Roadha Mihaaru
ބައިސްކަލުން ވެއްޓި ވެންހާލަށް އަނިޔާވެއްޖެ

ބައިސްކަލުން ވެއްޓި ނެދަލެންޑްސްގެ ކޯޗު ވެންހާލަށް އަނިޔާވެއްޖެ

16 ނޮވެމްބަރ 2021

ރޮޓަޑަމް (ނޮވެމްބަރު 16) - ބައިސްކަލުން ވެއްޓި ނެދަލެންޑްސްގެ ކޯޗް ލުއިސް ވެންހާލަށް ވަރަށް ބޮޑަށް އަނިޔާވެޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ރޮޓަޑަމް (ނޮވެމްބަރު 16) - ބައިސްކަލުން ވެއްޓި ނެދަލެންޑްސްގެ ކޯޗް ލުއިސް ވެންހާލަށް ވަރަށް ބޮޑަށް އަނިޔާވެޖެ އެވެ.

އެކަމަކު މިރޭ ނޯވޭއާ ދެކޮޅަށް ނެދަލެންޑްސް ކުޅޭ މެޗުގައި ޓީމަށް އޭނާ އިރުޝާދު ދޭނެ އެވެ. އާދިއްތަ ދުވަހު ވެންހާލް ބައިސްކަލުން ވެއްޓުނީ ޓީމު ކޭމްޕް ކޮށްފައިވާ ހޮޓަލް ކައިރީގައި ދުއްވަނިކޮށެވެ. އޭނާގެ އުކުޅުވަޅަށް އަނިޔާވެފައިވުމުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނެވެ.

އިއްޔެ އެ ޓީމުގެ ޓްރޭނިންތައް ކުރިއަށް ގެންދިޔައީ ވެސް ގޮލްފް ފީލްޑެއްގަ އެވެ. ޓްރޭނިން ކުރިއަށް ދިޔައިރު އޭނާ އިނީ ބަގީއެއްގަ އެވެ. މިރޭގެ މެޗާ ގުޅޭ ގޮތުން އިއްޔެ ބޭއްވި ޕްރީ މެޗު ޕްރެސް ކޮންފަރެންސަށް ވެސް ވެން ހާލަށް ހާޒިރެއް ނުވެވުނެވެ. އެކަމަކު ވަނީ ވީޑިއޯ މެދުވެރިކޮށް ނޫސްވެރިންނާ ވާހާކަ ދައްކައިފަ އެވެ.

"ޖިސްމާނީ ގޮތުން އަހަރެންގެ ހާލު ރަނގަޅެއް ނޫން. އެކަމަކު ސިކުނޑި މަސައްކަތް ކުރޭ،" ފުރޮޅުލީ ގޮނޑިއެއްގައި އިނދެ ވާހަކަ ދައްކަމުން ވެންހާލް، 70، ބުންޏެވެ.

"އަހަރެންނަށް ވަރަށް ބޮޑަށް ތަދުވޭ. އެހެންވެ އަހަރެން އިނީ ބަގީގައި ޓްރޭނިންތައް ކުރިއަށް ދިޔައިރު. އެކަމަކު ކޯޗެއްގެ ގޮތުގައި މެޗަށް ތައްޔާރުވާން އަހަރެން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރެވޭނެ. މިހާރު ވެސް މިދަނީ އެކަންކަން ކުރަމުން."

ވެން ހާލް އޮންލައިންކޮށް ބައިވެރިވިޔަސް ކެޕްޓަން ވާޖިލް ވެންޑައިކް ވަނީ ޕްރެސް އަށް ހާޒިރުވެފަ އެވެ. އޭނާ ބުނީ ވެން ހާލަށް ކުރިމަތިވި ހާދިސާ އިން ހުރިހާ ކުޅުންތެރިންނަށް ވެސް ލިބުނީ ޝޮކެއް ކަމަށެވެ.

"އަހަރެމެން އުފާކުރަން އޭނާ އަށް އަހަރެމެންނަށް އެހީ ވެދެވޭތީ. މި ހާދިސާގެ ސަބަބުން އަހަރެމެންގެ ތައްޔާރީތަކަށް އަސަރު ނުކުރިކަން އެއީ އުފާކުރާ ކަމެއް،" ވެންޑައިކް ބުންޏެވެ.

އަންނަ އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕުން ޖާގަ ހޯދަން ނެދަލެންޑްސް އަށް ބޭނުން ވަނީ ޕޮއިންޓެކެވެ. އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕަށް އެ ޓީމު ކޮލިފައިއެއް ނުވެ އެވެ.