކެކޭ އެއްގޮތަށް ވަޒީފާ ފަދަ މަދަނީ އަދި އެ ނޫން ވެސް މައްސަލަތަކުގައި ވަކީލުންގެ އެހީތެރިކަން ހޯދަން މަޖުބޫރުވާ ސަބަބެވެ. ވަކީލުންގެ އެހީއަކީ ގާނޫނުއަސާސީން ލިބިިދޭ އަސާސީ ހައްގަކަށް ވުމަކުން އެ ޚިދުމަތް ހިލެއެއް ނުލިބެ އެވެ. ބައެއް މައްސަލަތަކުގައި ޕްރޮބޯނޯކޮށް ހިލޭ ވަކާލާތު ކޮށްދޭ ވަކީލުން ތިއްބަސް، އެންމެންގެ މިންވަރުގައި އެ ނިއުމަތެއް ނެތެވެ. ދައުލަތުގެ ޚަރަދުގައި ވަކީލުން ހަމަޖައްސައި ދެނީ ޖިނާއީ ބޮޑެތި މައްސަލަތަކުގެ ތުހުމަތުކުރެވޭ މީހުންގެ ތެރެއިން މާލީ ތަނަވަސްކަން ނެތް މީހުންނަށް އެކަންޏެވެ. އެ ވެސް އެޓާނީ ޖެނެރަލްގެ އޮފީހުން ގެންގުޅޭ ވަކި މިންގަނޑަކަށް ފެތޭ ނަމަ އެވެ.

މަދަނީ މައްސަލަތަކުގައި ގާނޫނީ ޚަރަދު ނަގައި ނުދޭ ސަބަބެއްގެ ގޮތުގައި ކޯޓުތަކުން ދައްކަނީ ހައި ކޯޓުން ކުރިން ނިންމާފައި އޮތް ނިންމުމެކެވެ. އެއީ ދެ ފަރާތުގެ ދެމެދުގައި ކުރިން އެއްބަސްވެފައި ނެތް ނަމަ، މައްސަލަ ކާމިޔާބުވާ ފަރާތަށް އަނެއް ފަރާތުގެ ކިބައިން ގާނޫނީ ޚަރަދު ނަގައި ނުދެވޭނެ ކަމަށް 2010 ވަނަ އަހަރު ހައި ކޯޓުން ކުރި ހުކުމެކެވެ. ސަބަބަކީ އެގޮތަށް އެކަން ކުރެވޭނެ ގާނޫނެއް ނުވަތަ ގަވާއިދެއް ރާއްޖޭގައި ނެތުމެވެ. މިކަމާ ބެހޭ ގޮތުން ސުޕްރީމް ކޯޓުގެ ނިންމުމެއް ނެތަސް، ސުޕްރީމް ކޯޓުން ވެސް އެ އުސޫލު އަންނަނީ ދަމަހައްޓަމުންނެވެ.

ހައި ކޯޓުގެ މި ނިންމުމަކީ ދެ ފަރާތެއްގެ ދެމެދުގައި ހެދިފައި އޮތް ދަރަނީގެ މަައްސަލައެއްގައި ނިންމި ނިންމުމެކެވެ. ހައިރާން ވާން ޖެހޭ ކަމަކީ ވަޒީފާގެ މައްސަލަތަކަށް ވެސް މި ނިންމުން ހިިނގާނެ ކަމަށް ނިންމައި، ވަޒީފާއާ ބެހޭ ޓްރައިބިއުނަލާއި ކޯޓުތަކުން އަބަދުވެސް ހުއްޖަތަކަށް އެ ނިންމުން ހަދަމުންދާ ދިއުމެވެ. އެކަން އެގޮތަށް ހިނގަމުންދާ ކަން އެނގޭއިރު ވެސް، ހައި ކޯޓުން ކުރީގެ ނިންމުމާ އެ ނިންމުން ތަފާތު ކުރާކަށް ބޭނުމެއް ނުވެ އެވެ.

ހައި ކޯޓް --- ފޮޓޯ/މިހާރު

ހައި ކޯޓް --- ފޮޓޯ/މިހާރު

ވިޔަފާރި އާއި މަދަނީ ބޮޑެތިި އެއްބަސްވުންތަކަކީ އާންމުކޮށް ދެ ފަރާތުން ހަމަހަމައަށް ބައިވެރިވެގެން އެކުލަވައިލާ އެއްބަސްވުންތަކަކަށް ވާތީ އެބައި މީހުން ބޭނުންވާ ކޮންމެ ކަމެއް އެއްބަސްވުމުގައި ހިމަނަން ފުރުސަތު އޮންނާނެ އެވެ. ކޯޓަށް ދާން ޖެހިއްޖެ ނަމަ، ގާނޫނީ ޚަރަދަށް ޒިންމާވާން ޖެހޭ މިންވަރު ވެސް ހިމެނިދާނެ އެވެ. އެފަދަ މައްސަލަތަކުގައި އެއްބަސްވުމުގައި އޮވެގެން ނޫން ގޮތަކަށް ގާނޫނީ ޚަރަދު ނަގައި ނުދިނުމަކީ އުސޫލެއްގެ ގޮތުން ރަނގަޅު ކަމެއް ކަމަށް ބުނެވިދާނެ އެވެ. އެކަމަކު ވަޒީފާގެ އެއްބަސްވުންތައް މުޅިން ތަފާތެވެ.

ވަޒީފާގެ އެއްބަސްވުންތަކަކީ އަބަދުވެސް ވަޒީފާ ދޭ ފަރާތުން އެކުލަވާލާ އެއްޗެކެވެ. ވަޒީފާ ބޭނުންވާ ނަމަ، އެ ހުރިހާ ކަމަށް ރުހި ގަބޫލުވުން ނޫން ގޮތެއް ނިކަމެތި މުވައްޒަފު މީހާއަކަށް ނޯވެ އެވެ. ކޯޓަށް ދާން ޖެހިއްޖެ ނަމަ، ގާނޫނީ ޚަރަދަށް ޒިންމާ ކުރުވާނެ މާއްދާއެއް އޭގައި ހިމެނުމުގެ ބާރު މުވައްޒަފަކަށް ނޯންނާނެ އެވެ. އަދި ވަޒީފާތަކަށް ވަންނަނީ ވަޒީފާއިން ވަކިކުރާނެ ކަމުގެ ބިރެއް އޮވެގެން ނޫން ކަމަށް ވާތީ އެއްބަސްވުމުގައި އެފަދަ ކަމެއް ހިމަނަން ބާރު އެޅުމުގެ ވިސްނުމެއް ވެސް ނޯންނާނެ އެވެ. ގާނޫނީ ގޮތުން މުވައްޒަފުންނަށް ލިބިދޭ ހައްގުތައް ކިތަންމެ ގިނަޔަސް، ވަޒީފާ ދޭ ފަރާތަކީ މިގޮތުން ބާރުވެރި ފަރާތެއް ކަމީ ގާނޫނީ މަންތިގު ގަބޫލުކުރާ ސަބަބުވެރި ކޮންމެ އިންސާނަކަށް ވެސް އެނގޭނެ ކަމެކެވެ.

ބޮޑެތި ވިޔަފާރީގެ މައްސަލަތަކާއި އާންމު ނިކަމެތި ރައްޔިތުންގެ މެދުގައި ހިނގާ ކުދިކުދި މަދަނީ މުއާމަލާތްތަކާއި ވަޒީފާގެ މައްސަލަތައް އެއް މިންގަނޑަކުން އަޅާ ނުކިޔެނީ މި ސަބަބާ ހެދި އެވެ. ނަމަވެސް އެއް ރާގެއްގައި ކިތަންމެ ވަރަކަށް މި "ލަވަ" ކިޔަކަސް، ކޯޓުތަކުން އޭގެ އަޑުއަހާކަށް ބޭނުމެއް ނުވެ އެވެ. ކޮންމެވެސް އިންތިޚާބީ މޫސުމަކާ ދިމާވެގެން ވަޒީފާ އަނބުރާ ލިބޭނެ ކަމުގެ އުއްމީދެއް އޮތަސް، އެ ވަޒީފާ ހޯދަން އިންސާފުގެ ދޮރުގައި ޓަކި ޖަހަން ކުރި ޚަރަދު އަނބުރާ ލިބޭނެ އެއްވެސް ފޯމިއުލާއަކަށް ކޯޓުތަކުން އެއްބަހެއް ނުވެ އެވެ.

ބައެއް ގައުމުތަކުގައި މަދަނީ މައްސަލަތަކުގައި ދައުވާ ކާމިޔާބުވާ ފަރާތުން ކުރި ގާނޫނީި ޚަރަދު އަނެއް ފަރާތުން ދައްކަން ޖެހޭނެ އެވެ. ރާއްޖޭގައި މިފަދަ އިޖުރައާތެއް ބަޔާންކުރާ މަދަނީ އިޖުރައާތުގެ ގާނޫނެއް އަދި ވުޖޫދަކަށް ނާދެ އެވެ. ކޯޓުތަކަށް މައްސަލަތައް ހުށަހެޅޭނެ ކިތަންމެ ފަސޭހަ ނިޒާމުތަކެއް ގާއިމް ކޮށްފައި އޮތަސް، ރާއްޖޭގައި އިންސާފު ހޯދަން ހިނގާ ޚަރަދުތަކަށް ޒިންމާ ކުރުވޭނެ ހަރުދަނާ ނިޒާމެއް ނެތެވެ.

ދެން އޮތީ ގާނޫނީ ޚަރަދު ނަގައިދޭން ފެށުމުން ދިމާވާނެ މައްސަލަތަކެވެ. ގާނޫނެއް ނެތީސް، ކޯޓުތަކުން މި ދޮރު ހުޅުވާލަދީފި ނަމަ، ވަކީލު ފީ އާއި ގާނޫނީ ޚަރަދުގެ ގޮތުގައި ހިތުހުރި އަދަދެއް ލިޔެގެން ނުހައްގު މުއްސަނދިކަން ހޯދާ މަގަކަށް މިކަން ވެގެން ހިނގައިދާނެ ކަމުގެ ބިރު ވެސް އޮވެދާނެ އެވެ. އޭގެ މާނައަކީ ގާނޫނީ ޚަރަދަށް ނަގައިދެވޭނެ އެކަށީގެންވާ އަދަދެއް ކޯޓުތަކަށް ކަނޑަނޭޅޭނެ ވާހަކައެއް ވެސް ނޫނެވެ.

ނުހައްގުން ވަޒީފާ އިން ވަކިކުރާ މައްސަލަތަކުގައި އަދުލުވެރި ބަދަލެއްގެ ގޮތުން އެއް އަހަރުގެ މުސާރަ އާއި އިނާޔަތްތައް ކޯޓުތަކުން ނަގައިދެމުން އަންނަނީ އެއްވެސް ގާނޫނެއް ނުވަތަ ގާނޫނީ ބާރު ލިބިފައިވާ ގަވާއިދެއްހާ މިންވަރު ވެސް ނެތީސް، މަތީ މަރުހަލާގެ ކޯޓުތަކުން އަމިއްލަ އަށް ކަނޑައެޅި ކަނޑައެޅުންތަކެއްގެ މައްޗަށް ބިނާކޮށެވެ. ހަމަ އެ އުސޫލުން ގާނޫނީ ޚަރަދަށް ކެޕެއް އެޅުވުމަކީ މިދެންނެވި ގޮތަށް ނުކުރެވޭނެ ކަމެކޭ ބުނެވޭކަށް ނެތެވެ.

އިންސާފު ހޯދަން ކޯޓުތަކަށް ދިއުމަކީ ބަޔަކު ކުޅޭ ކުޅިވަރެއް ނޫނެވެ. އެ ނޫން މަގެއް ނުފެނިގެން އިންސާފުގެ ދޮރުގައި ޓަކި ޖަހާ މީހާ ވެސް އުފުލަން ޖެހޭ ބުރަ އާއި ކުރެވޭ ދިގު އިންތިޒާރަށް ވުރެ ކުރަން ޖެހޭ ޚަރަދުތައް ބޮޑެވެ. ކޮންމެ މީހަކު ކޯޓަށް އަންނާނީ އެ ހުރިހާ ޚަރަދެއް ކުރެވޭނެ ތަނަވަސްކަން ހުރެގެން ކަމަށް ކޯޓުތަކުން ދެކިގެން ނުވާނެ އެވެ. އިންސާފު ހޯދަން ދިއުމަކީ މާލީ ގޮތުން ދެކޮޅު ނުޖެހޭ ކަމަކަށްވެ، "އިންސާފު ހޯދަން އުޅެވުނު މޮޔަށް ހިތަށްއަރާ" ގޮތަށް ނިޒާމު ރޭވިފައި އޮތް އޮތުން ބަދަލުވާން އެބަ ޖެހެ އެވެ.