Roadha Mihaaru
ރިހިވެލީގެ މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

ރިހިވެލީގެ ސަބްލީޒް ބާތިލުކުރި މައްސަލަ އިސްތިއުނާފުކުރަން ހައި ކޯޓަށް ހުށަހަޅައިފި

06 ސެޕްޓެމްބަރ 2021

ކ. މަހާނައެޅިހުރާގައި ރިހިވެލި ރިޒޯޓު ހިންގަން ސޭވް ދަ ޑްރީމް މޯލްޑިވްސް އަށް ހަވާލުކުރި ސަބްލީޒް އެއްބަސްވުން މަހަލް ޓުއާސްއިން ބާތިލުކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުން ހައި ކޯޓުގައި އިސްތިއުނާފުކުރަން ހުށަހަޅައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ކ. މަހާނައެޅިހުރާގައި ރިހިވެލި ރިޒޯޓު ހިންގަން ސޭވް ދަ ޑްރީމް މޯލްޑިވްސް އަށް ހަވާލުކުރި ސަބްލީޒް އެއްބަސްވުން މަހަލް ޓުއާސްއިން ބާތިލުކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުން ހައި ކޯޓުގައި އިސްތިއުނާފުކުރަން ހުށަހަޅައިފި އެވެ.

ރިހިވެލި ރިސޯޓު ހިންގަން ސޭވް ދަ ޑްރީމްއާ އެކު މަހަލްއިން ހެދި ސަބްލީޒް އެއްބަސްވުން މަހަލްއިން ބާތިލުކުރީ ގޯސްކޮށް ކަމަށް ބުނެ ސޭވް ދަ ޑްރީމްއިން ސިވިލް ކޯޓުގައި ދައުވާކުރުމުން މިދިޔަ އަންގާރަ ދުވަހު ސިވިލް ކޯޓުން ހުކުމް ކުރީ މަހަލްއިން ސަބްލީޒް އެއްބަސްވުން ބާތިލްކުރީ ރަނގަޅަށް ކަމަށެވެ. އެ ހުކުމުގައި ބުނެފައި ވަނީ ސޭވް ދަ ޑްރީމް އަށް ނުވަތަ އެ ކުންފުނީގެ އެއްވެސް ހިއްސާދާރަކަށް ވެސް މާހަލްގެ ހުއްދަ ނެތި ރިސޯޓްގައި ނުތިބެވޭނެ ކަމަށާއި އެތަނުން މަންފާ ހޯދުމުގެ ހައްގު ނޯންނާނެ ކަމަށެވެ.

ސޭވް ދަ ޑްރީމްގެ ވަކީލު ނާޒިމް ސައްތާރު "މިހާރު"އަށް ވިދާޅުވި ގޮތުގައި އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރަން މިއަދު ވަނީ ހުށަހަޅައިފަ އެވެ. އަދި މައްސަލަ ބަލައިގަތުމާ މެދު ރަޖިސްޓްރާ ގޮތެއް ނުނިންމަވަ އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި އެ މައްސަލައާ އެކު ސިވިލް ކޯޓުގެ ހުކުމް ތަންފީޒުކުރުން ފަސް ކުރުމުގެ އަމުރެއް ވެސް ނެރުމަށް ވަނީ އެދިފަ އެވެ.

ސިވިލް ކޯޓުން މަހަލްއާ އެއްކޮޅަށް ހުކުމް ކުރުމުން މި މަހުގެ ދެ ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީން ވަނީ ރިހިވެލި ހިންގަން ދޫކުރި އެއްބަސްވުން ބާތިލުކޮށްފަ އެވެ.

ރިހިވެލީގެ ލައިސެންސް ބާތިލު ކުރި ކަމުގެ ލިޔުން --

މަހަލްއިން އެއްބަސްވުން ބާތިލު ކުރީ ރަނގަޅަށް ކަމަށް ހުކުމް ކުރި މައިގަނޑު ސަބަބަކީ އެއްބަސްވުމުގެ ދަށުން ދައްކަން ޖެހޭ ހެޑްލީސް ރެންޓާއި ސަބްލީސް ރެންޓު ސޭވް ދަ ޑްރީމްއިން ދައްކާފައިނުވުމެވެ. ހެޑްލީސް ރެންޓުގެ ގޮތުގައި 323،188 ޑޮލަރު އަދި ސަބްލީސް ރެންޓުގެ ގޮތުގައި އެއް މިލިއަން ޑޮލަރު އަދިވެސް ނުދައްކާ ކަމަށް މަހަލްއިން ބުނެ އެވެ.

ސަބްލީޒް ބާތިލުކުރީ ރަނގަޅަށް ކަމަށް ހައި ކޯޓުން ނިންމުމުން މަހަލްގެ ފަރާތްތައް ވަނީ އެ ދުވަހު އެ ރަށަށް ގޮސް ރަށް އަތުލަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ސޭވް ދަ ޑްރީމްގެ މީހުން ރަށުން ފައިބަން ދެކޮޅު ހެދުމުން ހަމަނުޖެހުންތަކެއް ހިނގައި މައްސަލަ ހައްލުކުރަން ފުލުހުން ގެންދަން ޖެހުނެވެ.

ސޭވް ދަ ޑްރީމް އާއި މަހަލްގެ ފަސް މައްސަލައެއް ޝަރީއަތުގެ އެކި މަރުހަލާތަކުގައި މިހާރު ވެސް އަންނަނީ ހިނގަމުންނެވެ. މަހަލް ޓުއާސްގެ އެތެރޭގެ މައްސަލަތަކެއް ވެސް އުޅެ އެވެ. އެގޮތުން ހުސެއިން ޝިހާމް އަލީ އާއި މުހައްމަދު ޝިހާމްގެ އާއިލާގެ ހަތް މީހަކު އެ މީހުންނާ ދެކޮޅަށް މަހަލްގެ ކޮންޓްރޯލު ހޯދަަން ދައުވާ ކުރެ އެވެ.

ނަމަވެސް ސޭވް ދަ ޑްރީމް އިން ބުނަނީ، އެ ކުންފުންޏާއި މާހަލް ޓުއާސްއާ ދެމެދު ޖޮއިންޓް ވެންޗާ ކުންފުންޏެއް ހަދުމުން އެ ޖޮއިންޓް ވެންޗާ ކުންފުނީގެ އެކައުންޓުގައި ހުރި 550،000 ޑޮލަރު މަހަލްގެ ޑިރެކްޓަރަކު ސޭވް ދަ ޑްރީމްއަށް އެންގުމަކާ ނުލައި ނެގި ކަމަށް ވެސް ތުހުމަތު ކުރެ އެވެ. މަހަލްއިން ހިންގަނީ "ސްކޭމް" އެއް ކަމަށާއި، އެކަން ކުރަނީ ސަރުކާރުގެ އޮފިޝަލުންނާއި ފަނޑިޔާރުންނާއި ފުލުހުންގެ އެހީތެރިކަމާ އެކު ކަމަށް ވެސް ސޭވް ދަ ޑްރީމްއިން ތުހުމަތު ކުރެ އެވެ.

މަހަލް ޓުއާސް އާއި ސޭވް ދަ ޑްރީމްއާ ދެމެދު މިފަދަ މައްސަލައެއް ޖެހުނު އިރު މީގެ ކުރިން އެ ރަށް ހިންގި ކާސްޓަވޭ މޯލްޑިވްސް އާއި މާހަލް ޓުއާސްއާ ދެމެދު ވެސް ޖެހިފައި ވަނީ ހަމަ މިކަހަލަ މައްސަލަތަކެކެވެ. އެހެންވެ، ކާސްޓަވޭއާ ދެމެދު 2014 ވަނަ އަހަރު ހެދި އެއްބަސްވުން މާހަލް ޓުއާސް އިން ކޯޓަށް ގޮސް ބާތިލްކޮށް، ކާސްޓްއަވޭގެ އަތުން އެ ރަށް ޖެނުއަރީ 2، 2018ގައި ވަނީ އަތުލައިފަ އެވެ. 2042 ވަނަ އަހަރާ ހަމަ އަށް ސޭވް ދަ ޑްރީމް އަށް ރަށް ސަބްލީސް ކުރީ އެ އަހަރުގެ ފެބްރުއަރީ 15 ގައި އެވެ.