Roadha Mihaaru
ތިނަދޫގައި ޕީސީއާރު ލެބެއް ހުޅުވައިފި

ދުވާލަކު 1،500 ސާމްޕަލް ޓެސްޓުކުރެވޭ ޕީސީއާރު ލެބެއް ތިނަދޫގައި ހުޅުވައިފި

30 އޯގަސްޓް 2021

ކޮވިޑް-19 އަށް ޓެސްޓުކުރާ ޕީސީއާރު ލެބެއް ގދ. ތިނަދޫގައި މިއަދު ހުޅުވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކޮވިޑް-19 އަށް ޓެސްޓުކުރާ ޕީސީއާރު ލެބެއް ގދ. ތިނަދޫގައި މިއަދު ހުޅުވައިފި އެވެ.

"ހުވަދޫ ޕީސީއާރް ލެބް" ގެ ނަމުގައި، ދުވާލަކު 1،500 ޓެސްޓް ކުރެވޭ މި ލެބޯޓަރީ އެ ރަށުގައި ހުޅުވީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ވަން އޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުންނެވެ. އެ ކުންފުނިން މިހާރު ވެސް އަންނަނީ މާލޭގައި ޕީސީއާރު ލެބެއްގެ ހިދުމަތް ދެމުންނެވެ.

މި ލެބުގެ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ސައީދު "މިހާރު" އަށް ވިދާޅުވީ މި ލެބަކީ ހުވަދު އަތޮޅުގެ ރިސޯޓުތަކަށް އަމާޒުކޮށްގެން ހުޅުވި ފުރަތަމަ ޕްރައިވެޓް ޕީސީއާރް ލެބް ކަމަށެވެ. ޓޫރިސްޓުންގެ އިތުރުން އެ އަތޮޅުގެ ރައްޔިތުންނަށް ވެސް މި ލެބާ އެކު، ލުއި ފަސޭހަތަކެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ހުވަދޫގައި ޓެސްޓުކުރަން ވަރަށް ދުރަށް ސާމްޕަލްތައް ފޮނުވަން މި ޖެހެނީ. އޭގެ ސަބަބުން ނަތީޖާ ލިބުން ވެސް ވަރަށް ލަސްވެ، ވަރަށް އުނދަގޫތަކާ ކުރިމަތިވޭ. މި ލެބާ އެކު އެކަން ނިމުމަކަށް އަންނާނެ،" ސައީދު ވިދާޅުވި އެވެ.

ކޮވިޑް-19 އަށް ޓެސްޓުކުރަން ގދ.ތިނަދޫގައި ހެދި ޕީސީއާރު ޓެސްޓް ލެބް ހުޅުވުމަށް ބޭއްވި ހަފުލާގައި.-- ފޮޓޯ: ހުވަދޫ ޕީސީއާރް ލެބް

ކޮވިޑް-19 އަށް ޓެސްޓުކުރަން ގދ.ތިނަދޫގައި ހެދި ޕީސީއާރު ޓެސްޓް ލެބް ހުޅުވުމަށް ބޭއްވި ހަފުލާގައި.-- ފޮޓޯ: ހުވަދޫ ޕީސީއާރް ލެބް

ސައީދު ވިދާޅުވީ މި ލެބުގައި ބޭނުންކުރާނީ މިހާރު ލިބެން ހުރި އެންމެ ކޮލިޓީ ރަނގަޅު އެއް ޕީސީއާރް ޓެސްޓިން މެޝިން ކަމަށެވެ. ހުވަދު އަތޮޅުގެ ރިސޯޓުތަކާއި ރަށްރަށުން ގެންނަ ސާމްޕަލްތައް މިއަދުން ފެށިގެން މި ލެބުން ޓެސްޓްކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަމިއްލަ އެހެން ބައެއް ކުންފުނިތަކުން ވެސް މިހާރު އަންނަނީ އެކި ރަށްރަށުގައި ޕީސީއާރް ޓެސްޓްކުރެވޭ ލެބުތައް ހިންގަމުންނެވެ.