Roadha Mihaaru
ވަކިކުރި 10 އެޑްމިނިސްޓްރޭޓަރުންނަށް ވަޒީފާދޭންޖެހޭނެ

ކޯޓުތަކުން 10 އެޑްމިނިސްޓްރޭޓަރުން ވަކިކުރީ ގޯސްކޮށް، އަލުން ވަޒީފާ ދޭންޖެހޭނެ: ހައިކޯޓް

04 ޖުލައި 2022

ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރުންގެ ފެންވަރު ބެލުމަށް ފަހު 10 މީހަކު ވަޒީފާއިން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށާއި އެ މީހުންނަށް އަލުން ވަޒީފާ ދޭންޖެހޭނެ ކަމަށް ހައި ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރުންގެ ފެންވަރު ބެލުމަށް ފަހު 10 މީހަކު ވަޒީފާއިން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށާއި އެ މީހުންނަށް އަލުން ވަޒީފާ ދޭންޖެހޭނެ ކަމަށް ހައި ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ.

ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރުންގެ މަސައްކަތު ފެންވަރު ބެލިއިރު ވަކި އަދަދަކަށް މާކްސް ނުލިބުނު ކަމަށް ބުނެ 2019 ވަނަ އަހަރު ވަޒީފާއިން ވަކިކުރީ ހައި ކޯޓާއި ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓުގެ އިތުރުން މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން ހަތް ކޯޓެއްގެ އެޑްމިނިސްޓްރޭޓަރުންނެވެ.

މިދިޔަ އަހަރު ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައި އޮތީ އެ މީހުން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ވާތީ އެ މީހުންނަށް އަލުން ވަޒީފާދިނުމަށެވެ.

އެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ވެސް މިއަދު ނިންމީ އެ މީހުން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށެވެ. އެހެންވެ، ޓްރައިބިއުނަލްގެ ނިންމުން ބާތިލްކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

ހައި ކޯޓުގެ ހުކުމުގައިވަނީ އެޑްމިނިސްޓްރޭޓަރުން ވަޒީފާއިން ވަކިކުރީ އެ މީހުން އަދާކުރަމުންދިޔަ މަގާމު އުވުމުން ރިޑަންޑެންސީގެ ހާލަތު މެދުވެރިވުމުން ކަމަށާއި އެ މީހުންނަށް ދޭންޖެހޭނީ ފައިސާގެ ބަދަލެއް ޖޭއެސްސީން ބުންޏަސް، އެއީ ގާނޫނީ ގޮތުން ހަމަޖެހޭ ބުނުމެއް ނޫން ކަމަށެވެ.

އެގޮތުން، މަގާމު އުވުނީ ކަމަށް ޖޭއެސްސީން ބުންޏަސް، ކޯޓުތަކުގެ ޗީފް އެޑްމިނިސްޓްރޭޓަރުންނާއި އިދާރީ އިސް މުވައްޒަފުންގެ މަސްއޫލިއްޔަތުތައް ބަޔާންކުރާ އުސޫލުގައި އެ މަގާމުތައް އުވުނީ ކަމަށް ބުނެފައިނުވާ ކަމަށް ހުކުމުގައިވެ އެވެ. އަދި ވަކި ޝަރުތުތަކެއް ފުރިހަމަވާ ނަމަ އާ މަގާމަށް ބަދަލުވާނެ ކަމަށް އުސޫލުގައި ބުނާއިރު، އެ ދެ މަގާމުގެ ޒިންމާތަކުގައި ވެސް މާ ބޮޑު ތަފާތެއް ފެންނަން ނެތް ކަމަށް ވެސް ހުކުމުގައި ބުނެފައިވެ އެވެ.

ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު ހުސައިން ޝަހީދުގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ޓްރައިބިއުނަލްގެ ނިންމުން ބާތިލްކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.