Roadha Mihaaru
ޑިޕާއީ އަދި ހާލަންޑުގެ ހެޓްރިކްތަކުން ދެ ޓީމު ކުރިއަށް

ޑިޕާއީ އަދި ހާލަންޑުގެ ހެޓްރިކްތަކުން ނެދަލެންޑްސް އާއި ނޯވޭ ކުރިއަށް

08 ސެޕްޓެމްބަރ 2021

އެމްސްޓަޑަމް (ސެޕްޓެމްބަރު 8) - މެންފިސް ޑިޕާއީ ތުރުކީ ކޮޅަށް ހެދި ހެޓްރިކުން 6-1 އިން މޮޅުވެ ވޯލްޑް ކަޕް ކޮލިފައިންގެ ގުރޫޕް ޖީގެ އެއް ވަނަ ނެދަލެންޑްސް ހޯދައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އެމްސްޓަޑަމް (ސެޕްޓެމްބަރު 8) - މެންފިސް ޑިޕާއީ ތުރުކީ ކޮޅަށް ހެދި ހެޓްރިކުން 6-1 އިން މޮޅުވެ ވޯލްޑް ކަޕް ކޮލިފައިންގެ ގުރޫޕް ޖީގެ އެއް ވަނަ ނެދަލެންޑްސް ހޯދައިފި އެވެ.

މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ކޯޗު ލުއިސް ވެން ހާލް، ނެދަލެންޑްސްގެ ކޯޗުކަމާ ތިން ވަނަ ފަހަރަށް ހަވާލުވެ، އޭނާގެ ކޯޗުކަމުގެ ދަށުން ކުޅުނު ދެ މެޗު ވެސް ނެދަލެންޑްސް ކާމިޔާބުކުރި އެވެ.

އެމްސްޓަޑަމްގެ ޔޯހާން ކްރައިފް އެރީނާގައި ކުޅުނު މެޗުގެ ދެ ވަނަ ހާފު ތުރުކީން ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ ފުރަތަމަ ހާފުގެ ފަހު ވަގުތު އެ ޓީމުގެ ޗާލާ ސޮއިއުންޗޫ އަށް ރަތް ކާޑު ދެއްކުމުންނެވެ. މެޗުގެ ކޮންމެ ހާފެއްގައި ނެދަލެންޑްސް ވަނީ ތިން ލަނޑު ޖަހައިފަ އެވެ.

މާލެން އާއި ޑިޕާއީ ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: އޭއެފްޕީ

މާލެން އާއި ޑިޕާއީ ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: އޭއެފްޕީ

އެ ޓީމުގެ ފުރަތަމަ ލަނޑު ފުރަތަމަ މިނެޓްގައި ޖެހީ ޑޭވީ ކްލާސަން އެވެ. ފުރަތަމަ ހާފުގައި އަނެއް ދެ ލަނޑު ޖެހީ ޑިޕާއީ އެވެ. އޭނާގެ ދެ ވަނަ ލަނޑު ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ. ދެ ވަނަ ހާފުގެ ކުރީ ކޮޅު އޭނާ ވަނީ ހެޓްރިކް ހަދައިފަ އެވެ. ނެދަލެންޑްސްގެ އަނެއް ދެ ލަނޑު ޖެހީ ގުސް ޓިލް އަދި ޑޮނިޔެލް މާލެން އެވެ. ތުރުކީގެ ހަމައެކަނި ލަނޑު ޖެހީ ޗެންގިސް އުންޑާ އެވެ.

ގުރޫޕް ޖީގައި ހިމެނޭ ނޯވޭގެ އާލިންގް ހާލަންޑް ވެސް ވަނީ ޖިބްރޯލްޓާއާ ދެކޮޅަށް ހެޓްރިކް ހަދައިފަ އެވެ. ނޯވޭ މެޗު ކާމިޔާބު ކުރީ 5-1 އިން ނެވެ. މި ސީޒަންގައި ހާލަންޑް މިހާތަނަށް ކުޅުނު އަށް މެޗުގައި ވަނީ 11 ލަނޑު ޖަހައިފަ އެވެ. ނޯވޭގެ އަނެއް ދެ ލަނޑު ޖެހީ ކްރިސްޓިއަން ތޯސްޓްވިޑް އާއި އެލެގްޒެންޑާ ސޯލާތު އެވެ.

ނެދަލެންޑްސް އާއި ނޯވޭ އަށް ވެސް ޕޮއިންޓް ލިބިފައި ވަނީ އެއްވަރަކަށެވެ. ދެ ޓީމު ވެސް 13 ޕޮއިންޓް ހޯދާފައިވާއިރު ގުރޫޕްގެ އެއްވަނަ ނެދަލެންޑްސް އަށް ލިބެނީ ފައިދާ ގޯލުން ކުރީގައި އޮތުމުންނެވެ. އެ ޓީމަށް ފައިދާ 16 ގޯލް އެބައޮތެވެ. ނޯވޭ އަށް ފައިދާ ހަތް ގޯލެވެ.