Roadha Mihaaru
ފްރަޕާޓަށް އިތުރު ރެކޯޑެއް، ނެދަލެންޑްސަށް މޮޅެއް

ފްރަޕާޓަށް އިތުރު ރެކޯޑެއް، ނެދަލެންޑްސަށް ފުރަތަމަ މޮޅު

28 މާޗް 2021

އަމްސްޓެޑަމް (މާޗް 28) - މަޝްހޫރު ރެފްރީ ފްރާންސްގެ ސްޓެފަނީ ފްރަޕާޓް ވޯލްޑް ކަޕް ކޮލިފައިން މެޗެއްގައި އިންސާފުކުރި ފުރަތަމަ އަންހެން ރެފްރީގެ ޝަރަފް ހޯދި ރޭގެ މެޗުގައި ލެޓްވިއާ 2-0 އިން ބަލިކޮށް ނެދަލެންޑްސް އިން މި ފަހަރު ކޮލިފައިންގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

އަމްސްޓެޑަމް (މާޗް 28) - މަޝްހޫރު ރެފްރީ ފްރާންސްގެ ސްޓެފަނީ ފްރަޕާޓް ވޯލްޑް ކަޕް ކޮލިފައިން މެޗެއްގައި އިންސާފުކުރި ފުރަތަމަ އަންހެން ރެފްރީގެ ޝަރަފް ހޯދި ރޭގެ މެޗުގައި ލެޓްވިއާ 2-0 އިން ބަލިކޮށް ނެދަލެންޑްސް އިން މި ފަހަރު ކޮލިފައިންގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

ފަސްހާސް ސަޕޯޓަރުންގެ ކުރިމަތީގައި ރޭ ކުޅުނު މެޗުގައި ފްރަޕާޓް ރެފްރީކަން ކުރިއިރު އޭނާ އަކީ ޔުއެފާ ސުޕަ ކަޕާއި ޔުއެފާ ޗެމްޕިއަންސް ލީގު އަދި ޔޫރޮޕާ ލީގުގެ މެޗެއްގައި އިންސާފުކުރި ފުރަތަމަ އަންހެން ރެފްރީ ވެސް މެ އެވެ. އުމުރުން 37 އަހަރުގެ ފްރަޕާޓް އަންނަނީ ފްރާންސް ފުރަތަމަ ޑިވިޝަން މެޗުތަކުގައި ވެސް ރެފްރީކަން ކުރަމުންނެވެ.

ރޭގެ މެޗަށް ނުކުތްއިރު ނެދަލެންޑްސް ކުޅުންތެރިން ވެސް ވަނީ ހިއުމަން ރައިޓްސްގެ ހައްގުގައި ގައުމީ ޓީމުތަކުން ކުރާކެމްޕެއިންގައި ބައިވެރިވެފަ އެވެ. މިއީ ގަތަރުގައި އަންނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕްގެ ތައްޔާރީތަކުގައި އެހެން ގައުމުތަކުން އެ ގައުމަށް ދާ މަސައްކަތްތެރިންނަށް އިންސާފުން ބޭރުން ކަންތައްތައް ކުރާތީ ފަށާފައިވާ ކެމްޕެއިނެކެވެ. މި ކެމްޕެއިން ފެށީ މިދިޔަ ހަފްތާގައި ނޯވޭ އިންނެވެ. ފަހުން ޖަރުމަނު ގައުމީ ޓީމުން ވެސް ޝުއޫރުފާޅުކުރިއިރު، ރޭ ނެދަލެންޑްސް ޓީމުން މި ވަނީ ބައިވެރިވެފަ އެވެ.

ކޮލިފައިން ފުރަތަމަ މެޗުގައި ނެދަލެންޑްސް ވަނީ ތުރުކީ އަތުން މިދިޔަ ހަފްތާގައި ބަލިވެފަ އެވެ. ރޭގެ މެޗުގައި ނެދަލެންޑްސްގެ ގޯލުތައް ޖެހީ ސްޓީވަން ބާގައިސް އާއި ލޫކް ޑި ޔޯން އެވެ. ނެދަލެންޑްސްގެ ކުޅުންތެރިންނަށް ލަނޑު ޖަހާނެ އިތުރު ފުރުސަތުތަކެއް ލިބިގެންދިޔަ ނަމަވެސް ބޭނުމެއް ނުކުރެވުނެވެ.

މި ގްރޫޕްގެ އަނެއް މެޗުގައި ރޭ ތުރުކީ ވަނީ ރަށުންބޭރުގައި 3-0 އިން ނޯވޭ ބަލިކޮށްފަ އެވެ.

ދުނިޔޭގެ ރޭންކިންގެ އެއް ވަނައިގައި އޮތް ބެލްޖިއަމް ރޭ ކުޅުނު ކޮލިފައިން މެޗުން ވަނީ ޗެކް ރިޕަބްލިކާ 1-1 އިން އެއްވަރުވެފަ އެވެ. ލޫކަސް ޕްރޮވޯޑްގެ ގޯލުން ޗެކް ރިޕަބްލިކް ލީޑުނަގާފައިވަނިކޮށް ދެ ވަނަ ހާފްގައި ބެލްޖިއަމަށް އެއްވަރުކޮށްދިނީ ރޮމެލޫ ލުކާކޫ އެވެ.