Roadha Mihaaru
ތިން ވަނަ ފަހަރަށް ވެންހާލް ނެދަލެންޑްސްއާ ހަވާލުވެއްޖެ

ނެދަލެންޑްސްގެ ކޯޗަކަމާ ތިން ވަނަ ފަހަރަށް ވެން ހާލް ހަވާލުވެއްޖެ

04 އޯގަސްޓް 2021

އެމްސްޓަޑަމް (އޯގަސްޓް 4) - ނެދަލެންޑްސްގެ ކޯޗުކަމާ ތިން ވަނަ ފަހަރަށް ލުއި ވެން ހާލް، ހަވާލު ވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އެމްސްޓަޑަމް (އޯގަސްޓް 4) - ނެދަލެންޑްސްގެ ކޯޗުކަމާ ތިން ވަނަ ފަހަރަށް ލުއި ވެން ހާލް، ހަވާލު ވެއްޖެ އެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު، އަލުން ގައުމީ ޓީމާ ހަވާލުވީ، ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. ގައުމީ ޓީމުގައި ވެން ހާލް ވަނީ 2000-2002 އަދި 2012-2014 އަށް މަސައްކަތް ކޮށްފަ އެވެ.

ބްރެޒިލްގައި 2014 ގައި ބޭއްވި ވޯލްޑް ކަޕުގެ ސެމީ ފައިނަލަށް ނެދަލެންޑްސް ގެންގޮސް ދިނީ އޭނާގެ ކޯޗު ކަމުގެ ދަށުންނެވެ. އެ އަހަރުގެ ވޯލްޑް ކަޕަށް ފަހު އޭނާ ހަވާލުވީ ޔުނައިޓެޑްގެ ކޯޗު ކަމާ އެވެ.

އަންނަ އާދިއްތަ ދުވަހު އުމުރުން 70 އަހަރު ފުރޭ، ވެން ހާލް ބުނީ ހޮލެންޑުގެ ގައުމީ ޓީމާއި އޭނާއާ ދެމެދު އަބަދުވެސް އޮންނަނީ ބަދަހި ގުޅުމެއް ކަމަށެވެ. ގައުމީ ޓީމުގައި އޭނާއާ އެކު މަސައްކަތް ކުރާނީ، ކުރީގެ ކޯޗް ފްރޭން ޑެ ބޯގެ އެސިސްޓެންޓުންގެ ގޮތުގައި ވެސް މަސައްކަތް ކުރި ޑެނީ ބްލިންޑް އާއި ހެންކް ފްރޭޒާ އެވެ. ވެން ހާލްގެ ގޯލް ކީޕިން ކޯޗް ފްރާންސް ހޫކް ވަނީ އަލުން ގައުމީ ޓީމުގެ ގޯލް ކީޕިން ކޯޗުކަމަށް ހަމަޖައްސައިފަ އެވެ.

ހޫކް ވަނީ ވެންހާލްއާ އެކު މީގެ ކުރިން ވެސް ގައުމީ ޓީމުގައި މަސައްކަތް ކޮށްފަ އެވެ. އަދި ވެން ހާލް ކޯޗުކޮށްދިން ކްލަބުތައް ކަމަށްވާ، އަޔެކްސް، ބާސެލޯނާ އަދި ޔުނައިޓެޑުގައި ވެސް ހޫކް މަސައްކަތް ކުރި އެވެ.

ޑެ ބޯ، ކޯޗުކަމުން އިސްތިއުފާ ދިނީ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުރިމަތިވި ނާކާމިޔާބަށް ފަހު އެވެ. ޔޫރޯގެ ފޭވަރިޓެއްގެ ގޮތުގައި މުބާރާތާ ކުރިމަތިލައި އެ ޓީމަށް ދެވުނީ ދެ ވަނަ ބުރާ ހަމައަށެވެ. ދެ ވަނަ ބުރުގައި އެ ޓީމު ބަލިވީ ޗެކް ރިޕަބްލިކް އަތުންނެވެ.