Roadha Mihaaru
ތިނަދޫގައި ވައިޓަލް ކެއާގެ ކްލިނިކެއް ހުޅުވައިފި

ތިނަދޫގައި ވައިޓަލް ކެއާގެ ކްލިނިކެއް ހުޅުވައިފި

01 މާޗް 2023

މާލޭގައި ފުޅާ ދާއިރާއެއްގައި ދަތުގެ ހިދުމަތްތައް ދެމުން އަންނަ ވައިޓަލް ކެއާގެ ކްލިނިކެއް ގދ. ތިނަދޫގައި ހުޅުވައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މާލޭގައި ފުޅާ ދާއިރާއެއްގައި ދަތުގެ ހިދުމަތްތައް ދެމުން އަންނަ ވައިޓަލް ކެއާގެ ކްލިނިކެއް ގދ. ތިނަދޫގައި ހުޅުވައިފި އެވެ.

"ވައިޓަލް ކެއާ ހުވަދޫ"ގެ ނަމުގައި ހުޅުވި އެ ކުލިނިކަކީ ގއ. އާއި ގދ. އަތޮޅުގެ ރައްޔިތުންނަށް ސިއްހީ ހިދުމަތް މާލެއެކޭ އެއްފެންވަރެއްގައި ފޯރުކޮށްދިނުމުގެ މަގުސަދުގައި ހުޅުވި ކުލިނިކެއް ކަމަށް ވައިޓަލް ކެއާއިން ބުނެ އެވެ.

އަލަށް ހުޅުވި އެ ކުލިނިކުން ދަތުގެ ފަރުވާ ދިނުމަށް ރާއްޖެއިން ބޭރުގެ ތަޖުރިބާކާރު ދަތުގެ ޑޮކްޓަރަކާއި ދަތުގެ ދިވެހި އަންހެން ޑޮކްޓަރެއް ވެސް ބައްލަވަން ވަނީ ފަށައިފަ އެވެ. ވައިޓަލް ކެއާއިން ބުނި ގޮތުގައި މާލޭގައި ހުންނަ ވައިޓަލް ކެއާ ކުލިނިކުގެ ޑޮކްޓަރުން ވެސް އެ ކުލިނިކަށް ޒިޔާރަތްކޮށް ބަލި މީހުން ބެލުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ދޭތެރެދޭތެރެއިން ބޭރުގެ ހޮސްޕިޓަލުތަކުގައި މަސައްކަތް ކުރައްވާ ޑޮކްޓަރުން އެ ކުލިނިކަށް ބަލިމީހުން ބެލުމަށް ޒިޔާރަތް ކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ވައިޓަލް ކެއާ ހުވަދޫގެ އެތެރެ. އެ ތަނުން މިހާރު ވަނީ ހިދުމަތް ދޭން ފަށާފަ. -- ފޮޓޯ: ވައިޓަލް ކެއާ

ވައިޓަލް ކެއާ ހުވަދޫގެ އެތެރެ. އެ ތަނުން މިހާރު ވަނީ ހިދުމަތް ދޭން ފަށާފަ. -- ފޮޓޯ: ވައިޓަލް ކެއާ

އޭގެ ތެރޭގައި ދަތުގެ ނަރުގަނޑު އެޅުވުމުގެ ހާއްސަ ޑޮކްޓަރާއި ކުޑަކުދިންގެ ދަތުގެ ހާއްސަ ޑޮކްޓަރާއި ދަތްޕިލާޖެހުމާއި ދަތުގެ ދޯރި ލެއްވުމުގެ ހާއްސަ ޑޮކްޓަރުގެ އިތުރުން ދަތް އުފުރުމާއި ކަތުރުކަށިގަނޑާއި އަނގައިގެ ކުދި އޮޕަރޭޝަންތައް ކުރުމަށް ހާއްސަ ޑޮކްޓަރު ހިމެނެ އެވެ.

ވައިޓަލް ކެއާއި ހުުވަދޫން ލިބެން ހުރި ހިދުމަތްތަކުގެ ތެރޭގައި ދަތުގެ އެކްސްރޭ ނެގުމާއި ލޭޒާ ޓްރީޓްމަންޓާއި ދަތުގައި ނަރުގަނޑު އެޅުވުމާއި ދަތް ޖެހުން ހިމެނެ އެވެ. އަދި ދަތުގެ ދޯރި ލެއްވުމާއި ދަތް ސާފު ކުރުމާއި ދަތް ހުދުކުރުމާއި ދަތުގެ އިމްޕްލާންޓު ލެއްވުމާއި ފުޓުނި އެޅުމާއި އަދި ދަތް އުފުރުމުގެ ހިދުމަތް ވެސް އެ ކުލިނިކުން ލިބޭނެ އެވެ.

ވައިޓަލް ކެއާއިން ބުނި ގޮތުގައި އެ ކުލިނިކަކީ ޒަމާނުއްސުރެ ސިއްހީ ހިދުމަތް ހޯދުމުގައި ބަލިމީހުންނަށް ދިމާވާ އުނދަގޫތަކަށް ހައްލެއް ހޯދައިދިނުމާއި، ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންދާ ކުލިނިކެއް ކަމަށާއި މާލެއިން ބޭރު ރަށްރަށުގައި ކުލިނިކުތައް ހުޅުވަމުން ދަނީ އެ މަގުސަދުގައި ކަމަށެވެ. އަދި އެ ކުލިނިކުގެ އަމާޒަކީ ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތަކެއް މާލެއެކޭ އެއްފަދައިން ރާއްޖޭގެ އެކި ހިސާބުތަކަށް ވެސް ފަސޭހައިން ހެޔޮ އަގުގައި ފޯރުކޮށްދިނުން ކަމަށް ވެސް ބުންޏެވެ.

ވައިޓަލް ކެއާއިން ވަނީ ދާދި ފަހުން ކުޅުދުއްފުށީގައި ވެސް "ވައިޓަލް ކެއާ ކުޅުދުއްފުށި"ގެ ނަމުގައި ކުލިނިކެއް ހުޅުވައިފަ އެވެ. އެ ތަން ހުޅުވީ ޑެންޓަލް ދެ ސެޓްއަޕާ އެކު އެވެ. އަދި އެ ތަނުން ލެބޯޓަރީ އާއި ފާމަސީގެ ހިދުމަތް ވެސް ލިބޭނެ އެވެ.

ވައިޓަލް ކެއާއިން ބުނި ގޮތުގައި އެ ކުންފުނީގެ ދަށުން ހިންގާ ހުރިހާ ކުލިނިކެއްގައި ވެސް މުއައްޒަފުންގެ މަސައްކަތާއި ތަނުގެ އިންތިޒާމްތައް ބައްޓަން ކޮށްފައި ވާނީ ހިދުމަތް ހޯދުމަށް އަންނަ މީހުންނަށް އެންމެ ފުރިހަމަ ފަރުވާ އާއި އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތަށެވެ. އަދި އެ ކުލިނިކުގެ ބްރޭންޑް ފިލޯސަފީ އަކީ ފަރުވާތެރިކަމާއި އަޅާލުމާ އެކު ފެންވަރު ރަނގަޅު ފަރުވާ ފޯރުކޮށްދިނުން ކަމަށް ވެސް ބުންޏެވެ.

ވައިޓަލް ކެއާ ހުވަދޫ ހުންނާނީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ފުރަގަހުގައެވެ. އެ ކްލިނިކުގެ ހޮޓްލައިން ނަމްބަރު 7341315 އަށް ގުޅައިގެން އަދި ވައިބާ ކޮށްގެން އެޕޮއިންޓްމަންޓް ހެއްދޭނެ އެވެ.