Roadha Mihaaru
ޑޮކްޓަރަކު ނެތިގެން ހުވަދޫގައި ސާޖަރީތައް ހުއްޓިއްޖެ

ހޭނައްތާ ޑޮކްޓަރަކު ނެތިގެން ހުވަދު އަތޮޅުގައި ސާޖަރީތައް ހުއްޓިއްޖެ

11 ނޮވެމްބަރ 2021

ގއ. އާއި ގދ. އަތޮޅުގައި މިވަގުތު ހޭނައްތާ ޑޮކްޓަރަކު ނެތުމުން ބައެއް ކަހަލަ ސާޖަރީތައް ހުއްޓި، ބަލި މީހުން މާލެ ފޮނުވަން ޖެހިއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ގއ. އާއި ގދ. އަތޮޅުގައި މިވަގުތު ހޭނައްތާ ޑޮކްޓަރަކު ނެތުމުން ބައެއް ކަހަލަ ސާޖަރީތައް ހުއްޓި، ބަލި މީހުން މާލެ ފޮނުވަން ޖެހިއްޖެ އެވެ.

ގދ. ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ސީނިއާ ކަސްޓަމާ ރިލޭޝަންސް އޮފިސަރު، ސާލިމް އަލީ ވިދާޅުވީ އެ ހޮސްޕިޓަލުގެ ހޭނައްތާ ޑޮކްޓަރު މިދިޔަ އޮކްޓޫބަރު މަހުގެ ފަހުކޮޅު ޗުއްޓީއަށް ދިއުމުން، މިވަގުތު ހޮސްޕިޓަލުގައި ހޭނައްތާ ޑޮކްޓަރަކު ނެތް ކަމަށެވެ. ސާޖަރީތައް ހަދަން ޖެހޭ މީހުން ގިނަވެ އުފެދުނު ކަންބޮޑުވުން ހައްލުކުރީ ސެނަހިޔާ އިން ވަގުތީ ޑޮކްޓަރަކު ގެނެސްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު އެ ޑޮކްޓަރު ވެސް ވަނީ މީގެ ހަފުތާއެއްހާ ދުވަސް ކުރިން ފުރައިފަ އެވެ.

"އެހެންވެ ހޭނައްތާ ޑޮކްޓަރަކު ބޭނުންވާ ސާޖަރީތައް އަޅުގަނޑުމެން ވާނީ މެދުކަނޑާލާފައި،" އޭނާ ވިދާޅުވި އެވެ.

ބޮޑެތި ސާޖަރީތައް ކުރަން ޖެހޭ މީހުން މިހާރު ފޮނުވަނީ މާލެއަށެވެ. މިއީ ދަތިތަކަކާ ކުރިމަތިލާން ޖެހޭ ކަމެއް ކަމަށް ސާލިމް ވިދާޅުވި އެވެ.

ސާލިމް ވިދާޅުވީ ހޭނައްތާ ޑޮކްޓަރު ނެތުމުން އެ ހޮސްޕިޓަަލަށް އިތުރު ޑޮކްޓަރެއް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވާ ކަމަށެވެ. އެކަމަކު ޑޮކްޓަރެއް ލިބޭނެ ވަކި ދުވަހެއް އަދި ނޭނގެ އެވެ.

ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގައި ވެސް ހޭނައްތާ ޑޮކްޓަރެއް ނެތެވެ.

އެ ހޮސްޕިޓަލުގެ މެނޭޖަރު ޝަރީފް އަހްމަދު ވިދާޅުވީ އެތަނުގައި ހުރި ޑޮކްޓަރު މީގެ ފަސް މަސް ކުރިން ވަޒީފާ އިން ވަކިވެފައިވާ ކަމަށެވެ. ފުވައްމުލަކުން ޑޮކްޓަރަކު ގެނެސްގެން ވަގުތީ ގޮތުން ހިދުމަތް ދެމުން އައި ނަމަވެސް އޭނާ މިހާރު ވަނީ ފުރައިފަ އެވެ.

އެހެންވެ ސާޖަރީގެ ހިދުމަތް ވަނީ މެދުކެނޑިފަ އެވެ.

އެ ހޮސްޕިޓަލަށް ވެސް ހޭނައްތާ ޑޮކްޓަރަކު ހޯދުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.