Roadha Mihaaru
ރައީސް ވަޑައިގަތްއިރު އަލިފުށީގައި އެއާޕޯޓު ޓަވަރު!

މައްސަލަ ބޮޑުވެފައި އޮއްވައި ރައީސް ވަޑައިގަތް އިރު އަލިފުށީގައި އެއާޕޯޓު ޓަވަރު!

08 ސެޕްޓެމްބަރ 2021

ރ. އަލިފުށީގައި ކުއްލި ގޮތަކަށް އެއާޕޯޓެއް އެޅުމުގެ މަސައްކަތް ސަރުކާރުން ފެށުމާ އެކު އަތޮޅުގެ އެހެން ރަށްތަކުން ހިތްހަމަނުޖެހުންފާޅުކުރަމުން ދަނިކޮށް އެއާޕޯޓުގެ ޓަވަރު ސިފަކޮށްދޭ މޮނިއުމަންޓެއް އެ ރަށުގައި ހަދައިފި އެވެ.

ފަޒީނާ އަހުމަދު ރ. އަލިފުށިން ފަޒީނާ އަހުމަދު

ރ. އަލިފުށީގައި ކުއްލި ގޮތަކަށް އެއާޕޯޓެއް އެޅުމުގެ މަސައްކަތް ސަރުކާރުން ފެށުމާ އެކު އަތޮޅުގެ އެހެން ރަށްތަކުން ހިތްހަމަނުޖެހުންފާޅުކުރަމުން ދަނިކޮށް އެއާޕޯޓުގެ ޓަވަރު ސިފަކޮށްދޭ މޮނިއުމަންޓެއް އެ ރަށުގައި ހަދައިފި އެވެ.

ބަނދަރުގައި މި މޮނިއުމެންޓް ހެދީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އަލިފުއްޓަށް ވަޑައިގަތުމަށް ހަމަޖެއްސެވުމާ ގުޅިގެންނެވެ. ތިން ދުވަހުގެ މަސައްކަތުން މޮނިއުމެންޓެއް ހެން އުސް ޓަވަރެއް ހަދައި އެމަނިކުފާނު ވަޑައިގަތްއިރު އެތަން ވަނީ ޒީނަތްތެރިކޮށްފަ އެވެ.

"މި ރަށަށް އެއާޕޯޓެއް އަޅަން ސޮއިކޮށްފައި އޮތީމާ އަޅުގަނޑުމެން މި މޮނިއުމެންޓް ހެދީ އެ މަޝްރޫއުގެ ރަމްޒެއްގެ ގޮތުން," ބަނދަރު ސަރަހައްދުގައި ހުރި އަލީ ރަޝީދު ކިޔާ މީހަކު ބުންޏެވެ.

އެ ރަށުގެ ކައުންސިލާއި ރައްޔިތުންގެ ވިސްނުމަކީ އެއާޕޯޓު ހަގީގަތަކަށް ވަންދެން އަލުން ކޮންކްރީޓުން ޓަވަރެއް ހަދާފައި އެތަނުގައި ބެހެއްޓުމެވެ. ރައީސްގެ ދަތުރުފުޅާ ދިމާކޮށް ވަގުތީ ގޮތުން މޮނިއުމެންޓް ހެދީ ފިލައިންނެވެ.

އަލިފުށީގައި ބިން ހިއްކުމުގެ އިތުރުން އެއާޕޯޓެއް އަޅަން ޕްލޭނިން މިނިސްޓްރީން ހަވާލުކުރީ އެމްޓީސީސީއާ އެވެ. މި ޕްރޮޖެކްޓަށް 451 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އޮތީ ލަފާކޮށްފަ އެވެ.

ކުރިން ޕްލޭންކޮށްފައި ނެތީސް މިހާ އަގު ބޮޑު މަޝްރޫއެއް ކުއްލިއަކަށް އަލިފުށީގައި ހިންގާ ސަބަބާ މެދު އަތޮޅު ރައްޔިތުންގެ މެދުގައި ބޮޑު ހިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފަ އެވެ. އާބާދީގައި 2،800 މީހުން ރަޖިސްޓްރީވެފައިވާ ރަށުގައި އަޅާ އެއާޕޯޓަކީ ހަމައެކަނި އަލިފުށީގެ ރައްޔިތުންނަށް ކޮށްދޭ ކަމެއްގެ ގޮތުގައި އަތޮޅުގެ ބައެއް އެހެން ރަށްތަކުން ދެކެ އެވެ.

އެ ރަށްތަކުގެ ބައެއް ކައުންސިލްތަކުގެ މެދުގައި އެކަމާ މެދު ހިތްހަމަނުޖެހުން އެބައޮތެވެ.

އެކަމަކު އެއާޕޯޓުގެ އުފާވެރިކަމާ އެކު ބަނދަރު މައްޗަށް މިއަދު އެއްވެ ތިބި ގިނަ މީހުން ބުނީ އަތޮޅުގެ އެހެން ރަށްތަަކަށް ވެސް އެންމެ ފައިދާ ބޮޑު ގޮތަކީ އަލިފުށީގައި އެއާޕޯޓް އެޅުން ކަމަށާއި އެކަން މި ސަރުކާރުން ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"މިވަރުގެ ކަމެއް އަހަރެމެންނަށް ވީމާ ދޫކޮށްލާކަށް ބޭނުމެއް ނޫން. މި އަތޮޅު ޗާޓަށް ބަލާލިއަސް އެނގޭނެ މި ރަށަކީ އަތޮޅުން ވެސް ބޭރު ރަށެއް. އަސްލު ށ. އަދި ހދ. އަތޮޅާ ގާތީ. އެހެންވެ މި ރަށަށް އެއާޕޯޓެއް ބޭނުންވަނީ," އެކަކު ބުންޏެވެ.

އަތޮޅުގެ ގިނަ ރަށްތަކާ ދުރުގައި, އެއާޕޯޓެއް އެޅުމަކީ ބޭކާރު ހޭދައެއް ކަމަށާއި އިގްތިސާދީ ގޮތުން ގެއްލުންވާނެ ކަމަށް ބުނާ ވަހަކަ ގަބޫލުކުރާކަށް އަލިފުށިން ބޭނުމެއް ނުވެ އެވެ.

"ގެއްލުމެއް ނުވާނެ އިނގޭތޯ. ކޮމަންޑޫ ކައިރީގައި ހަ ރިސޯޓެއް ތަރައްގީވެގެން ދާނެ. ވާދޫގައި ރިސޯޓެއް އުފެދިގެންދާނެ. ކޮމަންޑު އާއި މަކުނުދު އާއި ވާދު އާއި ރަސްގެތީމު, އަނގޮޅިތީމު ރައްޔިތުންނަށް ފައިދާތަކެއް ވާނެ. ވިސްނަންވީ މިހާރަކަށް ނޫން, މުސްތަގުބަލަށް," އަލީ ރަޝީދު ބުންޏެވެ.

އަލިފުށީގެ އެއާޕޯޓުގެ ކަންބޮޑުވުންތަކާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވެސް މިހާތަނަށް އެއްޗެއް ވިދާޅެއް ނުވެ އެވެ. އެކަމަކު ރައީސް އަލިފުށީގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވާއިރު އެއާޕޯޓު މަޝްރޫގެ ކަންބޮޑުވުންތައް ސާފުކޮށްދެއްވާނެ ކަމަށް އެ ރަށުން އުއްމީދުކުރެ އެވެ.